ޚިޔާލު / ރައްޔިތުންގެ މަޖިލިސް

އޮޅުންބޮޅުން: އާ މަޖިލިހުން އެކަންކަން ބަލަން ޖެހޭނެ!

މަޖިލިހުގެ އިންތިހާބުގައި ވޯޓު ގުނަނީ: މިހާރުގެ މަޖިލިހުގެ އެތައް މެމްބަރުންނެއްގެ ގޮނޑި ގެއްލުނު

އަހުމަދު އަބްދުﷲ

07 މެއި 2019 - 08:23

7 comments

އަކުރުން އަކުރަށް ހުރިހާ ކަމަކާ ބެހޭ ގޮތުން ހުރިހާ ގަވައިދެއް ލިޔެފައި ބެހެއްޓުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ތަހުޒީބު ކަމަށް ދައުވާކުރާ ގައުމުތަކުގައި ވެސް މިކަން އޮންނަނީ މި ދެންނެވި ގޮތަށެވެ. މިހެން ވުމުގެ ސަބަބުން ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް ހިނގާ ގައުމުތަކުގައި ވެސް ވަކި ކަމެއް ކުރުމަށް ވަކި ގަވައިދެއް ކަނޑައެޅިގެން ލިޔެކިޔުމުން ފެންނަން ނެތް ކަމުގައި ވަނީ ނަމަ ފުރަތަމަ ބަލަނީ މައިގަނޑު ޑިމޮކްރަޓިކް އުސޫލުން އެކަން ކުރުމަށް ތަން ދެނީ ކިހިނެއްތޯ އެވެ. ދެން ބަލަނީ އެފަދަ ކަމެއް ކުރުމަށް މާޒީގައި ބޭނުން ކޮށްފައި އޮތް އާދަކާދަތަކަށެވެ.

މިއީ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން އެފަދަ ކަންތައް ކުރާ ގޮތެކެވެ. އަޅުގަނޑުމެން ބައިވެރިވެފައިވާ މުޢާހަދާތަކުގައި އެފަދަ ކަންތައް ކުރިއަށް ގެންދާނެ މަގެއް ދައްކާފައި އޮތްތޯ ވެސް ބެލިދާނެ އެވެ. ރައްޔިތުންގެ މަޖިލީހާ ގުޅުން ހުރި ކަމަކަށް ވަނީ ނަމަ ފުރަތަމަ އަޅުގަނޑުމެންނަށް ސާކްގެ ގައުމުތަކުގައި މަޖިލީހުން ކަންތައް ކުރާ ގޮތަށް ބަލައިލެވިދާނެ އެވެ. އެ އަށް ފަހު ކޮމަންވެލްތުގެ ގައުމުތަކުގައި ކަންތައް ކުރާ ގޮތަށް ބަލައިލެވިދާނެ އެވެ. އަދި އޭގެ ފަހުން ޕާލަމެންޓްރީ ޔުނިއަންގެ މެމްބަރު ގައުމުތަކުން ކަންތައް ކުރާ ގޮތަށް ވެސް ބަލައިލެވިދާނެ އެވެ. ނަމަވެސް މި ހުރިހާ މަސައްކަތެއް، މިގޮތަށް ކުރަން ބޭނުން ވާނީ ޑިމޮކްރަސީގެ އުސޫލުން ކަންތައް ކުރަން ބޭނުންވާ ނަމަ އެވެ.

