އޮޅުންބޮޅުން: ހޮޅުއަށީގެ އަނގަ ތެޅުން

ބައެއް ފަހަރަށް އަޅުގަނޑުގެ ހިތަށްއަރަ އެވެ. ސަރުކާރާ ޚިޔާލު އެއްގޮތް ނޫން ޕާޓީތަކުން ގުރުބާނީއެއް ވެގެން ޙަޤީޤަތުގައި ވެސް ވެރިކަމަށް އަންނަން ބޭނުންވޭ ބާވަ އެވެ؟ ވެރިކަމަށް އައުމަށް ސީރިއަސްކޮށް ވިސްނާ ބާވަ އެވެ؟ ގުރުބާނީއެކޭ އަޅުގަނޑު މި ދަންނަވަނީ ފަރުދީ ގޮތުން ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ އެއްޗެއްގެ ސަބަބުން ނުވަތަ ކުރައްވާ ސިޔާސީ، "ސިޔާސަ" ކަމެއްގެ ސަބަބުން އާއްމު މުޖުތަމައާ އެކަހެރި ކޮށްގެން އުޅެން ޖެހޭ ވާހަކައެއް ނޫނެވެ. ނުވަތަ މަޖުބޫރުވެގެން އެކަހެރިވެގެން އުޅެން ޖެހޭ ވާހަކައެއް ނޫނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގަދަރުވެރި، ވިސްނުންތެރި، މާތް ބޭފުޅެއްގެ ތަސައްވަރުން ޓެރަރިސްޓެއްގެ ތަސައްވުރަށް ބަދަލުކުރެވޭ ވާހަކައެއް ނޫނެވެ. ތެދުފުޅެކެވެ. އެ ބޭފުޅުން އެ ވެވަޑައިގަންނަވަނީ ވަރަށް ބޮޑު ގުރުބާނީއެކެވެ. އެ ބޭފުޅުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ އުޞޫލު މުޖުތަމައަށް ގެނައުމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާވާނެ ކަމަށް ޤަބޫލުކުރެއްވިގެންނެވެ. ޒަމާން ވި ޢިބްރަތްތެރި ވާހަކައެއްގައި ބުނާ ގޮތަށް އެއް ދަނޑި ވަރަށް ފަސޭހަ އިން ބިންދާ ލެވިދާނެ އެވެ. ބައިވަރު ދަނޑި އެއް ބޮނޑިއަކަށް ބަނދެލާފައި އޮވެއްޖެ ނަމަ އެ ބޮނޑީގައި ހުރި ދަނޑިތައް އެއްފަހަރާ ބިންދައެއް ނުލެވޭނެ އެވެ. އެ ދަނޑިތައް ހަލާކު ކޮށްލަން ޖެހޭނީ ކޮންމެވެސް އެހެން ގޮތެއް ހޯދާށެވެ. މި ޒަމާނަށް ވެސް މި ޢިބްރަތްތެރި ވާހަކަ ރަނގަޅަށް ފެތެ އެވެ. ފަރުދީ ގޮތުން ކުރާ ކަމަކަށް ވުރެ ބޮޑަށް، ނުވަތަ ފަރުދީ ގޮތުން އަޅާ ފިޔަވަޅަކަށް ވުރެ ބޮޑަށް އެންމެން އެއްބައި ވެގެން ގުޅިގެން ކަމެއް ކޮށްފި ނަމަ، އެެ ކަމެއް ކާމިޔާބީއާ ހަމައަށް ދަތުުރު ކުރުން ކައިރި އެވެ.


