ފަސް މިނެޓް: މި ފަހަރު ވެސް އަދީބުތޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކަމުގައި ބުނެވެ އެވެ. ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް، ބައެއްގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްގެން ބޭނުންކުރި މައްސަލައިގައި މިހާރު ވަނީ ކުށްވެރިވާ މީހުން ޝަރީއަތަށް ހުށަހެޅި ބައެއް މީހުންނަށް ހުކުމް ވެސް އިއްވައިފަ އެވެ. އެއީ ރައްޔިތުންގެ ފައިސާ އެވެ. އެ ފައިސާގެ ހައްގުވެރި ބަޔަކީ އާންމު ދިވެހި ރައްޔިތުންނެވެ. އެއިން ކޮންމެ ލޯ ލާރިއެއް ވެސް ބޭނުންކުރެވެން ވާނީ ދިވެހި އާންމު ރައްޔިތުންގެ ބޭނުންތަކަށެވެ.

އެ ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވެގެން އައީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރެވެ. އެ ވައްކަން ހިނގަމުންދާ ކަން، އޭރުގެ އޮޑިޓަ ޖެނެރަލް، ރައީސްގެ ސަމާލުކަމަށް ގެންނެވި އެވެ. ނަމަވެސް އެ ތުހުމަތު އެޅުވުނީ އޭރު ދިވެހި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ބޭފުޅާގެ ބޮލުގައި ކަމަށްވީތީ، ކުށްވެރިވީ އެ ވާހަކަ ރައީސަށް ދެންނެވި އޮޑިޓަ ޖެނެރަލެވެ. ކޮރަޕްޝަންގެ އެ ބިޔަ ވައްކަން އޮއްބައިލީ، އަދީބުގެ މުށު ތެރޭގައި އޭރު އޮތް ރައްޔިތުންގެ މަޖިލީހުން، އޮޑިޓަ ޖެނެރަލްގެ ގާނޫނަށް ގެނައި ކުޑަކުޑަ އިސްލާހަކާ އެކު، އޮޑިޓަ ޖެނެރަލް މަގާމުން ވަކިކޮށްގެންނެވެ.

ރައީސް އަވަހާރަކޮށްލުމަށް، އަދީބުގެ ރޭވުމަށް ރިއާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލުމާ ހަމައަށް އެއީ ނުހިނގާ ވައްކަމެކެވެ. އެމްއެމްޕީއާރްސީގެ ތެރެއިން ހިނގަމުން ދިޔަ ހުރިހާ ކަމަކީ ވެސް ސާފު ތާހިރު ކަންކަމެވެ. ނަމަވެސް އެ ހަމަލާއާ އެކު އެންމެ ފުރަތަމަ ވެސް އުފަންވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އެވެ. އަދީބަކީ މިތުރެއް ނޫން ކަމާއި ހަތުރެއް ކަމަށް ރައީސަށް ގަބޫލުފުޅު ކުރެއްވުނު ހިސާބުން، އެމްއެމްޕީއާރްސީގެ ތެރޭގައި ހިނގީ މުޅިން ވެސް ކޮރަޕްޝަން ކަމަށް ވި އެވެ.

ސައޫދީން މި އަހަރު ރާއްޖެ އަށް ހަދިޔާކުރި 50 ޓަނު ކަދުރާ، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މި މަހުގެ 2 ވަނަ ދުވަހު ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: ސަން އޮންލައިން

އެ ހިސާބުން، ރިއާސީ ލޯންޗުކޮޅު ގޮއްވައިލި ހާދިސާ އަށް ވުރެ އެ ކޮރަޕްޝަންގެ މައްސަލަ ބޮޑުވި އެވެ. ދައުލަތުގެ ޚަޒާނާ އަށް ވަންނަން ޖެހޭ އެ ފައިސާ ހޯދުމަށް ގޯތިގެދޮރު ފާސްކޮށް ކަނޑުފަޅު ފީނައި ހޯދަން ފެށި އެވެ. ކޮންމެއަކަސް، ދައުލަތުގެ ފައިސާ އަށް އަދީބު ހިޔާނަތްތެރިވަމުންދާ ކަން، އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވުމުން، އޮޑިޓަ ޖެނެރަލް މަގާމުން ދުރުކުރައްވައި، ދައުލަތުގެ ޚަޒާނާ ކުރިއަށް ވުރެ ބޮޑަށް އަދީބަށް ހުޅުވާލަ ދެއްވުމަށް ފަހު ވެސް، ފަހު ވަގުތުގައި ކުށްވެރިވީ އަދީބެވެ.

އެ ވާހަކަ ދެއްކުމުގެ ވަގުތު ފާއިތުވެއްޖެ އެވެ. އެކަމުގައި އަދީބު ކުށްވެރިވާ ކަމަށް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެ މިހާރު އެ ވަނީ ހުކުމް އިއްވައިފަ އެވެ. ސުވާލަކީ އަދީބު ޖަލަށް ލީ ކޮރަޕްޝަންގެ ބާގަނޑު ބެއްދުމަށް ފަހުގައި ހެއްޔެވެ؟ ނުވަތަ އެ ބާގަނޑު އެހެން ބަޔަކަށް ދައްކާފައި ހެއްޔެވެ؟ އޭރުގެ އޮޑިޓަ ޖެނެރަލް އަށް ފެނުނު ފަދަ ކަންތައް މިހާރުގެ އޮޑިޓަ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފެނޭތޯ ސުވާލު އުފެދެނީ މިހާރު އިވެމުންދާ ބައެއް އަޑުތަކުންނެވެ.

