އޮޅުންބޮޅުން: ކަރަޕްޝަން ހުއްޓުވުން

ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބައެއް އިސް ބޭފުޅުން، ކަރަޕްޝަން ހުއްޓުވަން ގޮވާލެއްވުމާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހެ އެވެ. ރާއްޖޭގައި ކަރަޕްޝަން އޮންނަ ކަމަށް ޤަބޫލު ކުރައްވާތީވެ އެވެ. ކަރަޕްޝަނަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީވެ އެވެ. ކަރަޕްޝަން ފެތުރިގެން ދާނެ ގޮތް ކުޑަކުރުމަށްޓަކައި ވިސްނާ ފިކުރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވާތީވެ އެވެ. ކަރަޕްޝަން މުޅިން ނައްތައި ނުލެވޭނެ ކަމަށް ނުސީދާކޮށް އެއްބަސްވެވަޑައިގަންނަވާތީވެ އެވެ. އެއްގޮތަކަށް ވެސް ކަރަޕްޝަން ނުއޮންނަ ކަމަށް ބުނާ ގައުމުތަކުގައި ވެސް ކޮންމެވެސް ވަރަކަށް، ކޮންމެވެސް ހިސާބެއްގައި ކުޑަކޮށް ނަމަވެސް ކަރަޕްޝަން އޮވެދާނެ ކަމަށް މިފަދަ ކަންތައްތައް ދިރާސާ ކުރައްވާ، ވިސްނަވާ، ލިއުއްވާ ބައެއް މާހިރުން ވިދާޅުވެ އެވެ. އެއީ ރަނގަޅު ވާހަކައަކަށް ވެދާނެ ކަމަށް ބެލެވެނީ އެފަދަ ގައުމުތަކުން ވެސް ދޭތެރެއަކުން ކަރަޕްޝަނުގެ ހީނުކުރާ ކަހަލަ މައްސަލަތައް ތިލަވަމުން އަންނާތީވެ އެވެ.


ކަރަޕްޝަން ހުއްޓުވުމާ ބެހޭ ގޮތުން ސަރުކާރުގެ އިސް ބޭފުޅުން ތަފާތު ތަންތާ ގައި ވަރަށް ވާހަކަ ދައްކަވައެވެ. އެ ގޮތަށް ވާހަކަ ދައްކަވާ ބޭފުޅުންގެ ވާހަކަ އިން ހީކުރެވެނީ ކަރަޕްޝަންގެ ކަންތައް އެންމެ ބޮޑަށް އޮންނަނީ އާދައިގެ ރައްޔިތުންގެ ތެރޭގައި ހެންނެވެ. ބާރު ފޯރާ ހިސާބުގައި ހުންނަ މީހެއްގެ އެހީއާ ނުލައި ކަރަޕްޝަންގެ އަމަލެއް ހިންގޭނެ ހެނެއް ހީއެއް ނުވެ އެވެ. އާދައިގެ ރައްޔިތުންނަށް އާދައިގެ ގޮތުގައި ކުރެވޭ މުއާމަލާތްތަކުގައި ކަރަޕްޝަންގެ އަމަލެއް ހިންގުމަށް ވުރެ ބޮޑަށް ފުރުސުތު އޮންނާނީ ނާޖާއިޒް ގޮތުގައި ފައިދާއެއް ނެގުމަށެވެ. މަކަރާއި ހީލަތް ހެދުން ކަހަލަ ކަންތަކެވެ. އެއްބަސް ވަމެވެ. އެފަދަ އަމަލުތައް ވެސް ކަރަޕްޝަނުގެ އަމަލުތަކުގެ ގިންތީގައި ގުނެވިދާނެ ފަހަރު ފަހަރު އަތުވެދާނެ އެވެ.

