އެމްޑީޕީގެ ޕްރައިމަރީގައި މެމްބަރުން ވޯޓު ލަނީ: ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރީގެ ބައެއް ރައީސުންނާއި ނައިބު ރައީސުން ވާދަކުރެއްވުމުގެ ފުރުސަތު ބޮޑު --ފޮޓޯ/މިހާރު
އަހުމަދު އަބްދުﷲ
ފައިސާވެރިއަކު އޭނާގެ މުއްސަނދި ދިރިއުޅުން ދޫކޮށްލާފައި އާދައިގެ ދިރިއުޅުމެއް އުޅުމަށްޓަކައި، ޖިފުޓިއެއްގައި ދިރިއުޅެން ފެށުމުން އޭނާގެ އެ ނިންމުމުން، ސީދާ އޭނާގެ އާއިލާއާ ގުޅިފައި ނުވާ މީހުންނަށް ލިބޭނޭ ގެއްލުމެއް ނުއޮންނާނެ އެވެ. ވާނެ އުނދަގުލެއް ނުއޮންނާނެ އެވެ. އޭނާ އެކަން ކުރާނީ އޭނާގެ ކޮންމެވެސް އަމިއްލަ އުފަލަކަށެވެ. އަމިއްލަ ބޭނުމަކަށެވެ. ގާނޫނުގައި ކަނޑައެޅިގެން ވަކި ކަމެއް ކުރުން މަނާކުރެވިފައި ނުވާ ނަމަ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ވެއްޖެ ހިނދެއްގައި ބޭނުން ކަމެއް ކުރެވިދާނެ އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާ ފައިވާ ބޭފުޅަކަށް ސިޓީ ކައުންސިލުގެ ގޮނޑިއަކަށް، ކުރިމަތި ލެއްވުމަށް، ނުވަތަ ޕާމަނަންޓު ސެކެޓްރީއަކަށް ވުމަށް، ނުވަތަ މިނިސްޓަރު ކަމުގައި ވަޑައިގެންނެވުމަށް ނުވަތަ މުސްތަގިއްލު މުއައްސަސާއެއްގެ ގޮނޑިއެއް ހޯއްދެވުމަށް އެއްވެސް ގާނޫނެއް ހުރަހެއް ނާޅަ އެވެ. މިހެން ވުމާ އެކު އެކަމަށް ޝައުގުވެރިވާ، އެ އިސް މަގާމު ފުރުއްވާފައިވާ ބޭފުޅުން އެފަދަ ވަޒީފާތަކާ ކުރިމަތި ލެއްވުމަކީ ޤާނޫނު މަނާކުރާ ކަމަކަށް ނުވާ ނަމަ އެއީ އެހެން މީހުންނަށް މައްސަލައަކަށް ވެގެން ނުވާނެ އެވެ.
އަޅުގަނޑުގެ ޝަޢުޤުވެރިކަން ހުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކުރިން އަދާކުރައްވާފައިވާ ބޭފުޅުން، ކުރިން ދެންނެވި ފަދަ މަގާމަކަށް ވަޑައިގެންނެވުމުން، އޭގެ ފަހުން ކަންތައްތައް ހިނގާނެ ގޮތަކާ މެދުގަ އެވެ.
ސްރީލަންކާގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ބޭފުޅަކު އާއްމު އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގަތެވެ. އެހެންނަމަވެސް ލަންކާގައި އޮންނަ ނިޒާމާއި އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަ ހިންގުމުގެ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ނިޒާމާ ތަފާތެވެ. ލަންކާގައި ބޮޑުވަޒީރެއް ހުރެ އެވެ.
