އިޖުތިމާއީ ގުޅުންތަކާއި ދުނިޔަވީ މަންފާ ހޯދުމުގައި ﷲ އަށް އަޅުވެތިވުން

އިންސާނާ އާއި ﷲއާ ދެމެދު އޮންނަން ޖެހޭ ގުޅުމަކީ އިންސާނުން ﷲ އަށް އަޅުވެތިވުމުގެ ގުޅުމެކެވެ. މީގެ މާނައަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ މައިދާންތަކެއްގައި އޭނާގެ އެންމެހާ ބަސްތަކާއި އަމަލުތަކާއި ފިކުރުތަކާއި ޖަޒުބާތުތައް ﷲ ރުހިވޮޑިގެންވާ އަދި ލޯބިވެވޮޑިގެންވާ ގޮތަށް އޮތުމެވެ. މިފަދަ ޝާމިލު ގޮތެއްގައި އަޅުވެތިވުން މާނަ ކުރެވޭ ހިނދު މި އަޅުވެތިވުން ތަފާތު ހައިސިއްޔަތުތަކުން ފެންނަން ޖެހޭނެ އެވެ.


ﷲ ގެ ރުހިވޮޑިގަތުމާއި ލޯބި ލިބުން އޮތީ ހަމައެކަނި އިބާދާތުތައް އަދާކޮށްގެންނެއް ނޫނެވެ. ހަގީގަތުގައި އިބާދާތުތަކުގެ ބޭނުމަކީ ވެސް ދިރިއުޅުމުގެ އެހެންކަންކަމުގައި ﷲ އެންގެވި ގޮތަށް އުޅުމަށް އާދަ ކުރުވުމެވެ. ވީމާ އިޖުތިމާއީ ގުޅުންތަކާއި ދުނިޔަވީ މަންފާތައް ލިބިގަތުމުގައި ވެސް ﷲ އަށް އަޅުވެތިވުން ފެންނަން ޖެހޭނެ އެވެ.

އިޖުތިމާއީ ގުޅުންތަކުގައި ﷲ އަށް އަޅުވެތިވުން ފެންނާނީ އިޖުތިމާއީ އެންމެހާ ރިވެތި އަޚުލާގާއި އިޖުތިމާއީ ތަކާފުލުގެ ތެރެއިން ހިމެނޭ އެންމެހާ ކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވިގެންނެވެ. މިގޮތުން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އަދުލު އިންސާފާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމާއި ހެޔޮ ފޯރުވުން ފަދަ ރިވެތި އެންމެހާ އަހުލާގު ތައް ހިމެނެނީ ﷲ އަށް އަޅުވެތިވުން ފެނިގެންދާ ކަންކަމުގެ ތެރެއިންނެވެ.

އެކަކު އަނެކަކަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި މައުނަވީ ގޮތުން އަދާކޮށްދޭން ޖެހޭ އެންމެހާ ހައްގުތައް އަދާ ކުރުން ވެސް ހިމެނެނީ ﷲ އަށް އަޅުވެތިވުން ފެނިގެންދާ ކަންކަމުގެ ތެރެއިންނެވެ. މިކަންކަން ފުރިހަމަ ކުރުމަށްޓަކައި މި ކަންކަމުގެ މައުލޫމާތު ދަސްކޮށް އަމަލީ ގޮތުން މިކަންކަން ކުރުމަށް ނަފްސުތައް ހާނުވާން ޖެހެއެވެ.

ދުނިޔަވީ މަންފާތައް ލިބިގަތުމުގައި ﷲ އަށް އަޅުވެތިވުން ފެނިގެންދާނީ ކައުނުގައިވާ އެންމެހާ މަޚްލޫގުން އުފެދިފައިވާ ގޮތުގެ ފުރިހަމަ ކަމާއި އެއިން މީސްތަކުންނަށް ލިބޭ މަންފާތައް އިހުސާސް ކޮށް ﷲ އަށް ޝުކުރުވެރިވުމާއި އެ ނިއުމަތްތަކުގެ ބޭނުން އެކަލާނގެ އަންގަވާފައިވާ ގޮތުގައި ހިފުމުންނެވެ.

