އޮޅުން ބޮޅުން: ހިލޭ ވުމުން އަގު ވަޒަން ނުކުރެވުން

ވަރަށް ގިނަ ފަހަރަށް ކަންކަން ހިލޭ ވުމުން، ނުވަތަ އެއްޗެތި ހިލޭ ލިބުމުން އެ އެއްޗެއްގެ އަގު ވަޒަން ނުކުރެވެ އެވެ. މިހެންވުމާ އެކު، އެ ޚިދުމަތެއް ދިނުމަށް ޚަރަދެއްކުރަން ޖެހޭ ޚިދުމަތަކުން އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް، އެ ޚިދުމަތެއް ދިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ވެސް ނޫނެވެ.


ހުޅުލެ އާއި މާލެއާ ދެމެދު އެޅުނު ފާލަމަކީ، ވެރިކަމުން ދުރުކުރެވުނު ސަރުކާރުން އެގޮތް މިގޮތަށް ފައިސާ ހޯދައިގެން ކުރި އަގުބޮޑު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. ބައެއް ފަންނީ ތަޖުރިބާކާރުން ބުނާ ގޮތުގައި ފާލަން އެޅުމުގައި ބައެއް ފަރާތްތަކުން ބުނާ ގޮތަށް މާ ބޮޑުތަން އަގުހެވެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ވިއްސަކަށް ފަންސަވީހަކަށް މިލިއަން ޑޮލަރުވަރު ކުޑަ ކުރެވިދާނެ ކަމަށް އެފަރާތްތަކުން ލަފާކުރެ އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު އެޅި ފާލަން ކޮންމެހެން ވެސް ރިޔާސީ އިންތިޚާބުގެ ކުރިން ހުޅުވުމަށް އޭރު އޮތް ސަރުކާރުން ބޭނުންވި އެވެ. ރައްޔިތުންގެ ތާއީދު ހޯދުމަށެވެ. ރިޔާސީ އިންތިޚާބެއް ބޯމަތި ވެފައި އޮތުމާ އެކު، އިންތިޚާބީ ވަޢުދެއް ފުއްދުމުން ގިނަ ވޯޓު ލިބިދާނެކަމުގެ ބާރަކަށް ވެދާނެކަމަށް އޭރު ވެރިކަމުގައި އޮތް ސަރުކާރަށް ހީކުރެވުނީ ކަމަށް ވެސް ވެދާނެ އެވެ. މިހެންވުމުގެ ސަބަބުން، ފާލަން ހުޅުވާލެވުނީ، ފާލަން ބޭނުންކުރުމުގެ ކުރިން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނުއަޅަ އެވެ. އޭރު ވެރިކަމުގައި އޮތް ސަރުކާރަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވުމުން އެކަންކުރުން މުޅިން ދޫކޮށްލި އެވެ. އަލަށް ވެރިކަމަށް އަންނަ ބަޔަކު ފުރިހަމަ ކުރާނެ ކަމަށް ބުނެ އެވެ. އެހެންނަމަވެސް ވުޖޫދަށް ނުއަންނަ އިމާރާތްތަކެއްގައި ހުންނާނެ އެޕާޓުމެންޓުތަކެއް ވެރިފަރާތަކަށް ވާނެ ބަޔަކާ ހަވާލުކުރުން އާ ސަރުކާރާ ހަވާލުކުރާކަށް ބޭނުމެއް ނުވި އެވެ. މިހެންވުމާ އެކު ސީނުކަރަ އާއި ރާއްޖޭގެ އެކުވެރިކަމުގެ ފާލަމުގެ ރައްކާތެރިކަމުގެ ކަންތައްތައް ފުރިހަމަ ނުކުރެވި އޮތީ ރަނގަޅު ނިޔަތެއްގައި ކަމުގައި ބަލައިގަންނަން އުނދަގުލެވެ.

