އުޞޫލުތަކަށް ތަބާވުމަކީ މިނިވަންކަން ގެއްލުންތަ؟

މިނިވަންކަން އޮންނަން ޖެހޭނެ ކަމުގެ ޝުޢޫރަކީ ކޮންމެ އިންސާނެއްގެ ފިޠުރަތުގައި ވެސް ﷲ ލައްވާފައިވާ ކަމެކެވެ. އެހެންވެ ކޮންމެ އިންސާނަކު ވެސް މިނިވަންކަން ބޭނުން ވެ އެވެ. މިކަން މިގޮތަށް އޮތުމުން، މިނިވަންކަމުގެ ބޭނުން ފުއްދުމުގައި އެއްވެސް ކަހަލަ ހުރަހެއް ނުވަތަ ގައިދެއް އޮވެގެން ނުވާނެ ކަމަށް ފަހަރެއްގައި ބައެއް މީހުންނަށް ހީވެދާނެ އެވެ.


ހައިވާނުންނަށް ވެސް ފުރިހަމަ އަށް މިނިވަންކަން ލިބިފައިވާ ހިނދު އިންސާނާ ވެސް ހަމަ އެފަދަ ވާން ޖެހޭނެ ކަމަށް ބައެއް މީހުން ގަބޫލު ކޮށްފާނެ އެވެ. އެކަމަކު އިންސާނީ ފިޠުރަތުގައިވާ އެއްވެސް އެދުމަކީ ހައްދެއް ނެތި ފުއްދަން އިންސާނާ އަށް ދޫކޮށްލެވޭނެ ކަމެއް ހެއްޔެވެ؟

އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާގެ ފިޠުރަތުގައިވާ އެކިއެކި އެދުންތަކާއި ބޭނުންތަކަކީ އިންސާނީ ކަރާމަތާއި އިޖުތިމާއީ ހަމަހަމަ ކަމަށް ރިޢާޔަތް ނުކުރެވޭ ގޮތުގައި ފުއްދަން ޖެހޭ ކަންކަމެއް ނޫނެވެ. އެހެންވެ މިފަދަ ކޮންމެ އެދުމެއް ނުވަތަ ބޭނުމެއް ފުއްދުމުގައި ތަބާވާން ޖެހޭ އުސޫލުތަކެއް އޮވެ އެވެ. އެ އުސޫލުތަކަށް ތަބާވުމަކީ އެ އެދުންތަކާއި ބޭނުންތައް ފުއްދިޔަ ނުދިނުމެއް ނޫނެވެ. އެހެން ނަމަވެސް ތަހުޒީބު ގޮތެއްގައި އެހެން އިންސާނުންނަށް ވެސް ވިސްނައިގެން އެ ބޭނުންތައް ފުއްދުމަށްޓަކައި އޮންނަ ގައިދު ތަކެކެވެ.

މި ހަމައިން ބަލާއިރު އެންމެ ފުރަތަމަ ފާހަގަ ކުރަން ޖެހޭ ކަމަކީ، އިންސާނާ ދިރިއުޅެން ޖެހެނީ ހަމަ އޭނާ ފަދައިން މިނިވަންކަމަށް ބޭނުންވުމުގެ ޝުޢޫރު އޮންނަ އެހެން ބަޔަކާ އެކުގައި ކަމެވެ. މިގޮތަށް އުޅުމުގައި މިނިވަންކަމުގެ ދަށުން ކޮންމެ އިންސާނަކު ބޭނުން ކޮންމެ ގޮތަކަށް ކަންކުރަން ދޫކޮށްލެވިއްޖެ ނަމަ އިންސާނުންގެ މެދުގައި މައްސަލަތައް އުފެދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހައިވާނުންގެ މެދުގައި ކަން ހިނގާ ގޮތަށް އެކަނި ބަލައިލުމުން ވެސް މިކަން ފެންނާނެ އެވެ.

