އެހެން މީހުންނާ މެދު ވިސްނައި އެމީހުންގެ ހައްގުތައް ދޭން ޖެހޭ

އެހެން މަޚްލޫޤުންނާ ޚިލާފަށް މާތްﷲ އިންސާނުން ހައްދަވާފައި ވަނީ އެ ނަސްލުގެ އެހެން މީހުންނާ ގުޅިގެން އުޅޭ ގޮތަށެވެ. އެކަކު އަނެކަކާ ގުޅިގެން ނޫނީ އިންސާނުންނަށް ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިކަން މިހެން އޮތް ނަމަވެސް އިންސާނާގެ އެހެން ތަބީއަތްތަކަށް ބަލާއިރު ކޮންމެ އިންސާނެއްގެ ވެސް އަމިއްލަ ބޭނުންތަކަކާއި އެދުންތަކެއް ފުއްދަން އަބަދުވެސް ބޭނުން ޖެހެ އެވެ. ނަތީޖާއެއްގެ ގޮތުން އެހެން މީހުންނާ ކުރާ މުއާމަލާތުތަކުގައި މި ދެންނެވި ތަބީއަތުގައި ހިމެނޭ އިންސާނީ ޣަރީޒާތަކުގެ ނުބައި އަސަރު އެހެން މީހުންނަށް ބައެއް ފަހަރު ފޯރައެވެ. މިގޮތުން އެހެން މީހުންގެ ހައްގުތައް ނިގުޅައި ގަނެވޭ ގޮތް ވެ އެވެ. މިއީ އިސްލާމް ދީން ރުހޭ ކަމެއް ނޫނެވެ.


އިސްލާމް ދީނަކީ ކޮންމެ އިންސާނަކަށް ވެސް އެ އިންސާނަކަށް ލިބެން ޖެހޭ އަސާސީ ހައްގުތައް ކަށަވަރު ކޮށްދޭ ދީނެކެވެ. މި ހައްގުތައް ކަށަވަރު ކޮށްދެނީ ކޮންމެ އިންސާނަކު ވެސް އެހެން އިންސާނުންނަށްޓަކައި އަދާކުރަން ޖެހޭ ވާޖިބުތަކެއް ލާޒިމު ކުރުވައިގެންނެވެ. މިގޮތުން މުޖުތަމައުގެ ތަފާތު ގިންތިތަކަށް ކޮންމެ މީހަކު ވެސް އަދާކޮށްދޭން ޖެހޭ ހައްގުތަކެއް އިސްލާމް ދީނުގައި ކަނޑައެޅިފައި ވެ އެވެ. މި ހައްގުތަކުގެ އެންމެ ކުރިއަށް އަންނަނީ ގާތްތިމާގެ މީހުންނެވެ. ގާތްތިމާގެ މީހުންނަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ މުއާމަލާތުތަކުގައި އެންމެ ބޮޑަށް ގުޅެން ޖެހިފައިވާ މީހުންނެވެ. މިގޮތަށް ގުޅިގެން އުޅުމުގައި މި މީހުންނަށްޓަކައި ހައްގުތަކެއް އަދާ ކުރުމަށް އިސްލާމް ދީން އަމުރު ކުރެ އެވެ.

މި ހައްގުތަކުގެ އެންމެ ކުރިއަށް އަންނަނީ މައިންބަފައިންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައި ވެ އެވެ. ﷲ އަށް އަޅުކަން ކުރުމަށް އޮންނަ އަމުރު ނުވަތަ ﷲ އަށް ޝަރީކު ނުކުރުމަށް އޮންނަ އަމުރާ ވިދިގެން ދެން އަމުރު ކުރައްވާފައި ވަނީ މައިންބަފައިންނަށް އިހުސާންތެރި ވުމަށެވެ. މި އިހުސާންތެރިވުމުގެ ތެރޭގައި އެމީހުންގެ އެންމެހާ ހައްގުތައް އަދާކުރުން ހިމެނެ އެވެ. އޯގާތެރިކޮށް ހިތުން ހިމެނެ އެވެ.

