މިފަހަރު ނުކުރަންވީ ކަންކަން: ދައުލަތުގެ ވިޔަފާރި ކުންފުނިތައް ސިޔާސީ ކުރުން

ދައުލަތުގެ ވިޔަފާރި ކުންފުނިތަކަކީ ސިޔާސީ މީހުން ސިޔާސީ ގޯލު ޖަހަން ބޭނުންކުރާ ކުޅިވަރު ދަނޑަކަށް މިފަހަރު ނުހަދަމާތޯ އެވެ؟ ކުންފުނިތަކުގެ މެނޭޖްމަންޓާއި މުވައްޒަފުން ސިޔާސީ މައިދާނަށް އަރުވާ އެބައި މީހުން ލައްވާ މިފަހަރު ސިޔާސީ ކުޅިވަރު ނުކުޅުވަމާތޯ އެވެ؟


ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މަގުސަދަކަށް ވާން ޖެހޭނީ ކަނޑައެޅިފައިވާ މޭންޑޭޓާ އެއްގޮތްވާ ގޮތުގެ މަތިން ހެޔޮ ގޮތުގައި ވިޔަފާރިކޮށް، ނަފާ ހޯދާ، ދައުލަތަށް ޑިވިޑެންޑް ދެއްކުމެވެ. މި ހިސާބުން ފުލްސްޓޮޕެއް ޖެހުމުން ނިމެން ޖެހެ އެވެ.

ކުންފުނީގެ މެންޑޭޓް

ދައުލަތުން ކުރާނީ ކޮން ވިޔަފާރިއެއްތޯ ކަނޑައަޅާނީ އެވަގުތަކު ދައުލަތް ހިންގަން ރައްޔިތުން ހަވާލުކުރާ ފަރާތެވެ. އެހެންކަމުން ދައުލަތުން ކުރާނީ ކޮން ވިޔާފާރިއެއްތޯ، އަދި ވިޔާފާރި ހިންގާނީ ކޮން އޮނިގަނޑެއްގެ ދަށުންތޯ، ކިތައް ކުންފުނީގެ މައްޗަށް ބަހާލައިގެންތޯ ނިންމައި ކުންފުނީގެ މެންޑޭޓް ކަނޑައަޅަނީ އެފަރާތްތަކުންނެވެ. ނަމަވެސް މިފަދައިން މޭންޑޭޓް ކަނޑައެޅުމަށް ފަހު އެ މެންޑޭޓަށް ވާސިލުވުމުގެ ޒިންމާ އާއި މައްސޫލިއްޔަތު ޙަވާލުކުރަންވާނީ ކުންފުނީގެ ބޯޑާއި މެނޭޖްމަންޓަށެވެ. ކުންފުނީގެ ޚަރަދުތައް ހަރުދަނާ އޯޑިޓް ސިސްޓަމެއްގެ ދަށުން ހިންގުމަށް ޙަވާލުކޮށް، ނަފާ އާއި ގެއްލުމަށް އެފަރާތްތައް ޒިންމާ ކުރުވުމުގެ އިތުރުން ކުންފުނީގެ މެނޭޖްމަންޓު ތެރެއަށް ސިޔާސީ އެކި ފަރާތްތަައް، އެކި ފަހަރު އަތްބާނަން ފެށުމުން ބޯޑާއި މެނޭޖްމަންޓުގެ ޒީންމާ އާއި މައްސޫލިއްޔަތުން ރެކުމުގެ ފުރުސަތު ފޯރުކޮށްދެވޭނެ އެވެ.