މީގެ ހައްލަކަށް އެ ސޮރުމެން ދަނީ ގަދަފަދަ އެތި ނިކަމެތި އެއްޗެހީގެ މައްޗަށް ބާރު ފޯރުވައި ހަމަހަމަކަން ގެއްލުވާލައި އަނިޔާވެރި ވެގެންނެވެ. އިންސާނުންގެ މެދުގައި މި އުސޫލު އޮންނަން ވެއްޖެ ނަމަ އެތައް އެތައް ހައްގެއް ގެއްލިގެން ދާނެ އެވެ. އިންސާނީ އިޖުތިމާޢީ އެތައް އުސޫލަކާ މިކަން ފުށުއަރާނެ އެވެ. ނަތީޖާއެއްގެ ގޮތުން ދެކޮޅުވެރިވުންތަކާއި ތަޅާފޮޅުންތައް ހިނގާނެ އެވެ.

ވީމާ މި ފަދަ ކަންކަމުން ސަލާމަތް ވުމަށްޓަކައި އިސްލާމް ދީން ރާވާފައިވަނީ، މިކަމުގައި ވަކި އުސޫލުތަކެއްގެ ތެރެއިން ވަކި ނިޒާމަކަށް ތަބާވެ ވަކި ގައިދުތަކެއްގެ ދަށުން އިންސާނާގެ މިނިވަންކަމުގެ ބޭނުން ހިފުމަށެވެ. މި ގޮތަށް މިނިވަން ކަމުގެ ބޭނުން ކުރުމުން ތިމާ އަށް ގެއްލުމެއް ލިބޭ ކަމަށް ހީވިއަސް އެއީ ހަގީގަތުގައި ލިބޭ ގެއްލުމެއް ނޫނެވެ. ސަބަބަކީ އެ ކުޑަކުޑަ ގުރުބާންވުމުގެ ނަތީޖާއެއްގެ ގޮތުން އެހެން މީހުންގެ މަސްލަހަތަށް ރިޢާޔަތް ކުރެވޭތީ އެވެ. އެހެން މީހުންގެ މިނިވަންކަމަށް ރައްކާތެރި ވެވޭތީ އެވެ.

ދެވަނަ ކަމަކީ، އިންސާނާގެ ކަރާމަތްތެރިކަމުގެ ޝުޢޫރު ދެމެހެއްޓެއް އޮތީ މިނިވަންކަމަށް ބޭނުންވުމުގެ ޝުޢޫރު ތަހުޒީބު ކޮށްގެން ކަމަށް ވުމެވެ. ސަބަބަކީ އިންސާނުންގެ ތެރެއިން އެންމެ ކަރާމަތްތެރިކަން ލިބޭ ބަޔަކީ ތަޤުވާވެރިންނެވެ. (އަލްޙުޖުރާތު 31).

ތަޤުވާވެރި ވެވޭނީ ﷲ އަށް ފުރިހަމަ އަށް އަޅުވެތި ވެގެންނެވެ. މި އަޅުވެތި ކަމަކީ ﷲގެ ކުރިމަތީ އެންމެހާ އިންސާނުން ހަމަހަމަ ކުރާ ކަމެކެވެ. އެއްވެސް އިންސާނަކަށް އެހެން އިންސާނެއް އަޅުވެތި ކުރުމުގެ ފުރުސަތު ބަންދު ކުރާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށަށް ވަދެ އިންސާނާގެ ކަރާމަތްތެރިކަން ގެއްލިގެން ދިއުމުގެ ފުރުސަތުން އިންސާނާ ސަލާމަތް ވެއެވެ.