މައިންބަފައިންގެ ހައްގުތައް އަދާ ކުރާ ފަދައިން އަނބިދަރިންގެ ހައްގުތައް އަދާ ކުރަން ޖެހެ އެވެ. މި ގޮތުން އެމީހުންގެ ދިރިއުޅުމުގެ އެންމެހާ ކަންކަމަށް ހަރަދު ކުރުމާއި އެމީހުން ނަރަކަ އިން ސަލާމަތް ކުރަން މަސައްކަތް ކުރުމާއި އެމީހުންގެ ބޭނުންތައް ފުއްދައިދިނުމާއި އޯގާތެރިކަމާއި އަޅާލުން ފޯރުކޮށްދޭން ޖެހެ އެވެ. ފިރިން މި ހައްގުތައް އަދާކުރާ ހިދު އަނެއްކޮޅުން އަނބިން ފިރިންގެ ހައްގުތައް ވެސް އަދާކޮށްދޭން ޖެހެ އެވެ. އުރެދުމަކަށް ނުވާ ކަންކަމުގައި ފިރިމީހާ އަށް ކިޔަމަންތެރިކަން އަދާކުރުމާއި ފިރިމީހާގެ މުދަލަށް ރައްކާތެރިވުމާއި ދަރިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމުގައި އެހީތެރިވުން ފަދަ ކަންކަން ހިމެނެ އެވެ.

މައިންބަފައިންނާއި އަނބިފިރިންނާއި ދަރިންގެ އިތުރުން ވެސް ގާތްތިމާގެ މީހުންގެ ގޮތުގައި އެތައް ބަޔަކު ތިބެ އެވެ. ރަހިމުގެ ގޮތުން ގުޅުން އޮންނަ މި އެންމެންނާ މެދު ވެސް ހެޔޮ ގޮތުގައި މުއާމަލާތު ކުރަން އިސްލާމް ދީން ބާރު އަޅަ އެވެ. މިގޮތުން މި މީހުންނާ ކުރާ އެކިއެކި މުއާމަލާތުތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެނޫން ވެސް ރިވެތި ޚުލްގު ދަމަހައްޓަން އިސްލާމް ދީން ގޮވާލަ އެވެ. އެމީހުންނަށް ގޯނާއެއްކޮށް ހަޑިހުތުރު ބަސްތައް ރައްދު ކުރުން މަނާ ކުރެ އެވެ.

އިސްލާމް ދީން ބާރު އަޅަނީ އެ މީހުންނަށް އަބަދުވެސް ވާގިވެރި ވުމަށެވެ. މިގޮތުން އެއިން މީހަކު ބަލިވެއްޖެ ނަމަ ގޮވާލަން ދިއުމާއި، ނިޔާވެއްޖެ ނަމަ ޖަނާޒާގައި ބައިވެރިވުމާއި، މުސީބާތެއް ކުރިމަތިވެއްޖެ ނަމަ ހިތްވަރުދީ އެހީތެރިވުމާއި، އެމީހުންގެ ތެރެއިން ފަގީރުންނާއި މިސްކީނުންނާއި ނުކުޅެދޭ މީހުންނަށް ވާގިވެރިވުމާއި، ޔަތީމުންނަށް އޯގާތެރިވުމާއި، މަސައްކަތެއް ލިބިފައިނުވާ މީހާ އަށް މަސައްކަތެއް ހޯދައިދިނުމުގައި އެހީތެރިވުން ފަދަ ކަންކަން ކޮށްދޭން ޖެހެ އެވެ.

