އޮޅުންބޮޅުން: އުސޫލު ރަނގަޅެއް ނޫން

ރައީސް ނަޝީދުގެ ޝަރީޢަތް ހިނގަމުން ދަނިކޮށް ޝަރީޢަތް ކުރާ ކޯޓު ބަދަލުކުރި އެވެ. ޝަރީޢަތް ކުރުމަށް ހެދިފައި އޮންނަ ގަވައިދަށް އިޞްލާޙެއް ގެނެވިގެން ގަވައިދު ވެސް ބަދަލުކުރި އެވެ. އިއްތިފާގުން ކަންތައް ދިމާކުރި ގޮތުން އެ ޝަރީޢަތް ކުރެއްވި ދެ ބޭފުޅުންނަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ވަޒީފާގެ ކުރިއެރުމެއް ވެސް ލިބިވަޑައިގެންނެވި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު މިހާރު ވަނީ އެ ބޭފުޅުންގެ މަސައްކަތުގެ އެންމެ އުސް ހަރުފަތަށް އަރާވަޑައިގަންނަވައިފަ އެވެ.


ވަކި ބޭފުޅަކު ނައިބު ރައީސް ކަމުގެ މަގާމަށް ގެނައުމުގެ ބޭނުމުގައި ޤާނޫނުއަސާސީ އަށް ވަނީ އިޞްލާޙެއް ގެނެސްފަ އެވެ. ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވެނީ އުމުރުން 35 އަހަރުގެ މީހުންނަށެވެ. އެ ގޮތަށް މާއްދާ ބޭއްވުމުގެ ބޭނުމަކީ މަސައްކަތުގެ ތަޖުރިބާ ލިބިފައި ތިބި ޢިލްމީ މީހުން ގައުމުގެ އެންމެ އިސް މަގާމްތަކަށް ގެނައުމެވެ. ރައްޔިތުންގެ ފައިދާ އަކަށެވެ. އެ މާއްދާ އެ ގޮތަށް ބޭއްވުމާއި ޒުވާންކަމާ އެއްވެސް ގުޅުމެއް ނެތެވެ. ޢާއްމުކޮށް ބައިނަލްއަގުވާމީ ގޮތުން ގިނަ ތަންތާގައި ޒުވާން އުމުރު ކަމަށް ބެލެވެނީ 35 އަހަރާ ހިސާބަށެވެ. އެހެން ނަމަވެސް ހަކަތަ ބޭނުންވާ ބައެއް ކުޅިވަރުތަކުގައި އުމުރުން 30 އަހަރު ފުރުމާ އެކުގައި މާރުކޭޓުގައި އެ ކުޅުންތެރިއަކު ގަނެ ވިއްކުމުގައި، ބޮޑު އަގެއް ދިނުމަށް ޖެހިލުން ވެ އެވެ. މިހެން މިކަން އޮތް ކަމުގައި ވިޔަސް ތަޖުރިބާ އަށް ދޭ މުހިއްމުކަން، މި ފަހަރުގެ ވޯލްޑް ކަޕް ކުޅުމަށް އެކުލަވާލާފައި އޮތް ޓީމުތަކަށް ބަލައިލުމުން ވެސް އެނގެ އެވެ. ޓީމުތައް އެކުލަވައިލާފައި އޮތީ ތަޖުރިބާ އާއި ޒުވާންކަން މިލްޖުލްވާ ގޮތަށެވެ.

