މަޖިލިހުގެ ތެރެއަށް ވަދެފައި ހަމަ ހައިރާންވެއްޖެ!

މެހެމާނުންގެ ކާޑު އަޅުވާލުމަށް ފަހު، އަންހެން މުވައްޒަފަކު ދެއްކި މަގަކުން ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ތެރެއަށް ވަނީމެވެ. ފެނުނީ ބޮޑެތި މާބުލް ޖަހާފައި ހުރި، ޖާގައިގެ ގޮތުން ތަނަވަސް ފެންޑާއެކެވެ. ހިމޭންކަމުގައި، އަމިއްލަ ފިޔަވަޅުގެ އަޑު ވެސް ސާފުކޮށް އިވެ އެވެ. ދެ ވަނަ ބުރި އަށް އެރިއިރު، އެކި ހިސާބުތަކުގައި އެކި ވަރުގެ ގޮނޑި ސެޓް ބަހައްޓާފައި ހުއްޓެވެ. އެއް ފަރާތުގައި ހުރި މޭޒެއް މަތީގައި، ކޮފީ ތަށިތައް އަތުރާލައިފައިވެ އެވެ.


ކޮމިޓީގެ ގަޑި ޖެހެންދެން ގޮނޑިއެއްގައި އިށީދެލައިގެން އިން އިރު އަޅުގަނޑުގެ ހިތަށްއެރީ "މިއީ ގަދަރު ލިބިގެންވާ ތަނެކޭ" އެވެ. މިތަނުގެ ގަދަރާއި މިތަނުގެ ހައިބަތު ހިފެހެއްޓެވުމަކީ މެމްބަރުންގެ ވާޖިބެއްކަން ޔަގީނެވެ. މަޖިލިހުގެ އިދާރާ އަށް ވަންނަ އާންމު މީހާގެ ހިތުގައި އުފެދޭ ޝުއޫރުތައް އެހެން ހުރިއިރު، ހުވާކުރައްވައިގެން މަޖިލިހަށް ކޮންމެ ދުވަހަކު ވަޑައިގަންނަވާ މެމްބަރުންގެ ހިތްޕުޅުގައި އެގަދަރު ހަމަ އެބަ އޮތް ހެއްޔެވެ؟

ކޮމިޓީ ވަގުތު ޖެހުމާ އެކު އެތަނަށް ވަދެއްޖައިމެވެ. ހޯލުގެ މެދުގައި ހުރީ މެމްބަރުންނާއި ކޮމިޓީ އަށް ހާޒިރުކުރާ މީހުން ތިބޭ މޭޒާއި ގޮނޑިތަކެވެ. އަޑުއަހަަން ވަންނަ މީހުންނާއި މަޖިލިހުގެ މުވައްޒަފުންނަށް ހާއްސަ ގޮނޑިތައް ހުރީ ދެ ފަރާތު ފާރު ކައިރީގަ އެވެ.

"މިހާރު" ނޫހުގެ ހަތަރު އެޑިޓަރަކު ގެންގޮސް، މެމްބަރުންގެ ކުރިމަތީގައި ބޭތިއްބި އެވެ. ދިހަވަރަކަށް މެމްބަރުން ގޮނޑީގައި، ހައިބަތާ އެކު ތިއްބެވި އެވެ. އަޅުގަނޑު އިނީ މެމްބަރުންގެ ފަހަތުގައި، އަޑުއަހާށެވެ.

އިރުކޮޅަކުން، އަންހެން މުވައްޒަފަކު އެތަނަށް ވަނީ ކުދިކުދި ތަށިތަކަކަށް އަޅާފައި ހުރި ދުފާ އެއްޗެހި ހިފައިގެންނެވެ. މެމްބަރުންގެ މޭޒުކޮޅުތަކުގައި ބެހެއްޓި އެވެ. އަދި "މިހާރު"ގެ އެޑިޓަރުންގެ ކުރިމަތީގައި ވެސް، ކޮންމެ މީހަކަށް ދުފުމެއް ވާ ގޮތަށް ތަށިތައް އަތުރާލި އެވެ.

