އާ ސުޕްރީމް ކޯޓަށް: މާޒީ ވަރަށް ހުތުރު، ދެން ރަނގަޅުކުރޭ!

މީގެ ނުވަ އަހަރު ކުރިއަށް ހަނދާންތައް ދޫކޮށްލާ ނަމަ ފެންނާނީ ސުޕްރީމް ކޯޓާ ހެދި ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ރާއްޖެ ވެއްޓިފައި އޮތް ތަނެވެ. ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީއަށް މަޖިލިހުގައި މެޖޯރިޓީ ނެތަސް، އާ ސުޕްރީމް ކޯޓު އެކުލަވާލުމުގައި އިދިކޮޅު ފަރާތްތަކުގެ އެއްވެސް ބަހަކަށް ދީލައިނުލާން ގަދަ ދެއްކި އެވެ. އެ ގަދަހެދުމުގައި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި، ބަންދުކުރަން ވެސް، ނާކާމިޔާބު މަސައްކަތްތަކެއް ކުރި އެވެ.


ކުރިމަތީގައި އޮތީ އިންތިގާލީ މަރުހަލާއެއް ނިމި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލުމުގެ މަސައްކަތެވެ. އާ ގާނޫނުއަސާސީ 2008 ގައި ތަސްދީގުކުރުމާ އެކު އުފެދުނީ އިންތިގާލީ ސުޕްރީމް ކޯޓެކެވެ. އެ ކޯޓުގެ މުއްދަތެއް ކަަމަށް، ގާނޫނުއަސާސީގައި ކަނޑައެޅީ ދެ އަހަރު ދުވަހެވެ. އެ ދެ އަހަރު، އޮގަސްޓް 7، 2010 ގައި ހަމަވާން ކައިރިވި އިރު، ރާއްޖޭގެ ވެރިކަން 30 އަހަރުގެ ދިގު މުއްދަތެއްގައި ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނު އިންދެވި ސިޔާސީ މުގޫތައް އޮތީ އިދިކޮޅުގައި ވަރުގަދައަށް ހެދިފަ އެވެ.

ޑީއާރުޕީގެ ކޯލިޝަންގެ އަގުލަބިއްޔަތު ރައްޔިތުންގެ މަޖިލިހުގައި އޮތުމުން، އޭރުގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮންޓްރޯލްކޮށް، ޝަރުއީ ނިޒާމަށް ނަޝީދުގެ ސަރުކާރާއި އެމްޑީޕީން ބޭނުންހާ ބަދަލެއް ގެނެވޭނެ ފުރުސަތެއް ނެތެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ނަންތަައް ފާސްކުރަން އިދިކޮޅު ކޯލިޝަންގެ ރުހުން ބޭނުންވެ އެވެ. އެކަމަކު، ސަރުކާރާއި އެމްޑީޕީން ފުރަތަމަ އުޅެގަތީ، ގަދަކަމުން އެކަން ކުރާށެވެ. އެ ގޮތްދޫނުކުރުން ބަދަލުވީ އެމްޑީޕީ އާއި ޑީއާރުޕީގެ ހަމަނުޖެހުންތަކަކަށެވެ.

މައްސަލައަށް ހައްލު އައީ، އާންމުންނަށް ހާމަނުކުރިޔަސް، ނަޝީދާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަަރާތަކަކާއި އެއްބަސްވުންތަކެއްގެ ތެރެއިންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރާއްޖޭގެ ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓަކީ ސިޔާސީ ޑީލެކެވެ. ބެންޗަށް ފަނޑިޔާރުން ކަނޑައެޅީ، ނަޝީދަށް ވަކި އަދަދެއް، މައުމޫނާއި އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމާއި ޑރ. ހަސަން ސައީދަށް އެއްބަސްވެވޭ ވަކި ބޭފުޅުންތަކެއް ހިމަނައިގެންނެވެ. ހަގީގަތުގައި އެއީ ސިޔާސީ ކޯޅުމެއްގެ ތެރެއިން އުފެއްދި ސިޔާސީ ކޯޓެކެވެ.

އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ވޯޓު ލައިިގެން އާ ރައީސަކު 2008 ގައި ހޮވި އެވެ. ރައްޔިތުން ވޯޓު ލައިގެން އާ ރައްޔިތުންގެ މަޖިލިހެއް 2009 ގައި އިންތިހާބުކުރި އެވެ. އެކަމަކު އާ ގާނޫނުއަސާސީގެ ދަށުން މިނިވަން ޝަރުއީ ނިޒާމެއް ގާއިމްކުރަން ޖެހޭ އިރު، އެންމެ މަތީ ކޯޓުގެ އަގުލަބިއްޔަތު ދިޔައީ އޭރު ރާއްޖެ އިން ލިބެން ތިބި، އެންމެ ނަޒާހަތްތެރި، އެންމެ ތެދުވެރި، އެންމެ އިތުބާރު ހިފޭ ފަނޑިޔާރުންނެއްގެ އަތްމައްޗަކަށް ނޫނެވެ.

