ކޮންމެ މުސްލިމަކު ވެސް އެހެން އިންސާނުން ދެކެ ލޯބިވާން ޖެހޭ

އިންސާނުންގެ މެދުގައި އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ޖަޒުބާތު ދެމިއޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެއްވެސް އިންސާނަކަށް އެހެން އިންސާނުންގެ އެހީތެރިކަމާ ނުލައި ދިރިނޫޅެވޭ ހިނދު އެހެން މީހުންނާ އެކު ކުރާ މުޢާމަލާތުތައް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ މިދެންނެވި ޖަޒުބާތު އޮވެގެން ކަމަށްވާތީ އެވެ. އިސްލާމް ދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅިފައިވާ ދީނަކަށް ވާއިރު އިންސާނުންގެ މެދުގައި މި ދެންނެވި ޖަޒުބާތު ދެމިއޮތުމަށް އެހީވެދޭ އެތައް ކަމެއް އެ ދީނުގައި ވެއެވެ.


މިގޮތުން އިސްލާމީ ޢަޤީދާ ނުވަތަ އީމާންތެރިކަމުގެ ސަބަބުން ﷲ އާއި ކައުނުގެ ތަބީއަތާއި ދިރިއުޅުމުގެ ހަޔާތް ފަދަ ކަންކަމަށް ހިތުގައި ލޯބި އުފެދެން ޖެހެއެވެ. ހަމަ އެފަދައިން އިންސާނުންނާއި އެނޫން ވެސް މަޚްލޫގުންނާ މެދުވެސް ލޯބި އުފެދި ލޯބި އާލާކޮށް ތަރައްގީވާން ޖެހެއެވެ. މި ދެންނެވި ލޯބި އުފެދި އާލާވުމުގައި މުއުމިނު އިންސާނަކު ނަމަ އެހެން އިންސާނުން ދެކެ ލޯބިވުން ބިނާވެފައި އޮންނަން ޖެހޭނީ ހަގީގަތުގައި ﷲ ދެކެ އޭނާ ވާ ލޯބީގެ މައްޗަށެވެ.

މި ލޯބި ފުރިހަމަވުމަށްޓަކައި މުސްލިމަކު އެންމެ ލޯބިވާ ފަރާތެއް ކަމުގައި ވާން ޖެހޭނީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ﷲ ފޮނުއްވެވި މާތް ސާހިބާ ކައުއިތުރު ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދެކެ އެވެ. ސަބަބަކީ ތިމާގެ އަމިއްލަ ނަފްސާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެ ވެސް ބޮޑަށް ﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިނުވާނަމަ އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާނެތީ އެވެ.

އިންސާނުން ދެކެ ލޯބިވުމުގައި މުސްލިމަކު ނަމަ ދެން އެންމެ ވަރުގަދަވާން ޖެހޭ ލޯތްބަކީ މައިންބަފައިން ދެކެ ވާ ލޯތްބެވެ. ސަބަބަކީ އީމާންތެރިކަމުގެ ދަށުން މައިންބަފައިންނަށް ކިޔަމަންވުމާއި އެމީހުންނަށް ހެޔޮކޮށް ހިތުމާއި އެ މީހުންނަށް ހެޔޮދުއާ ކޮށްދިނުން ފަދަ ކަންކަން ލާޒިމުވާތީ އެވެ. މިއާ ވިދިގެން ދެން ލޯބިވާން ޖެހޭ ބަޔަކީ އަނބިފިރިންނާއި ދަރިންނެވެ. ސަބަބަކީ ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އެ މީހުންނަށް އަދާކޮށްދޭން ޖެހޭ ހައްގުތައް އަދާކުރުމަށް އީމާންތެރިކަން ލާޒިމު ކުރާތީ އެވެ. މިއިން ލާޒިމުވާ އަނެއް ލޯތްބަކީ ރަހިމުގެ ގުޅުން އޮންނަ ގާތްތިމާގެ އެންމެހާ މީހުން ދެކެ ލޯބި ވުމެވެ.