މިހާރު ވެސް ސަރުކާރުގެ ބައެއް މުއައްސަސާތަކުން ކަރަޕްޝަން ހުއްޓުވުމަށް ވަރަށް މުހިއްމު މަސައްކަތްތައް ކުރަމުން އެބަ ގެންދެ އެވެ. ނަޒާޙަތްތެރިކަމުގެ ސޮއި ހޯދުން ފަދަ މަސައްކަތެވެ. އެ ސޮއި ކުރާ މުއައްސަސާތަކުގެ މުއައްޒަފުން ކަރަޕްޝަނާ ގުޅުން ހުރި ކުޑަ ވެސް މަސައްކަތެއްގައި ބައިވެރި ނުވާނެ ކަން ޔަގީނެވެ. ރާއްޖޭގައި ކަރަޕްޝަން ހުއްޓުވުމަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަތުން ނަޒާޙަތްތެރިކަމުގެ ބޮޑު ސޮއި ހޯދަންވީ އެވެ. މި ސޮއި ކުރާ އާ ތަންތަނުގެ ވާހަކަ ސަރުކާރުން ކުރާ ކަންތައްތައް ހާމަކޮށް ޚަބަރު ފަތުރުވާދޭ ތަން ތަނުން ޚަބަރެއްގެ ގޮތުގައި ފޮނުވާ ތަން ނުފެންނަތާ ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ކަރަޕްޝަން އެންމެ ހަލުއިކޮށް އެންމެ ޚަރަދު ކުޑަ ގޮތަކަށް ހުއްޓުވޭނީ މި ކަހަލަ ސޮއި ހޯދައިގެންނެވެ. މާތް ﷲ ގަންދީ ހުވާ ކުރުން ލާޒިމް ކުރުވައިގެން މަސައްކަތާ ހަވާލުވާ ފަރާތްތަކުން ވެސް އެ ހުވާކޮށްގެން ރައްޔިތުންނަށް ޚިދުމަތްކުރަމުން ދާ އިރު، އެ ވަނީ ކޮން ފަދަ ގުރުބާނީއެއްތޯ އެވެ؟ މުސާރަ އަށް ލިބޭ ފައިސާ އެތަކެއް އަހަރު ދުވަސް ވާންދެން އެއްކޮށްގެން އަތުކުރި ޒީނަތްތެރި ކޮށްލުމަށް އެއްޗެއް ހޯދި އަސް ބައެއް ފަރާތްތަކުގެ މޭކަރަ އެވެ. "ވެހޭ ވާރޭގައި ފެން ފޮދެއް ނެގުމުގެ ގޮތުން" ވިޔަފާރިއެއް ފެށުމަށް ތެޔޮ ފޮދެއް ގަނެލިއަސް ބައެއް މީހުންނަށް އުނދަގޫވެ އެވެ. އަދި ކުޑަކުޑަ އާގުބޯޓެއް ގަނެލިއަސް މައްސަލައަކަށް ވެ އެވެ. އާއިލާގެ މެންބަރުންގެ ބޯހިޔާވަހި ކަމަށް ދެތިން ހަތަރު އެޕާޓުމެންޓް ގަނެލިއަސް އަބުރު ގެއްލޭ ފަދަ ވާހަކަތައް ފެތުރެ އެވެ.

ކަރަޕްޝަން ހުއްޓުވުމަށް ސަރުކާރުން އަޅަންވި އެންމެ މުހިންމު ފިޔަވަޅަކީ ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ވެސް ހާމަކަން ބޮޑުކޮށް ކުރުމެވެ. ދެ ފުށް ފެންނަ ގޮތަށް ކުރުމެވެ. މިސާލަކަށް ދަންނަވާ ނަމަ ސަރުކާރުން ވަކި އުޞޫލުތަކެއްގެ ދަށުން ވިއްކޭ ނުވަތަ ކުއްޔަށް ދޫކުރެވޭ ނުވަތަ އަހަރުތަކަކަށް ފަހު، އަގު ދައްކައިގެން އަމިއްލަކުރެވޭ އެޕާޓްމެންޓް ދޫކުރެވޭ އުޞޫލެވެ. އެ ތަންތަން ދޫކުރުމަށް މީހުން ހޮވޭ ގޮތެވެ.

