މާއްދިއްޔަތަށް އިސްކަން ދިނުމަކީ ގެއްލުން ހުރި ކަމެއް

ދުނިޔޭގެ ދިރިއުޅުމުގައި އިންސާނުންނަށް އުފާ ލިއްބައިދޭ ކޮންމެ އެއްޗަކަށް ނުވަތަ ކަމަކަށް އިންސާނާ ލޯބި ކުރުމަކީ ތަބީއީ ކަމެކެވެ. އަދި މިފަދަ ތަކެއްޗާއި ކަންކަން އިންސާނުންނަށްޓަކައި ޒީނަތެއް ކަމުގައި ﷲ ވަނީ ލައްވަވާފަ އެވެ. މި ގޮތުން މުދަލާއި ދަރިންނަކީ ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަން ކަމުގައި އަލް ކަހްފު ސޫރަތުގެ 46 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެ އެވެ. އަދި އަންހެނުންނާއި ދަރިންނާއި ރަންރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަ ބައިވަރުތަކާއި މޮޅު އަސްތަކާއި ގެރިބަކަރި ޖަމަލާއި ދަނޑުބިމަށް އެދުމުގެ ލޯބި މީސްތަކުންނަށް ﷲ ޒީނަތްތެރި ކުރެއްވި ކަން އަދި އެއީ ދުނިޔޭގެ ދިރިއުޅުމުގައި އުފާ ލިބިދޭ ތަކެތިކަން އާލްޢިމްރާން ސޫރަތުގެ 14 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެ އެވެ.


މިއީ އިންސާނީ ތަބީއަތް ކަމުގައި ވިއަސް އިސްލާމް ދީން އިންސާނުން ތަރުބިޔަތު ކުރަން ބޭނުން ވަނީ މި ކަންކަމަށް އިސްކަން ދީ ރޫހާނީ ކަންކަން ހަނދާން ނައްތާލައިގެން އުޅޭ ބައެއްގެ ގޮތުގައެއް ނޫނެވެ. އެހެންވެ ކުރިން މި އިޝާރާތް ކުރި ދެ އާޔަތް ވެސް ނިންމަވާލައްވާފައި ވަނީ މި މާއްދީ ކަންކަމަށް ވުރެ އުޚުރަވީ ހަޔާތުގައި ﷲގެ ހަޒްރަތުގައިވާ ކަންކަން އަދި އެ ކަންކަން ލިބިގަތުމަށްޓަކައި ކުރަން ޖެހޭ ހެޔޮ އަމަލުތައް މާ ރަނގަޅު ކަން ބަޔާން ކުރައްވަމުންނެވެ. ވީމާ މިއިން އެނގެނީ މާއްދިއްޔަތަށް ކިތަންމެ ލޯބި ކުރިއަސް އެއަށް މީހާ ގޮސް ހުސްވެގެން ނުވާނެ ކަމެވެ. އަދި އެންމެ އިސްކަން ދޭ ކަމަކީ މާއްދީ ކަންކަން ކަމުގައި ނުހެދުމެވެ.

މާއްދީ ކަންކަމަށް އިސްކަން ދިނުމަކީ ވަގުތީ މަންފާތަކެއް އެއިން ލިބުނަސް ހަގީގަތުގައި ގެއްލުން ހުރި ކަމެކެވެ. ސަބަބަކީ މާއްދިއްޔަތަށް އިސްކަން ދޭ ނަމަ ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާގެ ހުރިހާ ހިތްވަރަކާއި މަސައްކަތެއް ހުސްކޮށްލާނީ މުދަލާއި ދަރިންނާއި މަތީ މަގާމުތައް ފަދަ ދުނިޔަވީ ހަޔާތުގެ އުފާތައް ލިބިގަތުމަށް އެކަންޏެވެ. މިފަދަ މީހުންގެ މި މަސައްކަތުގައި މާއްދީ ނޫން ކަމަކާ (މިސާލަކަށް ގާތްތިމާގެ ކަމުގެ ނުވަތަ އަވައްޓެރިކަމުގެ ގުޅުން ދެމެހެއްޓުން ފަދަ ކަމަކާ) ތައާރުޒު ވެއްޖެ ނަމަ އިސްކަންދޭނީ އަބަދުވެސް މާއްދީ ކަމަށެވެ.

ކީރިތި ޤުރުއާނުގައި ސިފަ ކުރެވިފައިވާ ގޮތުގައި މިފަދަ މީހުންނަކީ ދުނިޔަވީ ހަޔާތުގައި އެމީހުން އެކުރަނީ ރަނގަޅު ކަންކަން ކަމަށް އެ މީހުންނަށް ހީވިއަސް އެމީހުންގެ މަސައްކަތްތައް ގެއްލެނިވެގެންވާ ބައެކެވެ (އަލްކަހުފް 401). އެމީހުންގެ މަސައްކަތް ގެއްލެނިވި ކަމަކަށް ވާ އެތައް ސަބަބެއްވެ އެވެ. މިގޮތުން އެއް ކަމަކީ، އެމީހުންނަށް އެކަމުން ވަގުތީ އުފާތަކެއް ލިބުނަސް އެކަމުގެ ސަބަބުން ފަހުން އެމީހުންނާ ހިތާމަތައް ކުރިމަތިލާން ޖެހުމެވެ. މިދުނިޔޭގައި އެ ހިތާމަތަކާ ކުރިމަތި ލާން ފަހަރެއްގައި ނުޖެހުނަސް ހަމަ ކަށަވަރުން ވެސް އާޚިރަތުގައި އެ ކަމާ ކުރިމަތިލާން ޖެހުމެވެ.