އަވަށްޓެރިންނާ މެދު ހެޔޮކޮށް ކަންތައް ކުރުން އެއީ އީމާންތެރިކަމާ ގުޅިފައިވާ ކަމެއްކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައިވާތީ އަވަށްޓެރިން ދެކެވެސް މުސްލިމުން ލޯބިވާން ޖެހެއެވެ. މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބަނޑު އެއްބަފާ ކަމާއި ގާތް ގުޅުން ފުރިހަމަ ނުކުރާ ނަމަ އީމާންކަމަށް އުނިކަން ލިބޭނެތީވެ މުސްލިމުން ދެން ލޯބިވާން ޖެހޭ ބަޔަކީ ތިމާއާ ކިތަންމެ ދުރުގައި އުޅުނަސް މުސްލިމުން ކަމުގައި ވާނަމަ އެމީހުން ދެކެ އެވެ. މި ލޯބި ވާން ޖެހޭނީ އެމީހުންނަކީ ހަމަ ތިމާގެ އެއްބަނޑު އެއްބަފާ އަޚުންތަކެއް ފަދައިންނެވެ.

އިންސާނުން ދެކެ ވާންޖެހޭ ލޯބި މިހިސާބުން ވެސް ނުނިމެ އެވެ. ސަބަބަކީ، ކީރިތި ޤުރުއާނުގެ އައްނިސާއު ސޫރަތުގެ ފުރަތަމަ އާޔަތުގައި ރަހިމުގެ ގުޅުން ދަމަހައްޓަން އަންގަވާފައިވާ އިރު އެތަނުގައި އެބަޔާންކުރާ ގުޅުމުގައި ހިމެނެނީ ހަމައެކަނި ގާތްތިމާގެ މީހުން ނޫންކަމަށާއި އޭގައި މުޅި އިންސާނިއްޔަތު އެއްކޮށް ޝާމިލުވާ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ އިންސާނެއްގެ ހައިސިއްޔަތުން ހަމަ ކޮންމެ އިންސާނަކު ދެކެވެސް ލޯބިވާންޖެހޭތީ އެވެ. އެއީ އެ އާޔަތް ފެށޭއިރު މުޚާތަބު ކުރެވިފައިވަނީ މުޅި އިންސާނިއްޔަތަށް ކަމަށްވާތީ އެވެ.

ވީމާ މުއުމިނު އިންސާނަކު ނަމަ ހަމަ ކޮންމެ އިންސާނެއް ދެކެ ވެސް އާންމު އުސޫލެއްގެ ގޮތުން ލޯބިވާން ޖެހެއެވެ. އެހެންނަމަވެސް މުޅި އިންސާނިއްޔަތުގެ ވެސް އަދުއްވު ކަމުގައިވާ ޝައިތާނާ އާ އަދާވަތްތެރިވާން ޖެހޭ ފަދައިން އިންސާނުންގެ ތެރެއިން ވެސް ޝައިތާނާގެ ދައުރު އަދާކުރާ މީހުން ދެކެ މުއުމިނަކު ނަމަ ލޯބިވެގެން ނުވާނެ އެވެ. އިންސާނުން ދެކެ ވާ ލޯބީގައި އޮތް ހަމައެކަނި އިސްތިސްނާ އަކީ މިއެވެ.

މި ބަޔާންކުރި ތަރުތީބުން އިންސާނުން ދެކެ ލޯބިވާން އިސްލާމް ދީން ބާރުއަޅާކަން އެނގިގެން ދަނީ މިކަމަށް ބާރުލިބޭ އެތައް ސިފަތަކެއް މުއުމިނު އިންސާނާގެ ކިބައިގައި އަށަގަންނުވަން ދީނުގައި ރޭވިފައި ވާތީ އެވެ. ވަކިން ޚާއްޞަ ގޮތެއްގައި އީމާންތެރިކަމުގެ ދަށުން ކޮންމެ މުއުމިނަކު ވެސް ގަބޫލުކުރަންޖެހޭ ކަންތައްތަކެއްގެ ސަބަބުންނެވެ. މިގޮތުން ގަބޫލުކުރަން ޖެހޭ އެއް ކަމަކީ، ހަސަބާއި ނަސަބާއި ގައިގެ ކުލަ އާއި ވާހަކަދައްކާ ބަހާއި މިފަދަ އެއްވެސް ކަމަކީ އިންސާނާ އަށް މަތިވެރިކަމެއް ގެނެސްދޭ ކަމެއް ނޫންކަމެވެ.

