ވިސްނާ! ޖަވާބުދާރީވުމެއް ނެތް

ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންނަކީ ވެރިންނެއް ނޫނެވެ. ޚާދިމުންނެވެ. ރާއްޖޭގައި މިކަން ދަންނަ ބަޔަކު އުޅޭހެނެއް ހިއެއް ނުވެ އެވެ. ހުރިހާ ބާރުތަކެއް ރައްޔިތުންގެ ކިބައިން ފެށިގެން އައިސް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައޭ ބުނާ އިބާރާތެއް ގާނޫނުއަސާސީގައި ލިޔެލާފައި އޮންނަ ކަމެވެ. ހަގީގީ ބާރުވެރިންނަކީ ބޮޑުންނެވެ. އެ މީހުން ހިތުހުރި ގޮތަކަށް ކަންތައް ކޮށް ނިންމާލާ އިރު ޖަވާބުދާރީވާން ޖެހޭނެ ގޮތެއް ވެސް ނޯވެ އެވެ.


މިސާލެއް ނަގާ ނަމަ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ފަހުން ކަންތައް ވެގެން ދިޔަ ގޮތަކީ ޑިމޮކްރެޓިކް ނިޒާމެއް އޮތް ތަނެކޭ ކިޔާ ގައުމެއްގައި ލަދުވެތިވާ ވަރު ކަމެކެވެ. ގެދޮރުގެ އުއްމީދުގައި އެތައް ހާސް ބަޔަކު ތިބޭތާ އަހަރުތަކެއް ވެފައި ހުއްޓާ އެންމެ ފަހުން ބަޔަކަށް ފްލެޓް ދިން އިރު ބޮޑެތި ޝައްކުތައް އުފެދޭ ގޮތަށް ކަންކަން ނިންމާލިޔަސް ކުރެވުނު ކަމެއް ނެތެވެ. ސިއްރުވެރި ގޮތަކަށް ފްލެޓްތަކެއް ދިނީމާ ބޮޑެތި ޝަކުވާތަކާ އެކު ކޮރަޕްޝަންގެ ތުހުމަތު އާއްމުން ކުރި އެވެ. އެކަމަކު އެ ފްލެޓްތަކުގެ ތަޅުދަނޑި ލިބުނު މީހުން އެ ތަންތަނަށް ވަދެ ބައެއް ތަންތަން ބޮޑެތި އަގުތަކަށް ކުއްޔަށް ދިން އިރު ވެސް، މައްސަލަ ބަލަން ޖެހޭ "މިނިވަން" މުއައްސަސާ އަދިވެސް އުޅެނީ ތަހުގީގުކުރުމުގަ އެވެ.

ސަރުކާރުން ހުޅުވި ރޮހިންޖާ ފަންޑަށް ލިބުނު 18 މިލިއަން ރުފިޔާ ހަވާލު ނުކޮށް އެތައް މަސް ދުވަހެއް ލަސްކުރި މައްސަލައިގައި ވެސް "ކުށްވެރިވީ" އެ ކަން ހާމަކުރި ނޫސްވެރިންނެވެ. ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތަކާއި ވެރިންގެ އެއްވެސް އިހުމާލެއް ނުވަތަ ޒިންމާއެއް ވެސް އެ ކަމުގައި އޮތް ކަމަކަށް ނުވި އެވެ. އެންމެ ކުޑަމިނުން، އެކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަން މީޑިއާ އިން ކުރި މަސައްކަތަށް އެއްބާރުލުން ނުދީ އެތައް ދުވަހެއް ވަންދެން ތިބުމަކީ ވެސް މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރި އެވެ.