ސަމާލުކަމެއް ނެތް، މޮބައިލް ފޯނުގައި

ސަރުކާރުން އަބުރުގެ ބިލޭ ކިޔަސް، ރާއްޖޭގެ ގިނަ ނޫސްވެރިން މިހާރު އެއްބަސްވެފައި ވަނީ ހިޔާލުފާޅުކުރުން ހުއްޓުވާ ބިލޭ ކިޔާށެވެ. އެ ވާހަކަ އަށް އަޅުގަނޑު ތާއީދުކުރަމެވެ. އަބުރުގެ ނަން ގެނެސްފައި ވަނީ ރައްޔިތުންނަށް އޭގެ ހަގީގަތް އޮޅުވާލާށެވެ. ބިލްގެ ހުރިހާ ވެސް މަގުސަދަކީ، އަދި އެ ތައްޔާރުކުރި ބައެއްގެ ނިޔަތަކީ ގާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާ ފުނޑާލުމެވެ.

"މިހާރު"ގެ އެޑިޓަރުން، އެބިލާ މެދު ދެކޭ ގޮތުގެ ތައާރަފެއް ދޭން ފަސް މިނިޓްގެ ވަގުތުކޮޅެއް، ކޮމިޓީގެ މުގައްރިރު އަދި ފ. ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ދެއްވި އެވެ. އެކަމަކު އެ ތައާރަފު ދެމުން ދިޔަ އިރު، ގިނަ މެމްބަރުން ތިބީ މޮބައިލް ފޯނާ ކުޅޭށެވެ. އަޅުގަނޑުގެ ހިތަށްއެރި އެވެ. "ހަވީރު"ގައި ކޮންމެ ދުވަހަކު ބާއްވާ ބަޖެޓް މީޓިން ވެސް ކުރިއަށް ދާއިރު، އިމަޖެންސީ ހާލަތެއްގައި މެނުވީ، އެއްވެސް މީހަކު މޮބައިލްއާ ކުޅުން އޮންނަނީ މަނާކޮށްފަ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކަށް، އާންމުންގެ ބަޔަކު ހާޒިރުކޮށްގެން މައުލޫމާތުތަކެއް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ގިނަ މެމްބަރުން އެ ތިއްބެވީ، އެ ދައްކާ ވާހަކައަށް އަޅާލެއްވުމެއް ނުދެއްވާ މޮބައިލްއާ ކުޅުއްވާށެވެ. މިއަށް ވުރެ ބޮޑު އިހުތިރާމް ކުޑަކުރުމެއް އޮންނާނެ ހެއްޔެވެ؟

އަސާސީ ހައްގެއް ބަދަލުކުރަން އުޅޭ އިރު އެއީ ކިހާ ވަރެއްގެ ކަމެއްކަން މެމްބަރުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ އެވެ. އަސާސީ ހައްގުތަކަކީ ހިތަށްއަރާ ފަހަރަކު ހަނިކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު މެޖޯރިޓީ މެމްބަރުންގެ ވިސްނުންފުޅު އެ މިސްރާބަށް ދަތުރެއް ނުކުރެ އެވެ. އެ މެމްބަރުން ގަބޫލުކުރައްވަނީ ހަމައެކަނި ރައީސް ޔާމީން ދައްކަވާ ވާހަކަފުޅެވެ.

