ފުލުހުން ހަމަލާދިން މައްސަލަ އެބަ ބެލޭތަ؟

ޖުލައި 5، 2019 ދުވަހުގެ ރޭ، މ. އުޖާލާގޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ފުލުހުންގެ ބައެއް ކަމަށް ބެލެވޭ ބަޔަކު، ކުށެއްގެ ތުހުމަތުކުރެވޭ ދެ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރިކަމަށް މީޑިޔާތަކުގައި ރިޕޯޓުކުރި އެވެ. ފުލުހުންނަކީ، ޤާނޫނު ތަންފީޒުކުރާ އިދާރާއެކެވެ. ޤާނޫނުން ވަކި ރައްކާތެރިކަމެއް ލިބި، އެމީހުންގެ ވަޒީފާ އަދާކުރުމަށް ހާއްސަ ތަމްރީނުތަކެއް ވެސް ފުލުހުންނަށް ދެވެ އެވެ. ފުލުހުންނަށް، ޤާނޫނުގައި ބުނާ ހާލަތުތަކުގައި ބާރުގެ ބޭނުންކުރުމުގެ އިޚްތިޔާރު ވެސް ލިބިފައި އޮވެ އެވެ.


މައްސަލައިގައި ހިމެނޭ އިދާރީ ބައި

އުޖާލާގޭގައި ހިނގި ހާދިސާގައި، ފުލުހުންގެ ހަތް މީހަކު ބައިވެރިވެގެން، އާންމުންގެ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރި ކަމަށް ޚުދު ފުލުހުން ވެސް އިންކާރެއްނުކުރެ އެވެ. އެއީ ފުލުހުންގެ "ކޯޑް އޮފް އެތިކްސް" އާއި "ކޯޑް އޮފް ކޮންޑަކްޓް" އާ ޚިލާފު ކަމެއް ކަމަށް، ފުލުހުން ޖުލައި 8 2019 ގައި ނެރުނު ނޫސްބަޔާނުގައި ތަކުރާރުކޮށް (ދެ ފަހަރު) ލިޔެފައިވެ އެވެ. ފުލުހުންގެ ޤާނޫނުގެ ދަށުން ހަދައިފައިވާ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދު"ގެ ހަތް ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި، "މި ގަވާއިދުގެ މަޤްޞަދަށްޓަކައި ޑިސިޕްލިނަރީ ކުށުގެ ތެރޭގައި ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ޚިލާފަށް ކުރާ ކޮންމެ ޢަމަލެއް ހިމެނޭނެ" ކަމަށް ލިޔެފައިވެ އެވެ. އުޖާލާގޭގައި ހަރަކާތްތެރިވި ފުލުހުންނަށް އޮތީ، އިދާރީ ކުށެއް ކުރެވިފަ އެވެ. ދެން އޮތީ އަދަބެވެ. އިދާރީ ކުށުގެ އަދަބު އޮތީ، އެ ގަވާއިދުގެ އަށް ވަނަ މާއްދާގަ އެވެ. އަދަބުތަކުގެ ތެރޭގައި، ކައުންސެލިން ދިނުން، ހާއްސަ ތަމްރީނުދިނުން، ހާއްސަ ކައުންސެލިން ދިނުން، ކައިރިން ސުޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާކުރުވުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ވަޒީފާއިން ވަކިކުރުން ވެސް ހިމެނެ އެވެ. ފުލުހުން މި މައްސަލައިގައި އަޅާ ފިޔަވަޅު އާންމުކުރާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.