ނަމަވެސް މިތަނުގައި ވެސް ބައެއް މީހުންނަށް ހީވެދާނެ ކަމަކީ ﷲ އަށް އަޅުވެތިވުމުން އިންސާނާގެ މިނިވަންކަން ގެއްލެނީ ނޫންބާ އެވެ؟ ހަގީގަތަކީ އިންސާނާ އުފައްދަވައި އޭނާ އަށް ދިރިއުޅުމުގެ ހުރިހާ ވަސީލަތްތަކެއް ދެއްވި އޭނާގެ ސާހިބުވަންތަ ވެރި ރަސްކަލާނގެ ހަޒްރަތަށް އަޅުވެތިވުމުން އިންސާނާ އަށް ހަގީގީ ކަރާމަތްތެރިކަން ލިބިގެން ދިއުމެވެ. ކީރިތި ޤުރުއާނުގައި ﷲ އަންގަވަނީ، ޢިއްޒަތާއި ކަރާމަތްތެރިކަން ލިބިގެންވަނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށް ކަމަށެވެ. (އަލްމުނާފިޤޫން 8)

ވީމާ ކަރާމާތްތެރިކަން ހޯދަން ބޭނުންވާ ނަމަ އީމާންވާން ޖެހެ އެވެ. މިނިވަންކަމުގެ އެދުން އެންމެ ފުރިހަމަ ގޮތުގައި ތަހުޒީބު ކުރެވޭނީ ﷲ އާ އާޚިރަތް ދުވަހަށް ބިރުވެތިވެގެން ﷲ އާއި އެކަލާނގެ ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އެންގެވި ގޮތަށް ކިޔަމަންތެރި ވެގެންނެވެ. މިނިވަންކަން ވަކި ހައްދެއްގެ ތެރޭގައި ބޭނުން ކޮށްގެންނެވެ. އިންސާނާގެ ކަރާމަތްތެރިކަން ހިފެހެއްޓޭނީ މިގޮތުގަ އެވެ. ހައިވާނުންތައް އުޅޭހެން މިނިވަންކަމާ އެކު އުޅެން ދޫކޮށްލެވިގެނެއް ނޫނެވެ.

އިސްވެ ބަޔާން ކުރެވުނު ދެ ސަބަބަށް ބަލާއިރު، އާދެ އިންސާނީ ކަރާމާތް ދެމެހެއްޓުމާއި އިޖުތިމާއީ ހަމަހަމަކަން ދެމެހެއްޓުމަށް ބަލާ އިރު، މިނިވަންކަން ވަކި ހައްދެއްގެ ތެރޭގައި ތަހުޒީބު ކުރަން އެބަ ޖެހެ އެވެ. މިކަން ކުރެވޭނީ ވަކި ނިޒާމެއްގެ މަތީ ހުރުމަށް އިންސާނާ ތަރުބިއްޔަތު ވެގެންނެވެ. މިކަމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ކަންތައްތަކަކީ ކިޔަމަންތެރިކަން ދަސްކުރުމާއި، ވަގުތުން ވަގުތަށް ބަރާބަރަށް ކަންކުރަން އާދަކުރުމާއި، ނިޒާމަށް އިހުތިރާމު ކޮށް އެ ދިފާޢު ކުރުމަށްޓަކައި ފިދާވުމުގެ ޟަމީރެއް އޮތުމާއި، އެ ނިޒާމުގެ ސައްހަކަމާއި ތެދުކަން ހުއްޖަތާއި ދަލީލުން ސާބިތުކޮށްދެވޭ ފަދަ ބުއްދިއެއް އިންސާނާއަށް ލިބިފައި ވުމެވެ.

