ޚިޔާލު / މުޙައްމަދު، ޞައްލަﷲ ޢަލައިހި ވަސައްލަމް

ރަސޫލާ، އާއިޝަތުގެފާނާ ކައިވެނިފުޅު ބައްލަވައިގަންއިރު އެކަމަނާގެ އުމުރުފުޅަކީ ކޮބާ؟

މި އަހަރުގެ ހައްޖުގައި ހައްޖުވެރިން އަރަފާތު ބިމުގައި ދުއާ ކުރުމުގައި: ރަސޫލާއާ އާއިޝަތުގެފާނާ ކައިވެނި ބައްލަވައިގަތް އުމުރުފުޅާ ގުޅޭ ގޮތުން މާ ބޮޑު ހިޔާލު ތަފާތެއް ނެތް.---ފޮޓޯ:އޭއެފްޕީ

މައުމޫން އަބްދުލްގައްޔޫމް

23 ސެޕްޓެމްބަރ 2019 - 09:01

63 comments

ނޯޓު:

މިއީ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް، އާއިޝަތުގެފާނު ކައިވެނި ބައްލަވައިގެންނެވިއިރު، އެކަމަނާގެ އުމުރުފުޅާ ބެހޭ ގޮތުން އިސްލާމް ބަޙީރާ ލިޔުއްވި މަޒުމޫނުގެ ދިވެހި ތަރުޖަމާއެކެވެ. މިއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތަރުޖަމާ އެކެވެ.

މުސްލިމުންގެ ތެރޭގައި ޢާންމުކޮށް ޤަބޫލުކުރެވިފައި އޮންނަ ގޮތުގައި، އުންމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ﷲ ޢަންހާ، މި އުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ކާވެނި ބައްލަވައިގެންނެވިއިރު، އެކަމަނާގެ އުމުރުފުޅަކީ ހަ އަހަރެވެ. އަދި އެކަމަނާއާއެކު އެކަލޭގެފާނު ފުރަތަމަ ރޭކުރެއްވިއިރު އެކަމަނާގެ އުމުރުފުޅަކީ ނުވަ އަހަރެވެ.

މި މައްސަލަ އަކީ އިސްލާމްދީނާއި އަދި މުސްލިމުންނާ ދެކޮޅުވެރި ފަރާތްތަކުން ކީރިތި ރަސޫލާ އަށް އެކަށީގެންނުވާ ވާހަކަތައް ނިސްބަތްކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ވާހަކަ އެކެވެ. އަދި އެއީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި، ކީރިތި ރަސޫލާގެ މާތް އަޚްލާޤްފުޅާއި، އެކަލޭގެފާނު އަންހެނުންނާ އަދި ކުޑަކުދިންނާމެދު ގެންގުޅުއްވި ރިވެތި އުޞޫލުތަކަށް ބަލާއިރު، ގިނަ މުސްލިމުންނަށް ކުރިންވެސް މިހާރުވެސް ޤަބޫލުކުރަން ދަތި ވާހަކައެކެވެ.

ޒަމާނުއްސުރެ މިހާރާ ޖެހެންދެން މިކަމަކީ ހަރުދަނާ ގޮތެއްގައި ޙައްލުކުރެވިފައިވާ މައްސަލައަކަށް ނުވެ އެވެ. މިކަން މިހެން އޮތްއިރު، މިޞުރުގެ [އަލްޔައުމުއްސާބިޢު] ނަމަކަށް ކިޔާ ނޫހުގެ އިސްލާމީ ދިރާސާތަކާބެހޭ މަރުކަޒުގެ ރައީސް، އިސްލާމް ބަޙީރާ ދާ ދިފަހުން ލިޔުއްވާފައިވާ ލިޔުމެއްގައި، ކީރިތި ރަސޫލާއާ ކާވެނި ބައްލަވައިގަންއިރު، އައްސައްޔިދާ ޢާއިޝާގެ އުމުރުފުޅަކީ 18 އަހަރު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި އެކަން ސާބިތުކޮށްދޭ ވަރަށް ގިނަ ހެކިތައްވެސް އޭނާގެ ލިޔުއްވުމުގައި ހިމަނުއްވާފައިވެ އެވެ.

މިމައްސަލަ އަކީ، އަޅުގަނޑުމެން ދިވެހިން ވެސް ނުހަނު ޝައުޤުވެރިކަން ހުންނާނެ މައްސަލައަކަށް ވާތީ، މިކަމާ ބެހޭގޮތުން އިސްލާމް ބަޙީރާ ލިޔުއްވާފައިވާ މަޒުމޫނުގެ ދިވެހި ތަރުޖަމާއެއް މި ނޯޓާއެކުގައި ހުށަހަޅާލަމެވެ.

---------

އަލްބުޚާރީ އާއި މުސްލިމުގައި ވާރިދުވެފައިވާ ޙަދީސްތައް ބުނާ ގޮތުގައި، ނަބިއްޔާ އެކަލޭގެފާނުގެ އުމުރުފުޅުން 50 އަހަރުގައި، ޢާއިޝަތުގެފާނާ ކައިވެނިފުޅު ބައްލަވައިގަތީ، އެކަމަނާގެ ޢުމުރުފުޅުން ހަ އަހަރުގަ އެވެ. އެކަމަނާއާ އެކު ރޭކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން ނުވަ ވަރަކަށް އަހަރުގަ އެވެ. މިއީ ހުރިހާ މުސްލިމުންގެ ގާތުގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އަލްބުޚާރީ އާއި މުސްލިމުގައި މި ވާހަކަ އައިސްފައި ވާތީ އެއަށް ޙިމާޔަތް ލިބިފައި ވިޔަސް، އެއީ ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ޞައްޙަ ސުންނަތާއި، ހަމަ ބުއްދި އާއި، ލޮޖިކާއި، ޢުރްފާއި، އާދަކާދަ އާއި، ރަސޫލާގެ ރަސޫލުކަމައިގެން ފޮނުއްވި ފަހުން ހިނގާފައިވާ ތާރީޚީ ޙާދިސާތަކާއި، އަލްބުޚާރީގައި މި ރިވާޔަތް އައިސްފައިވާ ފަސް ގޮތާއި، މި ރިވާޔަތުގެ މަތުނާ އަރައިރުންވާ ވާހަކައެކެވެ. މި ހަދީސް ދިގުކަމުން އަޅުގަނޑު ދަންނަވާލާނީ، އެ ހަދީސްގެ މަގުސަދާއި ފެށޭ ބަޔާއި ނިމޭ ބަ އެވެ.

