ޚިޔާލު / ޖުޑީޝަރީ

އިންތިގާލީ އިންސާފު ހޯދައިދިނުމުގައި ސަރުކާރުގެ ވިސްނުން ހަނި!

މާލޭގައި އޮތް މުޒާހަރާއެއްގެ ތެރެއިން ފުލުހުން ބަޔަކު ހައްޔަރުކުރަނީ: އެކި ސަރުކާރުތަކުގައި އެތައް ބަޔަކަށް ނުހައްގު އަނިޔާ ލިބިފައިވޭ

އަހްމަދު މުހައްމަދު (ފޯމީ)

02 ޖޫން 2020

10 comments
sad icon 59%

އިންތިގާލީ އިންސާފު ނުވަތަ (ޓްރާންސިޝަނަލް ޖަސްޓިސް) އަކީ ދިގު މުއްދަތެއްގައި ކޮށްފައި ހުރި އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފު ކަންކަން ޝަރުއީ ދާއިރާގެ ތެރެއިންނާއި ބޭރުން ރައްޔިތުންގެ އިތުބާރު ހުރި ގޮތެއްގައި ބެލޭނެ ނިޒާމެއް ގާއިމްކުރުމެވެ. އަދި މިކަންކަން ތަހުގީގުކޮށް، މިކަމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އަނިޔާ އާއި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެކަށީގެންވާ އިންސާފާއި ބަދަލު ހޯދައި ދިނުމެވެ. މި ނިޒާމުގައި އެކުލެވިގެންވާ މައިގަނޑު މަފްހޫމްތަކަކީ، ތެދު ހޯދުމާއި، މައާފުކުރުމާއި، ބަދަލު ހޯދައިދިނުމާއި، ކޯޓު މަރުހަލާތައް ބޭނުންކޮށް މައްސަލަތައް ބެލުމާއި، ދައުލަތުގެ ނިޒާމުގައި މިހާރު ވެސް ހުރި އިންސާނީ ހައްގުތަކާއި މިނިވަންކަމާ ފުށުއަރާ ކަންކަން އިސްލާހު ކުރުމާއި، އަދި މިކަހަލަ ކަމެއް ދެން ނުހިގާނެކަން ކަށަވަރު ކުރުމެވެ. މި ލިޔުމުގައި ބަލައިލާނީ ޒަމާނުންސުރެން ރާއްޖޭގައި ނިޒާމީ ގޮތެއްގައި ކޮށްފައި ހުރި އަނިޔާ އާއި މިކަންކަން ބެލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ހުރި ބައެއް މައްސަލަތަކަށެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ދުވަސްވަރު އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވެ އެވެ. ރާއްޖޭގައި ވެސް ޒަމާނުންސުރެން އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފަށް ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާއެއް ރައްޔިތުންނަށް ދީފައިވެ އެވެ. މިގޮތުން އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން އެކި ގޮތްގޮތަށް އަނިޔާ ލިބިފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. މިފަދަ ކަންކަމުގެ ތެރޭގައި، މީހުންނަށް އަދަބު ދިނުމުގެ ގޮތުން ޖާޑިއަށް ލުމާއި، ކުޑަ ގޮޅިއަށް ލުމާއި، އަނދަގޮނޑި ޖެހުމާއި، މީހާއަށް އަނިޔާވާ ޒާތްޒާތުގެ ބިޑި އެޅުވުމާއި، ގައިގައި ކަރުގޮހޮރު އެލުވުމަށް ފަހު ދަންވަރު މޫދަށް ލުމާއި، ގައިގައި ހަކުރު ހޭކުމަށް ފަހު މީހާ ގަޔަށް ހިނި ފަދަ ސޫފިތައް އަރާނޭހެން ގަސްގަހުގައި ބަނުމާއި، ޗޭނު ޖެހުމާއި، އެންގަލަށް ނެގުމާއި، ތަހުގީގު ކުރުމެއް ނެތި ބަންދުގައި އެތައް ދުވަހެއް އާއިލާއާ ވަކިން ބެހެއްޓުމާއި، މުގުރުން ތަޅާ، މެރުން ފަދަ ލާއިންސާނީ އަމަލުތައް ހިމެނެ އެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެތައް ރައްޔިތުންނަކަށް ނުހައްގުން ބޮޑެތި އަނިޔާ ދީފައިވެ އެވެ. ބައެއް މީހުން ދުނިޔެ ދޫކުރީ ޖަލުގައި ލިބުނު އަނިޔާތަކުގެ ވޭނުގަ އެވެ. ވިލިނގިލީ ޖަލުގައި ވެސް އެއްވެސް ރަހުމަތެއް ނެތި އެތައް ބަޔަކަށް އަނިޔާދިންކަމުގެ ވާހަކަތައް، ފޮތްތަކުގައި ލިއެފައިވެ އެވެ. ރަށްރަށުން ޖަލަށް ގެންނަ މީހުންނާ މެދު ތަފާތުކުރުމާއި އިހާނެތިކަން ވަކިން ބޮޑު ކަމަށް، ތާރީޚު ހެކިދެ އެވެ.