އިސްލާމީ ޢަޤީދާ އާއި ޝަރީޢާ އާއި އަޚްލާޤީ އުސޫލުތަކާ މެދު ފުންކޮށް ވިސްނާލާއިރު މިދެންނެވި ހުރިހާ ކަންކަމެއް ވެސް ވަރަށް ފުރިހަމަ ގޮތުގައި ހާސިލު ކުރެވޭނެ މަގު ހަމަޖެހިފައި އޮވެ އެވެ. މިގޮތުން އިސްލާމް ކަމަކީ އެންމެ ފުރަތަމަ ކިޔަމަންތެރި ވުމެކެވެ. އިސްލާމްގެ ލަފުޒީ މާނަތަކުގެ ތެރެއިން އެއް މާނައަކީ ބޯލަނބައި ކިޔަމަން ގަތުމެވެ. އިސްލާމް ދީނަށް ތަބާވުން ކަމުގައި ބެލެވޭނީ ﷲގެ ހުރިހާ އަމުރުތަކަށް ކިޔަމަން ވެގެންނެވެ.

މި އަމުރުތަކަށް ކިޔަމަންވުމުގެ ތެރެއިން އިންސާނާ އަށް ދަސްވާ ކަންކަމުގެ ތެރޭގައި ވަގުތުން ވަގުތަށް ކަންކަން ކުރަން އާދަވުން ހިމެނެ އެވެ. އަދި ބަރާބަރަށް ފުރިހަމައަށް ކަންކުރަން އާދަވެ އެވެ. މީގެ އިތުރުން ރިވެތި އަޚްލާޤަށް ތަބާވުމާއި ޢަޤީދާގެ ނިޒާމުގެ ތެރެއިން އިންސާނާގެ ޟަމީރު ވަކި ހަމައަކުން ތަރުބިއްޔަތު ވެއެވެ. ވިސްނައި ފިކުރު ކުރުމާއި ބުއްދީގެ ހަމަތަކުން ކޮންމެ ކަމެއްވެސް ކިރައި ވަޒަން ކުރުމަކީ އިސްލާމީ ވަރަށް މުހިންމު އުސޫލެކެވެ.

މި ހުރިހާ ކަމަކުން އެނގިގެން ދަނީ ވަކި ނިޒާމެއްގެ މަތީ ހުރުމަށް އިންސާނާއަށް އިސްލާމްދީން ވަރަށް ރަނގަޅަށް ދަސްކޮށްދޭ ކަމެވެ. އަދި މިގޮތަށް ދަސްވާއިރު އޭނާގެ މިނިވަންކަމުން ކުޑަ މިންވަރެއް ގުރުބާން ކުރަން ޖެހުނަސް މިނިވަންކަމުން ބައެއް އުނިވާ ކަމުގެ އިހުސާސެއް މިފަދަ މީހަކަށް ނުލިބޭނެ ކަމެވެ.

ސަބަބަކީ ﷲ އަށް އަޅުވެތިވެގެން މިނިވަންކަން ތަހުޒީބު ކުރާ ތަހުޒީބު ކުރުމަކީ އިންސާނާ އަށް އިއްޒަތާއި ކަރާމާތް ލިބޭނެ ކަމެއް ކަމުގައި މިފަދަ މީހާ ގަބޫލު ކުރާނެތީ އެވެ. އަދި އިޖުތިމާއީ ހަމަހަމަކަން ދެމެހެއްޓުމަކީ އިސްލާމީ އަޚްވަންތަ ކަމުގެ ކުރިން އިންސާނީ އަޚްވަންތަ ކަމުގެ ބައެއް ކަމުގައި ވެސް މިފަދަ މީހާ ގަބޫލު ކުރާނެތީ އެވެ. ވީމާ އިސްލާމީ އުސޫލުތަކަށް ތަބާވެގެން އިންސާނާގެ މިނިވަންކަމުން ކުޑަ ގުރުބާނެއް ވެލުން އެއީ މިނިވަންކަން ގެއްލިގެން ދިއުން ކަމުގައެއް ނުވާނެ އެވެ. އެއީ އެންމެހާ އެދުންތަކާއި ޣަރީޒާތައް އިންސާނީ ކަރާމަތާއި އިޖުތިމާއީ ހަމަހަމަ ކަމާ އެއްގޮތަށް ތަހުޒީބު ކުރާ ތަހުޒީބު ކުރުމެކެވެ.