ދާދި ފަހުން ފުލުފުލުގައި އަޅުގަނޑުމެން ދެ އިންތިޚާބެއް ބާއްވައިފީމެވެ. ދެ އިންތިޚާބުގައި ވެސް ރައްޔިތުންގެ ވޯޓުން ނެރެފައިވާ ނަތީޖާ އަކީ ގިނަ ބަޔަކު ހީކުރި ކަހަލަ ނަތީޖާއެއް ނޫނެވެ. ރައްޔިތުންގެ ވޯޓުން ވެރިކަމުގައި ތިބި މީހުން ވެރިކަމުން ދުރުކުރީ އެވެ. ފެށުނީ ރައީސުލްޖުމްހޫރިއްޔާއިންނެވެ. ނިމުނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ، އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނާ ހަމައިންނެވެ. ފަސް އަހަރު ދުވަހުގެ ވެރިކަމަށް ފަހު އެ ބޭފުޅުންނާ މެދު ރައްޔިތުން ކުރި އިތުބާރު ގެއްލިފައިވާ ކަން ވޯޓުގެ ޒަރީއާ އިން އެބޭފުޅުންނަށް ދެންނެވީ އެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިބި ކަމަށް ރައްޔިތުން އަންގާފައި ތިބި ބަޔަކު، ރައްޔިތުންގެ އެ ނިންމުމަށް ފަހު ބައެއް ކަންތައް ރައްޔިތުން ކުރަން ޖެހޭ ގޮތަށް ނުވަތަ ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާނެ ގޮތަކަށް ނިންމުމަކީ ގޯހެކެވެ. ޑިމޮކްރަސީގެ ނަޒަރަކުން ބަލާއިރު ބޮޑު ގޯހެކެވެ. ޤާނޫނާ ޚިލާފް އަމަލެކޭ ފަހަރެއްގައި ވެސް އަޅުގަނޑު ނުދަންނަވަމެވެ.

ޑިމޮކްރަސީގެ ހުރިހާ ހައްގުތަކެއް ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީން ދީފައި އޮތް ޤާނޫނުޢަސާސީ ތަޢާރަފް ވުމަށް ފަހު، ކުރިން އަޅުގަނޑުމެންނާ ކުރިމަތިލާން ނުޖެހޭ، ވިސްނައި ނުލެވިފައި ހުރި ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހުނެވެ. މިސާލަކަށް ދަންނަވާ ނަމަ ކުރީ ޒަމާނުގައި އާއްމު އިންތިޚާބެއް ބާއްވާއިރު އިންތިޚާބާ ބެހޭ ހުރިހާ ކަމެއް މީލާދީ އަަހަރު ނިމުމުގެ ކުރިން އޮންނަނީ ނިމިފަ އެވެ. ޑިސެންބަރު މަހުގެ އެންމެ ފަހު ދުވަހު މަޖިލީސް އަހަރީ ޗުއްޓީ އަށް ދެ އެވެ. އާ މަޖިލީސް ހުޅުވެނީ ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި އެކަން އިންތިޒާމް ކުރަން ތިބޭ ބަޔަކަށް ފަސޭހަ ދުވަހެއްގަ އެވެ. މިހެން ވުމާ އެކު އާ މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ކުރިން، ދައުރު ހަމަވާން އުޅޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ޖާގައެއް ނުލިބެ އެެވެ. ދައުރު ހަމަވާން އުޅޭ މަޖިލީހުގެ ޖަލްސާއެއް ކުއްލި ޙާލަތެއްގައި މެނުވީ ނުބޭއްވޭނެ އެވެ. އެފަދަ ޙާލަތެއް އަތުވެއްޖެ ނަމަ އެ މަޖިލީހުން ނިންމާ ކަމެއް ރަނގަޅު ކުރުމުގެ ފުރުސަތު ވެސް އާ މަޖިލީހަށް އޮންނާނެ އެވެ.

