އޮޅުންބޮޅުން- ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުން

ރާއްޖޭގައި މިހާރު އޮތް ވެރިކަން ކުރުމުގެ ނިޒާމަކީ ރައްޔިތުން ކަޑައަޅާ ފައި އޮތް ނިޒާމެކެވެ. އެ ނިޒާމަށް ބަދަލެއް ގެންނަ ކަމަށް ވާ ނަމަ، އެ ބަދަލެއް ގެނެވެން ވާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ސަބަބަކީ ރާއްޖޭގައި އޮންނަން ބޭނުން ވާ ނިޒާމެއް ކަނޑައެޅިފައި އޮތީ ވެސް ރައްޔިތުންގެ ވޯޓަކުން ކަމުގައި ވާތީ ވެ އެވެ. ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަށް ބަދަލެއް ގެންނަން ބޭނުން ވަނީ ކޮން ކަންތައްތަކެއް ޙާޞިލު ކުރަންތޯ ބަލައިލަމާ ތޯ އެވެ؟


ރިޔާސީ ނިޒާމުގައި ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެއްގެ ބާރު ވަރަށް ގަދަ އެވެ. ބައެއް ކަހަލަ މައްސަލަތައް އެމަނިކުފާނަށް ވަގުތުން ނިންމެ ވެ އެވެ. އެހެން ނަމަވެސް އެ ނިންމަވާ ނިންމެވުންތަކަކީ ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ނިންމެވުންތަކަކަށް ވާ ނަމަ އެ ނިންމެވުމަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ލާޒިމް ކުރެ އެވެ. ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެއްގެ ބާރު ނުފޯރުވޭ ބައެއް ވެސް އޮވެ އެވެ. މުސްތަޤިއްލު މުއައްސަސާ ތަކެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ މަސައްކަތްތަކަށް އެއްވެސް މިންވަރަކަށް ރައީސުލް ޖުމްހޫރިއްޔާ އަށް ބެހިވަޑައެއް ނުގެންނެވެ އެވެ. އެ ތަންތަނާ ހަވާލު ކުރެވިފައި އޮންނަ މަސައްކަތްތައް ކަނޑައެޅިފައި އޮންނަ ގޮތަށް، ނުވަތަ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކުރިއަށް ނުގެންދެވޭ ނަމަ، ބަދަލެއް ގެންނަވަން ބޭނުން ފުޅު ވެއްޖެ ހިނދެއްގައި ވެސް އެ ބަދަލެއް ގެންނަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީސް މެދުވެރިވެގެންނެވެ. އެ ބަދަލަކި ޤާނޫނަށް ގެންނަން ޖެހޭ ބަދަލަކަށް ވިޔަސް އެވެ. ނުވަތަ އެ ތަނެއްގައި މަސައްކަތް ކުރާ މީހުންނަށް ގެންނަން ޖެހޭ ބަދަލަކަށް ވިޔަސް އެވެ. ރިޔާސީ ނިޒާމުގައި ރައީސުލް ޖުމްހޫރިއްޔާ އަކީ ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިޔާ އެވެ. އޭގެ މާނަ އަކީ ފާސްކުރެވިފައި އޮންނަ ޤާނޫނުތައް، ޤާނޫނުގެ އިމުގެ ތެރެއިން ހިންގުމުގެ އެންމެ އިސްފަރާތެވެ. މުސްތަޤިއްލު މުއައްސަސާތަކާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި މަސައްކަތް ކުރާ މީހުން ވެސް ޤާނޫނުގައި ކަނޑައެޅިފައި އޮންނަ ގޮތަށް ކަންތައްތައް ކުރޭތޯ ބެލުމަށް ފާރަވެރިވާ ސިއްރު ފަރާތެއް ވެސް އޮވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުގެ އިތުރުންނެވެ. ބައެއް ފަހަރު، އެ ތަނުން ހޯދާ ބައެއް ހޯދުންތަކަށް ފިޔަވަޅު އެޅުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް ފޮނުވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާ ހަމައަށް ވެސް ފޮނުވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތަކުގައި ތިއްބަވާ، ވެރިކަން ކުރާ ޕާޓީގެ ބައެއް މެންބަރުން ވެސް، އެ މީހުން އިންތިޚާބު ކޮށްފައިވާ ފަރާތްތަކަށް ގެއްލުންވާ ގޮތަށް ހުށައެޅިފައި އޮންނަ ބައެއް ބިލްތަކަށް ވޯޓު ނުދިނުމުގެ ފުރުޞަތު ރިޔާސީ ނިޒާމުގައި އޮވެ އެވެ. އަދި އެ ފަދަ ބައެއް ބިލްތައް ފޭލް ކޮށްލަ އެވެ. މި ކަހަލަ ބައެއް ބަނދެވުންތަކާ ހުރެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް އޭނާ ބޭނުންފުޅު ގޮތަށް ހުރިހާ ކަމެއް އެހާ ފަސޭހަކަމާ އެކު އަދިވެސް ނުނިންމެވެ އެވެ. އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލު ކުރުން ފަދަ ކަންތައް ނިންމެވުނަސް އޭނާއާ ބެހޭ ތަޙްޤީޤެއް ކުރިއަށް ގެންދަވާ ފަރާތެއް އެ ވަޒީފާ އިން ވަކި ކުރައްވަން ދަތިފުޅު ވި އެވެ. ވަޒީފާ އިން ވަކި ކުރައްވައިފި ނަމަ އޭނާގެ މަސައްކަތްތަކަށް ފާރަލާ ފަރާތްތަކުން ނެރޭނެ ބައިވަރު ޤާނޫނީ މައްސަލަތަކާއި ހުރަސްތަކާ ހުރެ އެވެ. އޭނާ އަށް ވެރިކަން ކުރައްވަން ދަތިފުޅުވާ ހިސާބަށް ހިގައިދާނެތީ ވެ އެވެ.