އިޒްރޭލުގައި ބޮޑުވަޒީރުކަން ކުރީގައި ކުރައްވާފައި ތިއްބެވި ބޭފުޅުން ސީނިއަ ކެބިނެޓު މިނިސްޓަރުންގެ މަގާމު ވަރަށް ގިނައިން ފުރުއްވާފައިވެ އެވެ. އެމެރިކާގެ ގާނޫނުތަކުގައި ވެސް ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ސަރުކާރުގެ އެހެން މަގާމަކާ ކުރިމަތިލުމަށް ޤާނޫނީ ހުރަހެއް ނުއޮވެ އެވެ. އެހެންނަމަވެސް ކުރީގައި ރައީސްކަން ކުރައްވާފައި ހުރި ބޭފުޅަކު މި ޒަމާނުގައި އެއަށް ވުރެ ދަށް އިންތިޚާބީ މަގާމަކާ ކުރިމަތިލައްވައިފި ނަމަ، އެ ބޭފުޅަކަށް ކުރިމަތިވާނެ ބައިވަރު އެހެން ސިޔާސީ ހުރަސްތައް ހުންނާނެ އެވެ. އާދަކާދަ އާއި ޢިނާޔަތްތަކާއި، ލިބިވަޑައިގަންނަވާ ޕެންޝަނާ ގުޅޭ ހުރަސްތަކެވެ.
އެމެރިކާގެ ރިޔާސީ ނިޒާމުގެ ކުރީގެ އަހަރުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވުމަށް ފަހު އެންޑުރޫ ޖޮންސަން ސެނަޓަރަކަށް ވެވަޑައިގެންނެވި އެވެ. އެހެންނަމަވެސް ހޮވިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އަވަހާރަވި އެވެ. ޖޯން ކުއިންސީ އެޑެމްސް ހައުސް އަށް ހޮވުނެވެ. އޭނާ ކުރެއްވި މަސައްކަތްޕުޅު ގައުމީ ލީޑަރެއްގެ ގޮތުގައި ބަލައިގަނެވޭ ފެންވަރަށް ނުގެންދެވޭ ކަމަށް ބައެއް މުއައްރިޚުން ދެކެ އެވެ. މިކަން ޤަބޫލުނުކުރާ މުއައްރިޚުން ބުނާ ގޮތުގައި އުތުުރު އެމެރިކާގައި އަޅުން ގެންގުޅުމާ އިދިކޮޅަށް، އާއްމުން ހޭލުންތެރިކުރުވުމަށް އޭނާ ކުރެއްވި މަސަައްކަތްތައް ކަހަލަ މުހިއްމު މަސައްކަތްތަކެއް އޭނާ ކުރައްވާފައިވެ އެވެ. އެމެރިކާގެ އެންމެ ފަހުގެ ރައީސް ބަރަކް އޮބާމާ އަދިވެސް އެހުންނެވީ މަސައްކަތް ކުރެއްވޭ އުމުރުގަ އެވެ. އެމެރިކާގެ ރައްޔިތުންގެ މެދުގައި އޭނާ އަކީ އަދިވެސް ވަރަށް މަޤްބޫލު ބޭފުޅެކެވެ. ބިލް ކުލިންޓަން އާއި ޖޯޖް ޑަބްލިއޫ ބުޝް ވެސް ރައީސް ކަމުން ދުރުވެވަޑައިގަތީ އިންތިޚާބީ އެހެން ދާއިރާއެއްގައި މަސައްކަތްޕުޅު ކުރެއްވޭ އުމުރުގަ އެވެ.
ކުންފުންޏެއްގެ ޗީފް އެގްޒެކެޓިވް އޮފިސަރަކު އެހެން ކުންފުންޏެއްގެ މަޤާމަކަށް ބަދަލުވާ ނަމަ ސީއީއޯގެ މަގާމަށް ވުރެ ދަށް މަގާމަކަށް ދާން އޭނާ ބޭނުމެއް ނުވާނެ އެވެ. އަމުރުތައް ނެރޭ މޭޒު ދޮށުން އަމުރުތައް ބަލައިގަންނަ މޭޒެއްގެ ދޮށަށް ބަދަލުވާން އުނދަގޫ ވަނީ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ތިއްބެވި ގިނަ ބޭފުޅުންނާ މެދު ގިނަ ގައުމުތަކުގައި ދެކެނީ އެބޭފުޅުންގެ ރިޔާސީ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، އެ ބޭފުޅުންނަކީ އާއްމު ސިޔާސީ ހަލަބޮލިކަމަށް ވުރެ އުހުގައި ތިއްބަވާ ބޭފުޅުން ކަމުގަ އެވެ. ތަޖުރިބާ ލިބިވަޑައިގަންނަވާފައި ތިއްބެވި ދޮށީ އުމުރުގެ މުޙައްނިކުން ކަމުގަ އެވެ. އެބޭފުޅުން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަނީ ކަންކަމުގައި އެބޭފުޅުންގެ ލަފާ ދެއްވުމަށާއި، ބައެއް ކަންކަމުގައި ފާޑު ވިދާޅުވުމުގަ އެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ގިނަ ބޭފުޅުންނަކީ މިހާރު ވެސް ސިޔާސީ ގޮތުން ވަރަށް ޙަރަކާތްތެރި ބޭފުޅުންނެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން، ކުރިއަށް އޮތް ޢާއްމު އިންތިޚާބުގައި ބައެއް ދާއިރާތަކަށް ކުރިމަތިލައްވައިގެން، އިންތިޚާބު ކާމިޔާބު ކުރައްވައިގެން، މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެފަދަ ބޭފުޅުންގެ އިތުރަށް ކުރީގައި ނައިބު ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން ވެސް އާ މަޖިލީހުން ފެނުމަކީ ކައިރި ކަމެކެވެ. ކުރީގެ އުއްތަމަ ފަނޑިޔާރެއް މަޖިލީހުން ފެނުމަކީ ވެސް، އަޅުގަނޑުގެ ބޭނުމުގެ ލިސްޓުގައި އޮތް ކަމެކެވެ. އެއިރުން ތިން ބާރުގެ އެންމެ އިސް ބޭފުޅުން އެ ބޭފުޅުން ކުރިން އަދާކުރެއްވި ބާރު ގަދަ މަގާމުތަކުގެ ބާރު ދިއުމުން މަޖިލީހުގެ މެމްބަރު ކަމުގެ ބާރު ހޯއްދަވައިގެން މަސައްކަތް ކުރައްވާތަން، އެއް ފަހަރާ ފެނިގެން ދާނެ އެެވެ. ކުރިން އަމުރު ނެރޭ މޭޒުތަކުން އަމުރު ބަލައިގަންނަތަން ފެނުމަކީ ވެސް މަދުން ނޫނީ ފެންނާނެ މަންޒަރެއް ނޫނެވެ.