މިހާރު އަޅުގަނޑުމެން ވަނީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކޮށްފަ އެވެ. މި ބޭއްވި އިންތިޚާބުގައި މަޖިލީހުގައި މިހާރު ތިއްބެވި ވަރަށް ގިނަ މެމްބަރުންނަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެ މެމްބަރުންނަށް އެ ބޭފުޅުން އިންތިޚާބު ކުރި ދާއިރާގެ މީހުންގެ އިތުބާރު ނެތީ އެވެ. އެ މެންބަރުންނަކީ، އެ މެމްބަރުންގެ ދާއިރާގެ މީހުންގެ މަންދޫބުންނެވެ. އެމީހުންގެ ފަރާތުން، އުސޫލީ ގޮތުން މަޖިލީހުގައި ޚިޔާލުފާޅު ކުރަން ތިއްބެވި ބޭފުޅުންނެވެ. އެ މެމްބަރުންނާ މެދު އެ މެމްބަރުންގެ ދާއިރާގެ ރައްޔިތުން އިތުބާރު ނެތް ކަމަށް ބުނެފައި އޮއްވައި، އާ މަޖިލީސް ފެށުމުގެ ކުރިން "މެކުހަށް" ޖަހާފައި އާ ޤާނޫނުތައް ފާސްކުރެވިދާނެތޯ އެވެ؟ އަދި އެ ޤާނޫނުތަކަކީ އެ މައްޗަށް ރައްޔިތުން އަމަލު ކުރަން ޖެހޭ ޤާނޫނުތަކެކެވެ. ކުދިކުދި އިދާރީ ކަންތައްތަކާ ބެހޭ ގާނޫނެއް ނޫނެވެ. ރައްޔިތުންގެ މާލިއްޔާ އިން ދިގު މުއްދަތަކަށް ޚަރަދު ކުރަން ޖެހޭނެ ފަދަ ޤާނޫނުތަކެއް ވެސް ފާސް ކޮށްފައި ވެ އެވެ.\

މަޖިލީހުން ފައިބައިގެން ދާ މެންބަރުން ވަކިވުމުގެ ކުރިން ހާލުގައި ޖެހިފައި ތިބި ބައެއް ރައްޔިތުންނަށް ވަދާޢީ ވެދުމެއް ދެއްވަން ބޭނުންފުޅު ވަނީ ކަމަށް ވެސް ވެދާނެ އެވެ. ހެޔޮ ނިޔަތުގައި އެ ބޭފުޅުން ކަމެއް ކުރައްވަން އުޅުއްވަނީ ކަމަށް ވެސް ވެދާނެ އެވެ. ސަރުކާރުގެ މަތީ މަގާމުގައި ތިއްބަވާ ބޭފުޅުން މަގުމަތި ވުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެދޭނެ ކަމެއް ނޫނެވެ. އެއް ބޭފުޅަކު މަގުމަތިވެގެން އެ އުޅުއްވަނީ ފަޅުރަށެއްގަ އެވެ. އަނެއް ބޭފުޅަކު ވަރަށް ފަހަކާ ޖެހެންދެން އުޅުއްވީ އިނގިރޭސި ވިލާތުގަ އެވެ. އަނެއް ބޭފުޅަކު އަދިވެސް އެ އުޅުއްވަނީ ސަރުކާރުގެ "މެހެމާނުސަރާ" ގަ އެވެ. ސަރުކާރުގެ މަތީ މަގާމުގައި ތިއްބެވި ބޭފުޅުން ސަރުކާރަށް ކޮށްދެއްވާފައި އޮތް ޚިދުމަތާ ގުޅިގެން އެ ބޭފުޅުންނަށް ޕެންޝަން ލިބުމުގެ ޢިނާޔަތެއް ޤާނޫނުން ނުދެނީ ބާވަ އެވެ؟ ގިނަ ފަހަރަށް ޤާނޫނު، އެ ބޭފުޅުން ޚިދުމަތް ކޮށްދެއްވި މުއްދަތަށް ބަލަ އެވެ. ބައެއް ގައުމުތަކުގައި ބޮޑުވަޒީރުކަން ކަހަލަ މަގާމު ދެ ތިން ހަފްތާއެއް ވަންދެން ކުރެއްވިޔަސް ބައެއް ކަހަލަ ޢިނާޔަތްތައް އުމުރު ދުވަހަށް ލިބޭ ގޮތަށް އޮވެ އެވެ.

ޢިނާޔަތް ދިނުމަށް ފާސްކުރި އެއް ކޮމިޓީއެއްގެ ޖަލްސާ އަށް ހާޒިރުވި މެމްބަރުންނަށް ބަލައިލިއިރު އަޅުގަނޑަށް ފާހަގަކުރެވުނީ، އެ ކޮމިޓީގައި ޙާޒިރުވި މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުންނަށް ރައްޔިތުންް ވަނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ދީފަ އެވެ.

އާ މަޖިލީސް ހޮވާފައި އޮއްވައި އެ މަޖިލީހުގެ މެމްބަރުން، މެމްބަރުކަމުގެ ގޮނޑީގައި އިށީނދެވަޑައިގަތުމުގެ ކުރިން، ހިނގަމުންދާ މަޖިލީހުގެ މެމްބަރުން އަވަސް އަރައިގެން އަޣްލަބިއްޔަތުގެ ނާޖާއިޒު ފައިދާ ނެގުމަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާ ޚިލާފް އަމަލެކެވެ. އާ މަޖިލީސް ހޮވިފައި އޮއްވައި، ހިނގަމުންދާ މަޖިލީހުން މުހިއްމު އާ ކަންތައްތައް ނިންމުމަށް ޖަލްސާތައް ބާއްވަން ފުރުޞަތު ދިނުމަކީ މަޖިލީސް ހިންގުމުގައި އެޅުނު ވަރަށް ބޮޑު އިދާރީ ގޯހެކެވެ. މިކަން މިގޮތަށް ނުހިނގާނެ ގޮތަށް އާ މަޖިލީހުން ރާވާން ޖެހެ އެވެ.

އަޅުގަނޑުމެންގެ ރައްޔިތުންްގެ މަޖިލީހުން މިހާރު ކަންތައްތައް ކުރަމުން ގެންދާ ގޮތަށް އެހެން މަޖިލީހަކުން ކަންތައް ކޮށްފައި އޮތް ކަމެއް ފާހަގަކުރެވިފައެއް ނެތެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ބައެއް ފަހަރު ވެރިކަމުގައި ހުންނަވާ ރައީސްގެ ޕާޓީ އަށް އިންތިޚާބު ކާމިޔާބު ނުވުމުން، ވެރިކަމުން ވަކިވެވަޑައިގަތުމުގެ ކުރިން އެތައް ހާސް ރިޔާސީ އޯޑަރުތައް ނެރުއްވާފައި ވާ ކަމަށް ލިޔެކިޔުމުން ފެނިފައިވެ އެވެ. އެއީ ބައެއް ކަހަލަ ގަވައިދުތައް ހެދުން ފަދަ ކަންކަމަށެވެ. މައިގަނޑު މަޤްޞަދަކީ އަލަށް ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފަރާތަށް އުނދަގޫ ކުރުމެވެ. މިގޮތަށް ދިމާވާ ފަހަރު ފަހަރު އާ ރައީސްގެ ފުރަތަމަ ދެ ތިން ދުވަހުގެ މައިގަނޑު މަސައްކަތްޕުޅަކަށް ވެފައި އޮންނަ ކަމަށް ވަނީ މި ގޮތަށް ނެރުއްވާފައި އޮންނަ އެންގުންތައް ބާތިލު ކުރެއްވުމަށް އެންގުންތައް ނެރުއްވުމެވެ.

އާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުވެފައި އޮއްވައި، ހުވާކުރުމުގެ ކުރިން ހިނގަމުން ދާ ރައްޔިތުންގެ މަޖިލީސް ނިންމާފައި ވާ ހުރިހާ ކަންތައްތައް އަލުން ބެލުމަށް ފަހު ގޮތެއް ނިންމެވުމަކީ، ޑިމޮކްރެސީގެ ނަޒަރުން ބަލާއިރު، އާ މަޖިލީހުން ކުރަން ޖެހޭނެ ކަމެކެވެ. ސަބަބަކީ ކަންކަން ފާސްކުރުމުގައި ރައްޔިތުން އެ މީހެއްގެ މައްޗަށް އިތުބާރު ނެތްކަން ވޯޓުގެ ޒަރީޢާ އިން އަންގާފައި ތިބި މެމްބަރުން ވޯޓުގައި ބައިވެރިވުމެވެ. އަޅުގަނޑުގެ މައްސަލަ އަކީ ޑިމޮކްރަސީއާ ފުށު އަރާ އުސޫލެވެ.