ރިޔާސީ ނިޒާމުގައި ނައިބު ރައީސަކު ހުންނަވަނީ ރައީސަކު ނެތް ތަނެއްގައި އެ މަޤާމު އަދާކުރުމަށެވެ. އެމެރިކާ ކަހަލަ ބޮޑެތި ޤައުމުތަކުގައި ވެސް އެކި ރައީސުން ނައިބު ރައީސްގެ ބޭނުން ކުރެއްވީ އެކި ވަރަށެވެ. ބައެއް ރައީސުން ނައިބް ރައީސްގެ ބޭނުން ވަރަށް ބޮޑަށް ކުރެއްވި އެވެ. މިސާލަކަށް ދަންނަވާ ނަމަ ބަރަކް އޮބާމާ އާއި ޖޯޖް ބުޝް ފަދަ ރައީސުންނެވެ. ނައިބް ރައީސްގެ ބޭނުން ހިންގުމުގައި، ބޮޑަށް ބޭނުން ނުކުރައްވާ ރައީސުން، ނައިބް ރައީސްގެ ބޭނުން ކުރައްވަނީ ޤައުމު ތަމްސީލު ކުރާ އެންމެ އިސް މަންދޫބެއްގެ ގޮތުގަ އެވެ. ޤައުމުން ބޭރުގަ އާއި ޤައުމުގެ އެތެރޭގަ އެވެ.

ބަރުލަމާނީ ނިޒާމުގައި ހިންގުމުގައި ބާރެއް ނެތް ރައީސެއް ހުންނަވަ އެވެ. އޭނާ އަށް ބާރު ލިބިވަޑައިގަންނަވަނީ ޤައުމު އެމަޖަންސީ ޙާލަތަށް އައުމުންނެވެ. ބައެއް މުއައްސަސާތައް އޮންނަނީ އޭނާގެ ބެއްލެވުމުގެ ދަށުގަ އެވެ. އެކަމަކު އޭނާ ފިޔަވަޅެއް އަޅުއްވާ ނަމަ ފިޔަވަޅު އަޅުއްވަނީ ބޮޑުވަޒީރުގެ ލަފާގެ މަތިންނެވެ. ވަރަށް ނާދިރު ޙާލަތެއްގައި، އުތުރު ކަރަ ކަހަލަ ބޮޑެތި ޑެމޮކްރަސީތަކުގައި މުސްތަޤިއްލުކޮށް ފިޔަވަޅު އަޅަން ޖެހިދާނެ ޙާލަތެއް އަތުވެދާނެ ކަމަށް ޤާނޫނުއަސާސީގެ ބައެއް ޢިލްމުވެރިން ބުނެ އެވެ. ބަރުލަމާނީ ނިޒާމުގައި ވެސް ރައީސަކު ހުންނެވިއަސް ނައިބު ރައީސަކު ވެސް ހުންނަވަ އެވެ. ދެބޭފުޅުންގެ ވެސް މައިގަނޑު މަސައްކަތްޕުޅަކަށް އޮންނަނީ ޤައުމު ތަމްސީލު ކުރެއްވުމެވެ. ބޮޑު މުސާރައަކާއި ހުންނަވާނެ ރަސްމީ ގެއަކާއި ނޯކަރުން ސަރުކާރުން ދެއްވަ އެވެ. އަދި ބައެއް ޤައުމުތަކުގައި ރައީސްކަމުގެ މަޤާމުން ދުރުވެ ވަޑައިގެންނެވުމުން ހުންނަވާނެ ގެއެއް ވެސް ބޭނުންފުޅު ގޮތަކަށް ސަރުކާރުގެ ޚަރަދު ގައި އަޅުއްވައި ދެއްވަ އެވެ.