ރައްޔިތުންގެ އިތުބާރު ހޯދުމުގެ ބޭނުމުގައި ޑިމޮކްރެޓިކް ގައުމުތަކުން ކަންކަން އިންތިޒާމުކޮށް ތަންފީޒުކުރަނީ ދެފުށް ފެންނަ ގޮތަށެވެ. އާއްމުންނަށް އަންގާލުމެއް، މަޝްވަރާކުރުމެއް ނެތި އަޑިއަޑިން ކަންތައް ކޮށް ނިންމާލަނީއެއް ނޫނެވެ. ގޯހެއް ހިނގައިފިއްޔާ ނުވަތަ ނުކިއްސަރު ކަމެއްގެ ތުހުމަތު އަމާޒުވީމާ ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތައް ބޮޑާވެގަންނަނީއެއް ވެސް ނޫނެވެ. ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެ ކަމަކަށް އަޅާލުންދެނީ އެވެ. މައާފަށް އެދި، ފިޔަވަޅު އަޅަން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅައި، ދެން އެފަދަ ކަމެއް ނުހިނގާނެކަން އާއްމުންނަށް ކަށަވަރުކޮށްދެނީ އެވެ.

ސަރުކާރުގެ އޮފިޝަލަކު ނުވަތަ އިންތިޚާބީ މަގާމެއްގައި ހުންނަ މީހަކު ތުހުމަތެއްގެ އަމާޒަކަށްވާ ހިސާބުން އޭނާ އަށް ރައްޔިތުންގެ އިތުބާރު ގެއްލުނީ ކަމަށް ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އާއްމުކޮށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެ ހިސާބުން، މުއައްސަސާތަކާއި އެ މީހަކާ އެކުގައި މަސައްކަތްކުރާ މީހުން އޭނާ ދިފާއުކުރަނީއެއް ނޫނެވެ. އެ މީހުން ވެސް ރައްޔިތުންގެ އިހުސާސްތައް ބަލައިގަންނަނީ އެވެ. ނަތީޖާއަކަށް ވަނީ ފާޑުކިޔުން އަމާޒުވާ މީހާ އިސްތިއުފާދިނުމެވެ. ނުވަތަ ޖަވާބުދާރީކުރަން އޮންނަ ނިޒާމުގެ ތެރެއިން އޭނާ މަގާމުން ބޭރުކުރުމެވެ. މިއީ ކޮންމެހެން ޖިނާއީ ކުށެއް ސާބިތުވުން ލާޒިމްވާ ގޮތަށް އޮންނަ ކަމެއް ނޫނެވެ.

މީޑިއާ އިން މައްސަލައެއް ފެންމަތިކޮށްފިއްޔާ ނުވަތަ ގޯހެއް ހިނގައިފިއޭ ރައްޔިތުން ބުނެފިއްޔާ އެ ކަމަކަށް ޖަވާބުދާރީވުމަކީ ޑިމޮކްރެސީގެ ރީތި ސިފަ އެވެ. ޖަވާބުދާރީވުމުގެ މާނައަކީ ހެޔޮ ވެރިކަމުގެ ނަމޫނާ ދައްކައި ރައްޔިތުން ބަލައިގަންނަ މިންވަރަށް އެ ކަމަކާ އަޅާލުމެވެ. މިނިވަން ތަހުގީގުތައް ހިންގައި ފިޔަވަޅުތައް އަޅާ ތަން އާއްމުންނަށް ދެއްކުމެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މިފަދަ ކަންކަން ހިނގަނީ ހަމައެކަނި އެ ވަގުތަކު ބާރު އޮންނަ ބަޔަކު، އެ މީހުންނާ އިދިކޮޅު ފަރާތްތަކާ މެދު އަމަލުކުރަން އޮންނަ އުސޫލަކުންނެއް ނޫނެވެ. ކޮންމެ މީހަކު ނުވަތަ ކޮންމެ ބަޔަކު ކުރިޔަސް، ގޯހެއް ވާނީ ގޯހަކަށް ކަން ހަމަ އާއި އިންސާފުން ގަބޫލުކުރާ އުސޫލަކުންނެވެ. އެ އުސޫލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާނެކަން ކަށަވަރުވަނީ ހަމަހަމަކަން ގާއިމްވެފައި އޮންނަ ނިޒާމެއްގެ ތެރެއިންނެވެ. މީގެ ކިތަންމެ ނަމޫނާއެއް ދުނިޔޭގެ ޑިމޮކްރެސީތަކުން ނެގިދާނެ އެވެ. މުއައްސަސާތަކާއި ވަކިވަކި މީހުންނަށް ބެލިޔަސް މެ އެވެ.