(އަލްބުޚާރީ - ނަބިއްޔާ ޢާއިޝަތުގެފާނާ ކައިވެނިފުޅު ބައްލަވައިގަތުމާއި، މަދީނާ އަށް ވަޑައިގަތުމާއި، އެކަމަނާއާ އެކު ރޭކުރެއްވުން-ޙަދީސް ނަންބަރު: 3894)- ފަރްވަތު ބްނު އަބިލްމަޣްރާއިގެ އަރިހުން، ޢަލީ ބްނު މިސްހަރުގެ އަރިހުން، ހިޝާމުގެ އަރިހުން އޭނާގެ ބަފައިކަލުންގެ އަރިހުން، ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. [ނަބިއްޔާ ތިމަން ކަމަނާއާ ކާވެނިފުޅު ބައްލަވައިގަތީ ތިމަން ކަމަނާގެ އުމުރުފުޅުން ހަ އަހަރުގަ އެވެ. ފަހެ ތިމަންކަމަނާމެން މަދީނާ އަށް ވަޑައިގަތީމެވެ. ފަހެ ތިމަންކަމަނާގެ މައިކަމަނާ ތިމަންކަމަނާ އެކަލޭގެފާނާ ޙަވާލުކުރެއްވި އެވެ. އޭރު ތިމަންކަމަނާ އަކީ ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ.]

އިސްލާމީ ތާރީޚުގެ ބޮޑެތި ފޮތްތަކާއި ނަބިއްޔާގެ ސީރަތާ ބެހޭ މުހިންމު ފޮތްތައް (މިސާލަކަށް: އަލްކާމިލް - ތާރީޚު ދިމަޝްޤު - ސައިރު އަޢުލާމިއްނުބަލާއި - ތާރީޚުއްޠަބަރީ - އަލްބިދާޔާ ވައްނިހާޔާ - ތާރީޚު ބަޣްދާދު- ވަފަޔާތުލް އަޢުޔާން ފަދަ ތާރީޚާ ބެހޭ ބޮޑެތި ފޮތްތައް) އެއްބަސްވާ ގޮތުގައި، ރަސޫލާގެ ރިސާލަތު މައްކާގައި އޮތީ 13 އަހަރު އެވެ. މަދީނާގައި 10 އަހަރު އެވެ. ނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވީ މީލާދީން 610 ވަނަ އަހަރު އެވެ. މަދީނާ އަށް ހިޖްރަކުރެއްވީ މީލާދީން 623 ވަނަ އަހަރު އެވެ. ނަބިއްޔާ ސުވަރުގެ ވަޑައިގަތީ މީލާދީން 633 ވަނަ އަހަރު އެވެ. އެއީ 10 އަހަރު މަދީނާގައި އުޅުއްވުމަށް ފަހުގަ އެވެ.

ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައިވާ މި ތާރީޚުތަކަށް ބަލާއިރު، ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނިފުޅު ބައްލަވައިގަތީ މަދީނާ އަށް ހިޖްރަ ކުރެއްވުމުގެ ތިން އަހަރު ކުރިންނެވެ. އެބަހީ މީލާދީން 620 ވަނަ އަހަރު އެވެ. އެއީ ވަޙީ ބާވައިލައްވަން ފެށުނު ތާރީޚުގެ 10 ވަނަ އަހަރެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ހަ އަހަރެވެ. އެކަމަނާއާ އެކު ފުރަތަމަ ފަހަރަށް ރޭކުރެއްވީ، ހިޖްރައިން ފުރަތަމަ އަހަރުގެ ފަހުކޮޅުގަ އެވެ. އެބަހީ މީލާދީން 623 ވަނަ އަހަރު އެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ނުވަ އަހަރެވެ. މި ބަހަށް ބަލާއިރު، އެކަމަނާ ދުނިޔެއަށް ވަޑައިގެން ކަމަށް ވާނީ، މީލާދީން 614 ވަނަ އަހަރު އެވެ. އެބަހީ ވަޙީ ބާވައިލައްވަން ފެށުނު ފަހުން ހަތަރު ވަނަ އަހަރު އެވެ. މިއީ އަލްބުޚާރީގައި ވާ ގޮތެވެ. ނަމަވެސް މިއީ ތާރީޚީ ގޮތުން ބަލާއިރު ވަރަށް ބޮޑު އޮޅުމެކެވެ.

‎ތާރީޚީ ގޮތުން މި ރިވާޔަތް ވަޒަންކުރުން

1- ޢާއިޝަތުގެފާނުގެ ޢުމުރުފުޅާއި އެކަމަނާގެ ދައިތާފުޅު އަސްމާއު ބިންތު އަބީބަކްރުގެ ޢުމުރުފުޅު:

އިސްވެ ބަޔާންކުރި ތާރީޚީ ހުރިހާ މަސްދަރުތަކެއް ބުނާ ގޮތުގައި އަސްމާގެފާނު، ޢާއިޝަތުގެފާނަށް ވުރެ 10 އަހަރު ދޮށިފުޅެވެ. މި ކަމުގައި އެއިން އެއްވެސް ފޮތެއް ޚިލާފުވެފައެއް ނުވެ އެވެ. މި މަސްދަރުތައް ބުނާގޮތުގައި އަސްމާ އުފަންވެވަޑައިގަތީ، ރަސޫލާ މަދީނާ އަށް ހިޖްރަ ކުރެއްވުމުގެ 27 އަހަރު ކުރިންނެވެ. ރަސޫލާ އަށް ރަސޫލުކަން ލިބިވަޑައިގެންއިރު (މީލާދީން 610 ވަނަ އަހަރު) އެކަމަނާގެ ޢުމުރުފުޅަކީ 14 އަހަރެވެ. މި ހުރިހާ ފޮތްތަކެއް ވެސް ދެބަސްވުމަކާ ނުލައި ބަޔާންކޮށްފައިވާ ގޮތުގައި، އެކަމަނާ ޢާއިޝަތުގެފާނަށް ވުރެ 10 އަހަރު ދޮށިފުޅެވެ. މިއިން އެނގެނީ، ނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ހަތަރު އަހަރު ކަމެވެ. މީގެ މާނަ އަކީ، އެކަމަނާ އުފަންވެވަޑައިގަތީ، ރަސޫލާ އަށް ރަސޫލުކަން ލިބިވަޑައިގަތުމުގެ ހަތަރު އަހަރު ކުރިންނެވެ. ވީމާ ރަސޫލާ އަށް ރަސޫލުކަން ލިބިވަޑައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ހަތަރު އަހަރެވެ. އެއީ މީލާދީން 606 ވަނަ އަހަރެވެ. އެކަމަނާއާ ކައިވެނިފުޅު ބައްލަވައިގަތީ މީލާދީން 620 ވަނަ އަހަރު އެވެ. މިއިން އެނގެނީ ރަސޫލާ އެކަމަނާއާ ކައިވެނިފުޅު ބައްލަވައިގަތީ އެކަމަނާގެ ޢުމުރުފުޅުން 14 އަހަރުގައި ކަމެވެ. އެކަމަނާއާ އެކު ރޭކުރެއްވީ އޭގެ ތިން އަހަރާއި ނުވަވަރަކަށް މަސް ފަހުންނެވެ. އެބަހީ މީލާދީން 624 ވަނަ އަހަރު އެވެ. އެހެންވީމާ ކުޑަކުޑަ ހިސާބަކުން އެނގެނީ، އޭރު އެކަމަނާގެ ޢުމުރުފުޅަކަށް ވާނީ 18 އަހަރު ކަމެވެ. މިއީ ރަސޫލާ، ޢާއިޝަތުގެފާނާ ކާވެނިފުޅު ބައްލަވައިގެންނެވި ޙަޤީޤީ ޢުމުރުފުޅެވެ.