ފާލަން ހުޅުވުނު އިރު ފާލަމުގައި ދުވެލި ބެލޭނެ ކެމެރާ ހަރުކުރެވިފައެއް ނެތެވެ. ފާލަމުގައި އެއްޗެތި ދުއްވޭނެ ދުވެލި އެނގޭނެ ގޮތަށް ބޯޑު ބެހެއްޓިފައެއް ނެތެވެ. އެންމެ ކުޑަ މިނުން ފާލަމުގެ ކަންތައް ހަމައަކަށް އެޅެން ދެން ފާލަން ފެށޭ ހިސާބު ގަޔާއި ނިމޭ ހިސާބުގައި ގަވައިދާ ޚިލާފަށް ކަންތައް ކުރިޔަ ނުދިނުމަށް މީހަކު ހުންނަން ޖެހެ އެވެ. އަޅުގަނޑު އެއްބަސްވަމެވެ. ފާލަމަކީ ވަރަށް ކުޑަ ފާލަމެކެވެ. އެހެންނަމަވެސް ނިސްބަތުން، މިއަށް ވުރެ ބޮޑެތި ފާލަންތަކުގައި ކުށް ކުރާވަރަށް ވުރެ ގިނައިން ދިވެހި-ސީނު އެކުވެރިކަމުގެ ފާލަމުގައި ކުށް ކުރުން ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.

އަޅުގަނޑުމެންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ލުއިކޮށް، ޚަރަދު ކުޑަކޮށް، ބުރަޔަކާ ނުލައި ޤާނޫނު ތަންފީޒު ކުރާ މީހުންނެވެ. މީގެ ފަހުން ވަކި ކަމެއް ނުކުރުމަށް ރޭޑިއޯ އިންނާއި، ޓީވީންނާއި ނޫސްތަކުގައި އިޢްލާނުކުރުމުން އެކަން ނިމުނީ އެވެ. ގަވައިދާއި ގާނޫނާ ޚިލާފްވާ މީހުންނާ މެދު ފިޔަވަޅު އެޅޭނެކަން އިޢްލާނު ކުރެ އެވެ. ހިފިއްޖެއްޔާ އެވެ.

އަޅުގަނޑުމެންގެ މި ޖީލަކީ ވަރަށް ހުނަރުވެރި، ވިސްނުންތެރި ޒުވާނުންގެ ޖީލެކެވެ. ބައެއް ޒުވާނުން ބައެއް މީހުން ހިތްހަމަނުޖެހޭ ގޮތަށް ބައެއް ކަންތައްތައް ކޮށް ފާނެ އެވެ. އެކަމަކު އޭގެ މާނައަކީ ކަންކަން ކުރުމުގައި އެމީހުންގެ ކިބައިގައި ޢިލްމާއި ހުނަރާއި ކުޅަދާނަކަން ނުހުންނަނީއެއް ނޫނެވެ. އެމީހުންގެ ބައެއް ޚިޔާލަކީ އަޖުމަނުބެލި ހުންނަ ޚިޔާލަކަށް ވުމުން ބައެއް މީހުންނަށް ބަލައިގަންނަން އުނދަގޫވަނީ އެވެ. އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމް ހަމައަކަށް އަޅުވަން އެ ފަންނުގެ ޢިލްމީ ތަޖުރިބާކާރު ޒުވާނުންގެ ބޭނުންކުރުމުގެ ވަގުތު އައިސް ޖެހިއްޖެ އެވެ.