ރިޔާސީ އިންތިޚާބު މި އޮތީ ބޯމަތި ވެފަ އެވެ. ގައުމުގައި އޮންނަން ޖެހޭނެ ސިޔާސަތާ މެދު ސަރުކާރާ ޚިޔާލުގެ ތަފާތުވުންތައް އޮންނަ ޕާޓީތަކުން އަދިވެސް އެ ފަރާތްތަކުގެ އެންމެން ތާއީދުކުރާނެ އެއްް ކެންޑިޑޭޓެއް ނުދެއްކެ އެވެ. ހިޔާލު ތަފާތު ފަރާތްތަކުގައި އެއްބައިވަންތަކަން ވަރަށް ބޮޑަށް އޮންނަ ކަމުގައި ވިދާޅުވެ އެވެ. ވަރަށް އަވަހަށް ކެންޑިޑޭޓެއް ދައްކަވާނެ ކަމަށް ވިދާޅުވެ އެވެ. އަދިއެއް ނުފެނެ އެވެ. އަޑުތައް އިވެނީ ޤާނޫނު ބުނާ ގޮތުން އިންތިޚާބާ ކުރިމަތި ނުލެވޭނެ ކެންޑިޑޭޓުންގެ ނަމުގެ އަޑެވެ. ބައެއް ޕާޓީތަކުގެ ލީޑަރުން ވަރަށް ކެރޭ ކަމަަށް ޤަބޫލުކުރަން ޖެހެ އެވެ. ސަރުކާރުން މަނާކޮށްފައި އޮއްވައި ވެސް ޕްރައިމަރީ ބާއްވައިގެން އެ ފަރާތުން ބޭނުންވާ ކެންޑިޑޭޓެއް ހޮވުމުންނެވެ. އެކަމަކު މިހާރު އަމަލުކުރާ ޤާނޫނުތަކުން އިލެކްޝަންސް ކޮމިޝަނުން އެ ކެންޑިޑޭޓުގެ ނަން ބަލައިގަތުމަށް ހުރަސްތަކެއް އެބަހުއްޓެވެ. އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ޖެހިގެންނެއް ނޫނެވެ. މިހާރު އަމަލުކުރެވޭ ޤާނޫނުތައް ހުރަސް އަޅާތީ ވެ އެވެ. ހުރަސްތައް ނައްތާލެވޭނީ ޤާނޫނު ބަދަލުކޮށްގެންނެވެ. ޤާނޫނު ބަދަލުކުރެވިދާނެތޯ އެވެ؟ ސަރުކާރުގެ ސިޔާސަތާ ޚިޔާލު ތަފާތު ޕާޓީއެއްގެ ކެންޑިޑޭޓަށް ފުރުސަތު ދިނުމަށް ސަރުކާރުން ޤާނޫނު ބަދަލު ކޮށްފާނެތޯ އެވެ؟ ރައްޔިތުންގެ މަޖިލީސްގައި އޮތީ ސަރުކާރުގެ އަޣްލަބިއްޔަތެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް ބައެއް ޕާޓީތަކުން ކެންޑިޑޭޓުގެ ޣައިބުގައި އެންމެ ޒަމާނީ ގޮތަށް ބޮޑެތި ޚަރަދުކޮށްގެން މުޅި ރާއްޖޭގައި ކެމްޕެއިން ކުރަމުން ދަނީ އެވެ. ޤިޔާމަތާ ޖެހެންދެން ކޮންމެ ދުވާލަކަށް ފަހު ރޭގަނޑެއް އަންނާނެ ކަން ޔަޤީންވާ ފަދައިން ޤާނޫނު ހުރަސް އަޅާ ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ނުދޭނެ ކަން ކަށަވަރެވެ. އެހެން ކަމަށް ވާ ނަމަ އެ ޕާޓީތަކުން އެ ކުރެވެނީ ބޭކާރު މަސައްކަތަކާއި ބޭކާރު ޚަރަދެއް ނޫން ބާވަ އެވެ؟

ދޭތެރެއަކުން ވަރަށް ޢިލްމީ ބޭފުޅުން އިންތިޤާލީ މަރުޙަލާއެއް ގެންނަ ވާހަކައެއް ދައްކަވަ އެވެ. މިހާރު އެ މަރުޙަލާ ގެންނާނީ ކިހިނެއް ބާވަ އެވެ؟ ޤާނޫނުއަސާސީން ހައްލު ނުހޯދޭނެ ފަދަ މައްސަލައަކާ އަޅުގަނޑުމެންނަށް ކުރިމަތި ވެފައެއް ނުވެ އެވެ. އިންތިޚާބީ ރައީސެއް އެބަ ހުންނެވި އެވެ. ގަދަވެ ސަލާމަތުންނެވެ. ނައިބު ރައީސެއް އެބަ ހުންނެވި އެވެ. ގަދަވެ ސަލާމަތުންނެވެ. ދެން ނުކުންނަ މައްސަލަ އަކީ ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކުން އިންޞާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާ މެދު ޝައްކު ކުރެވޭތީވެ، ވަކި ފަރާތަކަށް ނުޖެހޭ މީހަކާ، އިންތިޚާބު ނިމެންދެން، ވެރިިކަން ހަވާލު ކުރުމެވެ. އެ ގޮތަށް، ރާއްޖޭގައި އެ ކަން ކުރެވިދާނެތޯ އެވެ؟ މި ޒަމާނުގައި، ވަކި ފަރާތަކަށް ނުޖެހޭނެ މީހަކު ރާއްޖޭގައި ހޯދުމަކީ، ދުވަހަކު ވެސް ދޮގު ނުހަދާ މީހަކު ރާއްޖެ އިން ހޯދުން ކަހަލަ ކަމެކެވެ. ހަމައެކަނި އިންތިޚާބުގެ މުއްދަތަށް އެހެން މީހަކާ ވެރިކަން ހަވާލުކުރާ ނަމަ ކޮންމެ އިންތިޚާބެއްގައި ވެސް އެ ކަން އެ ގޮތަށް ކުރަން ޖެހޭނެ އެވެ. ސަބަބަކީ ކޮންމެ ވެރިކަމެއް އޮތް ކަމުގައި ވިޔަސް އިންތިޚާބެއްގައި ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކުގެ އިތުބާރު ސަރުކާރަށް ލިބުމަކީ ނާދިރު ކަމަކަށް ވާނެތީ ވެ އެވެ.