ދެ ވަނަ ކަމަކީ، އެމީހުން އެކަމަށް ފަރުވާތެރިވާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ގޮސް ކިތަންމެ މުހިންމު ސަބަބެއް ދިމާވި ކަމުގައި ވިއަސް އެކަމުން ދުރުހެލި ނުވެވުމެވެ. އަދި އެކަމުން ދުރުހެލިވާން އެމީހުންނަށް މަޖްބޫރު ކުރެވިއްޖެ ނަމަ އެމީހުންގެ ހިތްތައް ނުތަނަވަސްވެ ނުބައި ހީކުރުންތައް ހީކޮށް ނުބައި ރޭވުންތައް ރާވަން ފަސް ނުޖެހުމެވެ.

މާލޭގައި މިދިޔަ އަޟްހާ އީދު ދުވަހު އީދު ނަމާދު ކުރަނީ. ދީނީ ކަންކަމަށް އިހުމާލުވެ މާއްދިއްޔަތަށް އިސްކަން ދިނުމަކީ ގެއްލުން ހުރި ކަމެއް. -- ފޮޓޯ: ހުސެން ޝަޔާހް/މިހާރު

ތިން ވަނަ ކަމަކީ، އެކަން ހާސިލު ކުރުމަށްޓަކައި ކިތަންމެ ނުބައި ވަސީލަތެއް ނަމަވެސް ބޭނުން ކުރަން ޖެހިލުން ނުވުމެވެ. ހަތަރު ވަނަ ކަމަކީ، އާދަމުގެ ދަރިއަކަށް ވީތީ ﷲ ދެއްވާފައިވާ ކަރާމާތްތެރިކަން ވެސް ގެއްލުވާލައި އެންމެހާ ޙުރުމަތްތެރިވެގެންވާ ކަންކަމަށް އެއްވެސް ލަދެއް ހަޔާތެއް ނެތި އަރައިގަންނަމުން ދިއުމެވެ. ވީމާ އެމީހުންގެ މަސައްކަތް ވެގެން އެދަނީ ގެއްލެނިވި މަސައްކަތަކަށެވެ. އެމީހުންގެ އަމިއްލަ ނަފްސަށް ހިތާމަތަކާ ކުރިމަތި ކުރުވައި އެމީހުންގެ ކަރާމަތްތެރިކަން އަމިއްލައަށް ގެއްލުވާލެވޭ ކަމަކަށެވެ.

މިފަދަ މީހުންގެ މި މާއްދިއްޔަވަންތަ ކަމުން ގެއްލުން ލިބެނީ ހަމައެކަނި މި މީހުންނަކަށް ނޫނެވެ. މި މީހުންނާ އެކުގައި ދިރިއުޅޭ އެހެން އެންމެންނަށް ވެސް ގެއްލުން ލިބެ އެވެ. އަދި ވަކިން ހާއްސަކޮށް މިފަދަ މީހުންނަކީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ފަދަ މަގާމުތަކުގައި ތިބޭ ބައެއް ނަމަ މި މީހުންގެ މަސްއޫލިއްޔަތުގެ ދަށުގައިވާ އެންމެންނަށް ގެއްލުންތައް ފޯރަ އެވެ. މިސާލަކަށް ގައުމުތަކުގައި ކަންކަމާ އިސްވެ ތިބޭ މީހުންނަކީ މިފަދަ މާއްދިއްޔަތަށް ލޯބި ކުރާ ބައެއް ނަމަ ރައްޔިތުންގެ ހައްގުތައް އަނިޔާވެރި ގޮތުގައި ގެއްލިގެން ދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ވީމާ މުސްލިމުންގެ މައްޗަށް ލާޒިމުވެގެން ވަނީ މާއްދިއްޔަތަށް އިސްކަން ދިނުމަށް ވުރެ ބޮޑަށް ރޫހާނިއްޔަތަށް އިސްކަން ދިނުމެވެ. މި ދުނިޔޭގެ ހަޔާތާއި އޭގެ ޒީނަތްތެރިކަން ދެނެގެންވާ ހާލު އިންސާނިއްޔަވަންތަ މާތް ސިފަތައް ވެސް ދަނެ އެ ސިފަތަކަށް ބޮޑަށް އިސްކަން ދިނުމެވެ. ތިމާގެ އެދުމެއް ބޭނުމެއް އޮތް ނަމަވެސް އެފުއްދުމުގައި އެހެން މީހަކަށް ގެއްލުމެއް ލިބޭނަމަ ތިމާގެ އެދުން ދޫކޮށްލައި އެހެން މީހުންނަށްޓަކައި ގުރުބާން ވުން ނުވަތަ އެހީވުމާއި ހެޔޮ ފޯރުވުން ނުވަތަ ހެޔޮ ނަސޭހަތް ދިނުމާއި ވާގިވެރިވުން ފަދަ މާތް ސިފަތަކަށް އިސްކަން ދިނުމެވެ.