2- އަސްމާގެފާނު އަވަހާރަވި ތާރީޚަށް ބަލާއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅު:

އިސްވެ ބަޔާންކުރި ފޮތްތައް އެއްވެސް ދެބަސްވުމަކާ ނުލައި ބުނާ ގޮތުގައި، އަސްމާގެފާނު އަވަހާރަވީ ތާރީޚީ ގޮތުން މަޝްހޫރު އަދި ސާބިތު ޙާދިސާއަކަށް ފަހުގަ އެވެ. އެއީ އަނިޔާވެރި ޙައްޖާޖު އެކަމަނާގެ ދަރިކަލުން ޢަބްދުﷲ ބްނުއްޒުބައިރު ޤަތުލުކޮށް ޞަލީބަށް އެރުވި ޙާދިސާ އަށް ފަހުގަ އެވެ. މި ހާދިސާ ހިނގާފައި ވަނީ ހިޖްރައިން 73 ވަނަ އަހަރު އެވެ. އޭރު އަސްމާގެފާނުގެ ޢުމުރުފުޅަކީ 100 އަހަރެވެ. ވީމާ (100–73 = 27 ) އެވެ. މިއީ ރަސޫލާ ހިޖްރަ އަށް ވަޑައިގެންނެވިއިރު އެކަމަނާގެ ޢުމުރުފުޅެވެ. އެކަމަނާގެ ޢުމުރުފުޅުން 10 އަހަރު ކެނޑީމާ އޮންނާނީ (27-10=17) އެވެ. ވީމާ، ރަސޫލާ ހިޖްރަ އަށް ވަޑައިގެންނެވިއިރު، ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކަށް ވާނީ 17 އަހަރެވެ.

ރަސޫލާ އެކަމަނާއާ އެކު ރޭކުރެއްވީ ހިޖްރައިން ފުރަތަމަ އަހަރުގެ ފަހުކޮޅުގައި ކަމަށް ވާތީ، ރަސޫލާ ޢާއިޝަތުގެފާނާ ކއިވެނިފުލު ބައްލަވައިގެންނެވި ޙަޤީޤީ ޢުމުރުފުޅަކަށް ވާނީ 18 އަހަރެވެ. އައްޠަބަރީ އެކަލޭގެފާނުގެ މަޝްހޫރު ތާރީޚު ފޮތް (ތާރީޚުލްއުމަމް) ގައި ކަށަވަރުކޮށް ދެއްވައިފައިވާ ގޮތުގައި، މާތް ﷲ ރުއްސުންލެއްވި އަބޫބަކްރުއްޞިއްދީޤުގެ ހުރިހާ ބޭފުޅުން ވެސް އުފަންވެވަޑައިގެންފައިވަނީ ޖާހިލީ ޒަމާނުގަ އެވެ. މި ބަސްފުޅުން އަލްބުޚާރީގެ ރިވާޔަތުގެ ބަލިކަށިކަން ހާމަވެ އެވެ. އެހެނީ، ޢާޢިޝަތުގެފާނު އުފަންވެވަޑައިގެންފައި ވަނީ ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވުމުގެ ހަތަރު އަހަރު ކުރިންނެވެ.

3- ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުއްޒަހްރާއާ އަޅައިބަލާއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅު:

އިބްނު ޙަޖަރު (އަލްއިޞާބަތު) ނަމަކަށް ކިޔާ ފޮތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ފާޠިމަތުގެފާނު އުފަންވެވަޑައިގަތީ، ގެފުޅު ބިނާކުރި އަހަރު އެވެ. އޭރު ނަބިއްޔާގެ ޢުމުރުފުޅަކީ 35 އަހަރެވެ. ފާޠިމަތުގެފާނު، ޢާއިޝަތުގެފާނަށް ވުރެ ފަސް އަހަރު ދޮށިފުޅެވެ. އަލްބުޚާރީ ޝަރަޙަ ކުރެއްވި އިބްނު ޙަޖަރުގެ މި ބަސްފުޅުން ބުޚާރީގެ ރިވާޔަތު ތެދު ނޫންކަން ދޭހަވެ އެވެ. ފާޠިމަތުގެފާނު އުފަންވެވަޑައިގެންއިރު، ރަސޫލާގެ ޢުމުރުފުޅަކީ 35 އަހަރު ނަމަ، ޢާއިޝަތުގެފާނު އުފަންވެވަޑައިގެންނެވިއިރު ރަސޫލާގެ ޢުމުރުފުޅަކަށް ވާން ވާނީ 40 އަހަރެވެ. އެއީ ވަހީ ބާވައިލައްވަން ފެށުނު ޢުމުރުފުޅެވެ. ވީމާ މަދީނާ އަށް ހިޖްރަ ކުރެއްވިއިރު ޢާޢިޝަތުގެފާނުގެ ޢުމުރުފުޅަކަށް ވާން ޖެހޭނީ ރަސޫލާގެ ރިސާލަތުގެ ޢުމުރެވެ. އެއީ 13 އަހަރެވެ. އެއީ ހުރިހާ މުއައްރިޚުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ނުވަ އަހަރެއް ނޫނެވެ. އަލްބުޚާރީގެ ރިވާޔަތުގައި ހުރި އޮޅުންތައް މި ޙަޤީޤަތުން ހާމަވެ އެވެ.