މި ކުޑަކުޑަ މާލޭގެ އެއްގަމުގެ ދަތުރު ފަތުރާ ބެހޭ ގޮތުން ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ ގޯސްތައް ހެދިފައި އެބަ ހުއްޓެވެ. ރައީސްކަމާ އަވަލައިގެން އުޅުއްވި ވެރިއަކު (މިހާރު އޭގެ ބައިވަރު) ޓެކްސީ ޑުރައިވަރުންނާ ބައްދަލު ކުރައްވާ އެމީހުންގެ ހިތްހަމަޖައްސަން ވެގެން ގަވައިދާއި ޚިލާފަށް ޓެކްސީ ޕާކް ކުރުމުން ޖޫރިމަނާ ކުރުން މައާފް ކުރެއްވި އެވެ. ދެން ވަޑައިގެންނެވި ވެރިޔާ ގަރާޖެއް ނެތި މަގުމަތީގައި ޕާކް ކުރުން ހުއްދަ ކުރެއްވި އެވެ. އެއަށް ފަހު މަގުމަތީގައި ޕާކް ކުރުން ހުއްދަ ކުރެއްވި އެވެ. އެންމެ ފަހުން ފެނިގެން ދިޔައީ ސީދާ ރިޔާސީ ވޯޓަކަށް ކުރި މަސައްކަތެކެވެ. އެއްލަކިން "ހޮސްޕިޓަލަށް ނުވަތަ ގަބުރުސްތާނަށް" ދިއުން ކަހަލަ ޕުރޮގްރާމް ހިންގުމެވެ. ގަވައިދާ ޚިލާފް ވެގެން ޕާކިން ޓިކެޓް ދީފައި ތިބި އެތައް ސަތޭކަ ބައެއްގެ ޖޫރިމަނާ މަޢާފްކުރި އެވެ. މިކަހަލަ ގޮތްގޮތަށް ވަގުތީ ފައިދާ އަކަށްޓަކައި ކަންތައް ކުރުމުން ގާނޫނާއި ގަވައިދު ތަންފީޒު ކުރަން ތިބޭ މީހުންގެ ހިތްވަރު އެލިގެންދެ އެވެ. ފޫނެތް ފަޔަކަށް ފެން ފުރަން ޖެހޭ ތީވެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި ހުޅުލެ އާއި މާލެއާ ގުޅުވައިދޭ ފާލަމުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން ވީ އެވެ. މިހާރު ވެސް މާ ލަސްވެއްޖެ އެވެ. މިގޮތަށް ފީއެއް ނަގަން ޖެހެނީ ފާލަމަށް ކުރި ޚަރަދު ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. އެއީ ދުވަހަކު ވެސް ލިބޭނެ ޚަރަދެއް ނޫނެވެ. ފީއެއް ނަގަން ފެށުމުން ފާލަން ބެލެހެއްޓުމުގެ ޚަރަދަށް ވެސް ކޮންމެވެސް އެއްޗެއް ލިބޭނެ އެވެ. ބައެއް ޚިދުމަތްތައް ހިލޭ ކުރުމުން އެފަދަ ޚިދުމަތްތައް ބޭނުންކުރާ މީހުންނަށް ގިނަ ފަހަރަށް އެ ޚިދުމަތުގެ އަގު ވަޒަން ނުކުރެވެ އެވެ. ހުޅުމާލެ އާއި މާލެއާ ގުޅުވައިދޭ ފާލަމުން ފީ ނެގުން ލަސްކުރުމުން ފޭބި ސަރުކާރުން ޖެހި މަޅީގައި އާ ސަރުކާރުން ރަނގަޅަށް ޖެހުނީ އެވެ.

އަޅުގަނޑަކީ އާއްމުންނަށް ފާލަން ހުޅުވާލީއްސުރެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފާލަން ބޭނުންކުރާ މީހެކެވެ. އެކަމަކު އަޅުގަނޑު ފާލަމަށް އަރަނީ ވަރަށް ހެނދުނާ އެވެ. ދުއްވާ އެއްޗެއްގައެއް ނޫނެވެ. މިހެންވުމާ އެކު ފާލަމުގެ ކަންތައްތައް އަޅުގަނޑަށް ވަރަށް ރަނގަޅަށް ފެނެ އެވެ. ކަމާ ބެހޭ ފަރާތްތަކުގެ ވިސްނެވުމަށް ގެންނަން ޖެހޭ ބައިވަރު ކަންތައްތައް ފެނެ އެވެ. ޢާއްމު ރައްޔިތުންގެ ރައްކަލަކަށެވެ. މޮޓޯސައިކަލް ހުއްޓާލާފައި ފާލަމުގެ ދަގަނޑުގެ މައްޗަށް ކޮއްޅަށް އަރައިގެން ފޮޓޯ ނެގި ދުވަހު ވެސް ފާލަންމަތީގައި އަޅުގަނޑު ހުރީމެވެ. ސޯޝަލް މީޑިއާގަ އާއި ނޫސްތަކުގައި މަޝްހޫރުވެގެން ދިޔައީ އެކަން އެ ގޮތަށް ކުރާ ތާ ތިން ވަނަ ދުވަހު މީހަކު ނެގި ފޮޓޯއެކެވެ. ދެވަނަ ދުވަހު އެމީހުން ފާލަމުގެ ދަގަނޑަށް އަރަނިކޮށް ފުލުހުންގެ ސައިކަލެއް ވެސް ކައިރިން ލާފައި ދިޔަ އެވެ. ފަހަތުގައި އެހެން ފުލުހަކު ވެސް އިނެވެ. އޭނާ ފަހަތް ބަލައިލި ވެސްމެ އެވެ. އަދި ހިނިތުންވެލި އެވެ. އެ ހިނިތުންވުމަކީ ފަތިހުގެ ރީތި މަންޒަރު ފެނިގެން ވި ހިނިތުންވުމެއް ކަމެއް ނުވަތަ ދަގަނޑު މައްޗަށް މީހަކު އަރައިގެން ހުރި ތަން ފެނިގެން ވި ހިނިތުންވުމެއް ކަމަށް ދަންނަވާކަށް ނޭނގެ އެވެ.

