އިންސާނާއާ އުޚުރަވީ ހަޔާތާ ދެމެދު އޮންނަ ގުޅުމަށް ސަމާލުވުން

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އުޚުރަވީ ހަޔާތަކީ އޮންނަ އެއްޗެއް ނޫނެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ދުނިޔޭގައި އުޅޭއިރު ވަކި ކަމެއް ހަމައެކަނި ގަބޫލު ކޮށްލަނިކޮށް އުޚުރަވީ ހަޔާތް ކާމިޔާބު ކުރެވޭނެ އެވެ. އެކަން ގަބޫލު ނުކޮށްފި ނަމަ ގެއްލި ހަލާކު ވާނެ އެވެ. އުޚުރަވީ ހަޔާތާއި އިންސާނާ އާ ދެމެދު އޮންނަ ގުޅުމާ މެދު މިނޫން ގޮތްގޮތަށް ވެސް ގަބޫލު ކުރެއެވެ. އެހެންކަމުން އިސްލާމީ ފިކުރުގައި މިކަން އޮންނަ ގޮތުގެ ހަގީގަތް ދެނެގަތުމަކީ މުސްލިމުން އެކަމަށް ސަމާލު ވުމަށްޓަކައި މުހިންމު ކަމެކެވެ.


އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާ އާއި އުޚުރަވީ ހަޔާތާ ދެމެދު އޮންނަ ގުޅުމަކީ އިންސާނާއާ ދިރިއުޅުމުގެ ހަޔާތާ ދެމެދު އޮންނަ ގުޅުން ކަމުގައިވާ އިމްތިހާނުން ފެށޭ ގުޅުމެކެވެ. އެއީ އެ އިމްތިހާނާ މެދު މަސްއޫލުވުމާއި އޭގެ ނަތީޖާ ކަމުގައިވާ ޖަޒާ ގަބޫލު ކުރުމުގެ ގުޅުމެކެވެ. ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ކޮށް އުޅުނު ޢަމަލުތަކާ މެދުގައި އުޚުރަވީ ހަޔާތުގައި ﷲ ސުވާލު ކުރައްވާނެ ކަން ސޫރަތުލް ޙިޖްރު (92-93) ގައި ބަޔާން ކުރައްވާފައި ވެ އެވެ.

މިގޮތުން ތެދުވެރިންނަށް އެމީހުންގެ ތެދުވެރި ކަމާ މެދު ސުވާލު ކުރެވޭނެ ކަމާއި ކާފިރުންނަށް ވޭންދެނިވި އަޒާބު ތައްޔާރު ކުރެވިގެންވާ ކަން އަލްއަހްޒާބު ސޫރަތުގެ އަށް ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. ސޫރަތުއް ޒަލްޒަލާގައި އަންގަވަނީ ހެޔޮކަމުގެ ޒައްރެއްގެ މިންވަރު އަދާކުޅަ މީހާ އެކަމުގެ ޖަޒާ ދެކޭނެ ކަމަށެވެ. އަދި ނުބައި ކަމުގެ ޒައްރެއްގެ މިންވަރު އަދާ ކުޅަ މީހާ ވެސް އެކަމުގެ ޖަޒާ ދެކޭނެ ކަމަށެވެ.

ވީމާ އުޚުރަވީ ހަޔާތުގައި ސުވާލު ކުރެވޭނެ އެވެ. އަދި ޖަޒާ ލިބޭނެ އެވެ. މި ސުވާލު ކުރުމާއި ޖަޒާ ލިބުން ވަނީ ދުނިޔަވީ ހަޔާތުގައި އޮތް އިމްތިހާނުގައި އެކި މީހުން ތަފާތުވާ ފަދައިން ތަފާތު ކޮށެވެ. މިގޮތުން ފުރަތަމަ ބަޔަކީ ނަބީންނާއި ރަސޫލުންނެވެ. އެބޭކަލުންނަށް ކުރެވޭނެ ސުވާލަކީ "(މީސްތަކުންގެ ފަރާތުން) ތިޔަ ބޭކަލުންނަށް ލިބުނީ ކޮން އިޖާބައެއް ހެއްޔޭ؟" އެވެ. އެބޭކަލުން ދަންނަވާނީ އެކަމުގެ އެނގުމެއް އެބޭކަލުންނަށް ލިބިގެން ނުވާ ކަމުގަ އެވެ. (އަލްމާއިދާ 109)