ވަކި ބަޔަކު ވެރިކަމަށް އަޔަނުދިނުމުގެ ނިޔަތުގައި ޒުވާން ކަމުގެ ލަފްޒު ނާޖާއިޒް ގޮތުގައި ބޭނުން ކޮށްގެން، އުމުރުން 65 އަހަރު ފުރިފައި ތިބި މީހުން ވެރިކަމަށް އަޔަނުދިނުމަށް ޤާނޫނުއަސާސީ އަށް އިޞްލާޙެއް ގެނަ އެވެ. އުމުރުން ދުވަސްވުމަކީ ދުނިޔެ ފެނުމެވެ. ތަޖުރިބާ ލިބުމެވެ. އެއީ ޖަރީމާއެއް ނޫނެވެ. އެ މީހަކީ ޤާބިލް މީހެއްތޯ ނުވަތަ ނޫންތޯ ނިންމަން ވާނީ އައްޑިހަ ވަރަކަށް މީހުންނެއް ނޫނެވެ. ހުރިހާ ރައްޔިތުންގެ ވޯޓަކުންނެވެ. މިހާރު ވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި، ވެރިކަމުގައި ނުވަދިހައިގެ އަހަރުތައް ގުނަމުން ދާ ވެރިން އެބަ ތިއްބެވި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވެރިކަން ހޯއްދަވާފައި ވަނީ ރައްޔިތުންގެ ވޯޓަކުންނެވެ.

ބިދޭސީންނަށް ބިން ވިއްކުމަށް މަގު ފަހިކޮށް ދިނުމަށް ޤާނޫނުއަސާސީ އަށް އިޞްލާޙެއް ގެނަ އެވެ. މި ވޯޓަށް އިދިކޮޅު ޕާޓީގެ ތަރުޙީބު ހޯދި ކަމުގައި ބުނެވެނީ އެ ފަރާތުން ވަރަށް ބޮޑަށް ބޭނުން ވެފައި އޮތް ކަމެއް ކޮށްދޭނެ ކަމަށް ވަޢުދުވެގެން ކަމުގައި ވެ އެވެ. އެއީ ތެދު ވާހަކައެއް ކަމުގައި ވާ ނަމަ އެ ޕާޓީ، އެ ކުރި ކަންތަކާއި ތިމާ އެދޭ މީހާ އަށް ވޯޓު ލައިފި ނަމަ ދޭ 500 ރުފިޔާގެ ނޫޓާއި އުޞޫލުގައި އަޅުގަނޑަށް ތަފާތެއް ނުފެނެ އެވެ. އަޅުގަނޑުމެންގެ ނަސީބުން ބިން ގަންނަން އައި މީހާ ބޭނުންވާ ކަހަލަ ހިމޭން ވެއްޓެއް ނުލިބޭނެ ކަން ޔަގީން ވުމުން އޭނާ އެ ޚިޔާލު ދޫކޮށްލި ކަމުގައި ވެ އެވެ. ރައްޔިތުންގެ ކެކުޅުމާ ހުރެ އެވެ.

އިންތިޚާބެއް ކުރިމަތިވެފައި އޮއްވައި އިންތިޚާބާ ބެހޭ ޤާނޫނަކަށް، ނުވަތަ އެ ކަމެއްގެ ސަބަބުން އިންތިޚާބަށް ސީދާކޮށް ނުވަތަ ނުސީދާކޮށް އަސަރު ކުރާ ފަދަ ބަދަލެއް ޤާނޫނަކަށް ގެނައުމަކީ ތަހުޒީބު އަދި ޑެމޮކްރެޓިކް މުޖުތަމައުގައި ކުރާ ކަމެއް ނޫނެވެ. އަދި އެފަދަ ބަދަލެއް ގެނެވުނަސް އެ ފަދަ ބަދަލަކަށް އަމަލު ކުރެވެނީ އޭގެ ފަހުން ބާއްވާ އިންތިޚާބެއްގަ އެވެ. ކުރިމަތި ވެފައި އޮންނަ، ނުވަތަ ހިނގަމުންދާ އިންތިޚާބެއްގައެއް ނޫނެވެ.