ޙަދީސް ފޮތްތަކާއި ސީރަތު ފޮތްތަކުން މި ރިވާޔަތް ވަޒަންކުރުން

1- އިބްނު ކަޘީރުގެ މަޝްހޫރު ތާރީޚު ފޮތް (އަލްބިދާޔާ ވައްނިހާޔާ) ބުނާގޮތުގައި [އިސްލާމްދީނަށް އެންމެ ކުރިން ވަދެވަޑައިގެންނެވި ބޭކަނބަލުންގެ ތެރޭގައި އަސްމާއު ބިންތު އަބީބަކްރާއި ޢާއިޝަތުގެފާނު ވެއެވެ.] އެކަނބަލުން އިސްލާމްވެވަޑައިގަތީ، ރަސޫލާ ސިއްރިއްޔާތުގައި ދީނަށް ގޮވައިލައްވަމުން ވަޑައިގެންނެވި ފުރަތަމަ ތިން އަހަރުގެ ތެރޭގަ އެވެ. އެ އަށް ފަހު މާތް ﷲ ޢައްޒަ ވަޖައްލަ ރަސޫލާ އަށް ފާޅުގައި ދީނަށް ގޮވައިލައްވަން އަމުރު ކުރެއްވި އެވެ. މި ރިވާޔަތް ބުނާގޮތުގައި ޢާއިޝަތުގެފާނު އިސްލާމްވެވަޑައިގެންފައިވަނީ، ރަސޫލުކަމުގެ ހަތަރު ވަނަ އަހަރުގައި ފާޅުގައި ދީނަށް ގޮވައިލެއްވުމުގެ އަމުރުފުޅު އައުމުގެ ކުރިންނެވެ. އެއީ މީލާދީން 614 ވަނަ އަހަރު އެވެ. މީގެ މާނަ އަކީ އެކަމަނާ އީމާންވެވަޑައިގަތީ މީލާދީން 613 ވަނަ އަހަރު އެވެ. އަލްބުޚާރީގެ ރިވާޔަތަށް ބަލައިފި ނަމަ، އެކަމަނާ އުފަންވެވަޑައިގަތީ، ރަސޫލުކަމައިގެން ފޮނުއްވިތާ ހަތަރު ވަނަ އަހަރު އެވެ. މާނަ އަކީ އޭރު އެކަމަނާ އަދި ދުނިޔެ އަށް ވަޑައެއް ނުގަންނަވަ އެވެ. ނުވަތަ އެކަމަނާ ވާނީ ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅަކަށެވެ. މިއީ ހުރިހާ ދަލީލުތަކަކާ އަރައިރުންވާ ވާހަކައެކެވެ. ނަމަވެސް ރަނގަޅު ހިސާބުތައް ދައްކާ ގޮތުގައި އެކަމަނާ އުފަންވެވަޑައިގަތީ، ވަޙީ ބާވައިލައްވަން ފެށުމުގެ ހަތަރު އަހަރު ކުރިންނެވެ. އެބަހީ މީލާދީން 606 ވަނަ އަހަރު އެވެ. ވީމާ ފާޅުގައި ދީނަށް ގޮވައިލައްވަން ރަސޫލާ އަށް މާތް ﷲ އަމުރުކުރެއްވިއިރު، އެކަމަނާގެ ޢުމުރުފުޅަކަށް ވާނީ އަށް އަހަރެވެ. ރަސޫލާގެ ސީރަތުގައި ހިނގައިފައިވާ ތަފާތު ޙާދިސާތަކަށް ބަލާއިރު ރަނގަޅު ގޮތަކަށް ވާނީ، މި ގޮތެވެ.

2- އަލްބުޚާރީގެ ބާބެއް ކަމުގައިވާ (ނަބިއްޔާގެ ޒަމާނުގައި އަބޫބަކްރުގެ އަވަށްޓެރިކަން) ގައި ޢާއިޝަތުގެފާނު އަރިހުން ރިވާވެގެން ވެ އެވެ. އެކަމަނާ ވިދާޅުވި އެވެ: [ކަންތައްތައް ހަނދުމަފުޅު ހުންނަ ވަރަށް ތިމަން ކަމަނާ ބޮޑުފުޅުވިއިރު، ތިމަން ކަމަނާގެ ބަފައިކަލުންނާއި މައިކަނބަލުން ވަނީ ﷲގެ ދީނަށް ވަދެވަޑައިގެންފަ އެވެ. ތިމަން ކަމަނާމެންގެ އަރިހަށް ރަސޫލާ ހެނދުނާއި ހަވީރު ވަޑައިނުގަންނަވާ އެންމެ ދުވަހެއް ވެސް ނުދެ އެވެ. މުޝްރިކުން މުސްލިމުންނަށް ކުރަމުންދިޔަ ދުއްތުރާތައް ބޮޑުވުމުން އަބޫބަކުރުގެފާނު ޙަބަޝާ އަށް ހިޖްރަ ކުރައްވަން މައްކާއިން ނުކުމެވަޑައިގަތެވެ.] ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި ރަސޫލާ އެކަމަނާމެންގެ ގެކޮޅަށް ކޮންމެ ދުވަހަކު ދެއިރު، ހެނދުނާއި ހަވީރު ވަޑައިގަންނަވާ ހަނދުމަފުޅު ހުއްޓެވެ. އެއީ މުސްލިމުން ޙަބަޝާ އަށް ހިޖްރަ ކުރުމުގެ ކުރިންނެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި މުސްލިމުން ޙަބަޝާ އަށް ހިޖްރަކުރީ ރަސޫލުކަމުގެ ފަސް ވަނަ އަހަރު އެވެ. އެއީ މީލާދީން 615 ވަނަ އަހަރު އެވެ. އަލްބުޚާރީގެ ރިވާޔަތަކީ ތެދު އެއްޗެއް ކަމަށް ބަލައިފި ނަމަ، ޢާއިޝަތުގެފާނު އުފަންވެވަޑައިގަތް ކަމުގައި ވާނީ، އިސްލާމީ ރިސާލަތުގެ ހަތަރު ވަނަ އަހަރު އެވެ. ވީމާ، މުސްލިމުން ޙަބަޝާއަށް ހިޖްރަ ކުރިއިރު އެކަމަނާ ވާނީ ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅަކަށެވެ. އެހެން ކަމަށްވާ ނަމަ އެކަމަނާ އަށް އެއިރަކު ކަންތައްތައް ވިސްނިވަޑައެއް ނުގަންނަވާނެ އެވެ. ކަންތައްތައް ހަނދުމަފުޅެއް ނުހުންނާނެ އެވެ. އެހެންވީމާ ކުޑަކުޑަ ހިސާބަކުން އެނގޭ ގޮތުގައި އޭރު އެކަމަނާގެ ޢުމުރުފުޅަކަށް ވާނީ (4+5=9) އަހަރެވެ. މިއީ އެކަމަނާގެ ޙަޤީޤީ ޢުމުރުފުޅެވެ.