ކުރީގައި ރައިސުލްޖުމްހޫރިއްޔާ ކަން ކުރައްވާ ފައި ތިއްބެވި ބޭފުޅުން މަޖިލީހުގެ މެމްބަރަކަށް ވުމުން އެބޭފުޅުން ޢިއްޒަތްތެރި މެމްބަރަކަށް ވެވަޑައިގަތީ އެވެ. ރައްޔިތުންގެ މަޖިލީހުން މިހާރު އަމަލު ކުރާ މެމްބަރުންގެ ޕެންޝަނާ ބެހޭ ޤަވައިދު ބުނާ ގޮތުން ވެސް މެމްބަރަކު ސަރުކާރުގެ އެހެން ވަޒީފާއެއް އަދާކުރަން ފެށުމާ އެކު އެ މެމްބަރަކަށް ލިބިވަޑައިގަންނަވާ ޕެންޝަނުގެ ފައިސާ ލިބިވަޑައިގަތުން އެ ހިސާބުން ހުއްޓޭނެ އެވެ. ޕެންޝަނާ ގުޅިފައި އޮތް އެހެން ކަންތައްތަކަށް ވާނީ ކިހިނެއްތޯ އެވެ؟ އޮފީސް އެލަވަންސާއި ސިކިއުރިޓީ ފަދަ ކަންތަކެވެ. އެ ޚިދުމަތް މެމްބަރުންގެ ފެންވަރަށް ދަށްކުރެވޭނީތޯ އެވެ؟ ނޫން ނަމަ އޮތް ގޮތަށް އޮންނާނީތޯ އެވެ؟ މި ހުންނަނީ އަޅުގަނޑުމެންނަށް ކުރިން އެނގެން ބޭނުންވާނެ ކަންތަކެވެ. އުޞޫލީ ކަންތަކެވެ. މިފަދަ ކަންތައްތަކަށް ޚަރަދުކުރަނީ ޓެކްސް ދައްކާ ޢާއްމު ރައްޔިތުން ކަމަށް ވާތީ ވެއެވެ. މިކަން މި ފާހަގަކުރީ ފަހަރެއްގައި ވެސް އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެއްޗެއް އުނިކުރުމަށް، ނުވަތަ މަޙުރޫމު ކުރުވުމުގެ ނިޔަތުގައެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީސްގެ ޖަލްސާތަކުގައި، ރައިސުލްޖުމްހޫރިއްޔާކަން ކުރެއްވި މެމްބަރަކު މަޖިލީސްގެ ރިޔާސަތު ނުބަލަހައްޓަވާ ކަމަށް ވާ ނަމަ، މަޖިލީސްގެ ރައީސަށް މުހާތަބުކުރައްވަން ޖެހިވަޑައިގަންނަވާނީ ޢިއްޒަތްތެރި ރައީސްއޭ ވިދާޅުވެފަ އެވެ. އަދި ވާހަކަފުޅުގައި ހުށައެޅިފައި އޮތް މައްސަލައެެއްގެ ބޭރު ވާހަކައެއް ދައްކަވާ ނަމަ މައުލޫއަށް ވާހަކަ ދެއްކެވުމަށް ރިޔާސަތުން ނަސޭޙަތްތެރި ވުމަކީ ކައިރި ކަމެކެވެ. ވާހަކަ ދައްކަވަން އަރުވާފައި އޮންނަ ފުރުސަތަށް ވުރެ އިތުރަށް ވާހަކަ ދައްކަވާ ނަމަ އިށީދެވަޑައިގެންނެވުމަށް ރިޔާސަތުން އަމުރު ކުރެެއްވުމަކީ ވެސް ވެދާނެ ކަމެކެވެ. މިހުންނަނީ މަޖިލީހުގެ ޖަލްސާތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ މެމްބަރުންނަށް އަބަދު ކަހަލަ ގޮތަކަށް ދިމާވާ ކަންތަކެވެ. "ދަށުން"، "މައްޗަށް" އޯޑަރު އަންނަން ފެށުމުން އުނދަގޫފުޅެއް ނުވާނެ ބާވަ އެވެ؟ އަދި މީގެ އިތުރަށް މަޖިލީހުގެ ބަހުސުގެ ތެރޭގައި ބައެއް ދުވަސް ދުވަހު، ބައެއް މެމްބަރުން އެހެން މެމްބަރުންނާ ދިމާއަށް "ކޯދޮންނަ" ތަން ވެސް ފެނެ އެވެ. އެކަހަލަ ހޫނުގަނޑެއްގެ ތެރެއަށް ގައުމުގެ އެންމެ ގަދަރުވެރި މަގާމު އަދާކުރައްވާފައި ހުންނެވި ބޭފުޅަކަށް އެނގިވަޑައިނުގެން ވެސް ވަދެވަޑައިގެންނެވިއްޖެ ނަމަ މެމްބަރުންގެ ސުލޫކީ މިންގަނޑު މިހާރު ހުންނަ ގޮތުން އެއްވެސް ބަލާލުމެއް ނެތި ގައުމުގެ ގދަރުވެރި ބޭފުޅެއްގެ އަބުރު ރައްޔިތުންގެ ކުރިމަތީގައި ކޮށާލުމަކީ ވެސް ވަރަށް ކައިރި ކަމެކެވެ.
