އަދިވެސް ހަމަ އެހާ ލޯބިން އުޅެވިދާނެ

އަހަރެމެންގެ ގުޅުން ފެށުނީ އަވަށްޓެރިކަމާ ހިސާބުންނެވެ. އެހެންވެ އަބަދުވެސް އޮތީ ލޯތްބެވެ. އަޅާލުމާއި އިހްތިރާމެވެ. އެކަމަކު އެތައް ޒަމާނެއް ވީ މި ގުޅުމުގައި ޝައްކު އުފެދި އަނގައިން ނުބުނެ ވެސް އެތައް ދުވަހަކު ތިބެފީމެވެ. މިކަން ބަދަލުވާން ޖެހެ އެވެ.


ފޯރުންތެރިކަމުގައި ބޮޑު ތަފާތެއް ހުރުމުން އަބަދުވެސް އެހީތެރިކަން ބޭނުންވެފައި އޮތީ މި އާއިލާ އަށެވެ. ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ހޯދުމުގައި އެންމެ އަވަހަށް އެއްޗެއް ލިބެން އޮންނަ ގޮތް އަހަރެމެންނަށް ވެސް ފަސޭހައީ އެވެ. އަހަރެމެންގެ އާދަކާދަ އާއި ސަގާފަތުގައި ހުރި އެއްގޮތް ކަންކަމުގެ ސަބަބުންނާ ވެސް އެކުގަ އެވެ. އެކައްޗެއް ކައި ބޮއެ، އެއް ލަވަތަކެއް ކިޔައި އެޔަށް ނަށަމުން އުޅޭ ދެ ބައި މީހުންނޭ ކިޔައި އުޅުނަސް ހާދަ ގިނަ ކަންކަމެއް ބަދަލުވެއްޖެ އެވެ. އަހަރެމެންގެ ޖެހުނު އެންމެ ބޮޑު އެއް މައްސަލަ އަކީ އެއީ ކަމަށް ވެދާނެ އެވެ. އަދި އަމުދުން، ނިކަމެތިކަމުގެ ފައިދާ ނަގަން އުޅުނީމާ ކޮންމެ މީހަކު ވެސް ދެރަވާނެ އެވެ. ގުޅުން ކެނޑޭ ހިސާބަށް ދާނެ އެވެ.

އަހަރެމެންގެ ވެސް އަމިއްލަ ކަންކަން ހުންނާނެ އެވެ. އަހަރެމެން ވެސް އެހެން މީހުންނާ ގުޅިގެން އުޅެން ބޭނުންވާނެ އެވެ. އަހަރެމެންނަށް ބޮޑު ކަމެއް ޖެހޭ ކޮންމެ ފަހަރަކު އެހީވުމަކީ އަހަރެމެން އެހެން މީހުންނާ ގުޅުން ކަނޑާލައިގެން އުޅެން ޖެހޭ ސަބަބެއް ކަމަށް ގަބޫލުކުރާ ނަމަ އެ ލޯތްބާއި ހަމްދަރުދީގެ ނިޔަތާ މެދު ސުވާލު އުފެދެނީ އެވެ. މީހަކަށް ކަމެއް ކޮށްދިނުމަކީ އެހީވި މީހާ އަށް އަޅުވެތިވާން ޖެހޭ ސަބަބެއް ކަމަށް ދެކޭ ނަމަ އެއީ ވަރަށް ދެރަ ކަމެކެވެ. އެގޮތަށް ގަބޫލުކުރާ ނަމަ ތިޔައީ ގުޅިގެން އުޅެން ހެޔޮވާ ވަރު ބައިވެރިއެއް ނޫން ކަމަށް ވިސްނައިދޭނެ މީހުން ވަރަށް ގިނަވާނެ އެވެ. ވީ ވެސް އެހެންނެވެ.

ނިޔަތް ރަނގަޅު ނޫންކަން ފާޅުވާ ހިސާބަށް ކަންކަން ދިއުމުން، މަންޒަރު ބަލަން ތިބި މީހުން ފައިދާ ނަގައި މި ގުޅުމުގެ އަގެއް ނެތްކަން ދައްކަން ވަރަށް މަސައްކަތްކޮށްފި އެވެ. އެކަން ގިނަ ބަޔަކަށް ގަބޫލުކުރެވޭ ހިސާބަށް ވެސް ކަންތައް ދިޔައީ އަހަރެމެން އަނގައިން ނުބުނެ، މައްސަލަ ހައްލު ނުކޮށް ތިބީމަ އެވެ.

އެންމެ އެހީތެރި އަވަށްޓެރިޔާއޭ ކިޔައިގެން އޮތް ނަމަވެސް، އަހަރެމެންނަށް ބޭނުންވާ ކަންކަން ބަދަލުވަމުން އައި އިރު އެކަން އެނގޭ ކަމަކަށް ނުވި އެވެ. އެހެން ބައެއްގެ އެހީ އަށް ނޭދި ކާޑުގެ ބާވަތްތައް ފަސޭހައިން ލިބޭ ގޮތް ހަމަޖައްސައިދީގެން ތިބުމުން އެކަނި އަހަރެމެންނަކަށް މިހާރު ފަރަކު ނުޖެހެ އެވެ. ކަންކަން މިހާރު މާ ބޮޑަށް ބަދަލުވެއްޖެއޭ މި ބުނަނީ އެހެންވެ އެވެ. މިހާރު އަވަށްޓެރިއެއް، ދުރުހިލޭ މީހެއް ނެތި ގުޅުންތައް ގާތްވީ އެވެ. އަހަރެމެންގެ ފޯރުންތެރިކަމާއި ބޭނުންތައް ވެސް އިތުރުވީ އެވެ. ދަތުރުފަތުރާއި ވިޔަފާރި އާއި އެހެން ކަންކަމުގައި އަހަރެމެން މިހާރު ބޭނުންވަނީ އަސާސީ ފެންވަރެއް ނޫނޭ ބުނުމަކީ ބޮޑާވުން ކަމުގައި ވާނެހެންނެއް ހިއެއް ނުވެ އެވެ. އަވަށްޓެރިޔާ އަށް އެކަން ނޭނގި އޮއްވައި މާ ދުރުން އައި ބަޔަކު އެކަން ދެނެގަނެ އެ ހުރިހާ ކަމެއް ކޮށްދޭން އިސްނެގީމާ އެކަމާ ދެކޮޅުހަދާނީ ކާކު ހެއްޔެވެ؟ އެކަމާ ގުޅުން ހުރި އެހެން މައްސަލަތައް އަދި އެއީ އެހެން ވާހަކައެކެވެ. އެޔަށް ވުރެ ބޮޑަށް މި ތިބީ މުހިންމު ކަންތައްތަކެއް ބޭނުންވެފެ އެވެ.