އޭގެ ނަތީޖާ ދިވެހި ރައްޔިތުން ވަރަށް ހިތިކޮށް ތަޖުރިބާކޮށްފި އެވެ. ސުޕްރީމް ކޯޓު ސިޔާސީވެ، ގާނޫނުއަސާސީއަށް ވުރެ ވެސް މައްޗަށް، އެރި އެވެ. ކަނޑައެޅިގެން އަނިޔާވެރިކަން ސިފަވާ ހުކުމްތައް ދެމެހެއްޓި އެވެ. ރިޝްވަތުގައި ޖެހުމާއި އަމިއްލަ މަސްލަހަތު އިސްކޮށް ބޮޑެތި ހުކުމްތައް ކުރި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ސުޕްރީމް ކޯޓު ވައްދަން ބޭނުންވި ކޮންމެ ކަމަކަށް ފަނޑިޔާރުން ތިއްބެވީ ބޯލަނބައިގެންނެވެ. ވެރިކަން ހިންގާ ބާރުގެ އެދުންތަކަށް ފުރަގަސްދީ، ފެބްރުއަރީ 1 ގައި، ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޮޑެތި އަމުރުތަކެއް ނެރުނަސް، އަދި އޭގައި ކުރިން އެ ކޯޓުން ލޯމަރާލި އަނިޔާވެރި ބައެއް ކަަންކަން ބާތިލްކަމަށް ކަނޑައެޅިޔަސް، އެއީ ވެސް ސުޕްރީމް ކޯޓަކުން ކުއްލިއަކަށް އަމަލްކުރަން ޖެހޭ ގޮތްތޯ ސުވާލު އުފެދެ އެވެ. ހަގީގަތުގައި ފެބްރުއަރީ 1 ގެ އަމުރާ އެކު ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ މިއީ ކޮން ކަހަލަ ކޯޓެއް ހެއްޔެވެ؟

މިދިއަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރަން އޭރުގެ ޕީޕީއެމުން ހުށައެޅި މައްސަލައިގެ ތެރޭގައި ސުޕްރީމް ކޯޓު ސަރަހައްދަށް އެއްވެ ތިބި މީހުން ނުރުހުން ފާޅުކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ކޯޓުގައި އޭރު ތިއްބެވި ހުރިހާ ފަނޑިޔާރުން މިހާރު މި ވަނީ ބަދަލުވެފަ އެވެ. އާ ސުޕްރީމް ކޯޓު އުފެއްދި ފަހުން ފުރަތަމަ ފަހަރަށް މުޅި ބެންޗު އާވެއްޖެ އެވެ. ޒުވާން ވެއްޖެ އެވެ. އަދި އަންހެން ދެ ފަނޑިޔާރަކު ވެސް އެންމެ މަތީ ކޯޓުން ޖާގަ ހޯއްދަވައިފި އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ އަޑު އެންމެ ގަދައަށް އުފުލި އެމްޑީޕީން މަޖިލިހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލް ކޮށްގެން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނަވައިގެން މި ގެނައި ބަދަލު ގިނަ ބަޔަކަށް ކަމުދާނެ އެވެ.

މިހާތަނަށް އައްޔަންކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ސިޔާސީ ކުލައެއް ޖެހިގެން، ނުވަތަ ފަނޑިޔާރަކަށް ވަޑައިގަންނަވާ ބޭފުޅަކު އާންމުންގެ ތެރޭގައި މާ ބަސް ގިނަވުމުގެ ޝަކުވާއެއް އޮންނާނީ ހުސްނުއްސުއޫދާ މެދުގައި އެކަންޏެވެ. ދެން ތިއްބެވި އަނެއް ހަތަރު ފަނޑިޔާރުން ކަމަށްވާ އާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދާ މެދު، އެގޮތަށް ދެއްކޭނެ ވާހަކައެއް އަދި ނެތެވެ.