ބަރުލަމާނީ ނިޒާމެއް އޮންނަ މޮރިޝަސްއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއް ސަފެއްގައި، ފުރިހަމަ ޑިމޮކްރެސީއެއްގެ ގޮތުގައި ދަރަޖަކުރެވިފައިވާ ގައުމެކެވެ. ރާއްޖެއާ އެއްކަހަލަ ޗާލު ގޮނޑުދޮށްތަކާއި ފަރުތައް ހުރި އަދި ރާއްޖެއާ ދާދި އެކުއެކީގައި އިނގިރޭސީންގެ ކިބައިން މިނިވަންވި، އިންޑިއާ ކަނޑުގެ މި ޖަޒީރާ ގައުމުން ވެސް ފަހުގެ ނަމޫނާއެއް ނެގިދާނެ އެވެ.

ކްރެޑިޓް ކާޑަކުން ޚަރަދުކުރެއްވި މައްސަލައެއްގައި މޮރިޝަސްގެ ރައީސް އަމީނާ ގުރިބް-ފާކިމް ދާދި ފަހުން އިސްތިއުފާދެއްވީ އޭނާ މަގާމުން ބޭރުކޮށްލަން ވެރިކަންކުރާ ކޯލިޝަނުން މަސައްކަތް ފެށުމާ ގުޅިގެންނެވެ. ގާނޫނު ހަދާ މަޖިލީހުގައި އޭނާ އެ މަގާމަށް އިންތިޚާބުކުރީ ވެސް އެ ކޯލިޝަނުންނެވެ.

ގޯހެއް ހެއްދެވުނު ކަމަކަށް އަމީނާ ގުރިބް-ފާކިމް ގަބޫލުފުޅެއް ނުކުރައްވަ އެވެ. ނޫހަކުން ފަޅާއަރުވާލި މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ އަގުބޮޑު ގަހަނާ އާއި އަންނައުނު ބައްލަވައިގަންނަވަން ޗެރިޓީ ޖަމާއަތެއްގެ ކްރެޑިޓް ކާޑު ބޭނުންކުރެއްވުނީ އޮޅުމަކުން ކަމަށެވެ. އެކަމަކު އާއްމުންގެ ފާޑުކިޔުންތަކާއި އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދާން ކެބިނެޓާއި ބޮޑުވަޒީރު ނިންމެވި ނިންމެވުމާ އެކު، މޮރިޝަސް އާއި އެފްރިކާގެ ވެސް ފުރަތަމަ އަންހެން ރައީސަށް ޖެހިވަޑައިގަތީ ގޮތް ދޫކުރައްވާށެވެ. ފަހު ވަގުތު ވެސް ގުރިބް-ފާކިމް ވިދާޅުވީ އޭނާގެ ކުށެއް ނޯންނާނެ ކަމަށެވެ. އެކަމަކު ވެސް ރައްޔިތުންނާއި އަމިއްލަފުޅު ޕާޓީގެ ތެރެއިން ކުރިމަތިވަޑައިގެންނެވި ޕްރެޝަރަށް ބޯލެންބެވި އެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ އަށް ވިޔަސް މޮރިޝަސްގައި ރައީސްކަން ބެލެވެނީ ރަމްޒީ މަގާމެއްގެ ގޮތުގަ އެވެ. ވެރިކަން ހިންގުމުގެ ބާރުތައް އޮންނަނީ ސަރުކާރުގެ ވެރިޔާ ބޮޑުވަޒީރަށެވެ. އެކަމަކު، ހެޔޮ ވެރިކަންކުރުމުގައި އެފްރިކާގެ އެއްވަނަ ގައުމުގެ ޝަރަފް ލިބިފައިވާ މޮރިޝަސްގައި ތުހުމަތަކާ ގުޅިގެން މި ފަހުން އިސްތިއުފާ ދެއްވި ހަމައެކަނި ބޭފުޅަކީ ގުރިބް-ފާކިމްއެއް ނޫނެވެ. ކޮރަޕްޝަންގެ ތުހުމަތުތަކާއި ބޭއަދަބީ ވާހަކަ ދެއްކެވުމުގެ ބަދުނާމުގައި އެ ގައުމުގެ އެހެން ބައެއް އިސް އޮފިޝަލުން ވެސް މަގާމް ދޫކޮށްލައްވާފައިވެ އެވެ. ބޮޑުވަޒީރުގެ ނާއިބަކަށް ހުންނެވި ސޫދުން މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާދެއްވީ ނަސްލީ ރުޅިވެރިކަމަށް ހިތްވަރު ދޭ ފަދަ ވާހަކަތަކެއް އޭނާ ދައްކަވާފައިވާ ކަމަށް މާނަކުރެވޭ ވީޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ. އަދި އެޓާނީ ޖެނެރަލް ރަވީ ޔެރިގަޑޫ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވުނު މަނީ ލޯންޑްރިންގެ ތުހުމަތު ދޮގުކުރައްވަމުންނެވެ.