މިކަން ފުރިހަމަ ކުރުމަށްޓަކައި ވެސް ހަމަ އެންމެ ފުރަތަމަ ކަމަކީ ކައުނުގައިވާ އެންމެހާ ތަބީއީ އިލާހީ ގާނޫނުތައް ދެނެގަތުމެވެ. އަދި އެ ގާނޫނުތަކުގެ ބޭނުން ހިފައިގެން ﷲ އަންގަވާފައިވާ ގޮތުގައި ކައުނުން މަންފާ ލިބިގަތުމަށް ދަސްކުރުމެވެ. މިގޮތުން ތަބީއީ އެންމެހާ ގާނޫނުތައް ދަސްކުރުމަށްޓަކައި ސައިންސުގެ އެކިއެކި މައުލޫމާތުތަކަށް ހޭލުންތެރިވާން ޖެހެއެވެ.

ﷲ އަށް އަޅުވެތިވުން ފުރިހަމަވީ ކަމުގައި ބެލެވޭނީ މިފަދަ ޝާމިލު ގޮތަކަށް އެކަން ކުރެވިގެންނެވެ. އެހެން ނޫންނަމަ، އެބަހީ ﷲ އަށް އަޅުވެތިވުމަކީ ހަމައެކަނި ﷲ އާ އިންސާނާއާ ދެމެދު އޮންނަ ޚާއްޞަ ގުޅުމެއް ކަމުގައި ބަލައިފި ނަމަ، އެއިން ލިބޭ ގެއްލުންތަކެއް ވެއެވެ.

މިގޮތުން ފުރަތަމަ ކަމަކީ އިޖުތިމާއީ ކަންކަމާއި ކައުނީ ކަންކަން ދެނެގަނެ ދިރާސާ ކުރުން ހުއްޓިދިއުމެވެ. އަދި އިޖުތިމާއީ އަހުލާގާއި ތަކާފުލަކީ ﷲ އަށް އަޅުވެތިވުމުގެ ގޮތުން ކުރެވޭ ކަމެއްގެ ގޮތުގައި ނުބަލައި އެއީ ހަމައެކަނި އެމީހަކު ބޭނުންނަމަ ކުރަން އޮތް ކަމެއް ކަމަށް ދެކުމެވެ.

މީގެ އާޚިރު ނަތީޖާ އަކީ މުޖުތަމައު ވިއްސިވިހާލިވެ އެއްބައިވަންތަކަމާއި އެކުވެރިކަން ގެއްލި ދިއުމެވެ. މީގެ އިތުރުން ކައުނުގެ ކަންކަން ދިރާސާކޮށް އިލްމީގޮތުން ކުރިއެރުމާއި ތަރައްގީ ހޯދުމަކީ ހަމައެކަނި ދުނިޔަވީ ކަމެއް ކަމުގައި ބެލުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ ލާދީނީ ވުމެވެ.

ދެވަނަ ގެއްލުމަކީ ކަންނެތްކަމާއި ތަވާކުލު ކުރުން (ސަބަބުތަކުގައި ނުހިފައި ވަކީލުކޮށްގެންނޭ ކިޔައިގެން ތިބުން) މަތީ ދެމިތިބެން މީސްތަކުންނަށް އާދަ ވުމެވެ. މުޖުތަމައަށް ކުރިމަތިވާ މައްސަލަތަކާއި ބޭރުން އަންނަ ގޮންޖެހުންތަކާއި ތަބީއީ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ތަފާތު ހާދިސާ ތަކާއި ކާރިސާ ތަކަށް ތައްޔާރު ވުމެއް ނުވަތަ ކުރިމަތިލުމެއް ނެތުމެވެ. ނަތީޖާ އަކީ އިންސާނީ ދިރިއުޅުން ނާތަހުޒީބު ކަން މަތީ ދެމި އޮތުމެވެ.