ފާރުގެ އެކި ހިސާބުތަކުގައި ހަރުކޮށްފައި ހުރީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރެއްވި އެކި ބޭފުޅުންގެ ފޮޓޯފުޅުތަކެވެ. އެއްވެސް ކަހަލަ މިނިވަންކަމެއް ނެތް އިރު ވެސް އެ ބޭފުޅުން މަސައްކަތްކުރެއްވީ ގަދަރުވެރިކަމާ އެކުގައިކަން ކަށަވަރެވެ. އެކަމަކު މިހާރު ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮތީ އެ ފެންވަރަކު ނޫނެވެ. މަޖިލިހުގެ މެމްބަރުންގެ އިސްތަށިފުޅުގައި އެޅިފައިވާ ބޮޑެތި ޒިންމާތަކަށް ފުރަގަސްދެއްވާފައިވާކަން ކޮމިޓީގެ އެ ބައްދަލުވުމުން ވެސް އެނގެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ހުވާގައި، ގާނޫނުއަސާސީ ހިމާޔަތްކުރުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގެ ވާހަކަ އޮތީ ސަބަބުތަކެއް ހުރެގެންނެވެ. އެ ހުވާގައި، ރައީސްޖުމްހޫރިއްޔާ އަންގަވާ ކޮންމެ ގޮތަކަށް މަސައްކަތްކުރައްވާށެކޭ ބުނެފައެއް ނުވެ އެވެ. އެހެންކަމުން މަޖިލިހުގެ މެޖޯރިޓީ މިހާރު އޮތް ޕީޕީއެމް މެމްބަރުން، ރައީސް އަބްދުﷲ ޔާމީން އަންގަވާ ކޮންމެ ކަމަކަށް، ވިސްނާލެއްވުމެއް ނެތި އިޖާބަދެއްވަނީ ކީއްވެގެން ހެއްޔެވެ؟

އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދޭނީ މެމްބަރުންގެ ފަރާތްޕުޅުން ފެނުނު އާދަތަކުގެ މައްޗަށް ބިނާކޮށެވެ: އަބަދު މޮބައިލް ފޯނުގައި ތިއްބަވާ ބަޔަކު، މަޖިލިހަށް ހުށަހަޅާ މުހިންމު ކަންކަމާ މެދު ވިސްނާނެ ވަގުތެއް ނޯންނާނެ އެވެ.

މިހާރު ތި އަރައިގަންނަވަނީ އަސާސީ ހައްގުތަކަށް

މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި، މެޖޯރިޓީ މެމްބަރުންނާއި އެމްޑީޕީ ބައެއް މެމްބަރުން އެކުވެގެން މީގެ ކުރިން ވަނީ ވަރަށް ބޮޑެތި ކަންކަމަށް ވޯޓު ދެއްވައިފަ އެވެ. އޭގެ ތެރޭގައި ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތް ހެދުމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު، އެއްވެސް ތަހުގީގެއް ހިންގުމަކާ ނުލައި ވަކިކުރުން ހިމެނެ އެވެ. މިއިން ކޮންމެ ކަމެއްގައި ރިޝްވަތުގެ ހުތުރު އަމަލް ހިންގާފައިވާކަމުގެ އަޑުތައް އޭރު އެރި އެވެ. އެކަމަކު މިހާރު ކުރަން މި އުޅެނީ އަސާސީ ހައްގުތަކެއް ހަނިކުރުމުގެ މަސައްކަތެވެ. އެހެންކަމުން ސިޔާސީ ކަމަކާއި މި މައްސަލަ ވަރަށް ބޮޑަށް ތަފާތު އެބަ ވެ އެވެ.

އަސާސީ ހައްގެއް ބަދަލުކުރަން އުޅޭ އިރު އެއީ ކިހާ ވަރެއްގެ ކަމެއްކަން މެމްބަރުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ އެވެ. އަސާސީ ހައްގުތަކަކީ ހިތަށްއަރާ ފަހަރަކު ހަނިކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު މެޖޯރިޓީ މެމްބަރުންގެ ވިސްނުންފުޅު އެ މިސްރާބަށް ދަތުރެއް ނުކުރެ އެވެ. އެ މެމްބަރުން ގަބޫލުކުރައްވަނީ ހަމައެކަނި ރައީސް ޔާމީން ދައްކަވާ ވާހަކަފުޅެވެ. ރައީސް ޔާމީން "ތިމަންނަ މި ހުރީ ގައުމަށްޓަކައޭ" ވިދާޅުވާ އިރަށް، މެމްބަރުން މި ގަބޫލުކުރައްވަނީ ގައުމުގެ ހައްގުގައި މަސައްކަތްކުރައްވަނީ ހަމައެކަނި ރައީސް ޔާމީން ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ .-- ފޮޓޯ: އިމޭޖަސް.އެމްވީ