މިކަހަލަ މަންޒަރުތައް ބެލުމަކީ، ހަމަގައިމު ވެސް ގައުމަށް ގަދަރުކުރާ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުޅަދާނަވެގެންވާނެ ކަމެއް ނޫނެވެ. ތެދުފުޅެކެވެ. މެމްބަރު ކަމުގެ ގޮނޑިން ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅަށް ފުއްމާލެވެ އެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅުން މެމްބަރުކަމުގެ ގޮނޑި އަށް ފުއްމާލައްވާ ތަން ބަލަން އުނދަގޫ ވަނީ އެވެ. އާ ކަމަކަށް ވީމާ ކަމަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރައްވާ ބޭފުޅުންނަށް އެއީ މައްސަލައަކަށް ނުވާ ނަމަ އެހެން މީހުންނަށް ވެސް ގަދަރާއި ހައިބަތާއި ޢިއްޒަތުގެ ނަޒަރިއްޔާތުން ވެސް، އެއީ މައްސަލައަކަށް ވެގެން ނުވާނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކަކުނިބޯ
22 January 2019
އެލަވަންސް މައްސަލަ: ބޮޑު އެތިދީ ކުޑައެތިކަނޑާލާ ވަރިހަމަ އެއްނު ހިލޭސާބަހައްވިޔަސް އިހްތިރާމަކީ ދެފަރާތުނވެސް ކުރީމަކުރެވޭނެއެއްޗެއް. މަޖުލީހުގައިންނާނީ ކުރީގެރއީސެއްގެ ހައިސިއްޔަތކު ނޫން އެގިއްޖެ
ވާލުސޮރު
22 January 2019
މީގަ ތަފާތެއް އެއުޅެނީ ހިތްތިރި ރައީސުންނާ ބޮޑާ ކިބުރުވެރި ރައީސުންގެ ދެމެދު. ހިތްތިރި ރައީސުންނަކީ އެންމެ އާދައިގެ ފެންވަރަށްވެސް ރުހި ގަބޫލުވާ މީހުން. ދެން އޮތީ ބޮޑާކަމާ ކިބުރުވެރިކަމުން ތިމާ އަށްވުރެ އަނެކުން މާ ދަށޭހީވެ ދަށް މަގާމަކަށް ހިތް ނުރުހޭ މީހުން. އެންމެ އާދައިގެ މީހަކާ މުޚާތަބްކޮށް "އިއްޒަތްތެރި ރައީސް" އޭ ވިދާޅުވާކަށްވެސް ރައީސް ނަޝީދު ލަދުފުޅަކުން ނޫޅުއްވާނެ.
ކޮތަރު އިމުރާނު
22 January 2019
އަހމަދުއަށް ހާދަ އަސަރެއް ކޮށްފައޭ ދޯ މި ހުރީ.
ބޮޑުރިޔާ
22 January 2019
ރައީސްކަންކުރައްވާފައިވާ ބޭފުންނަށްދޭ އެލަވަންސާއި މަޖިލީހުގެ މެމްބަރަކަށްވީމާ ދޭ މުސާރަ އެއްކޮށްލީމާ ބޮޑުލާރި ބޮނޑިއެއްވާނެދޯ މިހާވަރުން އަނެއްކާ ފުދޭނެބާ ދަށުންދަމާނުކުޅެ؟؟؟
ދާންވީއޭނާ
22 January 2019
ކެނެރީގެ ނަޝީދަކީ އެއީ ރާއްޖޭގެ ރައީސް ކަން ގެޕްފިލަރ އެއް ގޮތަށްކުރި މީހެކޭ ދެން އޭނާ ނުޖެހޭނެއޭ ރާއްޖޭގެ މަޖްލީހަށް ކުރިމަތިލާން އޭނާ މޭފުއްޕާފައި ނިކުތް 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ހީކޮށް އެކަމަކު މަމެން ޕިންކީން ކުރި ކަމަކީ އޭނާ ދެކޮނޑުގައި އަތް އަޅާ ބޭންދީއޭ ގޮނޑީގައި ގޮނޑިން ތެދުވަން އުޅުމުން ނަތީޖާ އަކީ އޭނާ އަށް ރިޔާސީ އިންތިޚާބުގައި ވެސް ފެއިލް ވުން އަދި މަޖްލީހުގެ އިންތިޚާބުން ފެއިލް ވުން އެއީ ދެން މަހަށް
ޖައްވު
22 January 2019
މައްސަލައެއް ނެތް. މަޖިލީސް މުސާރަ ނޫނީ ކުރީގަ ރައީސް ކަން ކުރައްވާފަ ވާ ބޭފުޅުނަނަށް ލިބޭ އެލަވަންސް، ދޭތިން ކޮންމެވެސް އެކައްޗެއް ލިބެން ވާނީ. ދެކޮޅުން ކެވޭ ގޮތަށް ހުރެގެން ނުވާނެ
ބޯވަ
22 January 2019
މި ލިޔުމުން އެނގުނު ގޮތުގައި އެމެރިކާގެ ރައީސްކަން ކުރުމަށްފަހު މަޖިލީހަށް ނުވަތަ ސެނެޓަށް އިންތިހާބު ވެފައިވެއެވެ. ރަސިޔާގެ ރައީސް ޕްޓިން ވެސް ރައީސްކަން ކުރުމަށްފު އެއަށްވުރެ ދަށްމަގާމެއް އަދާކުރިއެވެ. މިއީކީ އާކަމެއް ނޫނެވެ.
