ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކޯޓަށް ހުށަހަޅައިފި އެވެ.


އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް އެ އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކުރީ އެ އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ފަސްކުރަން ޕީޕީއެމުން ހުށަހެޅުމުންނެވެ.

އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަށް ފަހު އިސްތިއުނާފް ކުރަން ކޯޓަށް ހުށަހެޅީ އިއްޔެ ކަމަށް ވަނީ އެނގިފަ އެވެ. އިސްތިއުނާފަށް ހުށަހަޅަން ބޭނުން ނަމަ ނުރަސްމީ ދުވަސް ދުވަހު ވެސް އެކަން ކުރެވޭ ގޮތަށް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އިސްތިއުނާފަށް ހުށަހަޅަން ބޭނުން ނަމަ އެކަމުގެ ލިޔުންތައް ހުށަހަޅަންޖެހޭނީ އެ މައްސަލައެއް ނިންމި ކޯޓަކަށް ކަމަށްވާތީ އިލެކްޝަންސުން ވެސް އެ ލިޔުންތައް އިއްޔެ ހުށަހެޅީ ސިވިލް ކޯޓަށެވެ. އޭރުން ސިވިލް ކޯޓުން އެ މައްސަލައިގެ ލިޔުންތައް ދެން ފޮނުވާނީ ހައި ކޯޓަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރުން ފެށިގެން ހަމަޖައްސާފައިވާ އުސޫލެއްގެ ދަށުން މިނިވަން މުއައްސަސާތައް ވެސް ކޯޓުގައި ތަމްސީލު ކުރަންޖެހެނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ބަންޑާރަ ނައިބުގެ އޮފީސް މެދުވެރިކޮށް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. އެކަމުގައި އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނުލިބެ އެވެ.

އިލެކްޝަންސުން ކުރިން ބުނެފައިވަނީ އިސްތިއުނާފް މައްސަލަ އަވަހަށް ކޯޓުން ނިންމައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.