ކޮލަމް އަސްދަނޑި: ނާޒިމް "ފްރޭމް"ކޮށްފި!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހާމަކުރަން ފުލުހުން އިއްޔެ ރޭ ބޭއްވި ނިއުސް ކޮންފަރެންސް ބަލަން އިނީ ހައިރާންކަމާ އެކުގަ އެވެ. ނިއުސް ކޮންފަރެންސް ނިމުނުއިރު، ސުވާލުގެ އޮއިވަރެއް އުފައްދާލި އެވެ. ނާޒިމަށް ނުހައްގުން އަދަބު ދީފައިވާ ކަމުގެ އިހުސާސްތައް ކުރެވުނެވެ. ތަހުގީގުގެ އެންމެ މުހިންމު ފޮރެންސިކް ބައިގައި އަތް ވެސް ނުލައި، އަވަސް އަރުވާލައިގެން ނާޒިމްގެ މައްޗަށް ހުކުމް ކޮށްފައިވާކަން ވަރަށް ސާފެވެ. ފުލުހުންގެ ނިއުސް ކޮންފަރެންސް ބެލި ކޮންމެ މީހެއްގެ ހިތުގައި ވެސް މި އިހުސާސްތައް އުފެދޭނެކަން ޔަގީނެވެ.


ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުނުއިރު، ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގަ އެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ. އެކަމަކު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައިގަތުމުގެ މަރުހަލާގައި އުޅެނިކޮށް، މި އެނގުނީ ތަހުގީގު އަދި ފުރިހަމަ ވެސް ނުވާ ކަމެވެ.

ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކަމެކެވެ. މިހާތަނަށް ނާޒިމްގެ ވަކީލުން ޝަރީއަތުގެ މަޖިލިސްތަކުގައި ތަކުރާރުކޮށް ދެއްކި ވާހަކަތަކަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ. އެކަމަކު އެ ވާހަކަތަކަށް މާ ބޮޑަށް ރިއާޔަތް ކުރުމެއް ނެތި، ނާޒިމްގެ މައްޗަށް ދައުވާ ކުރަން ފޮނުވައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ޖަހާލީ އެވެ.

ނާޒިމްގެ ކޮޓަރީގައި ހުރި ހަތިޔާރުތަކުން އަދީބުގެ ޑީއެން ފެނުނުއިރު، އުފެދޭ ސުވާލަކީ އެ ޑީއެންއޭ ހޯދަން ފުލުހުން މަސައްކަތް ފެށީ ކޮން އިރަކު ހެއްޔެވެ؟ އަދީބުގެ ޑީއެންއޭ ފެނުނީ ކޮން އިރަކު ހެއްޔެވެ؟ ޑީއެންއޭގެ ރިޕޯޓް ލިބެންދެން މަޑުނުކޮށް، އަވަހަށް ހުކުމްކުރީ ކީއްވެ ހެއްޔެވެ؟

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް: އޭނާގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުގަައި އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ރިޕޯޓުން ދައްކާ ކަމަށް ފުލުހުން ވަނީ ބުނެފައި. ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމްގެ މައްޗަށް ހުކުމްކޮށްފައިވާއިރު، އަދިވެސް އެ ތަހުގީގު ކުރިއަށް ދާތީ، އޭގެ މާނަ އަކީ މައްސަލަ ނުނިމޭ ކަމެވެ. ފުލުހުން ބުނާ ގޮތުގައި ކުރިއަށް ހުރި ތަހުގީގުތަކުގައި އިތުރު މައުލޫމާތުތަކެއް ލިބޭނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދިވެސް ބަލަން ޖެހޭ ބައެއް ޑީއެންއޭ ޕްރޮފައިލްތަކެއް އެބަހުރި ކަމަށް ފުލުހުން ބުނެ އެވެ.