ކަރަޕްޝަން ހުއްޓުވުމަށް ރާއްޖޭގައި މި ކުރާ މަސައްކަތްތަކަކީ ވެސް ރަނގަޅު މަސައްކަތްތަކަށް ވެދާނެ އެވެ. އެހެންނަމަވެސް މި މަސައްކަތް ހަރުދަނާ ކުރުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރާ ގޮތަށް ބައެއް ކަންތައްތައް ބަދަލުކޮށްލުމަކީ ވެސް ގޯހެއް ނޫނެވެ. އެ ގައުމުތަކުން މިފަދަ ކަންތައް ކުރަނީ ވެސް މާ ބޮޑު ޚަރަދެއް ކޮށްގެންނެެއް ނޫނެވެ. ހަމަ އެކަނި އުޞޫލު ބަދަލުކޮށް ގެންނެވެ. ދެ ފުށް ފެންނަ ގޮތަށެވެ.

ކަރަޕްޝަން ނުއޮންނަ ނުވަތަ ކަރަޕްޝަނުގެ މައްސަލަތައް މަދު ގައުމުތަކުގައި އޮންނަނީ ނުވަތަ ގެންގުޅެނީ ކަންކަން ކުރުމުގައި ހާމަކަން ބޮޑު ސިޔާސަތެކެވެ. ނުވަތަ ހުޅުވިފައި އޮންނަ ސިޔާސަތެކެވެ. ކަމެއް ކޮށްގެން ނިމޭ އިރު އެކަމެއް ކުރުމުން ނިމިގެން ދާ ގޮތް އެންމެނަށް އެނގޭ ކަހަލަ ސިޔާސަތެކެވެ. އެކަމެއް ކުރުމުގެ ހުރިހާ ފައްތަރެއްގައި ވަމުން ދާ ގޮތް އެންމެނަށް ފެންނަ ގޮތަށެވެ.

ރާއްޖޭގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ބޮޑު އެއް މައްސަލަ އަކީ ގެދޮރު އަމިއްލަ ކުރުމަށް ކަޑައްތު ކުރަން އޮންނަ މަރުޙަލާތަކެވެ. ފަހަކަށް އައިސް ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ޝަކުވާ ބޮޑު، ރައްޔިތުންގެ ފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒު ވާ، އެންމެ އުނދަގޫ އެއް މައްސަލައަކަށް ވެފައި އޮންނަނީ ސަރުކާރުން ބިން ނުވަތަ އެޕާޓުމެންޓްތައް ރައްޔިތުންނަށް ދޫކުރަން، ނުވަތަ ވިއްކަން ހަމަޖައްސާފައި އޮންނަ އުސޫލެވެ. އެ އުސޫލަށް ދޭތެރެ ދޭތެރެ އިން ބަދަލު ވެސް ގެނެވެ އެވެ. ނަމަވެސް ގެދޮރު ހޯދުމަށް އެދޭ ރައްޔިތުންގެ ހިތްހަމަނުޖެހުމަށް، އެ ގެނެވޭ ބަދަލެއްގެ ސަބަބުން މާ ބޮޑު އަސަރެއް ކުރާ ހެނެއް ހީއެއް ނުވެއެވެ. އެ މަސައްކަތް ރައްޔިތުން ބޭނުންވާ މިންގަނޑަށް، ރައްޔިތުން ބޭނުންވާ ފެންވަރަށް، ދެފުށް ފެންނަ ގޮތަށް ނުކުރެވޭތީވެ އެވެ. ސަރުކާރުން މި ބާވަތުގެ ކަންތައް ކުރާ ގޮތް ހުރިހާ ފައްތަރެއްގައި ވެސް ހާމަކަން ބޮޑުކޮށް އެންމެނަށް އެނގޭނެ ގޮތަށް ކުރުމުން ނުކުންނާނީ ކޮން މައްސަލައެއް ބާވަ އެވެ؟ މި މަސައްކަތުގައި ރަސްމީކޮށް އުޅުއްވާ ބޭފުޅުންނަށް، އެ މަސައްކަތެއް ކުރެވެނީ އެންމެ އިންޞާފްވެރި އަދި ހާމަކަން ބޮޑުކޮށް ކަމަށް ފެނިވަޑައިގެން ފާނެ އެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމަން ވާނީ ޚިދުމަތް ލިބިގަންނަ ފަރާތުންނެވެ.