މައްސަލައިގައި ހިމެނޭ ޖިނާއީ ބައި

ޖިނާއީ މައްސަލައަކީ، އެކަމެއްގައި ކުށެއް ހިމެނޭ ކޮންމެ ކަމެކެވެ. އުޖާލާގޭގައި ހިނގި ހާދިސާގައި ކުށުގެ އަމަލެއް ހިމެނެ އެވެ. އެއީ، ގަޔަށް އަތްލައި މާރާމާރީ ހިންގުމެވެ. އެ އަމަލު ކުށްވެރިކުރާ ތަފާތު ހަތަރު ޤާނޫނެއް އެބަ އޮތެވެ. އެއީ، ޤާނޫނުލްޢޫޤޫބާތު (120 ވަނަ މާއްދާ – ޖެހުން) އާއި، ބިރު ދެއްކުމާއި، ތޫނު ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި، އެންޓި ޓޯޗާ ޤާނޫނާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ޤާނޫނެވެ. ފުލުހުންގެ އަމަލު ފެތެނީ، މި ދެންނެވި ޤާނޫނުތަކުގެ ތެރެއިން ކޮން ޤާނޫނެއްގެ ކޮން މާއްދާއަކަށްތޯ ބެލުމަކީ، އެ މައްސަލަ ތަހުގީގުކުރާ އިދާރާއަކުން ކުރާނެ ކަމެކެވެ.

މި މައްސަލައިގައި، ޖިނާއީ ތަހުގީގެއް ވެސް ހިންގާ ކަމަށާއި، މައްސަލަ ބަލައިދިނުން އެދި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިޔުމަން ރައިޓްސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ އެ ނޫސްބަޔާނުގައި އެބަ އޮތެވެ. މި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުން ގެންދާ ކަމަށް، އެ ކޮމިޝަނުގެ ޖުލައި 7، 2019 ދުވަހު ނޫސްބަޔާނުގައި އެބަ އޮތެވެ. އެ ނޫސްބަޔާނުގައި، އެ މައްސަލައިގައި ޖިނާއީ ދައާވާއެއް ކުރަން ޖެހޭ ކަމަށް ކޮމިޝަނަށް ފެނިއްޖެ ނަމަ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ލިޔެފައިވެ އެވެ. ހިޔުމަން ރައިޓްސް ކޮމިޝަނުން ބަޔާނެއް ނެރެފައެއް ނެތެވެ. ނަމަވެސް އެތަނުން ވެސް އެ މައްސަލަ ދަނީ ބަލަމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރަން ޖެހޭ އަސާސީ ޤާނޫނަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނެވެ. އެ ޤާނޫނުގައި، ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ހިންގަން ޖެހޭ އުސޫލުތަކާއި، އެފަދަ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތްތައް ތަފްސީލުކޮށް ބަޔާންކޮށްފައި އޮވެ އެވެ. އެއިން އުސޫލަކާ ނުވަތަ އުސޫލުތަކަކާ ޚިލާފުވެއްޖެ ނަމަ، އެ މައްސަލައަކީ، އޭގެ ޒާތުގައި ކުރިއަށް ނުގެންދެވޭނެ މައްސަލައެކެވެ. މިސާލަކަށް، ތަންތަން ބަލާ ފާސްކުރަން ވަންނައިރު އޮންނަ ކޯޓު އަމުރު އޮންނަން ޖެހޭ ގޮތާއި، އެކަމާ ބެހޭ ތަފްސީލުތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮވެ އެވެ. އެ ޤާނޫނުގައި އޮތް ގޮތާ ޚިލާފަށް، ނުވަތަ އޭގައި ހުރި އުސޫލުތަކުން ބޭރުން ހޯދާފައިވާ އަމުރެއްގެ ބޭނުންކޮށްގެން ތަނެއް ބަލާ ފާސްކޮށްފި ނަމަ، އެކަމެއް ވާނީ ބާތިލު ކަމަކަށެވެ. އެގޮތަށް ޤާނޫނާ ޚިލާފަށް ބަލާ ފާސްކޮށްގެން ހޯދާ ހެއްކެއް ޝަރީއަތަކަށް ގަބޫލެއް ނުކުރާނެ އެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ބޭނުމަކީ ވެސް، ތަޙްޤީޤު ހިންގާނެ ޤާނޫނީ އުސޫލުތައް ކަނޑައަޅައިދިނުމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި، ޤާނޫނު ތަންފީޒުކުރާ ދޭއް ނުވަތަ އެއަށް ވުރެ ގިނަ އިދާރާތަކަކުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކުށެއް ނަމަ އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ށ) ގައި އޮންނަނީ، ފުލުހުން ތަހުގީކުރަމުން ދާ ޖިނާއީ މައްސަލައެއްގައި ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހުތިސާސް ހިނގާ ނަމަ، އަންނަނިވި ދެ ގޮތުން ކުރެ ގޮތަކަށް ޢަމަލުކުރަންވާނެ ކަމަށެވެ.

