ކޮލަމް 7: މިއީ ކޮންޓްރޯލަރު ޔަގީނުން ވެސް ދެއްވާނެ އިންޓަވިއުއެއް!

ރާއްޖޭގައި އުޅޭ ބިދޭސީން މަސައްކަތު މީހުންނަށް ދުވަސްކޮޅަކަށް އަނެއްކާވެސް ބިރުވެރިކަމެއް ލައިގަންނަނީ އެވެ؛ ސަރުކާރުން އިމިގްރޭޝަނަށް އާ ކޮންޓްރޯލަރެއް އައްޔަންކޮށްފި އެވެ. އޭނާގެ އެންމެ ފުރަތަމަ ރޮކެޓް ފޮނުވާލާނީ، ރާއްޖޭގައި އުޅޭ ބިދޭސީންނަށް ކަން ގައިމެވެ.


ނިމިގެން ދިޔަ ސަރުކާރުގައި ދެ ކޮންޓްރޯލަރަކު އައްޔަންކުރި އެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި ދެ ކޮންޓްރޯލަރު ވެސް، މަގާމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއްގެ ތެރޭގައި ނޫސް ކޮންފަރެންސްތައް ބޭއްވެވި އެވެ. އޭގެ ތެރެއިން އެންމެ ފަހުން ހުންނެވި ކޮންޓްރޯލަރު މުހަންމަދު އަންވަރު ފުރަތަމަ ޕްރެސް ކޮންފަރެންސް ދެއްވީ ވެސް ފުލުހުންނާ އެކު އެވެ. އޭނާ ވަރަށް ޔަގީންކަމާ އެކު، ހަރުކަށިކޮށް ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ގައުމަށް ފޮނުވާލާނެ ކަމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ހިންގަވާނެ ކަމަށް ވިދާޅުވިތާ ގަޑިއެއްހާ އިރު ފަހުން މާލޭ މަގުމަތީގައި "ބޮޑު ސަކަރާތްގަނޑެއް" ޖެހިތަން ފެނުނެވެ. ފިހާރަތަކަށް ވަދެ، ބިދޭސީން ބޭރުކޮށް، ނުވިތަނަކަށް ބައެއް ފިހާރަތައް ވެސް ބަންދުކުރި އެވެ. ބިދޭސީންގެ ފަހަތުން ދުވެ އެ މީހުންގެ ކާޑު އޮތްތޯ ޗެކްކުރި އެވެ. ބައެއް ބިދޭސީން ގެންގޮސް ބަންދު ވެސް ކުރި އެވެ. ވިއްސަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލި ކަމަށް ވެސް ވެ އެވެ.

މައްސަލަ ބޮޑުވި މަންޒަރެއް: ބިދޭސީންތަކެއް މަސައްކަތު ދަނީ -- ފައިލް ފޮޓޯ

ދެތިން ދުވަހުގެ މި އޮޕަރޭޝަންގެ ނަތީޖާއަކަށް ވީ ކޮން ކަމެއްތޯ އެވެ؟ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެކި ރަށްރަށަށް ފުރީ އެވެ. އަދި ހަމައެހެންމެ، އެ އޮޕަރޭޝަން ނިމެންދެން ބައެއް ބިދޭސީން ގެއިން ވެސް ނުނުކުމެ ތިބީ އެވެ. އާޚިރުގައި ކަން ވެ ނިމުނީ، އެކަން ބޮޑު ފްލޮޕަކަށް ވެގެންނެވެ. ފިހާރަތަކުގެ ވަތްގަނޑުގައި ބިދޭސީންގެ ރަސްކަން އަލުން ފެށުނީ އެވެ. އެ މީހުންގެ ފިހާރަތަކުގެ "ބަންދު" ބޯޑު "ހުޅުވިފައި" އަށް ބަދަލުވީ އެވެ. ހަމައެހެންމެ، އިމިގްރޭޝަންގެ ކޮންޓްރޯލަރާއި އެތާނގެ މުވައްޒަފުންނާއި ފުލުހުންގެ ލޯތައް ވެސް އެ ދިމާލަށް ކަނުވީ އެވެ.