3- [ މުސްނަދު ޢާއިޝާ ] ގައި އަލްއިމާމު އަޙްމަދު ނެރުއްވި އެވެ. [ޚަދީޖަތުގެފާނު އަވަހާރަވުމުން ޢުޘްމާނު ބްނު މަޡްޢޫނުގެ އަނބިކަނބަލުން ޚައުލަތު ބިންތު ޙަކީމް، ރަސޫލާ އަރިހަށް ވަޑައިގެން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ! ކައިވެނިފުޅު ބައްލަވައެއް ނުގަންނަވާނަންތޯ އެވެ؟ ވިދާޅުވި އެވެ. ކާކާތޯ އެވެ؟ ދެންނެވި އެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ ނަމަ ބިކުރުވެރިއަކާ އެވެ. އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ ނަމަ ޘައްޔިބަކާ އެވެ. (ކުރިން މީހަކާ ކައިވެނިކޮށްފައިވާ މީހަކާ އެވެ.) އެކަލޭގެފާނު ވިދާޅުވި އެވެ. ބިކުރުވެރި އަކީ ކާކުތޯ އެވެ؟ ދެންނެވި އެވެ. އެއީ ﷲ ޢައްޒަ ވަޖައްލަގެ ޚަލްޤުތަކުންގެ ތެރޭގައި ކަލޭގެފާނު އެންމެ ލޯބިފުޅުވާ މީހާގެ ދަރިކަނބަލެވެ. ޢާއިޝަތު ބިންތު އަބީބަކްރެވެ.] މީހަކާ އިނުމަށް ހަށި ފަހި ނުވާ ޢުމުރުގެ އަންހެނެއްގެ ވާހަކަ ޚައުލަތު ބިންތި ޙަކީމު ރަސޫލާ އަށް ދަންނަވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. އެކަލޭގެފާނަށް އިންތިޒާރު ކުރައްވަން ޖެހިވަޑައިގަންނަވާނެ ފަދަ ކުޑަ އަންހެން ކުއްޖެއްގެ ވާހަކަ ދަންނަވާނެހެނެއް ހީއެއް ނުވެ އެވެ. އެކަމަނާގެ ވާހަކަފުޅު [އެދިވަޑައިގަންނަވާ ނަމަ ބިކުރުވެރިއަކާ އެވެ. އަދި އެދި ވަޑައިގަންނަވާ ނަމަ ޘައްޔިބަކާ އެވެ.] މި ބަސްފުޅުން ޢާއިޝަތުގެފާނަކީ އުމުރުން ހަ އަހަރުގެ ތުއްޕުޅު ބޭފުޅެއް ކަމެއް ދޭހައެއް ނުވެ އެވެ. ޚައުލަތުގެފާނު މި ވިދާޅުވަނީ [ބިކްރުވެރިއެއް] ކަމަށެވެ. ބޮޑުނުވާ ކުއްޖެކޭ ނުދަންނަވަ އެވެ.

4- އަލްއިމާމު އަޙްމަދު، ޢާއިޝަތުގެފާނާ ރަސޫލާ ކާވެނިފުޅު ބައްލަވައިގަތުމުގެ ޚިޠުބާއާ ބެހޭ ވަރަށް ދިގު ޙަދީސެއް ޚައުލަތު ބިންތު ޙަކީމުގެ އަރިހުން ނެރުއްވާފައި ވެ އެވެ. [އުއްމު ރޫމާން ވިދާޅުވި އެވެ. މުޠުޢިމު ބްނު ޢަދިއްޔު ވަނީ އެކަމަނާގެ ވާހަކަ އޭނާގެ ދަރިފުޅުގެ ގާތުގައި ދައްކައިފަ އެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަބޫބަކްރުގެފާނަކީ މީހަކަށް ވެވަޑައިގެންފައިވާ ވަޢުދަކާ ދުވަހަކު ވެސް ޚިލާފުވެ ވަޑައިގެންނެވި ބޭކަލެއް ނޫނެވެ. ފަހެ މި ކަމުގައި، އަބޫބަކްރުގެފާނު މުޠުޢިމު ބްނު ޢަދިއްޔުގެ ގާތަށް ވަޑައިގެންނެވި އެވެ. އެ ވަގުތު އޭނާގެ އަންހެނުން އެ ޒުވާނާގެ މަންމަ ވެސް އެތާނގައި އިނެވެ. އެ އަންހެނާ ބުންޏެވެ. އޭ އަބޫ ޤުޙާފާގެ ދަރިފުޅާ އެވެ! އަހަރެމެންގެ ދަރިފުޅު ތިބާގެ ދަރިފުޅާ ކައިވެނި ކޮށްފި ނަމަ އަހަރެމެންގެ ދަރިފުޅު ތިބާގެ ދީނަށް ވައްދައި ކާފިރު ކުރާނެހެން ހީވެ އެވެ.] މި ޙަދީސުން އެނގޭ ގޮތުގައި މުޠުޢިމަކީ ކާފިރެކެވެ. އޭނާގެ ދަރިފުޅު ޖުބައިރު ވަނީ ރަސޫލާގެ ކުރިން ޢާއިޝަތުގެފާނާ ކާވެނިކުރަން އެއްބަސްވެފަ އެވެ. މިހެންވެ މި ކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަން އަބޫބަކްރުގެފާނު މުޠުޢިމުގެ ގެ އަށް ވަޑައިގެންނެވީ އެވެ. އެ ހިނދު މުޠުޢިމު ބުންޏެވެ. އަހަރެންގެ ދަރިފުޅު ކަލޭގެ ދަރިފުޅު ޢާއިޝާއާ ދެވައިފި ނަމަ އޭނާ ކަލޭގެ ދީނަށް ވަންނާނެތެވެ. މި ތާނގައި ފާހަގަކުރެވޭ ކަމަކީ މުސްލިމުންނާ ދެކޮޅަށް ބަދްރާއި އުޙުދުގައި ހަނގުރާމަ ކުރި ޖުބައިރު ޢުމުރުން ހަ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކާ ކައިވެނި ކުރަން ހުށައެއްނާޅާނެ ކަމެވެ. އަދި ހަމަ އެފަދައިން މައްކާގައި މުސްލިމުންނަށް ދުއްތުރާތައް ކުރަމުން ދިޔަ ކާފިރަކާ ކައިވެނި ކުރަން އަބޫބަކްރުގެފާނު، އެކަލޭގެފާނުގެ ދަރިކަނބަލަކު ދޫކޮށެއް ނުލައްވާނެ އެވެ. އަބޫބަކްރުގެފާނު މި ކަމާ އެއްބަސްވެވަޑައިގެންފައި މިވަނީ، ކައު އިތުރު މުޙަންމަދުގެފާނު ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިންނެވެ. މިއިން އެނގެނީ ޖުބައިރު އުފަންވެފައި ވަނީ، އަދި ޢާއިޝަތުގެފާނު އުފަންވެވަޑައިގެންފައި ވަނީ، އެކަލޭގެފާނު ރަސޫލު ކަމައިގެން ފޮނުއްވުމުގެ ކުރިން ކަމެވެ.

5- ޢާއިޝަތުގެފާނުގެ އަރިހުން އަލްބުޚާރީ ރިވާކުރެއްވި (بَاب قَوْلِهِ : بَلْ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ) ގައި އައިސްފައި ވެ އެވެ. އުއްމުލްމުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވި އެވެ. [މި އާޔަތް މުޙަންމަދުގެ މައްޗަށް ބާވައިލެއްވީ މައްކާގަ އެވެ. އަދި ހަމަކަށަވަރުން އޭރު ތިމަންކަމަނާ އަކީ ކުޅޭ ޢުމުރުގެ ކުޑަ އަންހެން ކުއްޖެކެވެ.] އެއްވެސް ދެބަސްވުމެއް ނެތް ގޮތުގައި އަލްޤަމަރު ސޫރަތް ބާވައިލެއްވީ ރަސޫލާގެ ރަސޫލުކަމުގެ ހަތަރު ވަނަ އަހަރު އެވެ. އެއީ މީލާދީން 614 ވަނަ އަހަރެވެ. އަލްބުޚާރީގެ ރިވާޔަތް ތެދު ކަމުގައިވާ ނަމަ، އޭރު ޢާއިޝަތުގެފާނު އަދި އުފަންވެވަޑައެއް ނުގަންނަވާނެ އެވެ. ނުވަތަ އެކަމަނާ ވާނީ ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅަކަށެވެ. ނަމަވެސް މި ޙަދީސުގައި ޢާއިޝަތުގެފާނު މި ވިދާޅު ވަނީ [ތިމަންކަމަނާ އޭރު ވަނީ ކުޅޭ އުމުރުގެ ކުޑަ އަންހެން ކުއްޖަކަށެވެ.] ވީމާ އުފަންނުވާ ކުއްޖަކަށް ނުވާނެ އެވެ. އެ ހާދިސާއާ ގުޅޭ ތާރީޚަށް ބަލާއިރު ވަޙީ ބާވައިލައްވަން ފެއްޓެވިއިރު އެކަމަނާގެ ޢުމުރުފުޅަކަށް ވާނީ ހަތަރު އަހަރެވެ. މި ސޫރަތް ބާވައިލެއްވިއިރު އެ ކަމަނާގެ ޢުމުރުފުޅަކަށް ވާނީ އަށް އަހަރެވެ. ކުޅޭ އުމުރުގެ ކުޑަ އަންހެން ކުއްޖަކަށް ވާނީ އޭރުންނެވެ.