ރަސޫލުންނާ ސުވާލު ކުރައްވާނެ ކަން އަލްއަޢުރާފު ސޫރަތުގެ ހަ ވަނަ އާޔަތުގައި ވެސް ބަޔާން ކުރައްވާފައިވެ އެވެ. މިގޮތަށް އާންމު ކޮށް ކުރެވޭ ސުވާލުގެ އިތުރުން ވަކިވަކި ބޭކަލުންނާ ހާއްސަ ސުވާލުތައް ވެސް ކުރެވޭނެ އެވެ. މިސާލަކަށް އީސާގެފާނާ ކުރެވޭ އެއް ސުވާލަކީ އެކަލޭގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ކަލާނގެ އިން ކަމުގައި ހެދުމަށް މީސްތަކުން ގާތު ވިދާޅުވިންތޯ އެވެ. މި ސުވާލަށް ޢީސާގެފާނު ދެއްވާނެ ޖަވާބު އަލްމާއިދާ ސޫރަތުގެ 116 ވަނަ އާޔަތުގައި ބަޔާން ވެފައި ވެ އެވެ.

ދެވަނަ ބަޔަކީ ތަފާތު އުންމަތްތަކެވެ. އުންމަތްތަކާ ކުރެވޭނެ ސުވާލަކީ އެމީހުންނާ ހަމަ އަށް އައި ރިސާލަތާ މެދު އެމީހުން ކަންކުރި ގޮތުގެ ސުވާލެވެ. (އަލްއަޢުރާފު 6). މިގޮތުން ކުރެވޭ އެއް ސުވާލަކީ "އޭ ޖިންނީންނާއި އިންސީންގެ ޖަމާއަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަން ރަސްކަލާނގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެ ކަމުގެ އިންޒާރު ކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާ ހެއްޔެވެ؟" (އަލްއަންޢާމް 130)

އުންމަތްތަކާ ކުރެވޭ އަނެއް ސުވާލަކީ އެ މީހުންނަށް ﷲ ދެއްވަވާފައިވާ މިނިވަންކަމުގެ ބޭނުން ހިފުމާއި އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ކިޔަމަން ނުވުމުގައި ދެމި ތިބޭ މިންވަރާ މެދު އެވެ. މިގޮތުން މިކަމުގައި ނާކާމިޔާބު ވެފައިވާ މީހުންނާ ކުރެވޭނެ ސުވާލަކީ، "ތިޔަބައިމީހުން އުޅުނީ ކޮން ގޮތެއްގައިހޭ؟" އެވެ. ބިމުގައި ނިކަމެތިކަން ލިބިގެންވާ ހާލު އެ ގޮތުގައި ތިބީ ކަމަށް އެމީހުން ބުނުމުން މަލާއިކަތުން ވިދާޅުވާނީ ހިޖުރަކޮށް އެހެން ތަނަކަށް ދިއުމަށް ﷲގެ ބިން ތަނަވަސް ވެގެން ނުވޭ ހެއްޔޭ އެވެ.

ވެރިންނަށް ކިޔަމަންވުމުގައި ﷲ ގެ އަމުރުފުޅުތަކަށް ތަބާވަނީ ކިހާ ވަރަކަށް ތޯ ބެލުމުގެ ސުވާލު ވެސް އުންމަތްތަކާ ކުރެވޭނެ އެވެ. ފިރުޢައުނު އޭނާގެ ގައުމުގެ މީހުން ހައްލައިލުމުން އެމީހުން އޭނާ އަށް ކިޔަމަންވި ކިޔަމަންވުން އެއީ އެބައިމީހުން ފާސިޤުން ކަމުގައި ވާތީ ކުޅަ ކަމެއްކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވަނީ އެހެންވެ އެވެ. (އައްޒުޚްރުފް 54). ކާބަފައިން ކޮންމެ ގޮތެއްގެ މަތީގައި ތިބި ނަމަވެސް އެގޮތް ކޮޕީ ކޮށް ތަރައްގީ އާއި އައު ވިސްނުންތަކަށް ޖާގަ ނުދީ ތިބޭ ތިބުމަކީ ވެސް އުޚުރަވީ ހަޔާތުގައި އުންމަތްތަކާ ސުވާލު ކުރެވޭނެ ކަމެކެވެ.