އެއްފަހަރާ ދެ ގައުމެއްގެ ރައްޔިތަކަށް ވުމަށް ޤާނޫނު ހުއްދަ ކުރާ ގައުމެއްގެ ރައްޔިތަކަށް ވެފައި ހުރި ދިވެހި ރައްޔިތެއް އެ ގައުމުގެ ރައްޔިތުކަން ދޫކޮށްފައި ދިވެހި ރައްޔިތަކަށް ވެ ހުރެގެން އިންތިޚާބަކާ ކުރިމަތިލުމުގެ މައްސަލަ އަކީ ކޮބައި ބާވަ އެވެ؟ އެހެނެއް ނޫނެވެ. ދިވެހި ރައްޔިތުކަން ދޫކުރުމަށް ފަހު އެހެން ގައުމެއްގެ ރައްޔިތަކަށް ވެފައި، އަލުން ދިވެހި ރައްޔިތަކަށް ވާން އުޅެފި ނަމަ އެއީ މައްސަލައަކަށް ވެދާނެ އެވެ. ސަބަބަކީ ކުޅޭކުޅޭ ކަމެއްގެ ގޮތުގައި ރައްޔިތުކަން ބަދަލުކުރާތީ ވެ އެވެ. ކަންކަން ހިނގާ ގޮތަށް ބަލާއިރު އެއީ ފަސޭހަ އިން ވެދާނެ ކަމެއް ވެސް ނޫނެވެ. މި ޒަމާނުގެ ގާނޫނުތަކާއި ގަވައިދުތަކަށް ބަލާއިރު މުމްކިނު ކަމަކަށް ނުވެދާނެ ކަމުގައި ވެސް ދެންނެވިދާނެ އެވެ. އިންތިޚާބަކާ ބޯމަތި ވެފައި އޮއްވައި ކެންޑިޑޭޓުންގެ ޝަރުތުގެ ތެރޭގައި، މި ފަދަ ހުރަހެއް އަލަށް ގެނައުމުގައި މައިގަނޑު ސަބަބެއް ކަމަށް ބުނަނީ އެފަދަ ކެންޑިޑޭޓަކަށް ބޭރުގެ ގައުމެއްގެ ނުފޫޒު ފޯރުވަފާނެތީވެ އެވެ. އެހެން ކަމަށް ވާ ނަމަ މިހާރު ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ގިނަ އަހަރުތަކެއް ވާންދެން ދިރިއުޅެމުންދާ އެތަކެއް ހާސް ދިވެހިންނަށް އެ ބުނާ ނުފޫޒު ނުފޯރުވޭނެ ބާވަ އެވެ؟ ބޭރު ގައުމެއްގެ ނުފޫޒު ފޯރާނީ ހަމައެކަނި އެ ގައުމެއްގައި ދިރިއުޅެގެން ބާވަ އެވެ؟ ޢަރަބި ބަހުން ވާހަކަ ދައްކާ ބައެއް ގައުމުތަކުގެ ނުފޫޒު އިންތިހާ ދަރަޖަ އަށް އޮންނަ މީހުން މިހާރު ވެސް އަޅުގަނޑުމެންނަށް ރާއްޖެ އިން ފެނެ އެވެ. މަތީ މަގާމްތަކުން ވެސް ފެނެ އެވެ. އަދި ފެންނަ ކަންތައްތަކުން އެ ކަން ކަށަވަރުވެގެން ވެސް ދެ އެވެ. އެތެރެހައްޓާއި ބޭރު ފުށުން ނުފޫޒު ދޮވެވޭނެ މުއްދަތަކަށް ދީފައި އޮންނަނީ 10 އަހަރު ދުވަހެވެ. އެ ގޮތަށް ނިންމާފައި ވަނީ ވަރަށް ގިނަ ދިރާސާތަކާއި ތަޙްލީލުތައް ކުރުމަށް ފަހުގައި ކަމުގައި ވެސް ވެދާނެ އެވެ.