ތިންވަނަ ގެއްލުމަކީ އިޖުތިމާއީ އަދި ކައުނީ މައިދާނުގައި މަގުދެއްކމާއި އިރުޝާދު ދިނުން ހުއްޓިގެން ދިއުމެވެ. ނަތީޖާ އަކަށް ވާނީ އެ ދެ ދާއިރާގައި އަހުލާގަކީ ނެތް އެއްޗެއް ކަމަށްވެ ކޮންމެ މީހަކުވެސް މާއްދީ ގޮތުން އެމީހަކަށް މަންފާ އޮންނަ ގޮތަށް އެކަނި ކަންތައްތައް ކުރުމަށް ނަފްސުތައް ތަމްރީނު ވުމެވެ. މާއްދިއްޔަތަށް ލެނބުމުގެ ސަބަބުން ރޫހާނީ ބައިގެ ތަރުބިޔަތު ނުލިބި އެއްބަޔަކު އުޅެމުން ދާއިރު އަނެއް ބަޔަކު ދުނިޔަވީ ކަންކަމަށް އެއްވެސް ލޯހުޅުވުމެއް ނެތި ހަމައެކަނި ދީނީ ހައިސިއްޔަތުން އަޅުވެތިވާން ތަރުބިޔަތު ވެފައިވާ ބަޔަކަށް ވެގެން ދިއުމެވެ.

ހަތަރުވަނަ ގެއްލުމަކީ މުޖުތަމައު އިސްލާހު ކުރުމުގެ މަސައްކަތުގެ ދައުރު މުޖުތަމައުން ނެތިދިއުމެވެ. ނަތީޖާ އެއްގެ ގޮތުން ހެޔޮ ކަންތައްތަކުގެ ބަދަލުގައި ނުބައި ކަންތައްތައް އާންމުވާން ފުރުސަތު ލިބުމެވެ. އަދި ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ދީނާއި ދުނިޔެ ވަކި ކުރަން ބާރު ލިބުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު ހެޔޮ ކަމަކީ ހަމައެކަނި މޫނުތައް އިރުމައްޗަށް ނުވަތަ ހުޅަނގަށް ކުރިމަތި ކުރުމެއް ނޫނެވެ. ނުވަތަ އަޅުކަމުގެ ގޮތުގައި އެއްވެސް މާނައެއް ރޫހެއް ނެތި ބޭރުފުށުން ހަރަކާތްތަކެއް ދެއްކުމެއް ވެސް ނޫނެވެ.

އެކަމަކު އިޖުތިމާއީ އެތައް ކަމެއް ހެޔޮކަމުގެ ތެރެއަށް ވަދެއެވެ. މިގޮތުން އަލްބަޤަރާ ސޫރަތުގެ 177 ވަނަ އާޔަތުން އެނގޭ ގޮތުގައި ހެޔޮކަންތަކުގެ ތެރޭގައި ގާތްތިމާގެ މީހުންނާއި ޔަތީމުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނާއި ދަތިވެގެން އެދޭ މީހުންނަށް މުދަލުން ހޭދަ ކުރުމާއި އަޅުން މިނިވަން ކުރުން ހިމެނެއެވެ.

މީގެ އިތުރުން އަހުދަށް ވަފާތެރިވުމާއި ދަތި އުނދަގޫ ހާލަތްތަކަށް ކެތްކުރުން ވެސް ހިމެނެ އެވެ. ހެޔޮކަމަކީ ﷲ އަށް އަޅުވެތިވުމުގެ މުހިންމު ބައެއް ކަމުގައި ވާހިނދު މި ހައިސިއްޔަތުން ވެސް ﷲ އަށް އަޅުވެތިވުން ފެންނަން ޖެހޭނެ އެވެ. ހަމައެފަދައިން ކައުނީ ހައިސިއްޔަތުން ވެސް ﷲ އަށް އަޅުވެތިވުން ފެންނަން ޖެހޭނެ އެވެ.