އެހެންމީހުންނާ މެދު ވިސްނައި އަޅާލުމުގައި ދެ ވަނަ ގިންތި އަކީ އަވަށްޓެރިންނާއި ރައްޓެހިންނާއި އެއް މުޖުތަމައުގެ މީހުންނެވެ. މިގޮތުން އަވައްޓެރިންގެ ހައްގުތައް އަދާކޮށްދިނުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ވަސިއްޔަތް ކުރައްވާފައި ވެ އެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާ ކޮށްދޭން ޖެހޭ ހައްގުތައް ބަޔާން ކުރައްވާފައި ވެ އެވެ. މިގޮތުން ފަހެއް ނުވަތަ ހަ ކަމެއް ޚާއްޞަ ގޮތެއްގައި އެކަލޭގެފާނު ފާހަގަ ކުރައްވާފައި ވެ އެވެ. އެއީ ބައްދަލުވުމުން ސަލާމް ކުރުމާއި ދައުވަތެއް ދީފި ނަމަ އިޖާބަ ދިނުމާއި ނަސޭހަތަކަށް އެދެފި ނަމަ ނަސޭހަތް ދިނުމާއި ކިނބިއްސެއް އަޅައި ﷲ އަށް ހަމްދު ކޮށްފި ނަމަ ރަހުމަތް ލެއްވުމަށް ދުއާކުރުމާއި ބަލިވެއްޖެ ނަމަ ޒިޔާރަތް ކުރުމާއި މަރުވެއްޖެ ނަމަ ޖަނާޒާގައި ބައިވެރިވުމެވެ.

އެހެންމީހުންނާ މެދު ވިސްނައި އެމީހުންގެ ހައްގުތައް ދިނުމަށް އިސްލާމް ދީން ބާރުއަޅާ އިރު ތިން ވަނަ ގިންތި އަކީ މުޅި އިސްލާމީ އުންމަތެވެ. މިގޮތުން އެންމެހާ މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ގާއިމުކޮށް ހެޔޮކަންތަކާއި ތަގުވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް މަސައްކަތް ކުރަން ޖެހެ އެވެ. މިގޮތުން މިކަމަށް ބާރުއަޅައިދޭ ގަވައިދުތަކެއް އިސްލާމީ ޝަރީއަތުގައި ވަނީ އެކުލެވިފަ އެވެ. އޭގެ ތެރެ އިން ފާހަގަކޮށްލެވޭ އެންމެ ފުރަތަމަ ކަމަކަށް އިޖުތިމާއީ އަޚްލާގު ހިފެހެއްޓުން ހިމެނެ އެވެ.

މިސާލަކަށް މަހްރަމުން ފިޔަވައި އެހެން އަންހެނުންނާއި ފިރިހެނުން، މުޅިން ދޫކޮށްލެވިފައިވާ މިނިވަންކަމަކާ އެކު އުޅުން އިސްލާމް ދީން ހުއްދައެއް ނުކުރެ އެވެ. ދެ ޖިންސުގެ މީހުން އެކުގައި ބައިވެރިވާން ޖެހޭ މަސައްކަތްތައް ކުރާ އިރު ވެސް ގަވައިދުތަކަކާއި އުސޫލުތަކެއް ހިފަހައްޓަން ޖެހެ އެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ ކުރެވޭ މުއާމަލާތުތައް ދީނީ ހަމަތަކުގެ މަތިން ސައްހަވުމެވެ. ދެ ވަނަ ކަމަކީ އަންހެނުންނާއި ފިރިހެނުން ވެސް އެމީހުންގެ އިއްފަތްތެރިކަން ދެމެހެއްޓުމެވެ. އިސްލާމްދީން އެދޭ ފަދަ ނިވާކަން ބޮޑު ހެދުން އެޅުމެވެ.

އެންމެހާ މީސްތަކުންގެ އަޚްލާޤު ރަނގަޅު ގޮތުގައި ހިފެހެއްޓުމަށްޓަކައި، އަޚްލާޤު ފަސާދަވާ ފަދަ މުނިފޫހިފިލުވުމާއި ކުޅިވަރުތަކަކީ އިސްލާމް ދީން ލޯބިކުރާ ކަންތައްތަކެއް ނޫނެވެ. ދިރިއުޅުމުގެ ބުރަ ވަޒީފާ އަދާކުރަމުންދާ އިރު ހިތްތަކަށް ރާހަތެއް ހޯދުމަށްޓަކައި ކުރާ މުނިފޫހިފިލުވުމުގެ ކަންތައްތަކަކީ ދީން މަނާކުރާ ކަންކަމަށް ވެގެންނެއް ނުވާނެ އެވެ. އަދި ތިމާގެ ސިއްހަތާއި މުދާ ގެއްލިގެންދާ ފަދަ ގޮތެއްގައި ކުރެވޭ ކަންކަމަށް ވެސް ވެގެން ނުވާނެ އެވެ.

