އޮޅުންބޮޅުން: އިދިކޮޅު ޕާޓީ

އިދިކޮޅު ޕާޓީއެއް އޮތުމަކީ ޑިމޮކްރަސީއާ ގަޔާވާ މީހުން ވަރަށް ޤަބޫލު ކަމެކެވެ. ސަބަބަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުމުން ރައްޔިތުންނަށް ފައިދާ ވާނެތީ ވެ އެވެ. ގައުމުގެ ވެރިކަމުގައި އެ އިރަކު ތިބި ބަޔަކު ހަދާ ގޯސް ރައްޔިތުންނަށް އޮޅުންފިލާނެ ބަހުރުވަޔަކުން ސާފުކޮށްދޭނެތީ ވެ އެވެ. ވެރިކަން ކުރާ ފަރާތުން ނާޖާއިޒު ކަންތައްތަކެއް ކުރާ ނަމަ އެ ކަންތައްތައް ވެސް ފަޅާއަރުވާނެތީ ވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިދިކޮޅު ޕާޓީގެ މައިގަނޑު މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. ރަނގަޅު އިދިކޮޅު ޕާޓީއެއް އޮވެއްޖެ ނަމަ އެކަމުގެ ފައިދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ އެވެ.


ކޮންމެ އިދިކޮޅު ޕާޓީއެއްގެ ވެސް ލަނޑުދަނޑި އަކީ ކޮންމެވެސް ދުވަހަކުން ވެރިކަމަށް އައުމެވެ. ރައްޔިތުންގެ ތެރޭގައި އެ ޕާޓީއެއްގެ މަޤްބޫލުކަން ބޮޑު ނަމަ ޕާޓީގެ ވަޢުދުތަކާ އެކު އެއް ޕާޓީއެއްގެ ގޮތުގައި ވެރިކަމަށް އަންނަން މަސައްކަތް ކުރެ އެވެ. އެއް ޕާޓީއެއްގެ ގޮތުގައި ވެރިކަމަށް އާދެވޭނެ ކަމާ މެދު ޝައްކުކުރެވޭ ނަމަ ނުވަތަ ވެރިކަމަށް އައުން ކަށަވަރު ކުރުމުގެ ގޮތުން ގިނަ ޕާޓީތަކާ ގުޅިގެން ވެސް މަސައްކަތް ކުރެ އެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ވެސް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް އެ ފަރާތްތަކުން ބުނަމުން ގެންދިޔައީ ގުޅިފައިވާ ސަރުކާރެއް ގާއިމްކުރުމުގެ ނިޔަތުގައި، އެންމެން އެކަތިގަނޑަކަށް ވެގެންނެވެ. އިދިކޮޅު ޕާޓީތަކުން ކަށަވަރު ކޮށްދެމުން ގެންދިޔައީ ރިޔާސީ އިންތިޚާބަށް ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ވާނެ ކަމަކަށް މިހާރު ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކަކުން ނުދައްކަ އެވެ. ފެންނަ ފެނުމުގައި އިދިކޮޅު ޕާޓީތަކުން އިއްތިފާޤު ވެވުނީ އެންމެ ކަމަކަށެވެ. ސަރުކާރުގެ ސިޔާސަތާ އިދިކޮޅު ހުރިހާ އެންމެން ކޮންމެ ރެއަކު އެއްތަނަކަށް އެއްވެ، ސަރުކާރަށް ފާޑުކިއުމަށް ފަހު ސައި ބޮއިގެން ގެ އަށް ދިއުމެވެ. ދޭތެރެދޭތެރެ އިން މަގުމައްޗަށް ނުކުމެ، އެ މީހުންނަށް ތަރުޙީބު ދޭ މީހުން ތިބި ކަން ދައްކާލުމެވެ. ރާއްޖެ އިން ބޭރުގައި މި މަސައްކަތް ކުރާ މީހުންގެ މަސައްކަތަކީ ރާއްޖޭގައި އޮންނަނީ ދޯދިޔާ ޝަރުޢީ ނިޒާމެއް ކަމަށާއި، ޙިމާޔަތް ކުރެވިފައި އޮންނަ ބޮޑު ކަރަޕްޝަނެއް އޮންނަ ކަމަށާއި، ވާ ވެފައި އޮންނަ މުސްތަޤިއްލު މުއައްސަސާތަކެއް އޮންނަ ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ކަށަވަރުކޮށް ދިނުމެވެ. މި ހުރިހާ މަސައްކަތެއް ކުރަނީ ވެރިކަމަށް އަންނަން ކަމަށް ވާ ނަމަ ވެރިކަމާ ކުރިމަތިލާ މީހަކު ދައްކަން ޖެހޭ ވަގުތު އަތުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް: ވަގުތު އޮއްވާ ކެންޑިޑޭޓެއް ފެނުން ރައްޔިތުންނަށް މުހިންމު .---ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން މިހާރު މި ކުޅޭ ކުޅިގަނޑުން ވެރިކަމަށް އައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކީ އިންތިޚާބަށް ކުރިމަތިލެވޭނޭ ޤާނޫނީ ރުކުންތައް ފުރިހަމަ ވެފައިވާ ކެންޑިޑޭޓަކަށް ވާން މަޖުބޫރު ވެ އެވެ. ޤާނޫނަކުން ނުވަތަ ޖަލު ޙުކުމަކުން އިންތިޚާބުގައި ބައިވެރި ވުމަށް ހުރަސްތަކެއް ހުރި ކަމަށް "ކަޅާއި ހުދުން" ފެންނަން އޮންނަ ކެންޑިޑޭޓުން އިންތިޚާބުގައި ބައިވެރި ވުމަށް ކަމާ ބެހޭ ފަރާތުން ހުރަސް އަޅާނެ ކަން ޔަޤީނެވެ. އެ ފަރާތުން އެކަން ހުއްޓުވުމަށް، ފެންނަން އޮންނަ ޤާނޫނު ލާޒިމް ކުރާނެ އެވެ. ކުރިން ދެންނެވި ފަދަ ކެންޑިޑޭޓުންގެ ކަންތައްތައް ނިމިގެން ގޮސްފައި އޮތީ ބައިވަރު ސުވާލުތައް އުފެދޭ ގޮތަށް ކަމުގައި ބައެއް ފަރާތުން ދެކޭ ކަމަށް ވިޔަސް، އަލުން އެފަދަ ނިންމުންތައް ޤާނޫނީ އިމުގެ ތެރެއިން ބަލައި މުރާޖަޢާ ކުރަން ބޭނުން ވިޔަސް އެކަމަށް ވަގުތު ނަގާނެ އެވެެ. މިހާރު މި އޮތް މާޙައުލުން އެފަދަ ކަމެއް ކުރުމަށް ފުރުޞަތު އޮންނާނެތޯ އެވެ؟ އެފަދަ ކަމެއް ކުރުމަށް ފުުރުޞަތު ލިބިދާނެތޯ އެވެ؟ ރިޔާސީ އިންތިޚާބުގެ ކުރިން އެކަންތައް އެ ގޮތަށް ކުރުމަށް ވަގުތު އޮންނާނެތޯ އެވެ؟