އަހަރެމެން މި ހުރިހާ ދުވަހު ހީކޮށްގެން ތިބީ ތިޔަށް ވުރެ ރަނގަޅު ބައިވެރިއެއް ނުލިބޭނެ ކަމަށެވެ. އެކަމަކު އެހެން ތިއްބާ އައި ބަޔަކު ކުޑަ ދުވަސްކޮޅަކުން މާ ބޮޑު ބަދަލެއް ގެނެސް ތަފާތު ދެއްކީމާ އަހަރެމެން ވެސް ލޯ ހުޅުވުނީ އެވެ. އަހަރެމެންގެ އުމުރު ނޭނގޭ ގުޅުމުގައި ނުވެ ހުރި ކިތަންމެ ކަމެއް ކުޑަ ދުވަސްކޮޅަކުން ވީމާ، އެންމެ ރަނގަޅު ބައިވެރިޔަކާ މެދު އަލުން ވިސްނާލަން ޖެހުނީ އެވެ. އެހެން މީހުން ކަންކަން ކޮށްދޭން ހުށަހެޅިޔަސް، މި ހާއްސަ ގުޅުމުގެ ތެރެއިން އެ ކަންކަން ވެސް ވާނެ ކަމަށް ގަބޫލުކޮށްގެން އެހެން މީހުންނަށް ފުރަގަސްދީގެން ތިބީމާ ނިކަމެތިވީ މި އާއިލާއަށެވެ. އެހެންވެ އާއިލާގެ ރުހުން ދެން ލިބޭނީ ކަންކަން ކޮށްދޭނަމޭ ކިޔައި ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލީ ގޮތުން ހެކި ދައްކައިގެންނެވެ. ކޮށްދޭން ވައުދުވާ ކަމެއްގައި ވެސް ކޮޅެއް މެދެއް ނުފެނި އެކި މައްސަލަތައް ޖެހެނީ އެވެ. މަސައްކަތް ފެށިޔަސް އެކަމެއް ފުރިހަމަކުރަން އެހާ ދުވަސް ނަގަ އެވެ. ނިމޭއިރު އެކަން ވެސް ތާކުންތާކު ނުޖެހި އަލުން ކުރަން ޖެހޭ ހިސާބަށް ދިޔައިމާ ކަމެއް ކޮށްދިން ކަމުގެ އިހްސާސް ވެސް ނުވަނީ އެވެ. މިއީ ދައްކަން ރީތި ވާހަކައެއް ނޫންކަން އެނގެ އެވެ. އެކަމަކު އަހަރެމެންގެ ހާލަތު ހުރި ގޮތުން އަދި ޖެހުނު މައްސަލަތަކާ ހެދި ހަމަ ބުނެލީ އެވެ.

އެކަމަކު އަހަރެމެންގެ މައްސަލަ އަކަށްވީ މާ ބޮޑަށް ޖަޒުބާތީވެ ގުޅުން ކެނޑުމެވެ. ދުރުގައި ތިބެގެން ވަށް ބަހުން ހަމަލާ ދެވުނީ އެވެ. ހަމަ ހަގީގަތުގައި ވެސް ނަފުރަތު އުފެދުނީ އެވެ. ދެކޮޅުން ވެސް ގޯސް ހެދީ އެވެ. މިހާރު އެނގޭ ކަމަކީ މިހެން އުޅެގެން ފައިދާވަނީ އެހެން ބަޔަކަށް ކަމެވެ. އެހެން ވިޔަ ނުދޭން ހިނގާށެވެ.

ވާހަކަ ގިނަ ނުކޮށް ކަންކަން ކުރާނީ އެވެ. ކަމެއް ކޮށްދީފައި އެ ވާހަކަ ނުގޮވާނީ އެވެ. އަހަރެމެން އެހެން ބަޔަކާ އަނގައިން ބުނާއިރަށް ގުޅުން ކަނޑާލާ ހިސާބަށް ނުގެންދާށެވެ. ބޭކާރު ވާހަކަ ދައްކައި، ކަންކަން ހިސާބަށް ވުރެ ބޮޑުކޮށް މި ނިކަމެތި އާއިލާ އަށް އެހެން މީހުންގެ ނަފްރަތު އުފައްދަން ފާޑުފާޑުގެ ވާހަކަ ނުދައްކާށެވެ. އަހަރެމެންގެ ނިންމުތަކަށް އިހްތިރާމް ކުރާށެވެ. އަވަށްޓެރި، އެކުވެރި އަދި ލޯބިވާ ދިވެހިރާއްޖެ-އިންޑިއާ އަކަށް އެހެން ނޫނީ ނުވާނެ އެވެ. މާފުކޮށްފައި އަލުން ފަށަން ހިނގާށެވެ.