ކައުންސިލް އިންތިޚާބު ދެ މަހަށް ފަސްވެ، މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ

އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފި ނަމަ ގާނޫނުގައި ބުނާ މުއްދަތުގައި އެއްވެސް އިންތިޚާބެއް ބާއްވަން ލާޒިމް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ބުނެފައި ވަނިކޮށް ކައުންސިލް އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


އަންނަ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދުމުންނެވެ.

ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ގާނޫނުގައި ލާޒިމްކުރާ މުއްދަތަށް ވުރެ ފަހުން އިންތިޚާބު ބާއްވަން އަންގައި، ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ މަހު ހަމަވިޔަސް އާ ކައުންސިލަރުން އިންތިޚާބު ކުރެވެން ދެން އެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ އެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ ހުކުމް އިއްވަވަމުން ވިދާޅުވީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ވާއިރު އެ ޕާޓީއަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިޚާބަށް ތައްޔާރުވުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލިފައިވާ ކަމަށެވެ. އެ ޕާޓީއަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިޚާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ގާޒީ އަލީ ވިދާޅުވި އެވެ.

ޕީޕީއެމަށް ދިމާވި ހާލަތަކީ އިންތިޚާބު ފަސްކުރަން ޖެހޭ ފަދަ ޟަރޫރީ ހާލަތެއް ކަމަށާއި އެހެންވެ، އިންތިޚާބު ބާއްވަން މިހާރު ކަނޑައަޅާފައި އޮތް ތާރީޚަށް ވުރެ ދެ މަސް ދުވަސް ފަހުން އެ އިންތިޚާބު ބާއްވަން އަމުރުކުރާ ކަމަށް ގާޒީ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިމަތިވެފައިވާ ހާލަތަށް ބަލައި، ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން އިންތިޚާބު ބޭއްވުމަކީ މައްސަލައެއް ނޫނެވެ. އެންމެ ފުރަތަމަ ކައުންސިލް އިންތިޚާބާއި 2009 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަދި 2013 ގެ ރިޔާސީ އިންތިޚާބު ވެސް ބޭއްވުނީ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން ކަން ގާޒީ ފާހަގަކުރެއްވި އެވެ.

އިންތިޚާބު ފަސްކޮށްފި ނަމަ ލިބޭނެ ގެއްލުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ގެއްލުން އެ ފަރާތަށް ސާފުކޮށް ބުނެދެވިފައިނުވާ ކަމަށާއި އެކަމަކު އެ އިންތިޚާބުގައި ޕީޕީއެމަށް ބައިވެރި ނުވެވޭ ނަމަ ލިބޭނެ ކަމަށް ބެލެވޭ ގެއްލުން މާ ބޮޑު ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އިންތިޚާބު ފަސްކުރެވިދާނެ ކަމަށް، ޝަރުއީ ބައެއް ގާއިދާތަކާ ހަވާލައި ދެއްވައި ގާޒީ އަލީ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ރިއާޔަތް ކުރައްވައި، ގާޒީ ވިދާޅުވީ މިހާރު ތިބި ކައުންސިލަރުން ދައުރު ފެބްރުއަރީ މަހު ހަމަވިޔަސް އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރުގެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ އެވެ. އަދި އިންތިޚާބު ފަސް ކުރުމުން އެކަމުގެ ފައިދާ ހުރިހާ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ވެސް ލިބޭނެ ކަން ގާޒީ ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ބުނެފައިވަނީ އިންތިޚާބު ފަސްކޮށްފި ނަމަ އެ ކޮމިޝަނުން އިންތިޚާބަށް ކުރި ޚަރަދުތައް ބޭކާރުވާނެ ކަމަށާއި ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ނިންމަން ޖެހޭނެ ކަމަށެވެ. އެ މައްސަލައިގެ ތެރެއަށް ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީ އަދި އަދާލަތު ޕާޓީން ވެސް ވަނީ ތަދައްޚުލްވެ، އިންތިޚާބު ފަސް ކުރުމާ ދެކޮޅަށް ވަކާލާތުކޮށްފަ އެވެ.

އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދުނީ ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި ޕީޕީއެމް ދެ ބައިވެ، އެ ޕާޓީ ހިންގުން މައުމޫން އަތްޕުޅުން ނެގުމުން ޕާޓީގެ މުހިންމު ލިޔުންތައް ގެއްލިފައިވާ ކަމަށް ބުނެ އެވެ.