ކަންކަން ކުރަން ހަމަޖެހިފައި އޮންނަ ކަމަށް ޢާއްމު ކުރެވިފައި އޮންނަ އުޞޫލާ ޚިލާފަށް، މެދުވެރިއަކު ބޭނުން ކޮށްގެން ތިމާ އަށް ފައިދާވާ ގޮތަށް ނުވަތަ ތިމާ ބޭނުންވާ މީހާ އަށް ކަންކަން ކުރެވޭ ގޮތަށް އޮވެއްޖެ ނަމަ އޭގައި ކަރަޕްޝަން އޮންނަ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ރާއްޖޭގައި ކަރަޕްޝަނު ހުއްޓުވުމަށް ސަރުކާރުން ބައިވަރު ފިޔަވަޅު އެޅިދާނެ އެވެ. ހަމައެކަނި އަނގަ ބަހަކުންނެެއް ނޫނެވެ. މީހުންގެ އަތުން ސޮއި ހޯދައި ގެނެއް ވެސް ނޫނެވެ. ބަހާއި ޢަމަލު ދިމާކޮށްގެންނެވެ.

ކަރަޕްޝަން ހުއްޓުވުމަށް ސަރުކާރުން އަޅަންވި އެންމެ މުހިންމު ފިޔަވަޅަކީ ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ވެސް ހާމަކަން ބޮޑުކޮށް ކުރުމެވެ. ދެ ފުށް ފެންނަ ގޮތަށް ކުރުމެވެ. މިސާލަކަށް ދަންނަވާ ނަމަ ސަރުކާރުން ވަކި އުޞޫލުތަކެއްގެ ދަށުން ވިއްކޭ ނުވަތަ ކުއްޔަށް ދޫކުރެވޭ ނުވަތަ އަހަރުތަކަކަށް ފަހު، އަގު ދައްކައިގެން އަމިއްލަކުރެވޭ އެޕާޓްމެންޓް ދޫކުރެވޭ އުޞޫލެވެ. އެ ތަންތަން ދޫކުރުމަށް މީހުން ހޮވޭ ގޮތެވެ. މާކުސް ދީގެން ހޮވޭ ނަމަ، މާކްސް ދެވޭ އުޞޫލެވެ. ޢާޢްމު ކުރެވިފައި އޮންނަ އުޞޫލުގެ ދަށުން ގިނަ މާކްސް ލިބިގެން ހޮވޭ މީހުންގެ މާކްސްތަކާ އެކު ފޯމްތައް ބޭނުން މީހަކަށް ފެންނަ ގޮތަށް އެ މަސައްކަތް ކުރާ އޮފީހުގައި ބެހެއްޓެން ވީ އެވެ. އެފަދަ ފޯމްތައް ޢާއްމުންނަށް ފެންނަ ގޮތަށް ބެހެއްޓުމުން، ސައްޙަ ނޫން މަޢުލޫމާތު ދީގެން އެޕާޓްމެންޓެއް ހޯދާ ފަރާތެއް ވަރަށް ފަސޭހައިން ފަޅާއަރާނެ އެވެ. ސަރުކާރުގެ މާ ބޮޑު މަސައްކަތަކާ ނުލަ އެވެ. އެ މަސައްކަތް ސަރުކާރުގެ އެދުމަކާ ނުލައި ކޮށްދޭނީ އެޕާޓްމެންޓް ހޯދުމުގައި ނާކާމިޔާބުވާ ފަރާތްތަކުންނެވެ. މިކަމާ ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލޭނޭ މިނިވަން ބޯޑެއް ވެސް އޮންނަން ވީ އެވެ. މަސީ، މަޓީ ފަދަ ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނޭ ގޮތަށެވެ. ނޫސްވެރިންގެ އަމިއްލަ ޖަމާޢަތެެއްގެ މަންދޫބެއް އިނުމަކީ ވެސް އެ ބޯޑުގެ ނިންމުންތަކުގެ އިތުބާރު ބޮޑު ވެދާނެ ކަމަކަށް ވެސް ވެދާނެ އެވެ.

