ކޮލަމް ކުލަބަރި: މިހެން ތަރައްގީ ވާން ބޭނުންތަ؟

މީގެ ހަތަރު ވަރަކަށް އަހަރު ކުރި އެވެ. އަވަށްޓެރި ސްރީ ލަންކާގައި ކިޔަވަން އުޅުނު ދުވަސްވަރު އެ ތަނުގެ އިދިކޮޅު ލީޑަރަކާ ދިމާވެ ދެކެވުނު ވާހަކައެކެވެ. އޭނާ އެ ދުވަހު ބުންޏެވެ؛ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ހިންގަމުން ގެންދިޔަ ބޮޑެތި މަޝްރޫއުތައް ކޮންމެވެސް އެއް ދުވަހަކުން އަތަށް ގޮވާނެ އެވެ. މިހާރު ރައްޔިތުން ހެވިފައި ތިއްބަސް އެ ދުވަހަކުން ހިތާމަކުރާނެ އެވެ.


ރާޖަޕަކްސަ އަށް ފަހު ލަންކާގައި މިހާރު އޮތް އާ ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އަދިވެސް އުޅެނީ ހިންދަމާ ނުލެވިގެންނެވެ. ހަގީގީ މައްސަލަތަަކައިގެން އުޅެވޭ ވަރެއް ނޫނެވެ. ރައްޔިތުން ތިބީ ބަނޑަށެވެ. އަގު ބޮޑުކަމުން އެއްޗެއް ގަނެވޭ ވަރެއް ނޫނެވެ. ހިދުމަތްތަކުގެ އަގު ވެސް އިންތިހާ އަށް މައްޗަށް އަރައިފި އެވެ. ގައުމުގެ ހަޒާނާ ހުސްވެ، ސަރުކާރު އޮތީ ހަދާނެ ގޮތެއް ނޭނގޭ ހިސާބުގަ އެވެ.

މި ހާލަތަށް ގައުމު ވައްޓާލެއްވީ ރާޖަޕްކްސަ އެވެ. އިންފްރަސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކެއް ހިންގި އެވެ. މޮޅު ކާރުގައި ހިތްހަމަޖެހިލައިގެން، ދުއްވާލަން ފަސޭހަ ހައިވޭތައް ހެދި އެވެ. އާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ގައުމީ އެއާލައިންގެ ފްލައިޓުތައް މަރުހަބާ ކިޔެވެ. ބަލައިލަން ކިތަންމެހާ ވެސް ރީއްޗެވެ. ރައްޔިތުންނަށް ފަސޭހަ ވެސް ވި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ދިޔައީ ފަނުފުލުންނެވެ. ޗައިނާ އިން އެކި އަދަދުތަކުން ނެގި ލޯނުތައް އެންމެ ފަހުން އައިސް އަރާ ހަމަކުރީ އެވެ.

ދުނިޔެ ބަދަލު ވާ ވަރަކަށް ތަރައްގީގެ ފަލްސަފާތައް ވެސް ބަދަލުވެ އެވެ. ޔޫރަޕް ދުށް ސިނާއީ އިންގިލާބާއި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވެސް ބެލީ ބޮޑެތި ތަންތަން އަޅާށެވެ. އިންފްރަސްޓްރަކްޗާ އާއި ތަރައްގީއާ އޭރު އޮތީ ގުޅިލާމެހިފަ އެވެ. އެއް ވަނަ ދުނިޔޭގެ ގައުމުތަކުން ބޮލާލައި ޖަހާފައިވާ މި ފަލްސަފާ ރާއްޖެ އަށް މި އައީ އަދި ކިރިޔާ އެވެ.

ރާއްޖޭގެ ކަންކަން ވެސް މި ގެންދަނީ އެ މަގުންނެވެ. މަޝްރޫއުތައް އެބަ ހިންގަ އެވެ. ކޮންމެ ކަމެއް ކުރަނީ އެތައް މިލިއަން ރުފިޔާއެއްގެ ލޯނު ނަގައިގެންނެވެ. ސަރުކާރުން އެކަމާ މެދު އިންތިހާ އަށް ފަހުރުވެރިވެ އެވެ. ކަންކަން ކުރާ ތަން ރައްޔިތުންނަށް ދެއްކޭތީ އެވެ. ވައުދު ފުއްދޭކަން ރައްޔިތުންނަށް އިހުސާސް ކުރެވޭނެ ކަމުގެ އުއްމީދު އޮންނާތީ އެވެ. އެއީ ކައިރި މުސްތަގުބަލުގައި ސިޔާސީ ގޮތުން ސަރުކާރަށް އޮތް ޕްލަސް ޕޮއިންޓެކެވެ.

ބޮޑެތި ލޯނުތަކުން ގެންނަ ތަރައްގީގެ ފައިދާ ކޮންމެވެސް ސިފައެއްގައި ރައްޔިތުންނަށް ކުރާނެ އެވެ. ބްރިޖު އެޅުމުން އެތައް ބަޔަކަށް ފަސޭހަ ވާނެ އެވެ. މިއީ ދަތުރުފަތުރުގެ އުދަނގޫ ކަމުން ހުޅުމާލެ އަށް ބަދަލު ނުވެ، އެ ކަމުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް ލިބޭ އުފަލެކެވެ. ޖާގައިގެ ގޮތުން ތަނަވަސް އެއާޕޯޓަކުން އައިސް ގޮސްވާ މީހުންނަށް ހިތްހަމަޖެހުން ލިއްބައި ދޭނެ އެވެ. މަގު ހެދުމުގެ ފައިދާ ވެސް ހަމަ އެ ގޮތަށް އާއްމުންނަށް ކުރާނެ އެވެ.

ލާމު އަތޮޅު ލިންކު ރޯޑު: މަޝްރޫއުތަކުން ރައްޔިތުންނަށް ލިބޭނެ ފަސޭހަތައް ވެސް ގިނަ ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

އެކަމަކު މި ތަރައްގީގެ އަނެއް ފަރާތަށް ވެސް ބަލާލަން ޖެހެ އެވެ. ބްރިޖު އެޅުމާއި އެކަމާ ގުޅިފައިވާ އެހެން ޕްރޮޖެކްޓުތައް ހިންގަން ނަގާ ލޯނުތައް ދައްކަން ރައްޔިތުން ގުރުބާނީތަކެއް ވާން ޖެހޭނެ އެވެ. އެއާޕޯޓު ތަރައްގީ ކުރަން ހޭދަކުރާ ފައިސާ އަނބުރާ ދައްކާނެ ގޮތެއް ވެސް ހޯދަން ޖެހޭނެ އެވެ. އެއާޕޯޓު ހިންގާ ކުންފުންޏަށް އެކަން ވާނެ ކަމަށް ބުންޏަސް އޭގެ ސަބަބުން މުޅި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތަކެއް ވެސް ހުންނާނެ އެވެ.

އެކި ދިމަދިމާ އިން ލޯނުތައް ހޯދަމުން އަންނައިރު ދައުލަތުގެ ދަރަނި މިހާރު ވެސް ހުރީ އާސްމާނުގަ އެވެ. ބޭރުގެ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު މިއިން ޒަމާނަކު ނުދާ ވަރަށް ވަނީ މައްޗަށް ގޮސްފަ އެވެ. ބޮލަކަށް ޖެހޭ ދަރަނީގެ މިންވަރު ހުރީ ފިތްކަނޑައިގެން ދާ ހިސާބުގަ އެވެ. މިއީ އަދި ނިމުމެއް އޮތް ކަމެއް ވެސް ނޫނެވެ. ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެ ވަނީ މިކަމުގެ ނުރައްކާ މުޅި ރާއްޖޭގެ އިގްތިސާދަށް އޮތް ވަރު ކިޔައިދީ، އެކަމުގެ އިންޒާރު ދީފަ އެވެ.