6- ކައިވެނީގައި އަންހެނާގެ ރުހުން ހޯދުމާ ބެހޭ ގޮތުން އަލްބުޚާރީ ނެރުއްވި އެވެ. ރަސޫލާ ޙަދީސް ކުރެއްވި އެވެ. [މީހަކާ އިނދެފައިވާ އަންހެނާގެ އަމުރު ނުހޯދައި އޭނާ މީހަކާ ނުދެވާށެވެ! އަދި ބިކުރުވެރި އަންހެނާގެ ހުއްދަ ނުހޯދައި އޭނާ ނުދެވާށެވެ! އެބައި މީހުން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ! އޭނާގެ ހުއްދަ ހޯދާނީ ކިހިނަކުންތޯ އެވެ؟ ޙަދީސް ކުރެއްވި އެވެ. އެއީ އޭނާ ހަނު އިނުމެވެ.] މި ގޮތަށް ރަސޫލާ ޙަދީސް ކުރެއްވުމަށް ފަހު، ރަސޫލާ މިއާ ޚިލާފަށް ޢަމަލު ކުރައްވާނެ ހެއްޔެވެ؟ އުއްމުލް މުއުމިނީން، ޢާއިޝަތުގެފާނު ކީރިތި ރަސޫލާއާ ކައިވެނިފުޅު ބައްލައިވައިގެންނެވިއިރު އެކަމަނާގެ ޢުމުރުފުޅާ ބެހޭ ގޮތުން އަލްބުޚާރީ ރިވާކުރެއްވި ޙަދީސް ނިސްބަތް ކުރައްވާފައި ވަނީ އެކަމަނާ އަށެވެ. މި ޙަދީސުގައި އެކަމަނާ ވިދާޅުވަނީ [ތިމަން ކަމަނާ އަކީ އޭރު ބުދުކޮއްކޮއަކާ އެކު ކުޅެއުޅުނު ކުއްޖެކެވެ.] ރަސޫލާއާ ކައިވެނި ކުރެއްވިއިރު އެއްވެސް މީހަކު އެކަމަނާގެ ކިބައިން އިޒްނަ ހޯދައިފައެއް ނުވެ އެވެ. ކައިވެނީގެ މާނަ ނޭނގޭވަރުގެ ކުޑަ ކުއްޖެއްގެ ކިބައިން އިޒްނަ ހޯދާނީ ކިހިނެއް ހެއްޔެވެ؟ ބާލިޣު ނުވާ ޣައިރު މުކައްލަފަކު ކުރާ އެއްވެސް ޢަމަލަކީ ޝަރްޢުގެ މިންގަނޑުތަކުން ބަލާއިރު އޭގެ މައްޗަށް އެއްވެސް ކަމެއް ޝަރްޢީ ގޮތުން ތަރައްތުބު ވާނެ ކަމެއް ނޫނެވެ.

‎ރިވާޔަތުގެ ސަނަދާ މެދު އުފެދޭ ސުވާލު

މި ތާނގައި ބަލައިލާނީ އަލްބުޚާރީގެ ރިވާޔަތުގެ ސަނަދުގެ ޢިލަލުތަކާ (ޙަދީސެއް ޤަބޫލުކުރުމާއި ނުކުރުމާ ބެހޭ ސަބަބަތަކާ) ބެހޭ ގޮތުން އެކަންޏެވެ.

އުއްމުލް މުއުމިނީން، ޢާއިޝަތުގެފާނުގެ ޢުމުރުފުޅާ ބެހޭ ޙަދީސް ފަސް ގޮތަކަށް އައިސްފައި ވެ އެވެ. މި ރިވާޔަތްތަކަށް ބަލާއިރު ހުރިހާ ރިވާޔަތްތަކެއް ވެސް ރުޖޫޢަ ވަނީ އެންމެ ރާވީ އަކަށެވެ. އެއީ ޢުރްވަތެވެ.

ޢުރްވަތުގެ ކިބައިން މި ޙަދީސް ރިވާ ކުރައްވަނީ ހިޝާމެވެ. މައްސަލަ ޖެހެނީ ހިޝާމާ ހަމައިންނެވެ. އޭނާއާ ބެހޭގޮތުން (ހަދްޔުއްސާރީ) ނަމަކަށް ކިޔާ ފޮތާއި (އައްތަހްޛީބު) ނަމަކަށް ކިޔާ ފޮތުގައި އިބްނު ޙަޖަރު ވިދާޅުވި އެވެ. [ޢަބްދުއްރަޙްމާނު ބްނު ޔޫސުފު ބުނި ޚިރާޝް ވިދާޅުވި އެވެ. މާލިކުގެފާނު އޭނާއަކާ ރުހިވަޑައެއް ނުގަންނަވަ އެވެ. ޢިރާޤުގެ އަހްލުވެރީންނަށް އޭނާ ވިދާޅުވެ ދެއްވާ ޙަދީސްތަކާ މެދު މާލިކުގެފާނު ކޯފާވި އެވެ. އޭނާ ތިން ފަހަރު ކޫފާ އަށް ވަޑައިގަތެވެ. އެއް ފަހަރު ވިދާޅުވީ އަހަރެންގެ ބައްޕަ ވިދާޅުވި އެވެ. [ޢާއިޝަތުގެފާނު ވިދާޅުވި އަޑު އަހަރެން އެހީމެވެ.] ދެވަނަ ފަހަރަށް ވަޑައިގެން ވިދާޅުވީ [ޢާއިޝަތުގެފާނުގެ އަރިހުން އަހަރެންގެ ބައްޕަ ޚަބަރު ކުރެއްވި އެވެ.] ތިންވަނަ ފަހަރަށް ވަޑައިގެން ވިދާޅުވީ [ޢާއިޝަތުގެފާނު އަރިހުން އަހަރެންގެ ބައްޕަގެ ކިބައިންނެވެ.]