ސުއޫދުގެ މާޒީއަށް ބަލާ އިރު، އޭނާ ކުރައްވާފައި ހުރި ސިޔާސީ ޓްވީޓްތަކާއި އަސާސީ ހައްގުތަކާއި ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު، އެކި ވަސީލަތްތައް ބޭނުންކުރައްވައިގެން، ސީދަލަށް ފާޑުވިދާޅުވެފައި ވިޔަސް، ވަކި ކަންކަމުގައި އުސޫލުތައް ހިފަހައްޓަވާކަން ވެސް ސާބިތުވެ އެވެ. އޭގެ އެންމެ ސާފު ހެއްކެއްގެ ގޮތުގައި އާންމުންނަށް ފެންނަަން އޮންނާނީ 2010 ގެ ހަމަނުޖެހުންތަކުގައި ސުޕްރީމް ކޯޓުގައި އޭރުގެ ސަރުކާރުން ތަޅުއެޅުވުމުގެ މައްސަލަގަނޑުގެ ތެރޭގައި، ބަންޑާރަ ނައިބުކަމުން އިސްތިއުފާ ދެއްވުމެވެ. ނަޝީދުގެ ކެބިނެޓުގެ އެހާ މުހިންމު މަގާމެއް، އެހާ ނާޒުކު ދަނޑިވަޅެއްގައި ދޫކޮށްލައްވާނީ، ރައީސް ބޭނުންފުޅުހާ ގޮތަކަށް އަމަލްކުރައްވަން އޭނާ ތައްޔާރުނުވުމުންނެވެ. އޭރު އޭނާގެ އަރިސް ބައެއް މީހުން ކައިރީގައި ވިދާޅުވި ކަމަށް ވަނީ "ކެތްކުރެވޭނީ ވެސް ވަކި ވަރަކަށް" ކަމަށެވެ.

ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާނެ ސަރުކާރެއް އެއްވެސް އިރެއްގައި ނާންނާނެ އެވެ. މިހާރުގެ ސަރުކާރުން ވެސް އެ ނުފޫޒު ކޮންމެވެސް ހިސާބެއްގައި ގެންގުޅޭނެ އެވެ. އަދި ސިޔާސީ ބާރުވެރިން އަބަދުވެސް ފަނޑިޔާރުންގެ ކަންކަމަށް އަތް ބޭނޭތޯ މަސައްކަތްކުރާނެ އެވެ. އެ ހުރިހާ ނުބައެއްގެ ތެރެއިން ވެސް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުނުވާނެ ފަނޑިޔާރުން ވެސް ރާއްޖެ އިން ލިބޭނެ އެވެ. ކެތްނުކުރެވޭ ވަރުގެ ނުފޫޒެއް އަންނަ ނަމަ މަގާމު ދޫކޮށްލަން ޖެހިލުންނުވާނެ ފަނޑިޔާރުން ވެސް ތިބޭނެ އެވެ.

އާ ސުޕްރީމް ކޯޓުގައި މިހާރު އެ ތިއްބެވީ އެފަދަ ފަނޑިޔާރުންތަކެއް ހެއްޔެވެ؟ ނުވަތަ މިހާރުގެ ބެންޗުން ވެސް ނެރޭނީ މާޒީގައި ފެނުނު ފަދަ ހުތުރު، ތާރީޚުގައި ކަނޑައެޅިގެން ނުބައި ކަމަށް ލިޔެވޭނެ ނިންމުންތަކެއް ހެއްޔެވެ؟ ސިޔާސީ އިދިކޮޅު ހަރަކާތްތައް ފުނޑާލަން، ނުވަތަ ސިޔާސީ ވަކިވަކި ބަޔަކު ނެތިކޮށްލަން، ކޮންމެ ފަދަ އަމުރެއް/ހުކުމެއް ވެސް ނެރުއްވަފާނެ ހެއްޔެވެ؟ ސަރުކާރަށް ޖެއްސުންކުރުމުގެ ނިޔަތެއް އެއްވެސް އިރަކު އަތުވެދާނެ ހެއްޔެވެ؟ އެކި މައްސަލަތަކުގައި ތަފާތު ރައުޔުތަކެއް ފެނިދާނެ ހެއްޔެވެ؟ ނުވަތަ، ކުރީގެ ސުޕްރީމް ކޯޓު ގޮތަށް، ހުރިހާ ކަމެއްގައި ވެސް ހުރިހާ ފަނޑިޔާރުން އިއްތިފާގުވާނީ ހެއްޔެވެ؟

ރާއްޖޭގެ އާ އުއްތަމަ ފަނޑިޔާރަކަށް އަހުމަދު މުއުތަސިމް އަދުނާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ ---ފޮޓޯ: ރައީސް އޮފީސް