ދަރަންޏަށް ފައިސާ ނަގަނީ ވިސްނުންތެރިކަމާ އެކު ކަމަށް ބުންޏަސް، މިކަން މި ގޮތަށް ކުރިއަށް ދާން ވެއްޖެ ނަމަ، ރާއްޖެ އަށް ވެސް ވާނީ ލަންކާ އަށް ވީވަރެވެ. ލޯނުތައް އަދާނުކުރެވޭ ތާނގައި ހަދާ ތަންތަނުގެ ބޭނުން ކެނޑުން ވެސް އެކަށީގެންވެ އެެވެ. މި ހުރިހާ ކަމެއް ގޮސް ނިމޭނީ ގައުމު ދަރަނިވެރިވާ ހިސާބުންނެވެ. އާހިރުގައި މިކަމުގެ ހިތި ރަހަ ލާނީ ހަމަ އާއްމުންގެ ކަރުބުނޑުގަ އެވެ. ހުރިހާ ތަކުލީފެއް އުުފުލަން ޖެހޭނީ ކުޑަ މުސާރަކޮޅެއް ލިބިގެން، އެކަމަކު ބޮޑު ކުލި ދައްކައިގެން އުޅޭ އާއްމު މީހާ އަށެވެ.

ބްރިޖު އަޅާ ސަރަހައްދު ބަލާލަން ބަޔަކު ސައިކަލުތަކެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ:ނިޝާން އަލީ/ މިހާރު

ދެން އޮތީ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ތަސައްވުރެ އެވެ. މާލެ ސަރައްދު ތަރައްގީކޮށް، މި ތަނަށް އާބާދީގެ ބޮޑު ބައި ޖަމާކުރަން ވިސްނާއިރު، ހަމަ އެ ނޭވާގައި ރާއްޖޭގެ ރަށްރަށް ތަރައްގީކުރާ ވާހަކަ ވެސް ބާރު ލާފައި ދައްކަ އެވެ. ރަށްރަށުގައި ބަނދަރު ހަދާ ވަރުން ހަދަނީ އެވެ. ސްޕޯޓްސް އެރީނާތަކާއި ފުޓްސަލް ދަނޑުތައް ވެސް އަޅަނީ އެވެ. ނުވިތާކަށް ކޮންމެ ދެ ރަށެއްގައި އެއާޕޯޓެއް އަޅާނެ ކަމުގެ ވައުދު ވެސް ވަމުން ދެ އެވެ. މާލެ ސަރަހައްދަށް މުޅި ރާއްޖެ ގެންނަން ވިސްނާ ބަޔަކު މި ގޮތަށް ކަންކަން ކުރުމުން ދެން ވާނީ ގްރީސް އަށް ވީ ގޮތެވެ؛ ވިސްނާލުމެއް ނެތި އޮލިމްޕިކްސް އަށް ހެދި ބިޔަ ސްޓޭޑިއަމްތަކާއި ތަންތަން ވީރާނާވާން ދޫކޮށްލަން ޖެހުމެވެ.

އެކި ދިމަދިމާ އިން ލޯނުތައް ހޯދަމުން އަންނައިރު ދައުލަތުގެ ދަރަނި މިހާރު ވެސް ހުރީ އާސްމާނުގަ އެވެ. ބޭރުގެ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު މިއިން ޒަމާނަކު ނުދާ ވަރަށް ވަނީ މައްޗަށް ގޮސްފަ އެވެ. ބޮލަކަށް ޖެހޭ ދަރަނީގެ މިންވަރު ހުރީ ފިތްކަނޑައިގެން ދާ ހިސާބުގަ އެވެ.