ހުވަދު އާއި ފުވައްމުލަކާއި އައްޑޫ ރައްޔިތުން އިނގިރޭސިންނާ ގުޅިގެން ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި އެ އަތޮޅުތަކުގެ އެތައް ބަޔަކަށް ވޭންދެނިވި އަދި ނުހައްގު އެތައް އަނިޔާއެއް ދިނީ ވެސް ނާސިރުގެ ވެރިކަމުގަ އެވެ. އެގޮތުން މިކަމާ ގުޅިގެން ނާސިރު ދައުރުގައި ރާއްޖޭގެ ޖަލުތަކުގެ އަނިޔާގެ ވާހަކަ ބަޔާންކުރައްވަމުން، ތާރީޚީ އިލްމުވެރިޔާ އަބްދުލް ހަކީމް ހުސައިން މަނިކު ވަރަށް އަސާރާ އެކު 'އިއްޔެ' މަޖައްލާގައި ލިއުއްވި އެވެ: "މޯލްޑިވް ސްޓާރުން ތިން ސަތޭކައެއްހާ ރައްޔިތުން މާލެ ގެނެވި ބޮޑެތި އަނިޔާތަކާއި ކުރިމަތިލާން ޖެހުނެވެ. ހައްޔަރުކޮށްފައި ތިބި މީހުން އަތްދަނޑި މައްޗަށް އުފުލުމަށް ފަހު ބިންމައްޗަށް ވައްޓާލަނީ އެވެ. ދެން ބޫޓުން ތަޅައި އަތަށާއި ފަޔަށް އަރައި އަނެއްކާވެސް ގޮޅިއަށް ކޮށްޕާލަނީ އެވެ."

މީގެ އިތުރުން ވެސް އަނިޔާގެ އެތައް ވާހަކައެއް ތާރީޚީ ފޮތްތަކުން ފެންނަން އެބަ ހުއްޓެވެ. އަދި އެ އަނިޔާތައް ތަހައްމަލުކުރަން ޖެހުނު މީހުންނާއި އާއިލާތަކުގެ ދުލުން މިހާރު ވެސް އެވާހަކަތައް ދައްކަ އެވެ. އެތައް ރައްޔިތުންނެއް ވަނީ އެ އަނިޔާވެރި އަމަލުތައް ލޮލުން ދެކިފަ އެވެ. ދިވެހި ސިފައިން، ތިނަދޫ ބައެއް އަންހެނުން ރޭޕްކުރިކަމުގެ ވާހަކަތައް ވެސް، އެ ރަށު މީހުން މިހާރު ވެސް އަސަރާ އެކު ކިޔައިދެ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރު ޖަލުތަކުގައި ނުހައްގުން ދިން އަނިޔާތަކާއި އިގްތިސާދީ އަދި އިޖްތިމާއި ގޮތުން ދީފައި ހުރި އަނިޔާތައް ލައްކަ ގިނަ އެވެ. އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާ މީހުންގެ ލިސްޓް ދިގެވެ. ހާއްސަކޮށް ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުންނާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި އެތައް ޒުވާނުންނަށް އެތައް އަނިޔާއެއް ޖަލުތަކުގައި ދީ ނުހައްގުން ހުކުމް ކޮށްފައި ވެސް ވެއެވެ.