ކުންފުނީގެ މެންޑޭޓް ކަނޑައެޅުމަށް ފަހު، އެ މެންޑޭޓުގެ ދަށުން ހިނގުމުގެ މައްސޫލިއްޔަތު އެޅޭނީ ކުންފުނި ހިންގަން ތިބި ފަރާތްތަކުގެ ކޮނޑުގަ އެވެ. ކުންފުނީގެ މޭންޑޭޓްގައި ހިމެނިފައި ނުވާ ކަންތައް ހިންގުމަށް، ނަކަތު ދެކޮޅު، ބޯޑަށާއި މެނޭޖްމަންޓަށް އެންގުމުން ވަޒީފާގައި ދެމިތިބުމުގެ ބޭނުމުގައި އެ މަސައްކަތައިގެން އެމީހުން އުޅެފާނެ އެވެ. ނަމަވެސް ވިސްނުންތެރިކަމާ އެކު ކުރިޔަށް އިންވެސްޓްމަންޓް ރާވައިގެން ކުންފުނި ހިންގަން، އޭރުން ފުރުސަތެއް ނުލިބޭނެ އެވެ. ޕޯޓްސް އޮތޯރިޓީގެ މެންޑޭޓަށް ބަސް ދުއްވުމުގެ މަސައްކަތް އިތުރު ކުރަނީ ނަމަ، ފިސާރި ސާބިތުކަމާ އެކު މެންޑޭޓްގައި އެކަން ހިމަނައި، ރޭވުންތެރިކަމާ އެކު، އެ މަސައްކަތަށް އިންވެސްޓްކޮށް ހިންގުމުގެ ފުރުސަތު ދެމާތޯ އެވެ؟ އެންމެ ފަސޭހައިން ފޯނަށް ޖަވާބު ދޭ އެމްޑީގެ ކުންފުނީގެ މެންޑޭޓް، އެވަގުތަށް ސަރުކާރަށް މުހިންމުވާ ކަންތައްތަކުން މިފަހަރު ފުރާނުލަމާތޯ އެވެ؟ މިފަދައިން އަމަލު ކުރުމުން ކުންފުނީގެ މަގުސަދު އޮޅި، އިންވެސްޓްމަންޓް ރާވައިގެން ހިނގުމުގެ ފުރުސަތު އެކުންފުންޏަކަށް ނުލިބޭނެ އެވެ. މިފަދައިން ކުރަން ޖެހޭ ކުއްލި އިންވެސްޓްމަންޓްތަކުން ރިޓާން އޮން އިންވެސްޓްމަންޓް ރަނގަޅެއް ނުވާނެ އެވެ. މީގެ އިތުރުން މެނޭޖްމަންޓުގެ ވަގުތު ބޭކާރުވެ، ނުރަނގަޅު ގޮތުގައި މުވައްޒަފުން ބޭނުންކުރެވި، ކުންފުނި ތެރޭގައި މަސްލަހަތާއި ހިތްހަމަނުޖެހުން ފުޅާވާނެ އެވެ.

ކުންފުނީގެ ބޯޑު

ދައުލަތުގެ ކުންފުނިތައް ހެޔޮ މަގުން ހިންގާ، ނަފާ އާއި ފައިދާ ހޯދުމަށްޓަކައި އެންމެ މުހިންމު އަނެއް ކަމަކީ އެކަށޭނަ ބޯޑެއް ކަންޑައެޅުމެވެ. ބޯޑު އެކުލަވާލާން ޖެހޭނީ، ކުންފުނީގެ މެންޑޭޓްގައިވާ ވިޔަފާރި ދަންނަ ފަރާތްތަކާއި، ހިންގުމުގެ ހުނަރާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކާއި، ކުންފުނީގެ ބެލެންސް ޝީޓް ތަރުޖަމާ ކުރުމުގެ ފަންނުވެރިން ހިމަނައިގެންނެވެ.

ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު، ދައުލަތުގެ މުދަލަށް، އާޚިރުގައި ރައްޔިތުންގެ މުދަލަށް، ރަނގަޅު ނަފާއެއް ހޯދަން ކަމަރު ބަނދެގެން ތިބި ފަރާތްތައް މެދުވެރިކޮށް މެނުވީ ދައުލަތަށް އެންމެ ރަނގަޅު ގޮތުގައި ކުންފުނިތަކެއް ނުހިންގޭނެ އެވެ. އެވަގުތު އޮތް ސަރުކާރަށް އެންމެ ރަނގަޅު ގޮތުގައި ކުންފުނި ހިންގުމާއި. ޖުމްލަކޮށް ދިވެހި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތުގައި ކުންފުނި ހިންގުމާ ދޭތެރޭގައި "ނުހިއްކާ އޮތް ސަރާސަރު ބޮޑު ސަރަޙައްދު' ހިމެނޭނެ އެވެ. އެއްވެސް ކުންފުންޏެއްގެ މެނޭޖްމަންޓަށް އެންމެ ރަނގަޅު ގޮތަކީ ކުންފުނީގެ ހިއްސާދާރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް އަބަދަކު ނުވެ އެވެ. ދައުލަތުގެ ކުންފުނިތަކުގެ ހަގީގީ ވެރިންނަށް ބަސްބުނަން ލިބެނީ ފަސް އަހަރުން އެއް ފަހަރު އެވެ. އެހެންކަމުން މި ގޮތުން ދިމާވާ މައްސަލަތައް ދައުލަތުގެ ކުންފުނިތަކުގައި ބޮޑުވެފައި ބިޔަ އެވެ. "އެޖެންސީ ޕްރޮބްލެމް" ނުވަތަ "އެޖެންސީ ކޮސްޓް" ގެ ފޮރުވިފައިވާ ކުންނުތައް ދެނެގަނެ، ކުންފުނި ހިނގާ މަގު މޮނިޓަކޮށް ބެލެހެއްޓޭނެ ގާބިލު ބޯޑެއް އައްޔަނު ކޮށްގެން މެނުވީ ރަނގަޅު ގޮތުގައި އެއްވެސް ކުންފުންޏެއް، ޚާއްސަކޮށް ދައުލަތުގެ ކުންފުންޏެއް، ނުހިންގޭނެ އެވެ.

އެހެންކަމުން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑަކީ ކެމްޕެއިންގައި މަސައްކަތް ކޮށްދިން ފަރާތްތަކަށް ދަރާފައިވާ ދަރަނި އަދާކުރަން ބޭނުން ކުރާ ނީލަމެއް ކަމަށް މިފަހަރު ނުހަދަމާތޯ އެވެ؟ ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންގެ މައްޗަށް ކުންފުނީގެ ބޯޑު އެކުލަވާލުމުން، ކުންފުނީގެ މެނޭޖްމަންޓް ވެސް ސިޔާސީ ވުމަށް މަޖްބޫރު ވެދެ އެވެ. މެނޭޖްމަންޓުން ސިޔާސީ ކުޅިވަރުގައި ބައިވެރިވެދާން ޖެހި، ސިޔާސީ އެކި ކުލަތަކުގެ ޖާޒީ ލައިގެން ސިޔާސީ ދަނޑަށް މެނޭޖްމަންޓް ނެރުމުން ފެންނަނީ ބައި ކޮޅަށް ގޯލު ވަންނަތަނެވެ.

ކުންފުނީގެ މެނޭޖްމަންޓް

ދައުލަތުގެ ކުންފުނިތައް، އަދި ކޮންމެ ކުންފުންޏެއް ކަމުގައިވިޔަސް، ހިންގަން އައްޔަނު ކުރަންވާނީ ހިންގުމުގެ ތަޖުރިބާ އާއި އެކަށޭނަ ތަމްރީނު ލިބިފައިވާ ފަރާތްތަކެވެ. ހިންގުމުގެ ދާއިރާއިންނާއި އެކައުންޓަންސީ އަދި މާކެޓިން ފަދަަ މާއްދާތަކުން ކިޔަވައި ޑިގްރީ ލިބިފައިވާ އެތަކެއް ޒުވާނުންނާއި، އެތަކެއް އަހަރުގެ ޢަމަލީ މަސައްކަތާ އެކު ތަޖްރިބާ ޙާސިލުކޮށްފައިވާ ފަހުލަވާނުންތަކެއް ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ގެންދެ އެވެ. މީގެ އިތުރުން ޑިގްރީ ނިންމައި ވަޒީފާގެ ބާޒާރަށް ކޮންމެ ދުވަހަކު އެތައް ކުދިންނެއް ނުކުމެ އެވެ.

