ވިސާ ނުލިބިގެން، ޒަމްޒަމް ގުރޫޕުގެ މީހުންނަށް އުމްރާ އަށް ނުފުރިފައި

ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްގެ ހަވާލުގައި އުމްރާ އަށް މިއަދު ހެނދުނު ފުރަން ހަމަޖެހިފައިވާ ގިނަ ބަޔަކަށް ވިސާ ނުލިބިގެން ފުރޭ ގޮތް ނުވެ، ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިއެއްޖެ އެވެ.


ޒަމްޒަމް ގުރޫޕުގެ ހަވާލުގައި ދެ ހަރަމްގެ އުމްރާ އަށް މިއަދު ހެނދުނު 11:55 ގައި ސައޫދީ އެއާލައިންސްގެ މަތިންދާބޯޓަކުން ފުރަން ހަމަޖެހިފައި އޮތް ނަމަވެސް، ވިސާ ޖަހާފައި ނެތް ކަން އެ ގުރޫޕުން އެންގި ކަމަށް ވަނީ ރޭގެ ފަތިހުގަ އެވެ. އެކަމަކު ބައެއް މީހުން ހެނދުނު އެއާޕޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް އެމީހުން ވަނީ ނުފުރިގެން އެނބުރި މާލެ އައިސްފަ އެވެ.

"ހަމަޖެހިފައި އޮތީ މިއަދު ހެނދުނު ނުވައެއް ޖަހަންވާއިރަށް އެއާޕޯޓަށް ދާ ގޮތަށް. އެކަމަކު ފަތިހު ގުޅާފައި އެންގީ ވިސާ ހަމައެއް ނުޖެހެއޭ. އެއާޕޯޓަށް ނުދާށޭ،" ޒަމްޒަމްގެ ހަވާލުގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ އުމްރާ އަށް ދާ މީހުންނާ އެކު ޒަމްޒަމް ގުރޫޕުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވެސް އެ ގުރޫޕުން ބުނެފައި ވަނީ އެންމެންގެ ވިސާ ހަމަޖެހިފައިވާ ކަމަށެވެ.

"އެހެންވީމާ އެންމެން ވެސް ތިބީ ގުރޫޕަށް ވަރަށް ބޮޑަށް އިތުބާރު ކޮށްގެން. ގުރޫޕުގެ މީހުންގެ އަތުގައި އެންމެންގެ ޕާސްޕޯޓްވީ. އެހެންވެ ވިސާ ޖަހާފައިވާ ކަމަށް ވެސް ނިންމައިގެން އަޅުގަނޑުމެން ތިބީ،" އުމްރާ އަށް މިއަދު ފުރޭ ގޮތް ނުވުމުން އެކަމުގެ ހިތްހަމަނުޖެހުމުގައި ހުރި މީހަކު ބުންޏެވެ.

"ދެން ފުރޭނެ ދުވަހެއް ވެސް އަދި ނާންގާ. މިއީ ވަރަށް ބޮޑު ގެއްލުމެއް. ވަރަށް ބޮޑަށް ތައްޔާރު ވެގެން އަޅުގަނޑުމެން ތިބީ."

މައުލޫމާތުތައް އެނގޭ މީހަކު ބުނިގޮތުގައި، އުމްރާ އަށް މިއަދު މީހުން ގެންދިއުމަށްޓަކައި ޒަމްޒަމް ގުރޫޕާއި އެހެން ގުރޫޕަކުން އޮތީ ސައޫދީ އެއާލައިންސްގެ ބޯޓު ޗާޓަރު ވެސް ކޮށްފަ އެވެ. އެކަމަކު ޒަމްޒަމް ގުރޫޕުގެ މީހުންގެ ވިސާގެ ކަންކަން ހަމަނުޖެހުމުން، ބޯޓު ޗާޓަރު ގުރި އަނެއް ގުރޫޕުގެ މީހުންނާ އެކު ހެނދުނު ވަނީ ފުރައިފަ އެވެ.

ޒަމްޒަމް ގުރޫޕުގެ މީހުންނަށް އުމްރާ އަށް ފުރޭ ގޮތް ނުވި މައްސަލާގައި އެ ގުރޫޕުގެ ވެރިޔާ އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) ގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. އެހެންވެ، ވިސާ ޖަހާފައި ނެތްކަން ފުރަން ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވައި އެންގި ސަބަބެއް އަދި ވަނީ އޮޅުން ފިލާ ގޮތް ނުވެފަ އެވެ.

ނަމަވެސް "މިހާރު" އާ މައުލޫމާތުތައް ހިއްސާކުރި މީހަކު ބުނިގޮތުގައި ވިސާގެ ކަންކަން ހަމަނުޖެހޭކަން، އެކަން ހަވާލުކުރި އެޖެންޓް، ޒަމްޒަމް ގުރޫޕަށް އެންގީ ވަރަށް ލަސްވެފައި ހުއްޓަ އެވެ. މީގެ ސައްހަ މައުލޫމާތެއް އަދި ކަށަވަރެއް ނުވެ އެވެ.

ވިސާގެ މައްސަލާގައި ޒަމްޒަމް ގުރޫޕުގެ މީހުންނަށް އުމްރާ އަށް ނުފުރުނުއިރު، އަލް މަނާސިކްގެ ހަވާލުގައި އުމްރާ އަށް ދާން އުޅުނު 46 ދިވެއްސަކަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުރުނީ، ސައޫދީ އެއާލައިންސްގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ދުވަސް މަތިން އެތައް އިރެއް ވަންދެން ތާށިވެފައި ތިބުމަށް ފަހުގަ އެވެ. އެ މީހުން ދެ ދުވަސް މަތިން ދެ ފަހަރަކު ބޯޓަށް އެރުވުމަށް ފަހު، އެއިން ކޮންމެ ފަހަރަކު ވެސް ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ.