އޮޅުންބޮޅުން: ބަޣާވާތަކުން ސަރުކާރު ބަދަލުކުރެވިދާނެބާ؟

ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިލާ އިރު ބަޣާވަތަކުން ސަރުކާރު ބަދަލުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 50ގެ އަހަރުތަކުގައި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެރިކަމުން ދުރުކުރި ފަހަރު އެވެ. އެ އަށް ފަހު ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައެއް ނުވެ އެވެ. އެފަހަރު ވެސް ވެރިކަން ބަދަލުކުރުމުގައި އެންމެ އިސްވެ ހަރަކާތްތެރިވެ ވަޑައިގެންނެވީ މުޙައްމަދު އަމީންގެ ވެރިކަމުގެ އެންމެ އިސް ސަފުގައި ތިއްބެވި ވެރިންނެވެ. އެމަނިކުފާނަށް ވަފާތެރި ވެރިން ކަމަށް ބައްލަވައިގެން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.


ކުއްލި ގޮތަކަށް ރާއްޖޭގެ ވެރިކަން ވަރަށް ގިނަ ފަހަރު ބަދަލުކޮށްފައިވެ އެވެ. އެކަމުގެ ސިއްރު، ހުރިހާ ކަމެއް ސިއްރު ކުރެވިފައި އޮތް ޒަމާނެއްގައި ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގެ އެވެ. ހަގީގީ ސިއްރެވެ. އެ ޒަމާނަކީ މަޢުލޫމާތު ފެތުރުމަކީ ހިފެހެއްޓިފައި އޮންނަ ކަމެއްގެ ގޮތުގައި އޮތް ޒަމާނެކެވެ. ކުއްލި ގޮތަކަށް ރާއްޖޭގެ ވެރިކަމަށް ގެނެސްފައި ހުރި ބަދަލުތަކަކީ މި ޒަމާނުގެ ބަހުރުވައިން ދަންނަވާ ނަމަ ގަނޑުވަރުގެ ތެރެއިން ނުވަތަ ސަރުކާރުގެ އެތެރެއިން ގެނައި "އިންޤިލާބު" އެކޭ ވެސް ދެންނެވިދާނެ އެވެ. އިންޤިލާބެކޭ ދެންނެވެނީ ކުއްލިއަކަށް ގެނެވޭ ބަދަލުގެ ބޮޑުކަމުންނެވެ. އާދައިގެ އުސޫލުތަކާ ޚިލާފަށް ގެނެވޭ ބަދަލުތަކަށް ވުމުންނެވެ. މިސާލަކަށް ދަންނަވާ ނަމަ ކުއްލި ގޮތަކަށް ބޮޑުވަޒީރު ބަދަލުކުރުން ކަހަލަ ކަންތަކެވެ. ތެދުފުޅެކެވެ. ރާއްޖޭގެ ތާރީޚް ލިއުއްވާ ރަސްމީ ފަރާތްތަކުން އެކަން އޮންނާނީ ރެކޯޑް ކޮށްފަ އެވެ. އެއިރެއްގައި ވެރިކަން ކުރާ ސަރުކާރަކުން ދެކޭ ގޮތަށެވެ. ބޭނުންވާ ގޮތަށެވެ. ކަންކަން ހިނގާފައި އޮންނަ ކަމަށް ލިޔެފައި އޮންނަ ތާރީޚް ރަނގަޅު ވާނެ އެވެ. ކަންކަން ހިނގި ގަޑި ކަމަށް ލިޔެފައި އޮންނަ ގަޑި ވެސް ރަނގަޅު ވާނެ އެވެ. ކަންކަން ހިނގާ ދިޔަ ގޮތް ކަމަށް ލިޔެފައި އޮންނަ ގޮތަކީ ވެސް ރަނގަޅު ގޮތް ކަމަށް ވެދާނެ އެވެ. އެހެންނަމަވެސް ކަންކަން ހިނގަން ދިމާވި ގޮތް ކަމަށް ބުނާ ސަބަބުތަކަކީ ގިނަ ފަހަރަށް މުޅިން ރަނގަޅު ގޮތަށް ނުވުމަކީ ކައިރި ކަމެކެވެ.