ނާޒިމް ހައްޔަރުކުރި އިރު އޭނާ އަކީ އޭރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ. އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ރައީސް ޔާމީނާ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން އެކެކެވެ. ނާޒިމް ދިރިއުޅުއްވި ގެއަށް ފުލުހުން ވަދެ، ބޮޑު އޮޕަރޭޝަނެއް ހިންގައި އޭނާގެ ކޮޓަރިން ހަތިޔާރުތަކެއް ހޯދިކަމަށް ބުނުމާ އެކު، އޭރު ވެސް އެކަމުގެ ޒިންމާ އެތައް ބަޔަކު އެޅުވީ އަދީބުގެ ބޮލުގަ އެވެ. އެކަމަކު އޭރު އެކަން ތަހުގީގުކުރަން ފުލުހުން ކުރި އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. އަދީބާ ސުވާލެއް ވެސް ނުކުރެ އެވެ. ހަތިޔާރުތަކުން ނާޒިމްގެ ފިންގަޕްރިންޓެއް އަދި ނުވިތާކަށް އޭނާގެ އާއިލާގެ ބޭފުޅެއްގެ ވެސް ފިންގަޕްރިންޓަކާ ދިމަލެއް ނުވެ އެވެ. މިފަދަ ބައިވަރު ސުވާލުތައް ހުއްޓައި، ނާޒިމަށް ހުކުމްކޮށްލީ އެވެ. ފަހަތުން އަންނާނެ އެއްޗަކަށް، ނުވަތަ ފެންނާނެ އެއްޗަކަށް ތަހުގީގީ އިދާރާއިން ވިސްނިހެނެއް ހިއެއް ނުވެ އެވެ.

އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ފަހު އޭނާ ކޯޓުން ނެރެނީ: ނާޒިމް ފްރޭމްކުރީ އަދީބު ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް އަންނަނީ ބުނަމުން. --މިހާރު ފޮޓޯ/މުހައްމަދު ޝަރުހާން

ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި، އޭނާގެ މައްޗަށް އަވަހަށް ދައުވާކޮށް، ހުކުމް ޖަހާލީ ސިޔާސީ ފައިދާއެއް ހޯދުމަށް ކަން ތަމްސީލްވަމުންދާ ގޮތުން އެބަ އެނގެ އެވެ. ނާޒިމްގެ މަގުބޫލުކަން ބޮޑުވުމާއި ސިޔާސީ ގޮތުން އޭނާގެ ކާމިޔާބީތަކަށް ބަލާއިރު، އޭރު ވެސް އެކަން ހަޖަމް ނުކުރެވިގެން ސަރުކާރުގެ ތެރެއިން ބައެއް ބޭފުޅުން ވާހަކަ ދެއްކެވިކަން އެނގެ އެވެ. އެ ވާހަކަތައް ސައިމޭޒުތަކުގައި އޭރު ސަރުކާރުގެ ބައެއް އިސް ވެރިން ދެއްކެވި އެވެ. ދެން ފެނުނީ ނާޒިމްގެ ކޮޓަރިން ހަތިޔާރުތަކެއް ހޯދައި، އޭނާ އަކީ ބޮޑު މުޖުރިމަކަށް ވީ ތަނެވެ.

ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކަމެކެވެ. މިހާތަނަށް ނާޒިމްގެ ވަކީލުން ޝަރީއަތުގެ މަޖިލިސްތަކުގައި ތަކުރާރުކޮށް ދެއްކި ވާހަކަތަކަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ. އެކަމަކު އެ ވާހަކަތަކަށް މާ ބޮޑަށް ރިއާޔަތް ކުރުމެއް ނެތި، ނާޒިމްގެ މައްޗަށް ދައުވާ ކުރަން ފޮނުވައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ޖަހާލީ އެވެ.

ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށް ގެންދާއިރު، އޭނާގެ ކޮޓަރީގައި ފިސްތޯލަ ބޭއްވި މީހާ އަކީ އާސިފް ނަމަކަށް ކިޔާ މީހެއް ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ. މިއީ ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމުގެ ކުރިން ރިއާޔަތްކޮށް، މައުލޫމާތު ސާފުކުރަން ޖެހޭނެ ކަންކަންކަން ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު، ހެއްކެއް ހާޒިރު ނުކުރުމަކީ މަތީ ކޯޓުތަކުގައި އެކަން ނަފީވާން ޖެހޭ ކަމެއް ނޫނެވެ. ދަށު ކޯޓުތަކަށް ހުށަނާޅާ ހެކިތައް މަތީ މަރުހަލާގެ ކޯޓުތަކަށް ބައެއް ހާލަތްތަކުގައި ބަލައިގެންފައިވެ އެވެ. އެހެންވެ ހެކިންގެ ގޮތުގައި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މީހުންނަށް ދައުލަތުން ދެކޮޅު ހަދަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނެ އެވެ. ނާޒިމް ފްރޭމްކޮށްފައި ވުމާއި އަދި އަދީބުގެ ޑީއެންއޭ ހަތިޔާރުތަކުން ފެނިފައިވާތީ، މިހާރު ޖެހެނީ ޝައްކެތް ނެތް މިންވަރަށް ކަންކަން ސާފުކުރާށެވެ.