ބަރުލަމާނީ ނިޒާމުގައި ބޮޑު ވަޒީރަކު ހޮވަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކުންނެވެ. އެ ޕާޓީން ހޮވާ ލީޑަރަކު ރައީސަށް ނުވަތަ ރަސްގެފާނަށް ދެއްކުމުންނެވެ. ޢާއްމު އިންތިޚާބަކަށް ނުގޮސް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން ޕާޓީގެ އެތެރެއިން ޕާޓީގެ ލީޑަރު ބަދަލުކޮށް، ބޮޑުވަޒީރުކަން އެހެން މީހަކާ ޙަވާލު ކުރަން ބޭނުން ވެއްޖެ ހިނދެއްގައި، އެކަން ކުރުމުގެ ފުރުޞަތު ބަރުލަމާނީ ނިޒާމު ގައި އޮވެ އެވެ. ބަރުލަމާނީ ނިިޒާމުގައި ވެސް އަދި ރިޔާސީ ނިޒާމުގައި ވެސް ޤާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. ރިޔާސީ ނިޒާމުގައި ސަރުކާރުގެ އަޣްލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި ނެތް ނަމަ ސަރުކާރުން ބޭނުންވާ ގޮތަކަށް ޤާނޫނުތައް ފާސް ކުރަން ދަތިވާނެ އެވެ. މިސާލަކީ އެމް.ޑީ.ޕީ.ގެ ސަރުކާރެވެ. ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮވެއްޖެ ނަމަ ސަރުކާރުން ބޭނުން ގޮތަކަށް، ބޭނުން ކަމެއް ކުރެވިދާނެ އެވެ. މިސާލަކީ ޕީ.ޕީ.އެމް.ގެ ސަރުކާރެވެ. ރިޔާސީ ނިޒާމުގައި ވެސް އަދި ބަރުލަމާނީ ނިޒާމުގައި ވެސް މުސްތަޤިއްލު މުއައްސަސާ ތަކުގެ ބެލެނިވެރިޔަކީ ރައްޔިތުންގެ މަޖިލީހެވެ. އެ މުއައްސަސާތަކުގެ މެންބަރުން ރައީސްގެ ކުރިފުޅުމަތީ ހުވާ ކުރެއްވިޔަސް، ނުވަތަ ބޮޑުވަޒީރުގެ ލަފާގެ މަތިން، މެމްބަރުން ޢައްޔަން ކުރެވުނަސް އެ ހިސާބުން އެކަން ނިމުނީ އެވެ. އެ ތަނުގައި މަސައްކަތް ކުރައްވަނީ މުސްތަޤިއްލު ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުން ވެސް ބައްލަވަނީ އެ ތަނާ ޙަވާލު ކުރެވިފައި އޮންނަ މަސައްކަތްތައް ޤާނޫނުގައި ކަނޑަ އެޅިފައި އޮންނަ ގޮތަށް ކުރިއަށް ގެންދޭތޯ އެވެ. ނުވަތަ ނުގެންދެވެނީ ކީއްވެގެންތޯ އެވެ.

ނަވާރަ ސަތޭކަ ބައްތިރީސް ވަނަ އަހަރު ނެރުނު ފުރަތަމަ ޤާނޫނުއަސާސީން ފެށިގެން ރާއްޖެ އަށް އުފަން ކުރެވުނު ހުރިހާ ޤާނޫނުއަސާސީއެއް ގައި ރައްޔިތުންނަށް ހުރިހާ ޙައްޤު ތަކެއް ދީފައި އޮވެ އެވެ. ފަހުން ފާސް ކުރެވުނު ޤާނޫނުއަސާސީ ތަކުގައި އެ ޙައްޤުތައް ތަފްޞީލު ކުރެވިފައި އޮވެ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތައް ލިބިގަތުމަށް ބާރުވެރި ކުރުވާނެ ކަމަށް ބެލެވި ގެންނެވެ. އެންމެ ފުރަތަމަ ޤާނޫނުއަސާސީން ފެށިގެން އެންމެ ފަހުގެ ޤާނޫނުއަސާސީ އާ ހަމައަށް ވެސް އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ދީފައި އޮވެ އެވެ. ބަނޑޭރިގަނޑު ނޫ ކުލައިގެ ޤާނޫނުއަސާސީ ވުޖޫދަށް އަންނަން ދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަޤާމުން ދުރުކުރުމަކީ ނުކުރެވޭނެ ކަމެކެވެ. ސަބަބަކީ އެ ފަދަ މައްސަލައެއް ބަލާ ކޮމިޓީގައި ހިމެނޭ މެންބަރުންގެ އަޣްލަބިއްޔަތު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ގޮތަށް ޤާނޫނުއަސާސީގައި ލިޔެފައި އޮތުމެވެ.