މި އޮޕަރޭޝަނަކީ ކޮންމެ ކޮންޓްރޯލަރަކު ވެސް މަގާމާ ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ، ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ފައްޓަވާނެ އޮޕަރޭޝަނެކެވެ. އެހެން ނަމަވެސް، މިއީ، ހަމައެކަނި އާންމުންގެ ކުރިމަތީގައި ދަޅަ ދައްކައި، ކޮންޓްރޯލަރުގެ ކޮނޑަށް ތަރި އެރުވުން ފިޔަވައި ދެން އެހެން ކަމެއް ނޫނެވެ. މާލޭގެ މަގުމަތިން ހަމަ ގައިމު ވެސް އޭގެ ނަތީޖާއެއް ނުފެނެ އެވެ. ހުސް ބަންގާޅިންނެވެ.

އާ ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް މިކަން ފައްޓަވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަން ހަމަ ޔަގީނެވެ. އޭނާ ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕްރެސްއާ ބައްދަލު ކުރައްވައި އިންޓަވިއުއެއް ދެއްވާނެ އެވެ؛ ދައްކަވާނީ ހަމަ މި ވާހަކަ އެވެ؛ ރާއްޖޭގައި ގަވައިދާ ހިލާފަށް އެތަކެއް ހާސް ބިދޭސީން އެބަ އުޅެ އެވެ. ބިދޭސީން ގަވައިދާ ހިލާފަށް އެތެރެކުރުމުގައި އިމިގްރޭޝަނުގެ މުވައްޒަފުން ވެސް ބައިވެރިވެ އެވެ. އެ މުވައްޒަފުން ހޯދައި ފިޔަވަޅު އަޅާނަމެވެ. މާލޭގައި ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރި އެބަ ކުރެ އެވެ. ފިހާރަ/ ހޮޓާ އަދި ރެސްޓޯރަންޓްތަކުގެ ކޭޝް ކައުންޓަރުގައި ބިދޭސީން އެބަ ތިއްބެވެ. އެއީ ގާނޫނާ ހިލާފު ކަމަކަށް ވާތީ، އެ މީހުން ހޯދަން ފުލުހުންނާ ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް މި ފަށަނީ އެވެ. -- އިންޓަވިއު އެ ނިމުނީ އެވެ. ދެން އަނެއްކާ ވެސް ދެތިން ދުވަސް ވަންދެން އިމިގްރޭޝަންގެ މުވައްޒަފުން އުޅޭނީ ފަޔަށް ހިނި އަރައިގެން އުޅޭހެންނެވެ.

ޕީޕީއެމްގެ ދިދަ ދަމަން ބިދޭސީންތަކެއް: ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށާއި ސިޔާސީ މަސައްކަތްތަކުގައި ވެސް ބިދޭސީން އުޅޭ -- ފައިލް ފޮޓޯ

މިހެން ކިޔާލަކިޔާލަ ތިއްބާ މިހާރު އެތަކެއް އަހަރު ވީ އެވެ؛ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މީގެ ވިއްސަކަށް އަހަރު ކުރިން އޭރު ލޭބާ މިނިސްޓްރީ ހިންގެވި އަބްދުއްރަޝީދު ހުސެއިން އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި ވެސް ހަމަ މި ވާހަކަތައް މިގޮތަށް ދެއްކެވި އެވެ. އޭރު ހަނދާންވާ ގޮތުގައި ރާއްޖޭގައި ބިދޭސީންގެ ރަސްމީ އަދަދު ބައި ލައްކަ އަށް ވެސް ނާރަ އެވެ. އެހެން ނަމަވެސް މިހާރު ބިދޭސީންގެ އަދަދު، ބެލެވޭ ގޮތުން ދޮޅު ލައްކަ އަށް އަރަ (މިއީ ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް/ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން ބިދޭސީންގެ އަދަދު އުޅެނީ ލައްކައެެއްވަރުގަ) އެވެ.