ފުލުހުން އިއްޔެ ރޭ ބޭއްވި ނިއުސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ނަވާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ނާޒިމްގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށް ފުލުހުން އެއްބަސްވުމުން، ފުލުހުންނަށް އެ އިއުތިރާފްވެވެނީ އޭނާ އަށް ހުކުމްކުރީ ތަހުގީގު އެއްކޮށް ނުނިންމާކަމެވެ. ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި އެހެން ބައެއް ވަކީލުން ވެސް ވިދާޅުވަނީ އެހެންނެވެ. ހާއްސަކޮށް، ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނިފައިވުމުން، ދެން ނާޒިމް ހައްޔަރުކޮށްފައި ބެހެއްޓުމާ މެދު ވެސް ސުވާލު އުފެދެ އެވެ. ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނާ ބުނުމަށް ލިބޭ ހެކިތަކާއި ބާރުތައް ހައްތަހާ ދަނީ ގިނަވަމުންނެވެ.

ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުނުކަން އާންމުންނަށް ހާމަވި ގޮތުގައި ވެސް ހުރީ މައްސަލަތަކެވެ. ފުލުހުންނަށް ވުރެ ކުރިން އެކަން އާންމުކުރީ ނާޒިމްގެ ވަކީލުންގެ ޓީމުންނެވެ. އެ ޓީމަށް ލިބުނު އެ މައުލޫމާތުތައް މީޑިއާއަށް ތިލަކޮށް، އަދީބުގެ ނަން އާންމުކުރީ، ބެލެވޭ ގޮތުގައި އެނޫން އެހެން ގޮތެއް ނެތިގެންނެވެ. އަދީބުގެ ޑީއެންއޭ ފެނިފައިވާކަން ފުލުހުންނަށާއި ޕީޖީއަށް ސާފުކޮށް އެނގޭއިރު ވެސް އެ ވާހަކަތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލިހުގައި ނުދައްކައި "ސިއްރު" ކުރުމުގެ މަގަށް ދާހެން ހީވެގެން، ނާޒިމްގެ ވަކީލުންގެ ޓީމުން، އެ ވާހަކަ "ފަޅާލީ" ކަމަށް ބެލެވެ އެވެ. އޭގެ ނަތީޖާ އަކީ އޭގެ ފަހުން ފުލުހުން ކުއްލި ނިއުސް ކޮންފަރެންސެއް ބާއްވައި، ނާޒިމްގެ ވަކީލުންގެ ޓީމުން ދެއްކި ވާހަކަތައް ކަށަވަރުކޮށްދިނުމެވެ.

ނާޒިމްގެ ގާނޫނީ ޓީމުގެ ފަރާތުން ސުއޫދު (ކ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ބޮޑެތި ކަންތައްތަކެއް ވަނީ ފަޅާއަރުވާލާފައި.--ފޮޓޯ/ނިޝާން އަލީ

ނާޒިމްގެ މައްސަލަ ކުރިއަށް މިދަނީ އާދަޔާ ހިލާފު ގޮތަކަށެވެ. ތަހުގީގު ފުރިހަމަނުވާކަން، ވަރަށް ސާފުކޮށް ފެންނަން އެބަ ހުއްޓެވެ. އެކަމަކު އެ ތަހުގީގު ކުރިއަށް ގެންދަނިކޮށް، ނާޒިމަށް ހުކުމް ކަނޑައަޅައިފި އެވެ. ނާޒިމް ފްރޭމްކޮށްފައިވާ ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭ މީހުންގެ ނަންތައް ޝަރީއަތުގައި ބުނުމުން ވެސް ވީ ކަމެއް ހަމަ ހަރާމެވެ. ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެންނަވަރުވީ، އެހެން މައްސަލަތަކެއްގައި އަދީބަށް ހުކުމް އައިސް ބަންދުވުމުންނެވެ. އޭރު ނާޒިމްގެ ހައްގުތައް ގެއްލި، ބޮޑެތި އަނިޔާތަކަކާ އޭނާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެއީ އިންސާފުތޯ އެވެ؟