މާނަ އަކީ މަދީނާގައި ހިޝާމު ބްނު ޢުރްވަތަކީ އިތުބާރު ހުރި ބޭކަލެކެވެ. އެއަށް ފަހު އޭނާ ވަޑައިގަތީ ޢިރާޤަށެވެ. އެ ތާނގައި އޭނާގެ ހަނދުމަފުޅު ބަލިވަން ފަށައިފި އެވެ. އެތާނގައި އޭނާ ތަދްލީސް (އެބަހީ ރިވާނުކުރާ މީހުންނަށް ޙަދީސް ނިސްބަތް ކުރުން) ކުރައްވަން ފަށްޓަވައިފި އެވެ. [އަހުރެން އަޑުއެހީމޭ] ނުވަތަ [އަހަންނަށް ވިދާޅުވެދެއްވިޔޭ] ބުނުމުގެ ބަދަލުގައި [އަހަރެންގެ ބައްޕަގެ ކިބައިން] ނޭ ވިދާޅުވާން ފަށްޓަވައިފި އެވެ. ޙަދީސް ޢިލްމުގައި [އަހުރެން އަޑުއެހީމޭ] ނުވަތަ [އަހަންނަށް ވިދާޅުވެ ދެއްވިޔޭ] ބުނުމަކީ [މިވެނި މީހެއްގެ ކިބައިން] ނޭ ބުނުމަށް ވުރެ ބާރުގަދަ ގޮތެކެވެ. މިއީ މި ޙަދީސުގެ ސަނަދާ މެދު ޝައްކު އުފެދޭ ކަމެކެވެ. މިހެންވެ، އިމާމު މާލިކު އެ ވަނީ، ޢިރާޤުގައި ހިޝާމު ވިދާޅުވާ ޙަދީސްތައް ޤަބޫލު ނުކުރުމަށް ވިދާޅުވެފަ އެވެ. މި ޙަދީސަށް ބަލާއިރު މި ޙަދީސުގެ ހުރިހާ ރާވީންނަކީ ޢިރާޤީންނެވެ. މަދީނާގެ އެއްވެސް ބޭކަލަކު ރާވީންގެ ތެރޭގައި ހިމެނިވަޑައެއް ނުގަންނަވަ އެވެ. މިއިން ކަށަވަރު ވަނީ، ހިޝާމު ބްނު ޢުރްވަތު މި ޙަދީސް ރިވާކުރައްވައިފައި ވަނީ ޢިރާޤުގައި އުޅުއްވިއިރު ކަމެވެ. އޭރު ހިޝާމުގެ ހަނދުމަފުޅު ވަނީ ބަލިވާން ފަށައިފަ އެވެ. މީގެ އިތުރަށް އިމާމު މާލިކުގެ މަޝްހޫރު ފޮތް (މުވައްޠައު) ގައި ޢާއިޝަތުގެފާނު ރަސޫލާއާ ކާވެނިފުޅު ބައްލަވައިގަން ޢުމުރުފުޅު ގެންނަވާފައެއް ނުވެ އެވެ. އިމާމު މާލިކަކީ ހިޝާމު ބްނު ޢުރްވަތުގެ ބަސްފުޅުތައް މަދީނާގައި ސީދާ އަޑު އެއްސެވި ޢިލްމުވެރިއެކެވެ. މި ދެ ޢިއްލާއިން އަލްބުޚާރީގެ ރިވާޔަތުގެ ސަނަދާމެދު ޝައްކު އުފެދެ އެވެ.

މި ޙަދީސުގެ މައްޗަށް ބައްލަވައި ފިޤްހު ޢިލްމުވެރިންނާއި ޙަދީސް ޢިލްމުވެރިން ދައްކަވާ ވާހަކަތަކުގެ ތެރޭގައި ހޫނު ރަށްރަށުގައި އަންހެން ކުދިން އަވަހަށް ބޮޑުވެ ބާލިޣުވާ ވާހަކަ ވެ އެވެ. މިއީ ޢިލްމީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. މިއަދުގެ ޢަރަބިކަރަ، ރަސޫލާގެ ޒަމާނަށް ވުރެ މާ ހޫނު ގަދަ އެވެ. މިއަދު އެ ސަރަޙައްދުގެ އަންހެންކުދިން ނުވަ އަހަރުގައި ނުވަތަ އަށް އަހަރުގައި ބާލިޣު ނުވަނީ ކީއްވެގެން ހެއްޔެވެ؟ ޒަމާނީ ޢިލްމީ ހޯދުންތައް ބުނާ ގޮތުގައި އަވަހަށް ބާލިޣު ވުމާއި ލަހުން ބާލިޣު ވުމުގައި މޫސުން ކުޅޭ އެއްވެސް ދައުރެއް ނެތެވެ. އެހެނެއް ކަމަކު ބާލިޣު ވުމުގެ ކަންތައްތަކުގައި ދައުރެއް ކުޅޭ އެއްޗަކީ ހަށިގަނޑުގެ ހޯމޯންތަކެވެ. ‏

63 ކޮމެންޓް, 203 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 2%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭޑީ

24 November 2019

އައިޝަތުގެފާނުގެ އުމުރުފުޅުން 6 އަހަރުގައި ކީރިތި ރަސޫލާއާއި ކައިވެނި ބައްލަވައިގެންކަމަށްބުނެ އެވާހަކަ އޮޅުވާލައިގެން ދައްކަނީ ހަރުކަށި ފިކުރުގެ މީހުން. އެއީ އެމީހުން މީހުންގެ ކުޑަ އަންހެންކުދީންނަށް ޖިންސީ ގޯނާކުރުމުގެ ބޭނުމުގައި. ސަލަފު ޖަމިއްޔާއައި ޓުވިޓަރ ސޭހުންނަށް ނުކެރުނު މިކަން ކުއްވެރިކުރާކަށް! މިއޮތީ މިބައިމީހުންގެ އަސްލުފެންވަރު އިނގިފައި.

The name is already taken The name is available. Register?

ނާސި

23 November 2019

މައުމޫން މި ލިޔުމުގައި ޙަދީސް މިގޮތަށް ލިޔުއްވީ ކީއްވެގެން ބާވައެވެ. ރަނގަޅު ގޮތަކީ ހަދީސް މިހެން ލިޔުމެވެ ނުވަތަ ޙަދީޘް މިހެން ލިޔުމެވެ. ޢަރަބި އަކުރުތައް ތާނައިން ލިޔުމުގެ ހަމަތަކެއް ވެއެވެ.

The name is already taken The name is available. Register?

ޙަސަންބެ2

23 November 2019

ހިއްގައިމު އާޓިކަލްއެއް! ދީނާމެދު ޝައްކު އުފެދެނީ އިލްމާއި ހިލްމް ނެތް ބަޔަކު އެނީހުންގެ އަމިއްލަ ވިސްނުން ކުރިޔަށް ނެރޭތީ...

The name is already taken The name is available. Register?