އެކަމަކު ލޭބާ ރިލޭޝަންސް އޮތޯރިޓީން ހޯމަ ދުވަހު ބުނި ގޮތުގައި ރާއްޖޭގައި ބިދޭސީ މަސައްކަތު މީހުންގެ ރަސްމީ އަދަދު ނުވެސް އެނގެ އެވެ. އެތަނަށް އެނގޭހާ ވެސް އެއްޗަކީ އެތައް ހާސް ބިދޭސީންނެއް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ކަމެވެ. އަހަރެމެންގެ ލޮލަށް ފެންނަ މަންޒަރު ބުނާ ގޮތުން ކޮންމެ ދެ ދިވެއްސަކަށް މިހާރު ބިދޭސީއަކު ފެނެ އެވެ.

ސަރުކާރުގެ ރަސްމީ ހިސާބުތަކުން އެ އަދަދު ނޭނގުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ބުނެވޭ ގޮތުގައި، ވަގަށް ބިދޭސީން އެތެރެކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަނީ ވެސް އިމިގްރޭޝަންގެ އޮފިސަރުންނެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އިމިގްރޭޝަންގެ އެންމެ އިސް ވެރިން ވެސް މި ޖަރީމާގައި ބައިވެރިވެ އެވެ. އަދި ސަރުކާރުގެ ބޮޑެތި މީހުން ވެސް، މިލިއަން ޑޮލަރުގެ މި ވިޔަފާރީގައި ބައިވެރިވެ އެވެ. ބުނެވޭ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ނިމުނު އިރު އެތަކެއް ހާސް ބިދޭސީންނެއް ވަގަށް އެތެރެކޮށްފައިވެ އެވެ. ބިދޭސީން ގެނައުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ޒާތަަކަށް ހުއްޓާލައިފައި އޮތަސް، އިވޭ އަޑުތަކުން ބުނަނީ ޑާކާ އިން މާލެ އަންނަ އައިލެންޑް އޭވިއޭޝަނުގެ ބޯޓު އަބަދު ފުރިފައި އޮންނަ ވާހަކަ އެވެ. މިއީ ކިހިނެއް ވާ ކަމެއްތޯ ވިސްނަވިސްނާ ވެސް އަޅުގަނޑަކަށް ނޭނގުނެވެ.

އެކަމަކު މި ދެންނެވި ތުހުމަތުތައް ދުވަަހަކު ވެސް ސާބިތެއް ނުވެ އެވެ. މިއިން މައްސަލައެއްގެ ތަހުގީގެއް، އަދި މިއިން މައްސަލައެއްގެ ތުހުމަތެއްގައި މީހަކަށް އެޅި ފިޔަވަޅެއް ދުވަހަކު ވެސް ފެންނާކަށް ނެތެވެ. އިމިގްރޭޝަންގެ ހުރިހާ އޮފިސަރުން ވެސް އެ މީހުންގެ އެ ވިޔަފާރިއާ އެކު އެހެން ވިޔަފާރިތަކުގައި ކުރިއަށް ދާ ވާހަކަތައް ތުންތުންމަތިން އިވެމުން ދެ އެވެ. ފިޔަވަޅު އަޅަން އެއްވެސް ވެރިއަކަށް ނުކެރެ އެވެ. އާންމުންގެ ތުހުމަތުތަކަށް ޖަވާބު ހޯދާކަށް މަސައްކަތެއް ނުކުރެވެ އެވެ. ކޮންމެ މީހަކު ވެސް މިހެން ކިޔާލަ ކިޔާލަ ހަމަ ތިބެނީ އެވެ.