އިގްތިސާދީ ނަޒަރުން ބެލުމާ އެކުއެކީ މި ގެންނަ ތަރައްގީގެ ބޮޑު މަންޒަރަށް ވެސް ބަލާލަން ޖެހެ އެވެ. މިހާރު ވެސް ނޭވާ ނުލެވޭ ވަރަށް ފުރި ބާރުވެފައިވާ މާލޭ ސަރަހައްދަށް މީހުން ގެނެސް ޖަމާކުރުމުން ނުކުންނާނެ އިޖުތިމާއީ މައްސަލަތައް ސިކުނޑި އަށް ގެންނަން ވެސް އުދަނގުލެވެ. އާބާދީ ތޮއްޖެހުމުން ގޭންގް ކުށްތަކާއި ބޮޑެތި ޖަރީމާތައް އިތުރުވުމުގެ ފުުރުސަތު އެބަ އޮތެވެ. އެއާ އެކު، އެހާ ބޮޑު އާބާދީއަކަށް ބޭނުން ވާނެ އެހެން ހިދުމަތްތައް ތަރައްގީ ކުރުމުގެ ވިސްނުން ހުރިތޯ ވެސް ސުވާލު އުފެދެ އެވެ. ސްކޫލުތައް ކޮބައި ހެއްޔެވެ؟ އެ ވަރަށް ހޮސްޕިޓަލުތައް ކޮބައި ހެއްޔެވެ؟ އަލިފާނުގެ ހާދިސާއެއް ކަހަލަ ހިތާމަވެރި ހާދިސާއަކަށް ތައްޔާރު ހެއްޔެވެ؟

ބްރިޖް އަޅަން ގެނައި ހޮޅިތަކެއް ގުޅީފަޅު ފަރުމަތީގައި ބަހައްޓާފައި: ބޮޑު ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް

ދުނިޔެ ބަދަލުވާ ވަރަކަށް ތަރައްގީގެ ފަލްސަފާތައް ވެސް ބަދަލުވެ އެވެ. ޔޫރަޕް ދުށް ސިނާއީ އިންގިލާބާއި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވެސް ބެލީ ބޮޑެތި ތަންތަން އަޅާށެވެ. އިންފްރަސްޓްރަކްޗާ އާއި ތަރައްގީއާ އޭރު އޮތީ ގުޅިލާމެހިފަ އެވެ. އެއް ވަނަ ދުނިޔޭގެ ގައުމުތަކުން ބޮލާލައި ޖަހާފައިވާ މި ފަލްސަފާ ރާއްޖެ އަށް މި އައީ އަދި ކިރިޔާ އެވެ. މި އަށް ހޭނެން ވެސް އަދި ދުވަސްގަނޑެއް ނަގާނެ އެވެ. އެހެންވެ، ވިހި ވަނަ ގަރުނުގައި ތަރައްގީގެ ގޮތުގައި ބަލާ އިންސާނީ ތަރައްގީގެ ރަހަ ދިވެހިންނަށް ފެންނާނެ ދުވަހެއް އަދި ނޭނގެ އެވެ.

އިންސާނީ ތަރައްގީއާ އެކު މާއްދީ ތަރައްގީ ވެސް ބޭނުންވެ އެވެ. އެކަމަކު އެ ތަރައްގީ ގެންނަ ގޮތަށް ފާރަވެރި ވާން ވެސް ޖެހެ އެވެ. ގައުމުގައި އޮތް ތަނެއް ވިއްޔާ މިހާރު ވިއްކާލައިގެން ވެސް ކަމަކުނުދާނެ އެވެ. ތަރައްގީގެ ލަނޑުދަނޑި އޮންނަން ޖެހޭނީ ގައުމުގެ މާލީ ފެންވަރާ ވެސް ގުޅިފަ އެވެ.

ކަންކަމާ މެދު ވިސްނުމަކީ ރައްޔިތުންގެ ވެސް ޒިންމާއެކެވެ. ނުވިސްނޭ ރައްޔިތުންގެ އެ ބަލިފައި ބޭނުންކޮށްގެން އޮޅުވާލައިގެން ވެސް ނުވާނެ އެވެ. ރާއްޖޭގެ އިގުތިސާދާ ނުބައްދަލު ގޮތަކަށް ހޭދަކުރަ ނަމަ އޭގެ ގެއްލުުން ހަގީގަތުގައި ވެސް ކުޑައެއް ނުވާނެ އެވެ.