އެހެންވެ މިފަދަ އެއްވެސް ކަމަކަށް ނުބަލައި ހުރިހާ އިންސާނުންނަކީ ވެސް ބިމުގެ އަސްލުން އުފެދިފައިވާ އާދަމުގެ ދަރިން ކަން މުސްލިމް އިންސާނާ ދަންނަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އިންސާނަކީ ވެސް އޭނާގެ އަޚެއް ކަމުގައި ބަލަން ޖެހެ އެވެ. މި ސަބަބަށްޓަކައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވެސް ނަމާދުގެ ފަހުން ކުރައްވާ ޒިކުރުތަކުގައި އެންމެހާ އަޅުންނަކީ އަޚުންތަކެއް ކަމަށް ހެކިވެ ވަޑައިގަންނަވާކަން ފާހަގަ ކުރައްވަ އެވެ.

އިސްލާމް ދީން ބާރުއަޅާ ކަންކަމުގެ ތެރޭގައި އިންސާނާގެ ހިތުން ހަސަދަވެރިކަމާއި ރުޅިވެރިކަން ނައްތާލުން ހިމެނެ އެވެ. މިގޮތުން މުއުމިނުން ދުޢާ ކުރުމުގައި ވެސް ވޭތުވެދިޔަ ސާލިހު މީސްތަކުންނާ މެދު ރުޅިވެރިކަމެއް ނުވަތަ ހަސަދަވެރިކަމެއް ނުލެއްވުމަށް އެދި ދުއާ ކުރަން ޖެހެއެވެ. (އަލްޙަޝްރު 10). އެކަކު އަނެކަކަށް ހަސަދަވެރި ނުވުމަށާއި ރުޅިވެރި ނުވުމަށާއި ދެކޮޅުވެރި ނުވުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ވަސިއްޔަތް ކުރައްވާފައިވެ އެވެ. (މުސްލިމް).

އަދި އެކަލޭގެފާނު ސިފަކުރައްވާ ގޮތުގައި ހަސަދައަކީ އުންމަތްތަކުގެ ބަލިމަޑުކަމެވެ. ދެކޮޅުވެރިކަމާއި ރުޅިވެރިކަމާއި ތަޅާފޮޅުމާއި ގަތުލުކުރުން ފަދަ ކަންކަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ހަސަދައެވެ. މިގޮތުން ޝައިތާނާގެ އަދާވާތްތެރިކަމަކީ ހަސަދައާ ގުޅިފައިވާ އަދާވާތްތެރި ކަމެކެވެ. އާދަމުގެފާނުގެ ދެ ދަރިކަލުންގެ މެދުގައި ހިނގި ގަތުލުގެ ހާދިސާ އަކީ ވެސް ހަސަދައާ ގުޅިފައިވާ ކަމެކެވެ. އެހެންވެ މުއުމިނަކު ނަމަ އެކަމުން ދުރުހެލިވާން މަސައްކަތް ކުރަން ޖެހެއެވެ. ހަސަދައަކީ ﷲގެ މިންވަރުފުޅަށް އީމާންވުން ނަފީކުރާ ކަމެއްކަން ވެސް މުއުމިނަކު ނަމަ ދަންނަން ޖެހެއެވެ.

މުއުމިނަކު އިންސާނުން ދެކެ ލޯބިވުން ވަރުގަދަކޮށްދޭ އަނެއް ސަބަބަކީ ރުޅިވެރިކަމާއި ނަފުރަތްތެރި ކަމަކީ އީމާންކަން އުނިކުރާ ކަމެއް ކަމުގައި އިސްލާމް ދީން ކަނޑައަޅާފައި ވުމެވެ. ބަދަލު ހިފުމުގެ ގާބިލުކަން ލިބިގެންވާ ހާލުވެސް ޢަފޫ ކުރާ މީހާ އެއީ ﷲގެ ހަޒްރަތުގައި މަތިވެރިވެގެންވާ މީހެކެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެހެންމީހުން އިސް ކުރުން ނުވަތަ އީޘާރުގެ ސިފައަކީ ވެސް އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާ ސިފައެކެވެ.