1. އެ ކުށުގެ އެ ބައިގެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިއުމަށްޓަކައި އެ އިދާރާއަކަށް މައްސަލަ ހުށަހެޅުން؛ ނުވަތަ 2. މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމެވެ.

މ. އުޖާލާގޭގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް އެބަ ހިންގަ އެވެ. އެ ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގުމުގެ އިހުތިސާސް، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް ލިބިގެންވާ ކަމަށް ފުލުހުން ގަބޫލުކުރެ އެވެ. އެކަން ފުލުހުންގެ ނޫސްބަޔާނުން އެނގެ އެވެ. ވީމާ، ފުލުހުން މިހާރު ޢަމަލުކުރަން ޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގައި އޮތް ދެ ގޮތުން ކުރެ ގޮތަކަށެވެ. އެއީ، އެ މައްސަލައިގެ އެ ބައި، އިންޓަގްރިޓީ ކޮމިޝަނަށާއި ހިޔުމަންރައިޓްސް ކޮމިޝަނަށް ދޫކޮށްލުން، ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމެވެ. ފުލުހުންގެ އެއްވެސް ކަމެއް، އެހެން ތަނަކަށް ދޫކޮށްލި ކަމަކަށް ފުލުހުން ނުބުނެ އެވެ. ދެން އޮތީ ޖޮއިންޓް އިންވެސްޓިގޭޝަނެވެ. އެކަމަށް ބޭނުންވާ ގަވާއިދު (ފުލުހުންގެ އިހުމާލުން) ހެދިފައި ނެތުމަކީ، އެ ގަވާއިދު ނެތީތީ، ޤާނޫނަށް އަމަލުނުކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ. މި ހާލަތުގައި (ގަވާއިދު ނެތަސް، ކޮންމެވެސް އިންތިޒާމެއްގެ ތެރެއިން) މި މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަން ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމްކުރެ އެވެ. އެނޫން ގޮތަކަށް ހިންގާ ތަހުގީގަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ހިންގި ތަހުގީގަކަށް ނުވާނެ އެވެ. އެފަދަ ތަހުގީޣެއްގެ މައްޗަކަށް އެއްވެސް ޝަރީއަތެއް ނުހިންގޭނެ އެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިޔުމަންރައިޓްސް ކޮމިޝަނާ، މި ދެކޮމިޝަނުން، ވޭތުވެދިޔަ ދެ އަހަރު، އެއްވެސް މައްސަލައެއް ބަލައި، އެ މައްސަލައިގައި ދައުވާއެއް ކޮށްދޭން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނެތް ކަމަށް، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އަހަރީ ރިޕޯޓުތަކުން ދައްކަ އެވެ. އެހެންކަމުން، މި މައްސަލަ ބަލައިދޭން އެދި ފުލުހުން، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ނުވަތަ ހިޔުމަންރައިޓްސް ކޮމިޝަނަށް ފޮނުވީ، އެ މައްސަލައަކީ ޤާނޫނީ ގޮތުން (ޖޮއިންޓް އިންވެސްޓިގޭޝަން) އަދި އަމަލީ ގޮތުން (މިއިން ދުވަހަކު ވެސް މައްސަލައެއް ފޮނުވާފައި ނެތުން) އެ ކޮމިޝަންތަކުން ނުބަލާނެ ނުވަތަ ނުބެލޭނެ މައްސަލަތަކެއް ކަމަށް ފުލުހުންނަށް ކަށަވަރުވާތީ އެވެ. އަދި، މިއިން ކޮމިޝަނަކާ އެކު ފުލުހުން ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ނުދިއަކަން އެއީ، މި މައްސަލައިގައި ފުލުހުންގެ ހެޔޮ ނިޔަތެއް ނެތް ކަމަށް ދަލީލުކޮށްދޭ ކަމެއްކަމަށް ތުހުމަތު ކުރާނެ ޖާގަ އޮތް ކަމެކެވެ. މީގެ އިތުރުން، ގާނޫނުން ބާރު ދީފައި އޮތަސް، ހިޔުމަންރައިޓްސް ކޮމިޝަނުން ޖިނާއީ ތަހުގީގެއް އެއްވެސް އިރަކު ހިންގާ ކަމަކަށް އެ ކޮމިޝަނަކުން އެއްބަހެއް ނުވެ އެވެ. އެގޮތަށް އެތަނުން ބުނާ ސަބަބެއް އަޅުގަނޑުގެ ކޮށި ވިސްނުމަކަށް ސާފެއް ނުވެ އެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި، ހިޔުމަންރައިޓްސް ކޮމިޝަނަކީ، މީހުން ހައްޔަރުކުރުމުގެ ބާރު އޮތް ކޮމިޝަންތަކެއް ނޫނެވެ. ޖިނާއީ މައްސަލަތަކާ ގުޅިގެން މީހުން ހައްޔަރުކޮށްފައި ބޭތިއްބޭނީ ފަސް ކަމެއްގެ ތެރެއިން ކަމެއް ފުރިހަމަވާ ނަމަ ކަމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮވެ އެވެ. އޭގެ ތެރޭގައި، ހެކިންނަށް ނުފޫޒު ފޯރުވާނެކަމަށް ތުހުމަތު ކުރެވުމާއި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވުން ހިމެނެ އެވެ. މި ދެކަންތައް، މ. އުޖާލާގެއަށް ވަދެ، އެގޭގައި ތިބި މީހުންގެ ގައިގައި ތަޅާ މާރާމާރީ ހިންގި ފުލުހުންގެ ކިބައިގައި ފުރިހަމަވާކަން، މި މައްސަލައާ ގުޅޭ ޚަބަރުތައް ކިޔާފައިވާ މީހުންނަށް ސާފުވާނެ އެވެ. ނަމަވެސް މިއިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ބަންދެއް ނުކުރެ އެވެ. އެމީހުން އުޅެނީ މުޖްތަމަޢުގެ ތެރޭގަ އެވެ. ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ވެސް އެބަ އޮތެވެ.