އާލް ޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތުން އެނގޭ ގޮތުގައި ބުއްދީގެ އަހުލުވެރިން ނަމަ ކޮޅަށް ތިބޭ ހާލުގައާއި އޮށޯވެ އޮންނަ ހާލަތުގައި އެމީހުން ﷲ އަށް ޒިކުރު ކުރުމާ އެކު އުޑުތަކާއި ބިން ހެއްދެވިފައިވާ ގޮތާ މެދު ފިކުރުކޮށް އެއީ ބާތިލު ގޮތުގައި ހެއްދެވިގެންވާ ތަކެތި ނޫން ކަމަށް އިއުތިރާފު ވާނެ އެވެ. ވީމާ އިބާދާތު ތަކަކީ ހަމައެކަނި ﷲ އާ އޮންނަ ގުޅުން ބަދަހި ކުރާ ކަންކަމެއް ނޫނެވެ. އެ ގުޅުމުގެ ތެރެއިން އިޖުތިމާއީ ގުޅުންތައް ބަދަހިވާން ޖެހެއެވެ.

އަޅުކަންތަކަށް ފުންކޮށް ނަޒަރު ހިންގާލުމުން މިކަން ހާމަވާނެ އެވެ. މިސާލަކަށް ޖަމާއަތުގެ ނަމާދުން އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކަކު އަނެކެއްގެ ހާލު އަހުވާލު ބެލުމުގެ އާދަ ދަސްވާން ޖެހޭނެ އެވެ. ޒަކާތުން ފަގީރުންނާއި މިސްކީނުންނާއި އެނޫންވެސް އެހެން ފަރާތްތަކަށް އެހި ފޯރުކޮށްދޭން ދަސްވާން ޖެހޭނެ އެވެ. މިނޫން ވެސް މިފަދަ އެތައް އިޖުތިމާއީ ކަންކަން އިބާދާތުގެ ތެރެއިން ދަސްވާން ޖެހެއެވެ.

މިފަދަ ކަންކަމަށް ސަމާލުކަން ނުދިނުމަކީ މީހާ ﷲ އާ އޮންނަ ގުޅުން ކުޑަވެ އީމާންތެރިކަން އުނިވާ ކަމެއްކަން ވަރަށް ގިނަ ހަދީސްތަކުން އެނގެއެވެ. މިސާލަކަށް އަވައްޓެރިންނަށް ކަމޭ ނުހިތުމަކީ އީމާންކަން އުނިވާ ކަމެކެވެ. ޔަތީމުން ކޮށްޕައި ދުރަށް ލުމާއި މިސްކީނުންނަށް ކާން ދިނުމުގެ މައްޗަށް ބާރު ނޭޅުމަކީ ދީން ނުވަތަ ގިޔާމަތް ދުވަހުގެ ޖަޒާ ދޮގުކުރުމެވެ. (އަލްމާޢޫން 1-3)

ޒަކާތް ދިނުމާއި ސަދަގާތްކުރުމާއި ޖާނާއި މާލުން ޖިހާދު ކުރުން ފަދަ އިޖުތިމާއީ ކަންކަން ނުހިމަނައި މުސްލިމުން ހިފާ ބައިޢަތު، ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގަބޫލުފުޅު ނުކުރައްވަވަ އެވެ. މިއިން ނަމޫނާ ލިބިވަޑައިގެން އަބޫބަކުރުގެފާނު ވެސް ޒަކާތް ނުދެއްކި މީހުންނާ ހަނގުރާމަ ކުރެއްވި އެވެ. މިފަދަ އެތައް މިސާލަކުން އެނގެނީ ﷲ އަށް އަޅުވެތިވުން ފުރިހަމަ ކުރެވޭނީ ދީނީ ހައިސިއްޔަތުގެ އިތުރުން އިޖުތިމާއީ ކަންކަމާއި ދުނިޔަވީ މަންފާތައް ލިބިގަތުމުގެ ހައްސިއްޔަތު ތަކުންވެސް އަޅުކަމުގެ އަސަރުތައް ފެނިގެން ކަމެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