ރާއްޖޭގައި މި ގޮތެއް ނޯވެ އެވެ. ޑިމޮކްރެސީއެކޭ ކިޔާ އިރު ވެސް، ބޮޑުން ހިތުހުރި ގޮތަކަށް ކަން ކޮށްފައި ހަމަޖެހިލައިގެން ތިބެނީ އެވެ. ކޮންމެ ފަދަ ކަމެއް ކުރިޔަސް، ކިތަންމެ ސީރިއަސް މައްސަލައެއް ފެންމަތިވިޔަސް، ކިތަންމެ ބޮޑު ތުހުމަތެއް ބޮލުގައި އެޅުނަސް ވަރިހަމަ އެވެ. ދައުލަތުގެ އިސް މަގާމުތައް ފުރާ މީހުންނާއި އެކި ފެންވަރުގެ ސިޔާސީ މީހުންނެވެ. ކަމަކާ މެދު ހިތާމަކޮށް، މައާފަށް އެދި، ލަދުވެތިވެ އިސްތިއުފާދިން އެކަކު ވެސް ނެތެވެ. ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން ތިބޭ ބަޔަކު ރައްޔިތުންގެ ފާޑުކިޔުންތަކަށް ޖަވާބުދާރީވުމަކީ "ރޭރުވުން" (ޖަވާބުދާރީވުމާ ބެހޭ ގޮތުން ދާދި ފަހުން ވަޒީރަކު ވިދާޅުވި އެއްޗެއް) ކަމަށް ދެކެންޏާ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

އަޑި ނޭނގޭ ގޮތަށް ދިން ފްލެޓްތަކަށް ފަހު ބޯހިޔާވަހިކަމުގެ އާ ބުރެއް އިއުލާންކުރި އިރު ވެސް ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ. އެއިން ކަމަކާ ސުވާލެއް ކޮށްލުމުގެ ފުރުސަތެއް ނުދީ ނޫސްވެރިންގެ ބައްދަލުވުން ވެސް ނިންމާލީ އެވެ. މި ދައްކަނީ ހަމަހަމަކަމާ އެކު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހައްގެއްގެ ވާހަކަ އެވެ. ރޮހިންޖާ ފަންޑުގެ 11 މިލިއަން ރުފިޔާގެ މައްސަލައަކީ ވެސް އެތައް ދިވެހި ރައްޔިތުންނާއި ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ އިންސާނުންގެ ހައްގު އޮތް މައްސަލައެކެވެ. މީޑިއާ އިން ފަޅާއަރުވާލާ އިރަށް ވަގުތުން ކޮށްލެވުނު ކަމެއް އެތައް މަހެއް ވަންދެން ނުވެ އޮތީ ކީއްވެގެންކަން، ގަބޫލުކުރެވޭ މިންވަރަކަށް ސާފުކޮށެއް ނުދެވެ އެވެ.

ގޯސްކޮށް ކަމެއް ހިނގިޔަ ނުދޭން ހާމަކަން ގެންގުޅެން ޖެހޭނެ އެވެ. ގޯހެއް ހިނގައިފިއްޔާ ޖަވާބުދާރީވެ ޒިންމާ އުފުލަން ޖެހޭނެ އެވެ. މިއީ ހަގީގީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އާއްމުކޮށް ކަން ހިނގާ އުސޫލު ކަމަށް ވިޔަސް ރާއްޖޭގައި މި އޮތީ އޭގެ ދިމާ އިދިކޮޅެވެ.