މިއީ އެހެން މީހުން ދެކެ ލޯބިވާކަން ވަރަށް ވަރުގަދައަށް ކަށަވަރު ކުރެވޭ ސިފައެކެވެ. މައްކާ އިން މަދީނާ އަށް ހިޖުރަ ކުރި މުސްލިމުންނާ މެދު މަދީނާގެ މުސްލިމުންގެ ކިބައިން އީޘާރުގެ ސިފަ ވަރަށް މަތީ ދަރަޖައަކަށް ފެނިގެން ދިޔަ އެވެ. ކީރިތި ޤުރުއާނުގައި މިކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައިވެ އެވެ. ހަމައެފަދައިން ނަފުރަތުގެ ސިފަ މުސްލިމުންގެ ހިތްތަކުން ދުރުހެލިކުރަން ޖެހެ އެވެ. ނަފްރަތާއި ރުޅިވެރިކަމާއި ބިރުފަދަ އިހުސާސްތަކުގެ ބޭނުން މުއުމިނަކު ހިފަން ޖެހޭނީ ހަމައެކަނި ﷲއަށްޓަކަ އެވެ. އެހެނީ މުސްލިމަކު ނަމަ އޭނާ އެހެން އިންސާނުން ދެކެ ލޯބިވަނީ ﷲ އަށްޓަކައި ކަމަށްވާއިރު އެކަލާނގެއަށްޓަކައި އޭނާ ރުޅިވެސް އަންނަން ނުވަތަ ނަފުރަތުވެސް ކުރަން ޖެހޭނެތީ އެވެ.

މައާފު ކުރުމުގެ ރީތި ސިފައަކީ ވެސް އިސްލާމް ދީން ބާރުއަޅާ ސިފައެކެވެ. މިގޮތުން މުއުމިނު އިންސާނާ އާންމުކޮށް އެންމެހާ އިންސާނުންނަށް މައާފު ކުރަން ޖެހެއެވެ. އީމާންކަމާއި ފިކުރުގެ ގޮތުން ތަފާތުވާ މީހުންނާ ހަމަ އަށް ވެސް މި މައާފު ކުރުން ފޯރަން ޖެހެ އެވެ. މިގޮތުން އެފަދަ މީހުންނަށް ހިދާޔަތު ދެއްވުމަށް އެދި ދުއާކުރަން ޖެހެއެވެ.

މިފަދަ އެތައް ސިފަތަކެއް އިންސާނާގެ ކިބައިގައި އަށަގެންނެވުމަށް އިސްލާމް ދީން ބާރުއަޅާތީވެ މިކަންކަން ވެގެންދަނީ އިންސާނުން ދެކެ ލޯބިވުމަށް ބާރު ލިބޭ އަދި އެލޯބި ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ކަންތައްތަކެއް ކަމުގަ އެވެ. މީގެ އިތުރުން މީސްތަކުން ދެކެ ލޯބި ނުވާނަމަ އެއީ އީމާންކަން ފުރިހަމަ ނުވާ ކަމެއްކަމާއި އަދި އީމާންކަން ފުރިހަމަ ނުވާނަމަ ސުވަރުގެ އަށް ނުވަދެވޭނެކަން މުއުމިނު އިންސާނާ ދަންނާތީވެ މިލޯބި ވަކިން ބޮޑަށް އިތުރު ވެގެން ދެއެވެ.

މިގޮތަށް އެހެން އިންސާނުންނާ މެދު ވަރުގަދަވާ މި ލޯބި މިއީ އިންސާނާގެ ދިރިއުޅުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެއީ އިންސާނާ އަށް ބާއްޖަވެރިކަން ގެނެސްދޭތީ އެވެ. އަދި މިލޯބި ވަރުގަދަވާ މިންވަރަކުން ދުނިޔެ އާއި އާޚިރަތް ބާއްޖަވެރި ކުރުމުގައި ކާމިޔާބު އިތުރު ވެގެންދާތީ އެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް، ކުރިން އިޝާރާތް ކުރެވުނު ތަރުތީބުން، އެހެން މީހުން ދެކެ ލޯބިވާން ޖެހެއެވެ. އަދި މި ލޯބި ދަމަހައްޓަން ޖެހެ އެވެ.