ރާއްޖޭގައި ކުރީ ގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް "ޑިކްޓޭޓަރެއް" ގެ ލަޤަބު އަޅުގަނޑުމެން ދިނަސް، ޑިކްޓޭޓަރެއްގެ ބާރު، އޭރު، ދީފައި އޮތީ ޤާނޫނުއަސާސީންނެވެ. ފަނޑިޔާރުން އިސްކުރުމާއި ވަކި ކުރުމާއި އެހެން ގޮސް ހުރިހާ ބާރެކެވެ. މިހާރު އަމަލު ކުރަމުން ދާ ޤާނޫނުއަސާސީން އެ ބާރުތައް ރައީސަށް ދީފައި ނުއޮވެ އެވެ. ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަކީ ނުވަތަ ބާރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައި އޮންނަނީ، ހެދިފައި އޮންނަ ޤާނޫނުތައް ތަންފީޒު ކުރުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހާމަ ކޮށް ދިނުމަށެވެ. މިސާލަކަށް ދަންނަވާ ނަމަ މުސްތަޤިއްލު މުއައްސަސާ ތަކަށް ބޭނުންވާ ބަޖެޓާއި، މަސައްކަތް ކުރާނެ މީހުން ހޯދައި ދިނުމުގެ މަގު ތަނަވަސް ކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވަން ޖެހޭނެ ކަމެކެވެ. ޝަރުޢީ ދާއިރާގައި މައްސަލަތައް ލަސް ވެގެން އެކަމާ ބެހޭ ގޮތުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ޝަރީޢަތް ކުރާ ފަރާތާ ގުޅުއްވައިފި ނަމަ އެ ވެދެވަޑައިގެންނެވެނީ އެހެން ބާރެއްގެ ތެރެ އަށެވެ. އަދި ނުސީދާކޮށް ޝަރީޢަތަށް ނުފޫޒު ފޯރުވަން އުޅުއްވީ ކަމަށް ބެލުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ.

ވަރަށް ރީތި ކޮށް، ޞަރީޙަ ދިވެހި ބަހުން، ރަޔިތުންގެ ޙައްޤުތައް ލިއުމުން ލިބިދީފައި އޮންނަ ޤާނޫނުއަސާސީ އަށް އަޅުގަނޑުމެން އަމަލު ކުރާތާ މިހާރު އައްޑިހަ ހަ އަހަރު ވަނީ އެވެ. ފާއިތުވި އަހަރު ތަކުގައި އަޅުގަނޑުމެން ވަނީ ބަރުލަމާނީ ނިޒާމުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެ އަށް ފަހު ރިޔާސީ ނިޒާމުގަ އެވެ. ރާއްޖޭގައި ހެޔޮ ވެރިކަމެއް އޮތުމުގެ މައްސަލައަކަށް ވަނީ ދައުލަތް ހިންގުމަށް އޮންނަ ނިޒާމުގެ މައްސަލައެއް ބާވަ އެވެ؟ ނުވަތަ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް ކަންތައްތައް ހިގަން ފެށުމުން، އެކަމުގެ ބެލެނެވެރިންގެ ބަސް ހުއްޓުން ބާވަ އެވެ؟ ޙަރަކާތްތައް ގާވުން ބާވަ އެވެ؟ ވިސްނުން ގަނޑުކޮށްފައި ބޭއްވުން ބާވަ އެވެ؟ އެ ފަދަ ކަންކަން ފެނުމުގައި ފުސް ކަމެއް އައުން ބާވަ އެވެ؟ މިކަމުގެ ބޭސް ފަރުވާ އަކީ ކޮބައި ބާވަ އެވެ؟ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުން ތޯ އެވެ؟