ރާއްޖެ އައި ބިދޭސީންތަކެއް ފޮށިތަންމަތި ހިފައިގެން: ނުކުޅަދާންވާ ވަރަށް ބިދޭސީން ގިނަ -- ފައިލް ފޮޓޯ

އާޚިރުގައި ގެއްލުން މި ވަނީ ރައްޔިތުންނަށެވެ؛ ދިވެހިން ކުރާ ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ބިދޭސީން ކުރާ ވިޔަފާރިތައް އިތުރު ވަނީ އެވެ. ދިވެހިން ކުރާ މަސައްކަތްތައް ބިދޭސީންގެ އަތްމައްޗަށް ގޮސް ނިމިއްޖެ އެވެ. މި މީހުންގެ ކިބައިން ދެން ސަލާމަތް ނުވެވޭ ވަރަށް ކަންކަން ގޯސްވެއްޖެ އެވެ.

އާ ކޮންޓްރޯލަށް އަޅުގަނޑު ދަންނަވާލަން އޮތީ އެންމެ ވާހަކައެކެވެ. ކޮންޓްރޯލަރެވެ! ނިކަން ކެރިގެން މިނިވަންކަމާ އެކު އޮޕަރޭޝަންތައް ފައްޓަވާށެވެ! މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ މުވައްޒަފުން ނަމަނަމަ ބައިވެރި ނުކުރާށެވެ! އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނަކީ ރިޝްވަތަށް ގޮސް ހުސްވެފައި ތިބި މީހުން ކަން އެންމެންނަށް ވެސް އެނގެ އެވެ. ގަވައިދާ ހިލާފަށް އެތެރެވެފައިވާ ގިނަ މީހުންނަކީ ހަމަ ތިޔަ އިދާރާ ތެރެއިން ވަގަށް ވިއްކާފައިވާ ކޯޓާއިން އެތެރެވެފައިވާ މީހުންކަން އެއީ އެންމެން ދަންނަ ސިއްރެކެވެ. ގަވައިދާ ހިލާފަށް އުޅޭ މީހާ އެ މީހުންގެ ގައިގައި އަޅައިގަނެގެން ވެއްޓުނަސް، އެއީ ގަވައިދާ ހިލާފަށް އުޅޭ މީހާ ކަމެއް ނޭނގޭނެ އެވެ. އެހެން ނޫން ނަމަ، މަޖީދީ މަގު ޒިކުރާ މިސްކިތް ކުރިމަތީގައި ބަރިބަރި އަށް ތިބޭ ބަންގާޅީންތައް ފެންނަން ވާނެ އެވެ.

އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް އެބަ އޮތެވެ؛ އެއީ މިވަރުގެ ގައުމެއްގައި ބިދޭސީން މި އުޅެނީ އުޅެން ޖެހޭ ވަރަށް ވުރެ މާ ގިނައިން ކަމެވެ. އޭގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތަކެއް ނުކުންނާނެ އެވެ. ބައެއް މީހުން ހަދާފައިވާ ދިރާސާތައް ދައްކާ ގޮތުން ރާއްޖެ މިހާރު މި އޮތީ މި މައްސަލައިން ސަހަލު ގޮތަކަށް ސަލާމަތްވާ ވަރަށް ވުރެ މާ ސީރިއަސް ހާލަތެއްގަ އެވެ. އެހެންވެ، މި މައްސަލަ އަށް އެޑްރެސް ކުރަން އެބަ ޖެހެ އެވެ.

އާ ކޮންޓްރޯލަރާ ދޭތެރޭ އަޅުގަނޑު އުންމީދު ކަނޑައެއް ނުލަމެވެ. އެހެން ކޮންޓްރޯލަރުން ފަދައިން މި ވިޔަފާރީގެ މަޅީގައި ނުޖެހި، ބިދޭސީންގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ. މިހެން މިދެންނެވީ ބައެއް މީހުން ބުނާ ގޮތުން ނަމަ، އެ ބޭފުޅާއަކީ މިކަހަލަ ކަންކަމަށް ވަރަށް ކުޅަދާނަ ބޭފުޅަކަށް ވާތީ އެވެ!