ރީ-ރަޖިސްޓްރީ ވުމުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނުން އަނެއްކާ ވެސް ކަނޑައަޅައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން، ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ހުށަހެޅުމުގެ ފުރުސަތު މުއްދަތެއް ނެތް ގޮތަށް ކުރިން ފަސްކުރި ނަމަވެސް، އެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މުއްދަތެއް ދީފި އެވެ.


އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން ނަމަ ރީ-ރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުދަދުވަހެވެ.

އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން މިިދިޔަ މަހުގެ 20 ގައި ނެރުނު އަމުރަކާ ގުޅިގެން ވަނީ، ރީ-ރަޖިސްޓްރީ ވުމުގެ މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި އޮއްވައި، މުއްދަތެއް ނެތްގޮތަށް އެ ފުރުސަތު އިތުރުކޮށްފަ އެވެ.

އީސީން އިއްޔެ ބުނީ، ބާ ޖަމާލުއްދީންގައި ހުޅުވާފައިވާ އިންތިހާބީ މަރުކަޒާއި ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ރީ-ރެޖިސްޓްރީ ވުމަށ ފޯމު ހުށަހެޅޭނެ ކަމަށެވެ. ބަންދު ދުވަސްތަކުގައި ވެސް ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށް އަދި ހުކުުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ފޯމު ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް އާދިއްތަދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 2:00 އަށް ފޯމު ބަލައިގަންނާނެ އެވެ. އަދި އާދިއްތަދުވަހު ފޯމު ބަލައިގަންނާނީ މެންދުރު 12:00 އިން ހަވީރު 5:00 އަށް ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލައާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުނުވެވޭތީ ކަމަށް ބުނެ، އެ އިންތިހާބު އިތުރު ދެ މަސް ދުވަހަށް ފަސްކުރަން އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އަދި ޖެނުއަރީ 14ގައި ކުރިން ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ދެ މަސް ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.