ދެ ފުށް ފެންނަ ގޮތަށް ކަންތައްތައް ނުކުރެވޭ ނަމަ މުޅިން ރަނގަޅަށް ކަންތައްތައް ދާނެ ކަމާ މެދު ޝައްކު ކުރުމުގެ ޖާގަ ވަރަށް ބޮޑެވެ. ސަރުކާރުގެ ތަފާތު އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދާ ދިނުމުގެ ބޭނުމުގައި އެ ތަންތަނަށް ބިންތައް ދޫކުރި އެވެ. ބޮޑެތި އިމާރާތްތައް ކުރުމަށެވެ. ބޭރުގެ ބައެއް އިންވެސްޓަރުންނާ ގުޅިގެން ކަމަށް މީހުން ބުނާތީ އިވެ އެވެ. ސަރުކާރުގެ މުއައްސަސާއަކުން އެ ތަނުގެ އަމިއްލަ ހައިސިއްޔަތުން ބޭރުގެ ތަންތަނާ ގުޅިގެން އިންވެސްޓް ކުރެވިދާނެ ބާވަ އެވެ؟ އިންވެސްޓުމެންޓަށް ގެރަންޓީ ދެނީ ކޮން ފަރާތަކުން ބާވަ އެވެ؟ ވަކި އޮފީހެއްގައި މަސައްކަތް ކުރާތީވެ އެޕާޓްމަންޓެއް ލިބޭ މީހާ އެ އޮފީހުގައި މަސައްކަތްކުރާ ވަޒީފާ ދޫކޮށްލުމުން، އެ އެޕާޓްމެންޓަށް ވާނީ ކިހިނެއް ބާވަ އެވެ؟ އޭނާ އަށް އެތަން މިލްކު ކުރެވޭ ނަމަ، އޭނާ ރާއްޖޭގެ އެހެން ރައްޔިތުން ވެސް އެޕާޓްމެންޓް ހޯދާ ގިންތީގައި ޝާމިލު ވެގެން އެޕާޓުމެންޓެއް ހޯދަން މަސައްކަތް ނުކުރެވެންވީ މަގުބޫލު ސަބަބެއް ނެތެވެ. ވަކި އޮފީހެއްގައި މަސައްކަތް ކުރާތީ ވެ އިސް ކަމެއް ދޭން ބޭނުންވާ ނަމަ، އެ އޮފީހުގައި މަސައްކަތް ކުރާ މީހަކަށް ވީތީވެ ކަނޑަ އެޅިފައި އޮންނަ އަދަދަކަށް އިތުރު މާކްސް ދެވިދާނެ އެވެ. ވަކި މުއައްސަސާއަކަށް ދޭ އެޕާޓްމެންޓެއް ނުވަތަ އިމާރާތެއް ނަމަ އެ ތަނެއް އަބަދުވެސް އޮންނަން ވާނީ އެ މުއައްސަސާގެ ތަނެއްގެ ގޮތުގަ އެވެ. އެތަނެއްގައި އެއިރަކު މަސައްކަތް ކުރާ ބަޔަކަށް އެތަނެއް ކުއްޔަކަށް ލިބޭ ގޮތަށެވެ.

މި ހުރިހާ ހާސަރުތަކެއް ލިޔެވެނީ "މި ސަރުކާރުން" ހުރިހާ ކަމެއް ވެސް ވަންހަނާ ކޮށްގެން ކުރާތީވެ އެވެ. މި ފަހަރު މި ވާހަކަ މި ގޮތަށް ލިއަން ދިމާވީ ސަރުކާރުގެ އިސް ފަރާތަކުން ކަރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވުމުންނެވެ. އެ ގޮވާލެއްވުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.