ޕީޕީއެމަށް 10 މިލިއަން، ޖޭޕީ އާއި އެމްޑީއޭ އަށް ދެ މިލިއަން ރުފިޔާ ޖަމާކޮށްދީފި

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީގެން މައްސަލަތަކެއް ކުރިމަތިވުމަށް ފަހު ހުރިހާ ޕާޓީއަކަށް ވެސް އިލެކްޝަންސް ކޮމިޝަނުން ޖަމާކޮށްދީފި އެވެ.


މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީ އަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ. މީގެ އިތުރުން އެމްޑީއޭ އަށް ލިބެންޖެހޭ 2.8 މިލިއަން ރުފިޔާ ވެސް މިދިޔަ ބުރާސްފަތި ދުވަހު އީސީން ޖަމާކޮށްދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމްގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ އެ ޕާޓީ އަށް ވެސް ލިބެންޖެހޭ 10 މިިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ޖަމާވެފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ޖަމާކޮށްފައި ވަނީ ކޮން ދުވަހަކު ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީ އަށް 2.7 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.

މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށްވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މި އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.

އީސީން ބުނީ ޕާޓީތަކަށް ފައިސާ ދިނުމުގެ ހުރިހާ ކަމެއް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނިންމާފައި ނުވާތީ ކަމަށް ވެސް އީސީން ބުނެ އެވެ.