އެހެން ގައުމެއްގެ ހިމާޔަތެއް އެއްވެސް އިރެއްގައި ހޯދާފައި ހުރި މީހަކަށް އިންތިޚާބަކާ ކުރިމަތި ނުލެވޭނެ ކަމަށް ނިންމަން މި އުޅެނީ ކޮން ކަހަލަ ބިރުވެރި ހުވަފެނެއް ފެނިގެން ބާވަ އެވެ؟ ކޮން ކަހަލަ އެއްޗެއް ކެވިގެން، ނިދިގެން ފެންނަ ހުވަފެނެއް ބާވަ އެވެ؟ ޙިމާޔަތް ހޯދަނީ ރައްކާތެރި ވުމަށެވެ. ތިމާ އަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ ބިރުގަ އެވެ. ތިމާގެ ހިތުގައި އެ ބިރުވެރިކަން އުފައްދާ މީހާ އަށް އެކަން ނުފެނިދާނެ އެވެ. ނުވަތަ އެފަދަ ކަމަކަށް ތަރުޙީބު ދޭ ބަޔަކަށް ވެސް އެ ކަމެއް ނުފެނިދާނެ އެވެ. އެކަމަކު ތިމާ އަމިއްލަ އަށް ރައްކާތެރި ވުމަށް ޙިމާޔަތެއް ހޯދުމަކީ ކުށެއްގެ ގޮތުގައި ހެދުމަކީ ވަރަށް ތާކުން ތާކު ނުޖެހޭ ކަމެކެވެ. ދެން އަންނާނެ ކަމަށް ފެންނަ މަރުޙަލާ އަކީ ބޭރު ގައުމެއްގެ ސަފީރަކާ ބައްދަލުކޮށްފި ނަމަ ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތަކާއި ވެރިކަމުގައި ތިބި ބަޔަކަށް ނުއެގި ބައްދަލު ކޮށްފި ނަމަ އިންތިޚާބަކާ ކުރިމަތި ނުލެވޭނެ ގޮތް ހެދުމެވެ.

މިހާރު އިވޭ އަޑަކީ ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ރިޔާސީ ދައުރުގެ މުއްދަތު، އަށް އަހަރަށް ބަދަލު ކުރަން އުޅޭ ވާހަކަ އެވެ. ރައްޔިތުން ވަކި ގޮތަކަށް ވޯޓަކުން ނިންމާފައި ހުރި ކަންތައް ތަރުޖަމާއެއްގެ ތެރެއިން، ޤާނޫނަށް ގެނެވޭ އިޞްލާޙަކުން ބަދަލު ކުރެވިގެން ނުވާނެ އެވެ. ބަދަލެއް ގެނެވޭ ނަމަ އެ ބަދަލެއް ގެނެވެން ވާނީ ރައްޔިތުންގެ ޢާޢްމު ވޯޓަކުންނެވެ.

މާ ދުރު ނޫން މާޒީގައި ހިނގައި ދިޔަ ކަންތައްތަކުން ވެސް އަޅުގަނޑުމެން ޢިބްރަތެއް ޙާޞިލް ކުރަން ވެއްޖެ އެވެ. އިލާހީ ޢަދުލުގެ ނިޒާމް ތަންފީޒު ވެގެން ދާއިރު އެ ކަމުގެ ކުޑަ ވެސް މަޢުލޫމާތެއް ކުރިއަކުން ނުލިބޭނެ އެވެ. ތަންފީޒު ވެގެން ދާނީ ހައިރާންކުރަނިވި ގޮތަކަށެވެ. ޤާނޫނުއަސާސީ އަށް އިޞްލާހެއް ގެނެވިގެން ނައިބް ރައީސްގެ މަގާމަށް ގެނައި ބޭފުޅާ އަށް ވީ ގޮތް ބައްލަވާށެވެ. ރާއްޖޭގެ އެންމެ ބާރު ގަދަ، އެންމެ ނުފޫޒު ގަދަ، އަދި ޤާނޫނު ތަރުޖަމާ ކުރަން އެންމެ މޮޅު ދެ ޙާކިމުންނަށް ވީ ގޮތް ބައްލަވާށެވެ.

ޔާ ﷲ! އިބަސުވާމީންގެ ކުޅުދުންވަންތަވެރި ކަމުގެ ބޮޑުކަމާ އެވެ!