މިގޮތަށް އަބަދުވެސް މާއްދީ ކަންކަމުގެ ކުރިމަތީ މާތް ސިފަތަކަށް އިސްކަން ދޭ ނަމަ އޭގެ މަންފާ ދުނިޔެ އާއި އާޚިރަތުގައި ލިބޭނެކަން ކަށަވަރެވެ. ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި އެ ފަދަ މީހުންނަކީ އެމީހުން އެ ހިދާޔަތުގެ މަގު އިހުތިޔާރު ކުރީތީވެ ﷲ އެމީހުންނަށް ހިދާޔަތް އިތުރު ކުރައްވާނެ ބައެކެވެ. އެމީހުންގެ އެ އަމަލުތަކަކީ ސާލިހު އަދި އަބަދަށް ދެމިހުންނަނިވި އަމަލުތަކެކެވެ. ﷲގެ ހަޒްރަތުން ސަވާބު ލިބުމުގައި އެ އަމަލުތައް މާ ހެޔޮ ވެގެންވެއެވެ (މަރިޔަމް 67). އަދި އެފަދަ މީހުންނަކީ ބިމުގައި އެމީހުންނަށް އުޅެވޭނެ ގޮތްތައް ﷲ ތަނަވަސް ކޮށްދިނުމުން ނަމާދު ގާއިމުކޮށް ޒަކާތްދީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރާ މީހުންނެވެ (އަލްޙައްޖު 14).

އެފަދަ މީހުންގެ ހިދާޔަތުގެ މައްޗަށް ﷲ ހިދާޔަތް އިތުރު ކުރައްވަނީ މާއްދިއްޔަތާ ރޫހާނިއްޔަތާ ދެބައި އެމީހުންނަށް އެނގި ހުރެ ރޫހާނީ ބަޔަށް (އެބަހީ ސާލިހު އަމަލުތަކާއި މާތް ސިފަތަކަށް) އެމީހުން ދޭ އިސް ކަމުގެ ސަބަބުންނެވެ. އެމީހުން މި ރޫހާނިއްޔަތަށް އިސްކަން ދޭ ކަމުގެ ހެއްކަކީ ބިމުގައި އެމީހުންނަށް ތަނަވަސްކަމާއި ފަހިކަން ލިބުނު ނަމަވެސް ނަމާދު ކުރުމާއި ޒަކާތް ދިނުމާއި ހެޔޮ ނަސޭހަތް ދިނުން އެއީ އެންމެ މުހިންމު ކަންކަން ކަމުގައި އެމީހުން ބަލާތީ އެވެ.

އިސްލާމް ދީން މިފަދަ މީހުންނަށް ތައުރީފު ކުރި ނަމަވެސް އޭގެ މާނައަކީ ދުނިޔަވީ ހަޔާތުން މުޅިން އެއްކިބާވެ ހުރެ މުޅިން ރޫހާނިއްޔަ ބަޔަކަށް ވުމެއް ނޫނެވެ. އިސްލާމް ދީން އެގޮތަކަށް އަމުރެއް ނުކުރެ އެވެ. އެއާ ހިލާފަށް އިސްލާމް ދީން އަންގަވަނީ ދުނިޔަވީ ހަޔާތުން ވެސް ލިބެން އޮތް ނަސީބު ހަނދާން ނައްތާނުލައި އެ ހޯދުމަށެވެ. ހަމައެކަނި އަންގަވަނީ އެ މާއްދިއްޔަ ފައިދާ ހޯދުމުގައި ރޫހާނީ ކަންކަމުން ގުރުބާން ނުވުމަށެވެ. އެހެނީ ދާއިމަށް ދެމިގެންވާ އެއްޗަކީ އެފަދަ ރޫހާނިއްޔަ ކަންކަމެވެ.

ވީމާ މާއްދިއްޔަތުގެ ކުރިމަތީ އަބަދުވެސް ރޫހާނިއްޔަ ވަންތަ ކަމަށް އިސްކަން ދޭން ޖެހޭނެ އެވެ. އަބަދަށް ދެމިހުންނަ އެއްޗަކީ އެއީ އެވެ. މާއްދިއްޔަތަކީ ފަނާވާ އެއްޗެކެވެ. ތިމާ މި ދުނިޔެ ދޫކޮށް ދާއިރު ގެންދެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް ސާލިހު އަމަލުތަކާއި މާތް ސިފަތަކަކީ އާޚިރަތުގެ ގޮވައްޗަށް ގެންދެވޭނެ އެއްޗެކެވެ. އެބަހީ އެކަމުގެ ސަބަބުން އާޚިރަތުގައި ސަވާބާއި ދަރުމަ އަބަދާއި އަބަދު ލިބިލިބި ހުރުމެވެ.