އެފަދަ އެއް އަޑަކީ، މި ރޯދަ މަހަށްޓަކައި ދިވެހި ރައްޔިތުންނަށް ބެހުމަށް ސައޫދީ އަރަބިއްޔާ އިން ހިލޭ ދީފައިވާ ކަދުރުތަކެއް، ކޮންމެވެސް އަމިއްލަ މީހެއްގެ އޮފީހަކުން ބަހަމުންދާ ވާހަކަ އެވެ. އެކަން އެ ގޮތަށް ހިނގަމުންދާ ކަން، ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެހެންވީމާ ބަލަންވާނީ އެކަން އަދި ނުހިނގާ ކަމަށެވެ.

އެ ކަމަކީ ހިނގާ ކަމަކަށްވާ ނަމަ، އެއީ ވެސް ޚިޔާނާތެކެވެ. ކޮރަޕްޝަންގެ އަމަލެކެވެ. އެއީ ބޭރު ގައުމަކުން ހިލޭ ދިން އެއްޗެއް ކަމުގައި ވިޔަސް، އެއީ ވެސް އާންމު ދިވެހި ރައްޔިތުންގެ ހައްގެކެވެ. އެހެންވީމާ، ދިވެހި ރައްޔިތުންނަށް ބެހުމަށް، ބޭރު ގައުމަކުން ދީފައި ހުރި ކަދުރުތަކެއް، ވަކި މީހެއްގެ ހެޔޮފުޅުކަމުން ދިވެހި ރައްޔިތުންނަށް ދޭ އެއްޗެއް ކަމަށް ގަބޫލުކުރެވޭ ގޮތަކަށް، އަމިއްލަ މީހެއްގެ އޮފީހަކުން ބަހަމުންދާ ނަމަ، އެއީ މައްސަލައެކެވެ.

ކަދުރުތަކެއް: ސައޫދީން ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް 50 ޓަނު ކަދުރު ހަދިޔާކުރޭ

އަމިއްލަ މީހެއްގެ އޮފީހަކުން ވިޔަސް، ބަހަނީ ދިވެހި ރައްޔިތުންނަކަށް ނޫން ހެއްޔެވެ؟ އަނެއްކާ އެ ކަދުރު ވިއްކަނީކީ ވެސް ނޫނިއްޔާ އެވެ. ހަމަ ހިލޭ ދެނީ އެވެ. އާންމުންނަށް ނުބަހައި އެ މީހަކު އަމިއްލަ އަށް ބޭނުންކުރަނީކީ ވެސް ނޫނިއްޔާ އެވެ. ދިވެހި ރައްޔިތުންނަށް ބަހަން ދީފައި ހުރި އެއްޗެއް، ކޮންމެ ތަނަކުން ވިޔަސް ދިވެހި ރައްޔިތުންނަށް ބަހަމުންދާ އިރު މައްސަލައަކީ ކޮބައި ހެއްޔެވެ؟

ބަޔަކަށް އެ ގޮތަށް ވިސްނުނު ކަމުގައި ވިޔަސް، އެއީ ހަމަ މައްސަލައެކެވެ. ޚިޔާނާތެކެވެ. ކޮރަޕްޝަނަކަށް ނޫނީ ނުވާނެ އެވެ. މިސާލަކަށް، އެ ކަދުރުތައް އާންމުންނަށް ބަހަނީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވޭ ވަރުގެ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ އޮފީހަކުން ކަމުގައިވާ ނަމަ، އެއީ އަދި ވަކިން ބޮޑު ކޮރަޕްޝަނެކެވެ.

ރައީސްގެ އަނބިކަނބަލުން ހިންގަވާ އޮފީހަކީ ދިވެހި ދައުލަތުގެ ތަކެތި ދޫކުރާ ކައުންޓަރު ނުވަތަ ރިސެޕްޝަނެއް ނޫނެވެ. އެކަމަނާ ހިންގަވާ މަދަނީ ޖަމިއްޔާއަކުން ނަމަ، އެ ޖަމިއްޔާގެ ނަމުގައި ދޭން ވާނީ، އެ ޖަމިއްޔާގެ މުދަލާއި ތަކެއްޗެވެ.