މުސްލިމް ޖަމާއަތުގެ ވަޙުދަތާއި ބާއްޖަވެރިކަން ދެމެހެއްޓުމަށްޓަކައި، މުސްލިމުންގެ މެދުގައި ދެބަސްވުން އިސްލާމް ދީން ވަނީ މަނާކޮށްފަ އެވެ. ދެބަސްވާ ފަދަ ކޮންމެ ކަމެއް ދިމާވިއަސް އެކަމުގެ ހައްލު ހޯދުމަށް އިސްލާމް ދީނުގެ އަސްލަށް ރުޖޫއަވާން ޖެހެ އެވެ. ކީރިތި ޤުރުއާނަށާއި މާތް ރަސޫލާގެ ސުންނަތަށް ރުޖޫއަވާން ޖެހެ އެވެ.

އަނެއް މުހިންމު ކަމަކީ ދީނީ ގޮތުން ކޮންމެހެން ދެނެގަންނަން ޖެހޭ ކަންތައްތަކުގެ އިތުރަށް ދުނިޔަވީ އެކިއެކި އިލްމުތަކާއި ފަންނުތައް ދަސްކުރުމެވެ. އެހެނީ ދީނާއި ދުނިޔެ އަކީ އިސްލާމީ ނަޒަރުގައި ވަކިނުކުރެވޭނެ ދެ އެއްޗެވެ. އިލްމު ހޯދުމުގައި މުސްލިމް ނޫން މީހުންގެ ފަރާތުން ވެސް އެކަންކަން ދެނެގަންނަން ޖެހެ އެވެ. ނަމަވެސް ހުރިހާ ކަމެއްގައި އެމީހުން ކޮޕީ ކުރުމަކީ އޮތް ކަމެއް ނޫނެވެ. އެމީހުންގެ ކިބައިން އެނގި ދަސްވާ ކަންތައްތަކުގެ ތެރެއިން މުސްލިމުން ތަބާވާން ޖެހޭނީ ހަމައެކަނި އިސްލާމް ދީނާ ޚިލާފު ނުވާ ކަންކަމަށެވެ.

އެހެންމީހުންނާ މެދު ވިސްނުމުގައި ހަތަރު ވަނަ ގިންތި އަކީ ޣައިރު މުސްލިމުންނެވެ. މުސްލިމުން ޣައިރު މުސްލިމުންނާ މުއާމަލާތު ކުރަންވާނީ އެ މީހުންނަށް އަދުލުވެރި ވެވޭ ފަދަ ގޮތެއްގަ އެވެ. އެމީހުން ގަބޫލު ކުރާ ކަލާނގެތަކަށް (އެއީ ހައްގު ނޫން ކަމުގައިވާ އިރު ވެސް) ހުތުރު ބަސްތައް ރައްދުކޮށް މަލާމާތް ކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ. އެމީހުންނާ ދެކޮޅުވެރިކަމެއް އަދާވަތްތެރިކަމެއް އިސްވެ ބާއްވައިގެން ނުވާނެ އެވެ. އެމީހުން ސުލްހަވެރިކަމާ އެކު މުސްލިމުންނާ ގުޅުން ބާއްވަން ބޭނުންވާ ހިނދަކު އެމީހުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދޭން ޖެހެ އެވެ. މުސްލިމުންގެ ހައްގަކަށް އެމީހުން އަރައިގަތުމުން ނޫނީ ދެކޮޅުވެރިކަމެއް ބާއްވައި އަދި ހަނގުރާމަ ކުރުމެއް ވެސް ނެތެވެ.

ވީމާ މުޖުތަމައުގެ މި ތަފާތު ގިންތި ތަކާ މުއާމަލާތު ކުރުމުގައި ކޮންމެ މުސްލިމަކު ވެސް މި ފާހަގަ ކުރެވުނު ކަންކަމަށް ވިސްނަން ޖެހެ އެވެ. މިއީ ތިމާ ނޫން އެހެން މީހުންނާ މުއާމަލާތު ކުރުމުގައި ގެންގުޅެން އިސްލާމް ދީން ބާރުއަޅާ ގަވައިދުތަކެކެވެ.