ލާމް

23 November 2019

މާތް ރަސޫލާގެ މާތްކަމާއެވެ. ޢެކަލޭގެފާނު ހުވަފަތް ރިވެތި ޚަދީޖަތުގެ ފާނާކައިވެނި ބައްލަވައިގަތީ އެކަމަނާ އެކަލޭގެ ފާނަށްވުރެ އެތަށް އަހަރެއް ދޮށީ އުމުރު ފުޅެއްގައެވެ.

The name is already taken The name is available. Register?

ހަބޭސް ބޭބެ

30 October 2019

ޢެޒަމާނުގަ ކަލަންޑަރު ހުރިތޯ. ކިހިނެއްތޯ އަހަރު ގުނީ، 12 މަސް އޭރުވެސް ބަލަމުން ދިޔަތޯ. ކިތައް ދުވަސްތޯ މަހަކަށް ގުނަނީ، މީ ވިސްނާލަން ޖެހޭކަމެއް. ކުރީ ޒަމާނުގަ މީހުން އުމުރު ބަލަމުން އައިސްފައިވަނީ އެކިކަންކަމާ ގުޅުވައިގެން. ޢެކި މޫސުންތަކަށް އަންނަ ބަދަލަކާ ގުޅުވައިގެންވެސް އަހަރުބަލާ. ކަން މިހެން އޮތްއިރު 9 އަހަރު ކަނޑައެޅިގެން ބުނެވޭނެބާއޭ؟ ޙިތައް އަރާހަމަ.

The name is already taken The name is available. Register?

ކަލަންޑަރު

23 November 2019

ބައްލަވާ އޭރުވެސް ރޯމަނުންނާ ފާރިސީން ކަލަންޑަރު ގެންގުޅޭ. ޢަރަބިންނަށް ކަލަންޑަރު ނޭގުނަސް!

The name is already taken The name is available. Register?

އާޒިމްބެ

24 November 2019

ހިޖުރީން ފުރަތަމަ އަހަރުން ފެށިގެން ކަލަންޑަރު ނެހެދިޔަސް މަސްތައް ވަކިކޮށް ބަލަމުން އައިމަހެން ހީވަނީ ރަމަޟާން މަސް ޙައްޖުމަސް މުޙައްރަމް މަސްފަދަ މަސް މަހުގެ ވާހަކަ ދެކެވިފައި އެ ހުރީ

The name is already taken The name is available. Register?

ހެޔޮބަސް

25 September 2019

އެއްބަޔަކު އަނެއްބަޔަކަށް ހަޑިހުތުރު ބަސްތައް ރައްދު ކުރުމުގެ ބަދަލުގައި މިފަދަ ވަގުތުގަކުގައި ސަލާމާއި ޞަލަވާތް ލެއްވި އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާގެ ރިވެތި އަޚުލާގުން ނަމޫނާލިބިގަނެ ޢިލްމީގޮތުން މިމައްސަލަ އިތުރަށް ދިރާސާކުރަމާހިނގާތޯ. ކޮންމެބަޔަކަށްވެސް ގޯސްކޮށް ކަމެއް އެނގިފައި އޮވެދާނެ. ހައްލަކީ ތެދުވެރިކަމާއެކު އިތުރަށް ބަލައި ހޯދުން.

The name is already taken The name is available. Register?

އަޑު

25 September 2019

ސަ ޖަމިއްޔާގެ ރައީސް މި އާޓިކަލަށް ައދު ދެއްވާ ޓްވީޓް ކުރައްވައފި.ދެ ބައި މީހުން މަޝަްވަަަަަަަަރާާ ކޮށް އެކެއެޗެއް ނުކިޔަނީ ކީއްވެބާ ؟

The name is already taken The name is available. Register?

ނައްޓު

24 September 2019

އަހަރެމެން ގަބޫލުކުރާނީ ބުހާރީގަ އޮތް އެއްޗެއް. ތުނބުޅި މަތިމަސް ނުބަހައްޓާ ޝޭހަކު ދައްކާ ވާހަކައެއްވެސް ގަބޫލެއް ނުކުރެވޭނެ.ނަބިއްޔާ ސ.އ.ވ. އައިޝަތުގެ ފާނުގެ އުމުރުން 6 އަހަރުގަ ކައިވެނި ބައްލަވާގަތަސް އެއީ އަހަރެމެން އެކަމާ ސުވާލު އުފައްދަން ޖެހޭ ކަމެއްނޫން.އެއީ އެކަލޭގެފާނުގެ އަމިއްލަފުޅު ނިންމެވުމެއް ނޫން.އެއީ މާތް ﷲ އަމުރުކުރެއްވި ގޮތް.

The name is already taken The name is available. Register?

ހަސީން

25 September 2019

ތުނބުޅި މަތިމަސް ނެތަސް ޢިލްމުވެރިންވާނީ ހަމަ ޢިލްމުވެރިންނަށް. ތިބޭފުޅާ ބުޚާރީ ގަބޫލުކުރިއަސް ގުރުއާން ގަބޫލުކުރިއަސް ނުކުރިއަސް ހަޤީޤަތް އޭގެޒާތުގާ ބަދަލުނުވެ ދެމި އޮންނާނެ.

The name is already taken The name is available. Register?

ނައްޓު

24 September 2019

މާތް ނަބިއްޔާ ސ.އ.ވ. އެންމެ މާތް މަޚްލޫގު. ދުނިޔޭގައި ކުރަންވީ ކަންތަކާއި ނުކުރެވޭނެ ކަންތަކާއި ހުއްދަ ކަންތައްތައް އެކަލޭގެފާނުގެ އަމަލްފުޅުތަކުން ވަނީ ދައްކަވާފަ. މީހުންނަށް ގަބޫލުކުރަން ދަތި ކަންތައްތައްވެސް ވަނީ ނަމޫނާއިން ސާބިތުކޮށްދެއްވައި މާތް ﷲ އެންގެވި ގޮތް މީސަތަކުންނަށް އަންގަވާ ދެއްވާފަ. މިސާލަކަށް ދަރިން އެޑޮޕްޓްކުރުމުގެ މައްސަލާގެ ހާދިސާ ބައްލަވާ. މި މައްސަލާގައިވެސް ހުއްދަގޮތް ވަނީ އަންގަވާދެއްވާފަ. އަހަރެމެން ގަބޫލުކުރާނީ ބުހާރީ

The name is already taken The name is available. Register?

ބޮޑުރިޔާ

24 September 2019

މިހޯދުންތަކާ އި ހިސާބުތަކަށް ބަލާއިރު ދެކޮޅު އެބަޖެހޭ އަދި މާތް ނަބިއްޔާގެ ހުލުގުފުޅާއި އުޅުއްވިގޮތްކޮޅާވެސް ދިމާވޭ ވީމާ އެއްމެ ސައްހަ އަދި އެންމެ ރަނގަޅުގޮތަކީ މިއީ ކަމަށް އަހަރެން ބަލައިގެންފިން ޝުކުރިއްޔާ ތިޔަދެއްވި ފުރިހަމަ މައުލޫމާތަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454