މި ޒަމާނުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ވެރިކަމުން ދުރުވެފައި އެ ބޭފުޅުންގެ ވެރިކަމުން ދުރުކުރެވުނު ގޮތް ކަމަށް ތަފާތު ގޮތް ގޮތަށް ވާހަކަދައްކަވަ އެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ވެރިކަމުން ދުރުކުރެވުނީ ބަޣާވަތެއްގެ ތެރެއިން ކަމަށެވެ. ބަޣާވަތްކުރީ ކާކުތޯ އެވެ؟ އަނެއް ބައި ބޭފުޅުން ވިދާޅުވަނީ ވެރިކަމުން ދުރުކުރެވުނީ ވޯޓު އޮޅުވާލައިގެން ކަމަށެވެ. ވޯޓު އޮޅުވާލީ ކާކުތޯ އެވެ؟ ޙަޤީޤަތަކީ ބައެއް ބޭފުޅުންނަކީ ސަރުކާރު ހިންގުމުގައި އެއިރު އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައި ނެތް ބޭފުޅުންނަށް ވުމެވެ. މިހެން ވުމާ އެކު ގަދަ ކޮޅިގަނޑުގައި ބާރަށް ވައިޖެހެން ފެށުމުން، އޮއި ގަދަވެ ރާޅު ބޮޑުވާން ފެށުމުން ގައުމީ ނައު ދުއްވަން އެނގިވަޑައި ނުގަތީ އެވެ. އެންމެ ފަހުން އަމިއްލަ އަށް ނަވުން ފުއްމާލަން ޖެހުނީ އެވެ. އަނެއް ބައި ބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި ރާއްޖޭގައި އެ ބޭފުޅުން ފިޔަވައި ވެރިކަން ކުރުމަށް ކުފޫހަމަވާ ގާބިލު މީހަކު ނުވެ އެވެ. އެހެންވުމާ އެކު ރައްޔިތުންނަށް އިތުރު ގޮތެއް ނެތެވެ. ވޯޓު ލުމެވެ. ރައްޔިތުން ނިންމީ އެއާ ޚިލާފަށެވެ.

ޢާއްމު އިންތިޚާބުގެ ދުވަސްވަރުގައި އަނެއްކާވެސް ބަޣާވަތެއްގެ ވާހަކަ ދައްކަން ފަށައިފި އެވެ. ވަކި ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބެއްޖެ ނަމަ ބަޣާވަތް ކުރާނެ ވާހަކަ އެވެ. އެ ގޮތަށް ވާހަކަ ދެއްކެވެނީ ކޮން ކަހަލަ ބާރެއް ލިބިގެންތޯ އެވެ؟ އެއީ ބިރު ދެއްކުމެއް ކަމަށް ނުބެލެވޭނެ ބާވަ އެވެ؟ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި، އެކަހަލަ ރާގަކަށް ވާހަކަ ދެއްކެވި ބޭފުޅަކަށް ފެނިވަޑައިގަތީ ވަރަށް ހިތި ނަތީޖާއެކެވެ. ވަކި ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބިއްޖެ ނަމަ ބަޣާވަތް ކުރާނީ ކިހިނެއްތޯ އެވެ؟ އެ ޕާޓީއެއްގެ މެންބަރުންނަށް ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ވާހަކަ ދެއްކިދާނެ އެވެ. މަގުމަތީގައި މުޒާހަރާ ވެސް ކުރެވިދާނެ އެވެ. އެއްވުންތައް ވެސް ބޭއްވި ދާނެ އެވެ. ޕާޓީއެއްގައި ހިމެނޭ ހުރިހާ މެންބަރުންނަކީ ހަމަނުޖެހުމާއި މުޒާހަރާ އާއި ހަލަބޮލިކަމަށް ތާއީދު ކުރާނެ މެންބަރުންނެއް ނޫނެވެ. ސުލްހަމަސްލަހަތާއި އަމާން ކަމާއި ހަމަޖެހުމަށް ލޯބި ކުރާ މެންބަރުން ގިނަވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން ވެސް ގުޅިގެން މަސައްކަތް ކުރަން ދަސްކުރަން ވެއްޖެ އެވެ. އެއިރެއްގައި އޮތް މާޙައުލެއްގައި، ދޫ ދޭންވާ ތަންތާގައި ދޫ ދީގެން، ވާންކުރަންވާ ތަންތާގައި ވާންކޮށްގެން ކުރިޔަށް ދާން ދަސްކުރަން ވެއްޖެ އެވެ. އަޅުގަނޑު މިދަންނަވަނީ ޚިޔާނާތްތެރިންނާ ގުޅިގެން މަސައްކަތް ކުރަން ވާނެ ވާހަކައެއް ނޫނެވެ.