ސަރުކާރާ ޚިޔާލު ތަފާތުވާ ޕާޓީތަކުން ޤާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވާ ކެންޑިޑޭޓެއްގެ ނަން އިލެކްޝަންސް ކޮމިޝަނަށް ފޮނުވިޔަސް އެތަނުން އެ ހުށަހެޅުން ބަލައި ނުގަތުމުން އެއްވެސް ނަމެއް ވޯޓާ ހަމައަކަށް ނުދާނެ އެވެ. މިހާރު މަންޒަރު ފެންނަ ގޮތުން އެއިރުން ތިއްބަވާނީ ދެ ކެންޑިޑޭޓުންނެވެ. ރާއްޖޭގެ ހުރިހާ ފަޅުތައް ހިއްކާލައި ރާއްޖޭގެ ޗާޓު އެ ކޮޅުކޮޅުން ޖަހާލާ ކެންޑިޑޭޓަކާއި އޮފީސްތައް ފަތިހު ހުޅުވަން ވަޢުދުވާ ކެންޑިޑޭޓެކެވެ.

ރީތިކޮށް ވާނެ ގޮތް އެނގެން އޮންނަ ކަންތަކާ މެދު ވެސް ސަރުކާރާ ޚިޔާލު ތަފާތުވާ ޕާޓީތަކުން އޮޅުންއަރާ ގޮތަށް ވާހަކަ ދައްކާ ނަމަ، އެ ޕާޓީތައް ވެރިކަމަށް އައުމުން ދެން ވާނީ ކިހިނެއް ބާވައޭ ވެސް ބައެއް ފަހަރު ހިތަށްއަރަ އެވެ.

މެލޭޝިޔާގެ ނަމޫނާ ބަލައިގެން އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެންވީ އެވެ. ހުރިހާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން ކަނޑު ފައްތައިފަ އެވެ. ޒާތީ ހަސަދަވެރިކަން ފަހަތަށް ޖައްސައިފަ އެވެ. މެލޭޝިއާގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު މަހާތީރު މުޙައްމަދު ބޭއްވެވި ފުރަތަމަ ބައްދަލުވުން ދެކެވަޑައިގަތިންތޯ އެވެ؟ ޖަލުގައި ހުންނެވި އަންވަރު އިބްރާހިމްގެ އަނބިކަނބަލުން ކުރީގެ ގޮނޑި ބަރީގައި އިށީނދެވަޑައިގެން އިންނެވި އެވެ. މަހަތީރު ހެއްވާ އެއްޗެތި ވިދާޅުވަމުން ގެންދެވިއިރު ވެސް އެކަމަނާގެ މޫނުފުޅަށް ހިނިތުންވުމުގެ އަސަރު ކުރުވީ ވަރަށް ކުޑަކޮށްނެވެ. އެކަމަނާގެ ފިރިކަލުންގެ ސިޔާސީ ޙަޔާތްޕުޅު އެ ކޮޅުކޮޅުން ޖައްސަވައި، ޖަލަށް ލެއްވި ބޭފުޅަކީ ވެސް މަހަތީރެވެ. މަހަތީރުގެ ކަނާތްޕުޅު ފަރާތުގައި ހުންނެވި ޗައިނާ ދަރިކޮޅުގެ ލީޑަރަކީ ވެސް މަހަތީރު ޖަލަށް ލެއްވި ބޭފުޅެކެވެ. އެ ބޭފުޅުން އަތުގުޅާ ލެއްވީ އެ ބޭފުޅުންގެ މާޒީގެ ފަސާނާތަކަށް ވުރެ ގައުމު މުހިއްމު ކަމަށް ދެކެވަޑައިގަންނަވައިގެންނެވެ.

އެއްޗެކޭ ހީފުޅުނުކުރައްވާށެވެ. ހެޔޮ ނަސޭޙަތެކެވެ. މިހާރު ވެރިކަން ކުރާ ޕާޓީ ނާކާމިޔާބު ކުރުމަށް ފަހު މި އިންތިޚާބު ކާމިޔާބު ކުރައްވަން ބޭނުންފުޅު ނަމަ ގުޅިފައިވާ ޕާޓީތަކުން ޤާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ އެއް ކެންޑިޑޭޓަކު ނެރުއްވާށެވެ. ވެރިކަމުގެ ދަހިވެތިކަމާ ހުރެ އެ ގޮތަށް ނުނިންމެވޭ ނަމަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ވެރިކަމަށް އައުމަކީ ރީތި ކުލަ ހުވަފެނަކަށް ހައްދަވާށެވެ. އެ އަށް ފަހު ފަސް އަހަރު ފަހުން އޮންނާނެ އިންތިޚާބެއްގެ ތައްޔާރީތައް މިހާރުއްސުރެ ފައްޓަވާށެވެ.