ފުރަތަމަ ދުވަހު ދަގަނޑުގެ މައްޗަށް އަރާ ފޮޓޯ ނެގީ "ޓައިޓޭނިކް" ފިލްމުގައި މޫދަށް ބަލަހައްޓައިގެން ހުރެ ދެ އަތް ފުޅާކޮށްގެން ހުރި ގޮތަށެވެ. އެއީ ތަންކޮޅެއް ވައި ބާރު ފަތިހަކަށް ވުމާ އެކު އެކަން ކުރި މީހާއަށް "ޓައިޓޭނިކް"ގެ އިޙްސާސްތައް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫސްތަކުގަ އާއި ސޯޝަލް މީޑިއާގައި ދަގަނޑުގެ މައްޗަށް އަރާ ހުއްޓާ ނެގި ފޮޓޯ ޝާއިޢު ކުރުމުގެ ފަހުން އެ ގޮތަށް ފޮޓޯ ނަގާތަނެއް ނުފެނެ އެވެ. އެހެންނަމަވެސް "ހައި ޖަހާލަން" ފާލަން މަތީގައި، ސައިކަލް މަޑުކޮށްގެން ތިބޭތަން ފެނެ އެވެ. އަދި ބައެއް ފަހަރު ސައިކަލުން ފައިބައިގެން ފާލަންމަތީގައި ތިބެ ވާހަކަ ދައްކާތަން ވެސް ފެނެ އެވެ.

ފާލަން އަލަށް ހުޅުވި ދުވަސްކޮޅުގައި، މާލެ އިން ފާލަމަށް އަރާ ހިސާބުގައި ފުލުހަކު ހުއްޓެވެ. ފަހުން ވެސް ފުލުހަކު ހުރެ އެވެ. އެކަމަކު އަޅުގަނޑު ދާ ވަގުތުގައި އޭނާ އިންނަތަން ފެންނަނީ ފުލުހުން ވަދެ ތިބޭ ފުލުސް-ފޮށިގަނޑުގެ ތެރޭގަ އެވެ. އަޅުގަނޑަށް އަބަދުވެސް ފެނިފައި ވަނީ އޭނާ، އޭނާގެ ފޯނަށް ބަލަހައްޓައިގެން އިންނަ ތަނެވެ. (އެކަމަކު މިއަދު މި ލިއުން ލިއާ ދުވަހު އޭނާ ފާލަމުގެ ކުރިމަތީގައި އެބަ ހުއްޓެވެ). ކުރިސްމަސް ދުވަހުގެ ކުރީ ދުވަހު، ފުލުސް އިންނަ ފޮއްޓާ މާ ދުރު ނޫން ހިސާބަކުން މައި މަގުގެ މެދުން، ފަލަ، ވަރުގަދަ ފިރިހެނަކު ފުރަތަމަ ދުވެފައި، ފަހުން ހިނގާފައި އަންނަތަން ފެނުނެވެ. އެ ވަގުތު، "ހައިވޭ" ގައި، އެ ގޮތަށް އަންނާނެ ކަމަށް ލަފާކުރެވެނީ މަސްތެއްގައި ހުރި މީހެކެވެ. ނުވަތަ ސިކުނޑި ރަނގަޅު ނޫން މީހެކެވެ. ހަމަ މީހަކަށް ވިޔަސް ހަމަ މީހެއް ކަމަށް ބަލައިގަންނަން އެ މަންޒަރު ފެނުނު މީހުންނަށް އުނދަގޫ ވާނެ އެވެ. ފާލަމުގެ ކުރިމަތީގައި މަގު ބަލަހައްޓާ މީހަކު ހުރި ނަމަ އެމީހަކަށް އެތަން ފެނުނީހެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ފިޔަވަޅު ވެސް އެޅުނީހެވެ.