މިކަން މިގޮތަށް ހިނގުމުން، އާންމު ރައްޔިތުންނަށް ލިބޭ މެސެޖަކީ، ފުލުހުންގެ މީހަކު، މީހަކަށް ހަމަލާދީފި ނަމަ، އެ މައްސަލައެއްގައި ފުލުހުން ހައްޔަރެއް ނުކުރާނެ އެވެ. ބަންދަކު ވެސް ނުބަހައްޓާނެ އެވެ. ވާނުވާއެއް ވެސް ނުޖަހާނެ އެވެ. އެއީ، އެމައްސަލަ ތަހުގީގުކުރާ އިދާރާތަކަށް އެކަން ކުރެވެން އޮތީ ފުލުހުންނާ ގުޅިގެން ކަމަށް ވެފައި، އެކަމުގައި ފުލުހުންގެ އެއްބާރުލުން (ތާރީޚީ ގޮތުން ބަލާއިރު މިހާތަނަށް) ލިބިފައި ނެތަތީ އެވެ.

ފުލުހުންނާއި، ސިފައިންނާއި، އަލިފާންނިވާ މީހުންނާއި، އެނޫން ވެސް، އެކަކު އަނެކަކަށް އިންތިހާއަށް ބަރޯސާވެގެން ވަޒީފާ އަދާކުރާ މުއައްސަސާތަކުގައި، ނަފްސާނީ ގޮތުން ވަރަގަދަ ގުޅުމެއް އުފެދިފައި އޮންނަކަން އެއީ، ނަފްސާނީ އިލްމުގެ އަހުލުވެރިން އެއްބަސްވެ، އިސްތިގުރާރުވާ ކަމެކެވެ. އެއީ، އެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުން ގަސްދުގައި ކުރާ ކަމެއް ނޫނެވެ. އެމީހުން، ގޯހީއެއް ވެސް ނޫނެވެ. އެއީ ނަފްސާނީ ހާލަތެކެވެ. އެހެންވީމާ، އެއް ފުލުހަކު އަނެއް ފުލުހެއްގެ މައްޗަށް ހެކިބަސް ނުދިނުން ފަދަ ކަންކަމަކީ ޢާންމު ކަމެކެވެ. މިކަމަށް ބައެއް ނަފްސާނީ އިލްމުވެރިން 'ޕޮލިސް ބްރަދަހުޑް' އޭ ވެސް ކިޔަ އެވެ.

ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ފުލުހުންގެ ތެރޭގައި އޮންނަ ނުރަނގަޅު އާދަތައް ކަނޑުވާލަން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަ އެވެ. ނަމަވެސް، "ބްރަދަހުޑް" ގެ ތެރޭގައި ހުންނަ އެފަދަ ކަންކަން ހައްލުކޮށް ޒިންމާދާރު ކުރުވަން، ފުލުހުންގެ ތެރެއިން ނޫން ދާއިރާއަކުން މީހުން ބޭނުންކުރަން ޖެހެ އެވެ. އެއީ، ފުލުހުންގެ ލީޑަޝިޕްގައި ތިބި މީހުންނަކީ ވެސް، އެމީހުންގެ ޒާތުގައި "ބްރަދަރުން" ނެވެ. މި ސަބަބަށްޓަކައި، ޕޮލިސް ރިފޯމުގެ މަސައްކަތް، ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮށް އުޅެނީ ފުލުހުންގެ އިދާރާއިން ބޭރުގައި ތިބޭ ބައެކެވެ.

މ. އުޖާލާގޭގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން، މިހާރު ކަންތައްތައް އޮތް ގޮތުން، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވިދާނެ ކަމަކަށް، އަޅުގަނޑަކަށް ނުފެނެ އެވެ. މި މައްސަލައިގެ ތަހުގީގު ހިންގުމުގައި ޖިނާއީ އިޖުރާއާތާ ޚިލާފު ކަންތައްތައް ހިނގަމުން ދާއިރު، އެކަންތައްތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޕްރޮސިކިއުޓަ ޖެނެރަލް ވެސް ބަސްފުޅެއް ވިދާޅެއް ނުވެ އެވެ. ޕޮލިސް އިމްޕިއުނީޓީ ނުވަތަ ފުލުހުންކުރާ އަނިޔާވެރި ކަންކަމަށް އެއްވެސް ފިޔަވަޅެއް ނޭޅޭނޭ ކަމަށް ބައެއް ފުލުހުންނަށް ގަބޫލުކުރެވެނީ، ހަމަ ހަގީގަތުގައި ވެސް ފިޔަވަޅެއް ނޭޅޭތީ އެވެ. އުޖާލާގޭގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ފިޔަވަޅެއް ނޭޅިއްޖެ ނަމަ، އެކަން ވެގެންދާނީ ދައުލަތުގެ މުޅި ޖިނާއީ ޢަދުލުގެ ނިޒާމުގެ ވަރަށް ބޮޑު ވެއްޓުމަކަށެވެ. އެކަން އެގޮތަށް ނުވާނެ އިންތިޒާމުތަކެއް ފުލުހުންގެ ލީޑަޝިޕުން ރާވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.

އެޑިޓަރުގެ ނޯޓު

ގާނޫނީ ވަކީލް ޝަމީމަކީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލެވެ. ގާނޫނީ މައްސަލަތަކާ މެދު ދޭތެރެ ދޭތެރެއިން އޭނާ "މިހާރު"އަށް ލިއުއްވަ އެވެ.