ހަނދާނުގައި ބަހައްޓާށެވެ! މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ 2010 އާ މުޅިން ތަފާތު ރާއްޖެއެކެވެ. ސިޔާސީ ބާރުވެރިކަން އޮތީ އެއް ފަޅިޔަށް، އެމްޑީޕީ ކޮޅަށް، ބުރަވެފަ އެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު، ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ބަދަލެއް ނުވެ އެވެ. އަނިިޔާވެރިކަމާއި ހިޔާނާތުން ކަޅުވެފައި އޮތް ސަރުކާރެއްގެ ހިޔަނިން އިދިކޮޅު ހަރަކާތަކަށް އަދި ނުނިކުމެވެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓު މުޅިން އާވެގެން ދިޔަ އިރު ވެސް އާންމު ރައްޔިތުންގެ މާ ބޮޑު ބަހުސެއް ނެތެވެ. އާންމު ރައްޔިތުން އެ ތިބީ، އާ ސުޕްރީމް ކޯޓަށް އިތުބާރުކޮށްގެން ކަމަށް ބަލަމާ ހިނގާށެވެ. އެކަމަކު އެއީ އަބަދަށް ދެމިގެންދާނެ އިތުބާރެއް ނޫނެވެ.

ސުއޫދަކީ އަޅުގަނޑާ ވަރަށް ރައްޓެހި ބޭފުޅެކެވެ. ކޮންމެ ވަގުތަކު ވެސް ވާހަކަ ދެކެވޭ، ހިޔާލު ތަފާތު ވިޔަސް، ބަހުސް ކުރިއަށް ގެންދަން ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ތަޖުރިބާ ހުރި، ގާނޫނު ރަނގަޅަށް ދެނެވަޑައިގަންނަވާ، ޖެހިލުން ވެސް ކުޑަ ބޭފުޅެކެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރަން ނަން ފޮނުވުމުން، އެއް ކަމެއް ކޮށްދެއްވަން އެދުނީމެވެ. އެއީ އެންމެ ފަހު ޓްވީޓެއްގެ ގޮތުގައި "މިއަދުން ފެށިގެން އަޅުގަނޑު ހަމައެކަނި ތަބާއަވާނީ ރާއްޖޭގެ ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށެވެ. އެއްވެސް މީހެއްގެ ނުފޫޒެއް އަޅުގަނޑުގެ މައްޗަކަށް ނުފޯރުވޭނެ އެވެ،" މިހެން ލިއުއްވާފައި، ޓުވީޓެއް ކުރެއްވުމަށެވެ.

އޭނާ ހިނިގަނޑެއް ޖައްސަވާލެއްވި އެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާ އެކު ފަނޑިޔާރު ސުއޫދު އެއްވެސް ޓްވީޓެއް ނުކުރައްވަ އެވެ. އޭނާ ކުރެއްވި ކަމަކީ، ޓްވީޓަ އެކައުންޓް ޑިއެކްޓިވޭޓް ކުރެއްވުމެވެ. އޭގެ މާނައަކީ ހުރިހާ ކަމެއް މާޒީވެއްޖެއޭ ވިދާޅުވުން ކަމަށް ބަލަމާ ހިނގާށެވެ.

މިހާރު މި އޮތީ އެމްޑީޕީގެ ފުރިހަމަ އިތުބާރު ލިބިގެން އުފެއްދި އާ ސުޕްރީމް ކޯޓެކެވެ. ހުރިހާ ހައްގެއްގެ، ބޮޑެތި ހުރިހާ މައްސަލަތަކެއްގެ، ދުސްތޫރީ ހުރިހާ ހިޔާލު ތަފާތުވުމެއްގެ ވެސް ފަހު ބަސް ބުނަން ޖެހެނީ އެ ކޯޓުންނެވެ. އެހެންކަމުން، ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އެދުމަކީ، މިދިއަ 10 އަހަރު ސުޕްރީމް ކޯޓުން ދެއްކި ސިޔާސީ ވަކި ކޮޅެއް ނެގުމާ، އާ ފަނޑިޔާރުން ދުރަށް ވަޑައިގަންނަވާށެވެ. ސުޕްރީމް ކޯޓުގެ ހުދޫދުގެ ތެރޭގައި މަސައްކަތް ކުރައްވާށެވެ. ގާނޫނުއަސާސީއަށް ވުރެ މައްޗަށް "އުދުހި" ނުގަންނަވާށެވެ.

އެއިން ކަމެއްގައި ނަންފުޅު ކިލަނބު ކުރެއްވުމަށް ވުރެ، ބެންޗު ދޫކުރައްވާ ގެކޮޅަށް ވަޑައިގަތުން ވެސް އަމިއްލަ ނަފުސަށް ހެޔޮކަން ބޮޑުވާނެ އެވެ.