މި ޒަމާނުގައި، މި ކަހަލަ ކަންކަމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ކޮށްދެވޭނެ މާ ބޮޑު ކަމެއް ނުއޮވެ އެވެ. ގައުމެއްގެ ދާޚިލީ ކަމެއްގެ ތެރެއަށް ވަނުމަކީ ތަހުޒީބު މުޖުތަމަޢުގައި މާ ރަނގަޅު ކަމަކަށް ނުވަނީ އެވެ. ވަންނަ ބަޔަކު ވަންނަނީ ފަހަތުގައި ތިބެގެން ކުރިއަށް އެހެން ބަޔަކު ނެރެގެންނެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން މިހާރު ކަންތައް ކުރާ ގޮތަށެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުން ޤަރާރު ފާސް ކޮށްދީފާނެ އެވެ. ބަޔާންތައް ނެރެދީފާނެ އެވެ. ވަފުދުތައް ފޮނުވައި ދީފާނެ އެވެ. އިންޒާރު ވެސް ދީފާނެ އެވެ. ކަންތައްތައް ރަނގަޅު ކުރަން މުހުލަތު ވެސް ދީފާނެ އެވެ. ގޮތް ދޫނުކުރާ މީހަކު ވެރިކަމުގައި ހުރިއްޔާ ދެނެހުރި ކަމަކަށެއް ވެސް ނުހަދާނެ އެވެ. މިސާލަކީ އިޒްރޭލް އެވެ.