މިފަދަ ގާބިލު އަދި އެކަށޭނަ ފަރާތްތަކަށް ހައްގު މަގާމު ދިނުމުގެ ބަދަލުގައި ކަންމަތީ ޖަގަހަ ހުޅުވައި ހިންގައިދިން މީހާގެ ދުރުތާ ތިމާގެ ޅިޔަން ފަހަރިންނަށް ކުންފުނީގެ މަތީ މަގާމުތައް ވެދުން ބަރުތީލަ ކުރަން ފެށުމުގެ ނަތީޖާ ވަރަށް ގޯހެވެ. ކުންފުނީގައި ތިބި މުވައްޒަފުންގެ ހިތްހަލާލެއް ނުލިބެ އެވެ. އޮޑީގެ ނެވި މީހާގެ ގޮތުގައި ކަނޑު ދުއްވަން ނުދަންނަ ފަރާތެއް އިސްކޮށް އޭނާ މެދުވެރިކޮށް އަންނަ އޯޑަރަށް ފަޅުވެރިން ކުރިމަތިލާނީ މޫނު ހަދައިގެން ތިބެ އެވެ. ލާއެކަށޭނަ ނެވިންގެ އޯޑަރަށް ފަލިޖަހައި، އޮޑިޔައިގެން ކަނޑުއޮޅިއަށް ނުކުތުމުން، ގަދަ ވަޔާއި ކޮޅީގައި ޖެހި، މިސްރާބު އޮޅި، ފަށަނަށް ގުޑުންއަރައި، އޮޑި ރޫޅޭތަން މިހިރީ ފެންނާށެވެ.

މިގޮތުން ކުރެވޭ މަސައްކަތުގެ އިގުތިސާދީ އަދި ވިޔަފާރި ނަތީޖާ ގޯސްވުމުގެ އިތުރުން ސިޔާސީ ފައިދާ ކުރާ ތަނެއް ވެސް ނުފެނެ އެވެ. ނުރަނގަޅު ގޮތުގައި ސިޔާސީ ފަރާތްތައް މެދުވެރިކޮށް ކުންފުނިތައް ހިންގުމުގެ ސިޔާސީ ނަތީޖާ ވެސް އާޚިރުގައި ރަނގަޅެއް ނޫނެވެ. މިކަން މިވަނީ ފިސާރި ރަނގަޅަށް ފެންނާށެވެ.

އެހެންކަމުން މިފަހަރު، ދައުލަތުގެ ކުންފުނިތައް ނަފާ އާއި ފައިދާ ހޯދަން ދޫކުރަމާތޯ އެވެ؟ އެފަދަ ކުންފުނިތަކުގެ މެންޑޭޓް ރަނގަޅަށް ކަނޑައަޅައި، ކުންފުނީގެ ބޯޑަށް ހަރުދަނާ މީހުން އައްޔަންކޮށް، ކުންފުނީގެ އިސް މަގާމުތަކަށް ތައުލީމާއި ތަމްރީނު، އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަނޑައަޅަމާތޯ އެވެ؟ ކުންފުންޏަށް ރަނގަޅީ އެެގޮތެވެ. ދައުލަތަށް ފައިދާ ބޮޑީ އެގޮތުގަ އެވެ. އަދި ސަރުކާރު ހިންގަން ތިބި ފަރާތްތަކަށް ވެސް އާޚިރުގައި ރަނގަޅުވާނީ އެގޮތެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ އިގުތިސާދީ އަދި މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތައް ފުރުއްވައިފަ އެވެ. އާތިފްގެ މި ކޮލަމްތަކުގައި ހިމެނެނީ ޕާޓީ ނިޒާމަށް ރާއްޖެ ހުޅުވުނު ފަހުން އުފެދުނު އެކި ސަރުކާރުތަކުން ކަން ކުރި ގޮތާއި އޭގެ ތަޖުރިބާ އަށް ބިނާކޮށް، ރަނގަޅު ކުރެވިދާނެ ކަންކަމެވެ. މިއީ މި ސިލްސިލާގެ ދެ ވަނަ މަޒުމޫނެވެ.