ނުރައްކަލޭ
22 January 2019
ރާއްޖޭގެ ރައީސް ކަން ކޮށްފައި ހުރި މީހަކު ގޭގޭގެ ކުނި އުކާދިނުން އެއީ މައްސަލަ އެއް ނޫނޭ އަދި އޮއިލަރަކަށް ފެނަަކަ އަށް ވަދެ ތުރާކުނު އިންޖީނުގޭގައި އުޅެންވީއޭ އޮއިލަރަކަށް އެއީ މައްސަލަ އެއް ނޫނޭ އެކަމަކު އެފަދަ މީހަކަށް ރާއްޖޭގެ މަޖްލީސް މެމްބަރަކަށް ނުވެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ އެއަށް ކިޔާނީ ބައިނަލް އަގްވާމީ ހަމަތަކުގެ މަތިން ކޮންފްލިކްޓް އޮފް އިންޓަރެސްޓްއޭ ކެނެރީގެ ނަޝީދު ރާއްޖޭގެ މަޖްލީހަށް ކުރިމަތި ލުން އެއީ ނުރައްކާތެރި ކަމެކޭ...
ޝައިމްބެ
22 January 2019
ގާނޫނު ހުއްދައެއްކަމަކު ރައީސް ވާނީ ރައީސްސަށެވެ. ރައީސްގެ އިއްޒަތާއި ގަދަރު އަދި އަބުރު ހިފަހައްޓެމުގެ ވިސްނުން އެއްމެބޮޑަށް ގެންގުޅެން ވާނީ ރައީސުންނެވެ. މޕ އަކަށް ވުމަކީ އެއްކޮޅާއި ދެކޮޅަށް ބަހުސް ކުރެވޭ މައުލޫތަކުގައި ތާރީފް ނުވަތަ އިދިކީލިކޮށް މުޚާތަބު ކުރާނެ ތަނެކެވެ. ރައްޔިތުންގެ ކުރިމަތީގައި ބޭއަދަބީ ކޮށް ރައީސަށް އެއްޗެއް ބުނުމުގެ ފުރުސަތު ގާނީގޮތުން ހުއްދަ ކުރުން ބަލައެއް ނުގަނެވޭ. އަދި ދަށް މަގާމުތައް ފުރަން އުޅުންވެސް ރަގަޅެއްނޫން
ބޮޑުވަރުދޯ
22 January 2019
މިހާރު މިކަންވެސް ގާނޫނަކަށް ހަދަންތޯ ތިބޭފުޅޭ ބޭނުންވަނީ؟ ތިބޭފުޅާ ފަންސޫރުގަ ހިފަހައްޓާ ގޮތްވެސް ގާނޫނަކުން ކަނޑައެޅިފަ އޮންނަގޮތަށް ބަދަލުކުރަންވީނޫންތޯ؟
ރައީސްމަޖިލިސް
22 January 2019
މައްސަލައަކީ މަތީގެ ރަހަ ލިބިދައިވުމުން މަޓިގެ ރަހައަށް މަސައްކަތްކޮށްފާނެތީ. މައްސަލައަކީ ކުރިން ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެޑްވޮކޭޓް ކޮށްފައިވާތީ. އެ އެޑްވޮކޭޓްކުރި ނިޒާމަކީ މަޖިލިސް ތެރޭގެ ނިޒާމަކަށްވާތީ މަތީ ރަހަޔަށް މަސައްކަތްކުރުން އެއީ މިހާރުވެސް އުފަންކޮށްފައިވާ އެޖެންޑާއެއްގޮތުގައި ބެލެވޭތީ. ސަރުކާރަށް އެހީތެރިވުމަށްވުރެން ސަރުކާރު އަތުއަޅުވާލުން ކަމަށް ބެލެވޭތީ.