ފަރުދަކަށް ވިޔަސް ނުވަތަ ޖަމުޢިއްޔާއަކަށް ވިޔަސް އެ މީހަކު ނުވަތަ އެތަނަކުން ބޭނުންވި މީހަކު ބޭނުން މަޤާމަކަށް ހޮވުމަށް ވޯޓު ދިނުމަކީ ނުވަތަ ވޯޓުލުމަކީ އެ ފަރާތަށް ލިބިފައި އޮންނަ މިނިވަން ކަމެކެވެ. އެ ގޮތަށް ވޯޓު ލައިގެން ހޮވޭ މީހަކީ ވަކި މަޤާމެއް އަދާކުރުމަށް ނުވަތަ ވަކި ކަމަކާ ކުރިމަތި ލުމަށް ޤާނޫނުގައި ހުރަސް އަޅާ މީހެއް ކަމަށް ވިޔަސް، ތާއީދުކުރާ މީހުންގެ އެދުމުގެ މަތިން، އެ ކަމަކަށް އެދިގެން ކަމާ ބެހޭ ރަސްމީ ފަރާތަށް ހުށައަޅާ ހިސާބުން އެ ހުށައެޅުމެއް ބަލައި ނުގަތުމުން އެކަން އެ ހިސާބުން ނިމުނީ އެވެ. ކަމާ ބެހޭ ފަރާތަށެވެ. އެފަދަ ނިންމުމަކުން ކަމާ ބެހޭ ފަރާތަށް މައްސަލަތަކަކާ ކުރިމަތިލާން ޖެހިއްޖެ ހިނދެއްގައި އެ ވާނީ މުޅިން އެހެން މައްސަލަ އަކަށެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކަންކަމަށް އެދުމުން މި ގޮތަށް ކަން ދިމާވުމަކީ އަޅުގަނޑުމެންނަށް އާދައިގެ ކަމެކެވެ. ފްލެޓަށް އެދިގެން ފޯމް ހުށައަޅާ ވަރަށް ގިނަ މީހުން މި ކަމަށް އެއްބަސްވާނެ އެވެ. ކަންކަން ނިންމަން މަސްއޫލުވާ ފަރާތްތަކުން ވެސް، ކަންކަން ކުރަން ވާނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. އެ ފަރާތުގެ ބާރު ދެއްކުމަށް އިމުން ބޭރުވެއްޖެ ނަމަ، އެ ހެދެނީ ގޯހެކެވެ. ވޯޓުލީ މީހުން ބަންދުކުރާ ހިސާބަށް ހިނގައްޖެ ނަމަ އެވެ. ޖަމިއްއްޔާ އުވާލާ ހިސާބަށް ހިނގައްޖެ ނަމަ އެވެ.

މިހާރު އަމަލު ކުރެވެމުންދާ ޤާނޫނުގެ ތެރެއިން ރިޔާސީ އިންތިޚާބަށް ވާދަކުރެވިދާނެ ކެންޑިޑޭޓެެއް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނެރުމަށް ޖެހިލުން ވަނީ ޕާޓީތަކުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގެ މަރުކާ ޖެހިފައި ތިބި ބަސް ބުނާ، އަޑުގަދަ، ކުޅަދާނަ، ދޫ ހެލޭ މީހުން ގިނަ ކަމުން ކަމަށް ވެދާނެ އެވެ. އާ ތަރިއެއް މައިދާނަށް ނެރުމާ އެކު، އެ މީހެއްގެ ގައިގައި ވެސް ޓެރަރިޒަމްގެ ތުހުމަތެއްގެ މަރުކާ ޖެހިދާނެ ކަމަށް ބިރު ގަންނަނީ ކަމަށް ވެސް ވެދާނެ އެވެ. މިހެން މިކަން އޮވެދާނެ ކަމަށް ވިޔަސް ވަގުތު އޮއްވައި ކެންޑިޑޭޓެއް ނުދައްކާ ނަމަ ރައްޔިތުންނަށް އެ މީހަކު ވިއްކާނީ ކިހިނެއް ބާވަ އެވެ؟ ރަނގަޅަށް ރައްޔިތުންނަށް ނޭނގޭ މީހަކަށް ވޯޓު ލައިގެން ވެރިކަމަށް އައިސްގެން އެ މީހަކު "ވެރިކަމުގައި ހަތްބޯރާއްސެއް" ނުވަތަ "ބީސްޓް އިން ޕަވާ" އަށް ބަދަލު ވެއްޖެ ނަމަ ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ އެވެ.

އިދިކޮޅު ފަރާތްތަކުން ވާދަކުރާނެ ކަމަށް މިހާރު ފެންނަން ތިބީ ދެ ކެންޑިޑޭޓުންނެވެ. އެއް ކެންޑިޑޭޓަކީ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިންތިޚާބުގެ ކުރިން ރާއްޖެ ވަޑައިގެންނަވައިފި ނަމަ، އެމަނިކުފާނުގެ ޙުކުމް ތަންފީޒު ކުރުމުގައި ނުނިމި އޮތް ބައި ފުރިހަމަ ކުރުމަށް ގެންދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަނެއް ކެންޑިޑޭޓަކީ އެއްވެސް ޕާޓީއަކާ ނުގުޅޭ ކެންޑިޑޭޓެކެވެ. އޭނާ އަށް ވެރިކަން ލިބި ވަޑައިގެންފި ނަމަ، ހެނދުނު ހަ ގަޑި ބައިގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނެ ކަމުގެ ޔަޤީންކަން ދެއްވަ އެވެ.

ދެ ބޭފުޅުންނަށް ވެސް އަޅުގަނޑުމެންގެ ހެޔޮ ދުޢާ އެވެ. ހެޔޮ އެދުންތަކެވެ.