މިހާތަނަށް އިވޭ ކަށަވަރުނުވާ އަޑުތައް ބުނާ ގޮތުގައި ސައޫދީން ދިން ކަދުރުތަކުން ބައެއް، އާންމު ރައްޔިތުންނަށް ބަހަމުން ދަނީ، ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ހިންގަވާ އަމިއްލަ އޮފީހަކުންނެވެ. އެހެންކަމުން އެއީ ކުޑަ މައްސަލައެއް ނޫނެވެ. މި ކަމުގައި، ރައީސް ބައިވެރިވެވަޑައި ނުގަތަސް، ގިނަ ބަޔަކު ކުށްވެރިކުރާނީ ރައީސެވެ. އެއީ ރައީސްގެ އަނބިކަނބަލުންނަށް ވީތީ އެވެ. ނަމަވެސް އަނބިކަނބަލުން ބައްސަވާ އެއްޗަކީ ކޮން ގޮތަކުން ލިބުނު އެއްޗެއްތޯ ރައީސް އައްސަވައި އޮޅުން ފިލުއްވާކަށް ނުޖެހޭތާ އެވެ.

އެހެން ވިޔަސް، މިއީ މައްސަލައެކެވެ. ސައޫދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ބަހަން ދީފައި ހުރި ކަދުރުތަކެއް، ބަހަންވާނީ އެ ގޮތުގަ އެވެ. ފަހަރެއްގައި ވެސް ރައީސްގެ އަނބިކަނބަލުންގެ ހެޔޮފުޅުކަން ދެއްކުމަށްޓަކައި އެކަމަނާ ދެއްވާ އެއްޗެއްގެ ގޮތުގައި ބަހައިގެން ނުވާނެ އެވެ. އެކަން އެ ގޮތަށް ހިނގާ ނަމަ، ޚިޔާނަތާއި ކޮރަޕްޝަން ހުއްޓުވަން އުފައްދާފައި ހުރި މުއައްސަސާތަކުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ނަމަވެސް، ނޫސްތަކުގައި ކިތަންމެ ވަރަކަށް އެ ވާހަކަތައް ލިޔުނަސް އަދި ކިތަންމެ ގިނަ ބަޔަކު އެ ވާހަކަ ދެއްކިޔަސް، ކުރީގެ އޮޑިޓަ ޖެނެރަލަށް ވީ ގޮތް އެނގޭތީ، އެންމެ ރަނގަޅު ވާނީ ނުފެންނަ ކަމަށް ހަދައިގެން ތިބިއްޔާތާ އެވެ.

ސައުދީން ހަދިޔާ ކުރި ކަދުރުތައް ރައީސްގެ އަނބިކަނބަލުން ދެއްވާ އެއްޗެއްގެ ގޮތުގައި ބަހާ ނަމަ، އެއީ ސިޔާސީ ގޮތުން އާންމު ރައްޔިތުންގެ މައްޗަށް ހިންގޭ ނުފޫޒެކެވެ. އާންމުންނަށް އެ ވިސްނައިދެވެނީ ރައީސްގެ ދެކަނބަލުންގެ ދީލަތިކަމާއި ހެޔޮފުޅުކަމެވެ. ރިޔާސީ އިންތިހާބުގައި އާންމު މީހާ ވޯޓު ކަރުދާސްކޮޅާ ހަމައަށް ދާއިރު، އެ ކަރުދާސްކޮޅުން އޭނާ އަށް ބޮޑުކޮށް އެ ދައްކައިދެނީ އެމަނިކުފާނުގެ ނަންފުޅެވެ.

ކޮންމެ ނަމެއް ކިޔާ ފައުންޑޭޝަނަކުން ބެހި ކަމުގައި ވިޔަސް، އެކަން އެ ގޮތަށް ހިނގާ ނަމަ، އެއީ ސަދަގާތަކަށް ނުވާނެ އެވެ. އެއީ ވަކި ބަޔަކު ސަދަގާތުގެ ގޮތުގައި ދީފައި ހުރި އެއްޗެއް، އޮޅުވާލައިގެން އެހެން ބައެއްގެ ނަމުގައި ދޭ ދިނުމެކެވެ.

ރައީސްގެ އަނބިކަނބަލުން ހިންގަވާ އޮފީހަކީ ދިވެހި ދައުލަތުގެ ތަކެތި ދޫކުރާ ކައުންޓަރު ނުވަތަ ރިސެޕްޝަނެއް ނޫނެވެ. އެކަމަނާ ހިންގަވާ މަދަނީ ޖަމިއްޔާއަކުން ނަމަ، އެ ޖަމިއްޔާގެ ނަމުގައި ދޭން ވާނީ، އެ ޖަމިއްޔާގެ މުދަލާއި ތަކެއްޗެވެ. އެހެން ގައުމަކުން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ އެއްޗެއް، އެކަމަނާގެ ހެޔޮފުޅުކަމުން ދޭ އެއްޗެއްގެ ގޮތުގައި ބަހައިގެން ނުވާނެ އެވެ.

އެކަމަނާގެ އޮފީހުން މިފަދަ ކަމެއް ކުރިޔަސް އެއީ އެކަމަނާ ކުރެއްވި ކަމަކަށް ކޮންމެހެން ވާކަށް ވެސް ނުޖެހެ އެވެ. އާޚިރުގައި މިކަން ނިމޭ އިރު، މިއީ ވެސް އަދީބު އަޑީގައި ހުންނަވައިގެން ކުރެއްވި ކަމަކަށް ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.