އުންމަތްތައް ނަރަކަ އަށް ވެއްދެމުން ދާއިރު އޭގެ ކުރީގެ އުންމަތްތަކަށް ލައުނަތް ދީ، ތިމަންމެން މަގު ފުރެއްދީ އެބައިމީހުންނޭ ބުނެ އެހެންވެ އެބައި މީހުންނަށް ދެގުނަ އަށް އަޒާބު ދޭން ﷲގެ ހަޒްރަތުން އެދޭނެ އެވެ. ނަމަވެސް ﷲގެ ވަޙީ ބަސްފުޅަކަށް ވާނީ "ތިޔައިން ކޮންމެ ބަޔަކަށް ވެސް ދެ ގުނަޔަށް އަޒާބު ހުށްޓޭ" އެވެ. (އަލްއަޢުރާފު 38). ދުނިޔެމަތީގައި ﷲ ދެއްވާ ނިޢުމަތްތަކާ މެދު ވެސް އުންމަތްތަކާ ސުވާލު ކުރެވޭނެ އެވެ. (އައްތަކާޘުރު 8)

އީދު ނަމާދުގެ ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ: އަޅުކަންތައް އަދާކުރި ގޮތާ މެދު ސުވާލު ކުރެވޭ ފަދައިން ދުނިޔަވީ މަސްއޫލިއްޔަތުތަކާ މެދު ވެސް އާޚިރަތް ދުވަހުން ސުވާލު ކުރެވޭނެ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އުޚުރަވީ ހަޔާތުގެ ސުވާލު ކުރުމުގައި ތިން ވަނަ ބަޔަކީ ތަފާތު އެކިއެކި ކަންކަމާ ހަވާލުވެގެން ތިބޭ މީހުންނެވެ. އޭގެ ތެރޭގައި ވެރިންނާއި، އެދުރުންނާއި، އިލްމުވެރިންނާއި، ވިޔަފާރިވެރިން ފަދަ މީހުން ހިމެނެ އެވެ. މިފަދަ ތަފާތު ޖަމާއަތްތަކާ ކުރެވޭނެ ބައެއް ސުވާލުތައް ނަބަވީ ހަދީސްތަކުން ފެނެ އެވެ. މިގޮތުން އިލްމުވެރިންނާ ކުރެވޭނެ އެއް ސުވާލަކީ "ތިޔަބައިމީހުންނަކީ ޚަލްޤުތަކުން ތަރުބިޔަތު ކުރުމަށް ތިބި މީހުންނެވެ. އެމީހުންނާ މެދު ތިޔަބައިމީހުން ކަންކުރީ ކިހިނަކުންހޭ؟" އެވެ.

ވެރިންނާއި މުއްސަނދިންނާ ކުރެވޭނެ އެއް ސުވާލަކީ "ތިޔަބައިމީހުންނަކީ ތިމަން ﷲގެ ނިއުމަތްތަކުގެ ޚަޒާނާތަކުގެ ބަނޑޭރިން ކަމުގައިވީ މީހުންނެވެ. ފަގީރުންނާ ހަމަ އަށް ތިޔަބައިމީހުން ދިޔަ އިން ހެއްޔެވެ؟ ޔަތީމުން ބެލެހެއްޓިން ހެއްޔެވެ؟ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރެވުނު ތިމަން ﷲގެ ހައްގު (އެބަހީ ޒަކާތް) ނެރުނިން ހެއްޔެވެ؟" ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ ކޮންމެ މީހަކީ ވެސް ކޮންމެވެސް ބައެއްގެ ކަންކަމާ މަސްއޫލު ވާން ޖެހޭނެ މީހެއް ކަމާއި އެމީހެއްގެ މަސްއޫލިއްޔަތާ މެދު ސުވާލު ވެވޭނެ ކަމަށެވެ.