ސިޔާސީ ލީޑަރުން ވާހަކަ ދައްކަން ވާނީ ގައުމުގެ ހަމަޖެހުމަށެވެ. ސުލްހަ މަސްލަހަތުކަން ދެމެހެއްޓުމަށެވެ. ސިޔާސީ ލީޑަރުން ލީޑަރުންނަށް ހަދަނީ ވެސް ރައްޔިތުންނެވެ. އެ މީހުން ދެކެ ގަންނަ ބިރަކުންނެއް ނޫނެވެ. އެ މީހުންނަށް ތާއީދުކުރަނީ އެމީހުން ދައްކާ ސިޔާސަތަކީ މަޤްބޫލު ސިޔާސަތަކަށް ވާ ނަމަ އެވެ. ގައުމުގެ ތަރައްގީއަށް އެ މީހުން ކުރަން ވަޢުދުވާ ކަންތައްތަކަށް ބަލާފަ އެވެ. ޖުމްލަކޮށް މުޅި ގައުމަށް އެމީހުން ކޮށްދޭނެ ކަންތައްތަކަށް ބަލައިފަ އެވެ. އެމީހުންގެ ވާހަކަ ދެއްކުންތެރިކަމަށް ބަލާފައެއް ނޫނެވެ. އެމީހުންގެ މުއްސަނދިކަމަށް ބަލާފައެއް ނޫނެވެ. އެ މީހުން ނިސްބަތްވާ ޢާއިލާތަކަށް ބަލާފައެއް ނޫނެވެ. އެ މީހުންގެ މަޝްހޫރު ކަމަށް ބަލާފައެއް ނޫނެވެ. އެހެެންނަމަވެސް ކުރިން ދެންނެވި ކަންތައްތަކަކީ ސިޔާސީ ލީޑަރަކަށް ވާން ބޭނުންވާ މީހުން ކުރިއަށް ދިއުމަށް އެމީހުންގެ މަސައްކަތަށް މަގު ފަހިކޮށްދޭނެ ކަންތައްތަކެވެ.

މިހާރު ރާއްޖޭގައި މިއޮތީ ގުޅިފައިވާ ޕާޓީތަކުން ގެނައި ވެރިކަމެކެވެ. ތެދުފުޅެކެވެ. މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީން ވެރިކަމަށް އައުމަށް، ވަރަށް ބުރަކޮށް މަސައްކަތްކުރި އެވެ. ވެރިކަން ބަދަލުކުރުމަށެވެ. އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސަތުގެ އެހެން ޕާޓީތަކުން ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި އެވެ. ހޭދަ ވެސް ކުރި އެވެ. ޕީޕީއެމްގެ ވެރިކަން ބަދަލުކުރެވުނީ ޕީޕީއެމްގައި ރަޖިސްޓުރީ ކޮށްފައި ތިބި ގިނަ މެންބަރުންތަކެއް ވެސް އެ ޕާޓީގެ ވެރިކަމާ އިދިކޮޅަށް ވޯޓު ލައިގެންނެވެ. ބަދަލެއް ބޭނުން ވެގެންނެވެ. ކަރަޕްޝަނުން ދުރުވާން ވެގެންނެވެ. ނާޖާއިޒު ފައިދާގެ ތެރެއިން ކަންކަން ކުރުން ހުއްޓުވުމަށެވެ. ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރުމަށް ހުއްޓުވުމެއް ގެނައުމަށެވެ. މޫސުން ބަދަލުވާ ގޮތަށް ޝަރީޢަތުން ނެރޭހު ހުކުމް، އަންނަ ކޮންމެ ބަދަލަކަށް ބަދަލުނުކޮށް ހިނގާނެ ނިޒާމެއް ހަމަޖެހިދާނެތޯ ބެލުމަށެވެ. ހާމަކަން ބޮޑުކޮށް ކުރަން ޖެހޭ ކަންތައްތައް ވަންހަނާކޮށްގެން ކުރުމަށް ނިމުމެއް ގެނައުމަށެވެ.