7 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޖްލިސް

07 May 2019

27 މޭ 2019 އާޢި ހަމަޔައް އޮންނާނީ 18 ވަނަމަޖްލިސް

The name is already taken The name is available. Register?

ކަރިސް

07 May 2019

ދެޕެރެގްރަފް ކިޔާފަ ދޫކޮށްނުލާ! ވަރަށް ފުރިހަމަ ރަނަގަޅުވާހަކަތަކެއްމިލިއުމުގައި އެބަހުރި ވވ ބަރާބަރު

The name is already taken The name is available. Register?

ނަސޭހަތް

07 May 2019

މަޖްލީހުގެ 66 ގޮޑި އެއްޑީޕީއަށް ރައްޔިތުން ދިނީ އަކީ ނޫނެވެ.އެކްސީޑެއްޓެއްގައި ލިބުނީ އެވެ.އެކަމުގައި ބޮޑާވެ ނުގަތުން ހުއްޓެވެ.އަދި އަނިޔާވެރިވެ ނުގަތުން ވެސް ހުއްޓެވެ.

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

07 May 2019

މިއީ ދިވެހި ރާއްޖެ އެވެ.އެއްބަޔަކު ކޮށްފައި ހުރި ކަންތަށް އަނެއް ބަޔަކު ނުބައި ކުރާނެއެވެ. އެއް ސަރުކާރެއްގައި މީހަކަށް ލިބިފައިވާ ހައްޤެއް އަނެއް ސަރުކާރަކުން ނިގުޅާ ގެންފާނެ އެވެ. މުޅިން ވެސް ދައްކާނީ މީހުނަށް އަނިޔާ ދިނުމާއި ބަދަލު ހިފުމުގެ ވާހަކަ އެވެ.

The name is already taken The name is available. Register?

ހެޔޮ ބަސް

07 May 2019

ދުނިޔޭގެ ހުރިހާ ޑޮމޮކްރެސީ އެއްގައި ވެސް ރެޓއަރޑް ކުރާ ޕްރޮފެޝަނަލް މަޤާމް ތަކަށް ރެޓިއަޑް ޕެންޝަން ލިބޭނެ އެވެ. އަދި ސިޔާސީ ބައެއް ކަހަލަ މަޤާމު ތަކަށް ވެސް މެއެވެ. މިސާލަކަށް ސިފައިން ނާއި ފުލުހުން ނާއި ފަނޑިޔާރުން ނާއި ރައީސް ކަން ކުރެއްވި ބޭފުޅުން ނާއި ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުން ނަށް ވެސް ވެސް އިއްޒަތާ ޤަދަރާއި ޝަރަފާއި އިނާޔަތް ތަށް ދައުލަތުން ހަމަ ޖައްސާ ދެއްވަ އެވެ. އެއީ ދައުލަތުގެ ކަރާމަތަށް ޓަކާވެސް މެއެވެ.

The name is already taken The name is available. Register?

ހިރަފުސް

07 May 2019

އޮއްޓަރެއް ނެތް.. ބާޒާރީ ޚިޔާކެއް.. ބާޒާރު މަތީ ކިޔާ ކަހަލަ އެއްޗެހި.

The name is already taken The name is available. Register?

ގަލަން އަހުމަދު

07 May 2019

ދެޕެރަގްރާފް ކިޔާފައި ދޫކޮށްލައިފިން. ތަންކޮޅެއް އަވަހަށް ޕޮއިންޓަށް ދިޔުމަށް ދަންނަވަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454