ހަތަރު ވަނަ ބަޔަކީ ވަކިވަކި ފަރުދުންނެވެ. މީގެ ތަފްސީލުތައް ވެސް ނަބަވީ ހަދީސްތަކުގައި ބަޔާން ވެގެން ވެއެވެ. މިގޮތުން އެއްވެސް އަޅަކަށް އެ ހަތަރު ސުވާލު ނުކުރެވި ގިޔާމަތް ދުވަހުން ހުރި ފިޔަވަޅު މަތިން އަތަކަށް ވެސް ޖެހިނުލެވޭނެ ހަތަރު ސުވާލެއް ވާކަން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައި ވެ އެވެ. އެއީ ޒުވާންކަން ހޭދަ ކުރީ ކޮން ގޮތަކަށް ކަމާއި، އުމުރު ހޭދަ ކުރީ ކޮން ކަމެއްގައި ކަމާއި، މުދާ ހޯދީ ކޮން ގޮތަކަށް އަދި އެ އިން ހޭދަ ކުރީ ކޮންކޮން ކަންތަކަކަށް ކަމާއި، އިލްމުގެ ބޭނުން ހިފީ ކޮން ގޮތަކަށް ކަމުގެ ސުވާލުތަކެވެ.

ހަދީސްތަކުގައި ވަރަށް ގިނަ ކަންކަމުގެ ވާހަކަ މިގޮތަށް ބަޔާން ކުރެވިގެން ވެއެވެ. އޭގެ ތެރޭގައި ނިއުމަތްތަކާއި، އިޖުތިމާއީ ދަރަޖަތަކާއި، ބުއްދި އާއި ހަށިގަނޑާއި ނަފްސުގެ ތަފާތު ބާރުތަކާއި، ތަފާތު އެކިއެކި ސުލޫކުތަކާ މެދު ކުރެވޭނެ ސުވާލުތަކުގެ ވާހަކަ ބަޔާން ކުރެވިފައިވެ އެވެ. މިގޮތުން އިވުމާއި ފެނުމާއި ބުއްދީގެ ބާރުތައް ބޭނުން ކުރި ގޮތާ މެދު ސުވާލު ކުރެވޭނެ ކަން އަލްއިސްރާއު ސޫރަތުގެ 36 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ.

ވީމާ އުޚުރަވީ ހަޔާތާ އިންސާނާއާ ދެމެދު މި އޮންނަ ސުވާލު ކުރެވުމާއި ޖަޒާ ލިބުމުގެ ގުޅުމަށް މުސްލިމުން އަބަދުވެސް ސަމާލުވާން ޖެހޭނެ އެވެ. މިގޮތުން ކޮންމެ އިންސާނަކަށް ވެސް ޤުދުރަތީ ގޮތުން ލިބިފައިވާ ބާރުތަކާއި، އާއިލީ ޒިންމާ ތަކާއި، ރަހިމުގެ ގުޅުމާއި، ޖަމާއަތުގެ ހައްގުތަކާއި، އަންނަން އޮތް ޖީލު ތަކަށް ދަމަހައްޓައިދޭން ޖެހޭ ކަންކަމާއި، އެހެން އުންމަތްތަކާ މެދު ކުރަންޖެހޭ މުއާމަލާތާއި، އިންސާނުން ފިޔަވައި އެހެން މަޚްލޫގުންނަށް އަދާ ކުރަން ޖެހޭ ހައްގު ތަކާ މެދު ވެސް މަސްއޫލިއްޔަތު އުފުލަން ޖެހޭނެ އެވެ. ސަބަބަކީ މި ހުރިހާ ކަމަކީ އުޚުރަވީ ހަޔާތުގައި ސުވާލު ވެވޭނެ ކަންކަމެވެ. އަދި އެއަށް ޖަޒާ ލިބޭނެ ކަންކަމެވެ.