ފާލަމުގެ ހިނގާ ސަރަހައްދުގައި އެކިއެކި ހިސާބުގައި ފާލަން ބެލެހެއްޓުމުގެ މަސައްކަތުގައި އުޅޭ މީހުން، ފާލަން ބޭނުން ކުރާ މީހުން ހިނގިޔަ ނުދިނުމަށް ބެރިކޭޑު ނުވަތަ ހުރަސް ބަހައްޓާފައި ހުރެ އެވެ. ފާލަމުން ހިނގާ މީހުންގެ ތެރެއިން ބައެއް މީހުން އެ ހުރަސް ދުރުކުރުމަށް ފަހު ހިނގުން މަނާ ސަރަހައްދު ފަހަނައަޅައި ދެ އެވެ. މިހެންވުމުން މަސައްކަތް ކުރާ މީހުންނަށް އުނދަގޫވާތީވެ އެމީހުން ބެރިކޭޑް ބަހައްޓަން ފެށީ އައްސާފަ އެވެ. އަދި ފުލުހުން ގެންގުޅޭ ވައްތަރުގެ ޓޭޕްތައް އޮޅަ އެވެ. އެ ވަރުން ވެސް ބެރިކޭޑް ދުރުކުރުމަށް ފަހު ހުރަސްކުރާ މީހުންނަށް ހުއްޓުމެއް ނައުމުން ބެރިކޭޑް ދަގަނޑުގައި އައްސާފައި ބެހެއްޓީ ބޮޑު ހިލިހިލާގަނޑަކުންނެވެ. އަދި ބޮޑެތި ގުދަނުގައި ލާފައި އޮންނަ ވައްތަރުގެ ތަޅެއް ލާފައި ވެސް އޮތެވެ. ބެރިކޭޑް ދުރުކޮށް ފައި ދަނީ "ޕާޓޭން" ނޭ ބައެއް މީހުން ކިޔާ ވައްތަރުގެ ޒުވާނުންނެއް ނޫނެވެެ. "ހަރު، ރަނގަޅު" މީހުންނޭ ހީވާ ކަހަލަ މީހުންނެވެ.

ވަރަށް ރީތި ދުވަހެކެވެ. އެހެން ދުވަހާ ޚިލާފަށް ވަރުނުލާ ރާޅުގަނޑުގެ އަޑު ގަދަ އެވެ. އަރަމުން އަންނަ އިރުގެ ދޯދި ރާޅުގެ ހުދު ފޮނަށް އެޅުމުން މުޅި ލޮނުގަނޑު އޮތީ ދިއްލިފަ އެވެ. ވަރަށް ކައިރިން ކޯމަސް އައިނެއް ފުއްމަމުން ދާތަން ވެސް ފެނުނެވެ. މާލެ އިން ފާލަން ފެށޭ ހިސާބުގައި އޮންނަ ކުޑަ ގޮނޑުދޮށުގައި ޒުވާން އަންހެން ކުއްޖަކު ގުދުވެގެން އޮތް ތަން ފެނުނެވެ. އަޅުގަނޑު ފުރަތަމަ ހީކުރީ އޭނާ ރީތި ފޮޓޯއެއް ނެގުމަށް މަސައްކަތް ކުރަނީ ކަމަށެވެ. އެކަމަކު އޭނާ ގުދުވެގެން އޮވެ އެއްޗެތިތަކެއް ހޮވަން ފެށުމުން އަޅުގަނޑަށް ހީކުރެވުނީ އޭނާ ރިނދަލި ނުވަތަ ބޮލި ހޮވަނީ ކަމަށެވެ. އެ ކުއްޖާ ހޮވީ ކުންޏެވެ. ކުނި ހޮވުމަށް ފަހު އަޅަމުން ގެންދިޔައީ އޭނާގެ އަތުގައި އޮތް ކޮތަޅަކަށެވެ. މާޝާ ﷲ!! އަޅުގަނޑުގެ ހިތަށް އެރި އެވެ. މިއަދު އަޅުގަނޑުގެ ދުވަސް މި ފެށުނީ ވަރަށް އުފާވެރި ހެނދުނަކުންނެވެ.