މަޖިލީހުގެ ޖަލްސާތައް ވެސް ސިއްރުން ކުރި އެވެ. ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫއުތަކުގެ ދަށުން ފުލެޓު ލިބޭ މީހުންނަށް ޕޮއިންޓު ލިބުނު ގޮތް ހާމަކުރުމަކީ ވެސް ސިއްރެކެވެ. ފަތުރުވެރިކަމުގެ މަސައްކަތަށް އެތައް މިލިއަން ޑޮލަރުގެ ރަށްތައް ކުއްޔަށް ދިނުމުގެ އުސޫލު ހާމަކުރުމަކީ ވެސް ސިއްރެކެވެ. އެފަދަ ރަށްތައް ދޫކުރި ގޮތާއި، ދޫކުރި ފަރާތްތައް ހާމަކުރުމަކީ ވެސް ސިއްރެކެވެ. ތެދުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަަތު ލިބުމުން ވެރިކަމުގައި ތިބި ބަޔަކަށް ވެރިކަން ކުރަން ފަސޭހަވާނެ އެވެ. މަޖިލީހުގެ އަޣްލަބިއްޔަތުގެ ބޭނުންކޮށްގެން ބޭނުން ކަމެއް ކުރެވިދާނެ އެވެ. މިކަމުގެ ލާމަސީލު މިސާލަކީ ޕީޕީއެމްގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުން ނުކުރަނީ ކޮން ކަމެއްތޯ އެވެ؟ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުން އެއީ ރަނގަޅު ވޯޓެއްތޯ ބެލުމަށް ވެސް ކޯޓަށް ދާން ޖެހެ އެވެ. މަޖިލީސް އޮތީ ހިމޭނުންނެވެ. އެ ބާވަތުގެ ކަންތައްތަކުގައި މަޖިލީހުން ނިންމަނީ ސިޔާސީ ނިންމުމެކެވެ. ކޯޓަށް ދަންޏާ ދާންވާނީ އެ ވަޒީރެއްގެ އަމިއްލަ ހައިސިއްޔަތުންނެވެ. މަޖިލީހުގެ މެންބަރުންގެ ބާރުތައް އަތުލައި ކުޑަ ކަކޫ ޖެއްސި އިރު ވެސް މަޖިލީސް އޮތީ ހިމޭނުންނެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން ވެސް ގުޅިގެން މަސައްކަތް ކުރަން ދަސްކުރަން ވެއްޖެ އެވެ. އެއިރެއްގައި އޮތް މާޙައުލެއްގައި، ދޫ ދޭންވާ ތަންތާގައި ދޫ ދީގެން، ވާންކުރަންވާ ތަންތާގައި ވާންކޮށްގެން ކުރިޔަށް ދާން ދަސްކުރަން ވެއްޖެ އެވެ. އަޅުގަނޑު މިދަންނަވަނީ ޚިޔާނާތްތެރިންނާ ގުޅިގެން މަސައްކަތް ކުރަން ވާނެ ވާހަކައެއް ނޫނެވެ.

މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބެއްޖެ ނަމަ ކުރިޔަށް ދާން ވެސް އެނގެން ޖެހެ އެވެ. އެޔަށް ކިޔަނީ ސިޔާސަތެވެ. ރަނގަޅު ސިޔާސަތެވެ. މަޖިލީހުގެ ގޮނޑިއަށް ޕާޓީއެއްގެ ތެރެއިން ކުރިމަތި ނުލާ ގިނަ ބަޔަކު ކާމިޔާބުކުރުމުން، އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ އެއްވެސް ގެއްލުމެއް ނެތެވެ. އެހެނެއް ނޫނެވެ. އަޣްލަބިއްޔަތު ހޯދަން އުޅޭ ބަޔަކަށް ގެއްލުމެވެ.

ކޮންމެ ބަޔަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުނަސް އަޅުގަނޑުގެ މާ ބޮޑު ފަރުވާލެއް ނެތެވެ. އެހެންނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ގެރި ވިއްކާ މީހަކަށް ނުވަތަ ހަތިޔާރު ވިއްކާ މީހަކަށް ކުއްޔަށް ދޭ ގޮތަށް ހަމަޖެހިއްޖެ ނަމަ އެކަމާ އިދިކޮޅަށް ވަރަށް ގިނަ ރައްޔިތުން ތެދުވާނެ އެވެ. ފަހަކަށް އައިސް މާ ބޮޑު އުނދަގުލަކާ ނުލައި ލިބެން ހުންނަ ޑޮލަރު ލިބުމަށް ދަތިކަމެއް އަތުވެދާނެތީވެ އެވެ. ހަމަ އެގޮތަށް ކުރީގެ ސަރުކާރުން އަޅުގަނޑުމެން ދަރުވާ ވިއްކާ ލައިގެން ހަދާފައި ހުރި ދަރުމަވަންތަ ހަސްފަތާލު ރާމަސާމީ ނަންބިޔާރެއްގެ ހޮސްޕިޓަލު ހިންގާ ބިދޭސީ ކުންފުންޏަކުން ހިންގާ ގޮތަށް ހަމަޖައްސައިފި ނަމަ ވެސް ގިނަ ބައެއްގެ ފާޑުކިއުން އަންނާނެ އެވެ.

ބަޣާވަތްކުރާ ވާހަކަ ނުދައްކަމާތޯ އެވެ؟ ބަޣާވަތް ކުރުމަކީ ކުށެކެވެ!