އުމްރާ އަށް ގެންގޮސް ނުދިން މައްސަލާގައި އެސްބީޓީ ބާގިރަށް އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް

އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާ އަށް ގެންގޮސްނުދީ އަދި އެ ފައިިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި އެސްބީޓީ ޖަމާއަތުގެ ވެރިޔާ އަބްދުﷲ ބާގިރު ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ބާގިރުގެ މައްޗަށް އެ ހުކުމް އައި އިރު އެފަދަ އެހެން މައްސަލައެއްގައި އޭނާ މިހާރު ވެސް ދަނީ 19 މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ކުރިން އޭނާ އަށް ޖަލު ހުކުމް އައީ 2013 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދީ އަދި އެ އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ.

ބާގިރުގެ މައްޗަށް ކުރިން އައި 19 މަސް ދުވަހުގެ ޖަލު ހުކުމް އައިތާ އަހަރެއް ނުވަނީސް އޭނާގެ މައްޗަށް އިތުރު ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް މިއަދު އައީ 2013 ގައި އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ 13 މީހެއްގެ އަތުން 490،000ރ. ނެގުމަށް ފަހު އުމްރާ އަށް ގެންގޮސް ނުދިން މައްސަލައިގަ އެވެ.

ކޯޓުގެ ހުކުމުގައިވަނީ އެކި މީހުން އަތުން އެ ފައިސާ ނެގުމަށް ފަހު އުމްރާ އަށް ގެންގޮސް ނުދީ އަދި އެ ފައިސާ އަށް ޚިޔާނާތްތެރިވިކަން ބާގިރުގެ ވާހަކަތަކުންނާއި ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އޭނާ ޖަލަށްލާން ހުކުމްކުރީ އާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.

ހުކުމުގައިވާ ގޮތުން ބަދަލު ހޯދަން މަދަނީ ވަކި ދައުވާއެއް ކުރުމުގެ ހައްގު ގެއްލުން ލިބުނު ފަރާތްތަކަށް އޮންނާނެ އެވެ.

އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ 2013 ގައި އިތުރު ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ވެސް ބާގިރުގެ މައްޗަށް ދައުވާ ކުރި އެވެ. އޭގެ ތެރެއިން އެއް ދައުވާ ސާބިތުނުވާ ކަމަށް މިއަދު ނިންމި އިރު އަނެއް ދައުވާ ސާބިތުވިޔަސް އުމްރާ އަށް ގެންގޮސް ނުދިން މައްސަލައިގައި އޭނާ އަށް ޖަލު ހުކުމް އިއްވާފައިވާތީ އިތުރު އަދަބެއް އޭނާ އަށް ދެވެން ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.

ހައްޖާއި އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ 100 އަށް ވުރެ ގިނަ މީހުން އަތުން އެތައް މިލިއަން ރުފިޔާއެއް ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދީ، އަދި އެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލާގައި މަލީޝާ ޖަމާއަތުގެ ވެރިޔާގެ އިސްމާއިލް އަބްދުއްލަތީފްގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ. އެ މައްސަލަ އަދި ނުނިންމަ އެވެ.