އެކަމަކު ރައީސް ޔާމީން އެހެން ދައްކަވާ ގަދަ ބަސްފުޅުތައް ހަމަ އެގޮތަށް ކުރިއަށް ނުދާކަން މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެވެ. ބޭރުން ކިތައްމެ ބޮޑު ޕްރެޝަރެއް އަޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބޭރަށް ނުފޮނުއްވާނެކަމާއި، އޭގެ ދިފާއުގައި މެމްބަރުން މީޑިއާތަކަށް އަރުއްވައި ވާހަކަ ދައްކަވަން ރައީސް ޔާމީން އެދިވަޑައިގަތެވެ. ބައެއް މެމްބަރުން ޓީވީތަކުގައި، ގަދަފައި ވިއްދަވާފައި، އެގޮތަށް ވާހަކަ ވެސް ދެއްކެވި އެވެ. ނަޝީދުގެ މައްސަލާގައި ރައީސް ޔާމީނަށް ކުރެއްވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭގެ ފަަހުން ހަފުތާއެއް ވެސް ނުވަނީސް ކުއްލިއަކަށް ނަޝީދު އެ ފުރުއްވީ އިނގިރޭސި ވިލާތަށެވެ.

މެމްބަރުން ތިއްބެވީ ސުވާލު މާކެއްގަ އެވެ!

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވަން "އަބުރު"ގެ ނަން ކުރިއަށް ނެރެގެން އުޅުއްވަނީ ސީދާ ރައީސް ޔާމީނެވެ. އެކަން ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވައިބަ ގްރޫޕްގެ ޕޯސްޓްތަކުން އެނގެ އެވެ. އޭގެ ސަބަބު މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެވެ. އެކަމަކު ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމެއްގެ ޕްރެޝަރު މެމްބަރުން އުފުއްލަވަން ޖެހިވަޑައިގަންނަވާ ސަބަބެއް ނެތެވެ. މެމްބަރުންނަށް ސަރުކާރު މުހިންމުވާ ގޮތަށް ރައީސް ޔާމީނަށް ވެސް މެމްބަރުން މުހިންމެވެ. އެހެންކަމުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަ ކޮންމެ ކަމަކަށް މެމްބަރުން ނޫނެކޭ ވިދާޅުވިޔަސް، ރައީސް ޔާމީނަށް ކުރެއްވޭނެ ކަމެއް ނޯންނާނެ އެވެ. ދެން ވެސް ރައީސް ވަޑައިގަންނަވާނީ މެމްބަރުންގެ އަރިއަހަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ހައިބަތު އަޅުގަނޑުގެ ހިތުގައި ކުޑަައެއް ނުވެ އެވެ. އެކަމަކު އެދުވަހު އެ މަޖިލިހަށް ވަދެފައި، ފެނުނު މަންޒަރާއި، މަޖިލިހުގެ މެމްބަރުން އަމިއްލަ އަށް މިނިވަންކަން ނަގާލައްވައިގެން އުޅުއްވާ އުޅުއްވުމުން މިހުރީ ހައިރާންވެފަ އެވެ. ރައްޔިތުންގެ ފަރާތުން އެހާ ބޮޑު ބާރުތަކެއް ދީފައިވާ ބަޔަކު އެހާ ފަރުވާކުޑަކުރާކަށް ނުވާނެ އެވެ. އެހާ ބަލިކަށި ބަޔަކަށް ވެގެން ނުވާނެ އެވެ. އަދި ވެރިޔާ އަަންގަވާ ކޮންމެ ކަމަކަށް ބޯޖަހާލާ ގްރޫޕަކަށް ވެސް ވެގެން ނުވާނެ އެވެ.

އެޑިޓަރުގެ ނޯޓު:

މޫސާ ލަތީފަކީ، މިހާރު ހުއްޓާލައިފައިވާ "ހަވީރު"ގެ އެޑިޓަރެވެ. މި ލިއުން އޭނާ ލިއެދެއްވީ މިހާރު ކުރިއަށް ދާ ބިލުގެ ނުރައްކާތެރިކަން ނޫސްވެރިކަމަށް އޮތްލެއް ބޮޑުކަމާއި އެކަމާ މެދު އޭނާގެ ހިޔާލު ކިއުންތެރިންނަށް ގެނެސްދެއްވުމަށެވެ.