ޖަލުގެ އަނިޔާވެރިކަން މުޅި ރާއްޖެއަށް އެނގުނީ ސެޕްޓެމްބަރު 19، 2003 ގައި އިވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އޭގެ ފަހުން ބަޑި ޖަހައިގެން އެތައް ގައިދީންނެއްގެ ލޭ އޮހޮރުވާލި ހާދިސާއިންނެވެ. މީގެ އިތުރުން ރައީސް މައުމޫނުގެ ބާރު ދެމެހެއްޓުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން އެތައް ރައްޔިތުންނެއްގެ ވަޒީފާ ގެއްލި ކާންބޯން ކުރި މަސައްކަތްތަކުން އަތްދޫކޮށްލަން މަޖުބޫރުކުރުވި އެވެ. އެކަމަކު އެފަދަ އަނިޔާތައް ލިބުނު އެއްވެސް މީހަކަށް އިންސާފާއި ބަދަލު ލިބިފައެއް ނުވެ އެވެ. ހައިރާންވާން ޖެހޭ ކަމަކީ ރައީސް ނާސިރުގެ ދައުރުގައި ހުދު ރައީސް މައުމޫނު ޖަލުގައި ތަހައްމަލްކުރެއްވި އަނިޔާތައް ރައީސް މައުމޫނުގެ ދައުރުގައި ވެސް ނުހުއްޓި ކުރިއަށް ދިޔަކަމެވެ.

ކުށަށް ތުހުމަތުކުރެވޭ މީހުން ބައިތިއްބާ ތަނެއް: ރާއްޖޭގެ ޖަލުތަކުގެ ތާރީޚު އޮތީ ވަރަށް އަނދިރިކޮށް

ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ޖަލުތަކުގައި ކުރާ އަނިޔާ ހުއްޓުވިފައެއް ނުވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވެސް އެތައް ބަޔަކަށް އަނިޔާ ދީފައިވެ އެވެ. ރައްޔިތުންގެ ގެދޮރު ފޭރުމާއި، ބިން ބެހުމުގައި ކޯޓުތައް މެދުވެރިކޮށް ބޭއިންސާފުން މައްސަލަ ނިންމުމާއި، ވިޔަފާރިތައް ނުހައްގުން ދައުލަތަށް ނެގުމާއި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ބެހުމާއި، ދައުލަތުގެ މުދަލާއި ރައުސްމާލު ވަކި ބަޔަކަށް ހިބަކޮށް ދިނުން ފަދަ އިޖުތިމާއީ އަދި އިގްތިސާދީ އެތައް އަނިޔާއެއް ހިންގާފައިވެ އެވެ.

ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހައްގުތަކާއި މިނިވަންކަން ދީފައިވިޔަސް އެތައް ބަޔަކު ޖަލުތަކުގެ ތޭރިތަކުގެ ފަހަތުގައި މުއްދަތެއް ނެތި ނުހައްގުން ގެންގުޅުނެވެ. އަދި ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ރަށްރަށު ރައްޔިތުން ތަރައްގީގެ މަޝްރޫއުތަކުގައި ތަފާތުކޮށް އެ ރައްޔިތުންގެ އިގްތިސާދީ މިނިވަންކަން ހިފަހައްޓައި ހައްގުތައް ހަނިކުރުމުގެ އެތައް ގާނޫނަކާއި ގަވާއިދުތައް ބަދަލުކޮށް، އަލުންބަލުން ހަދާފައި ވެސް އެބަ ހުއްޓެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއް ވައުދަކީ އިންތިގާލީ އިންސާފު ގާއިމްކުރެއްވުމެވެ. އެކަމަކު މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ އެންމެ ބޮޑު އެއް މައްސަލައަކީ އިންތިގާލީ އިންސާފު ބެލޭނެ މުއްދަތުގެ ގޮތުގައި ޖަނަވަރީ 1، 2012 އިން ނޮވެމްބަރު 17، 2018 އަށް ހަމަޖެއްސުމެވެ. އެހެންކަމުން މިހާރު އޮތް ގޮތުން އެ ބިލުން ކަވަރު އެކޮށްދެނީ އެ މުއްދަތުގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފު އަމަލްތައް އެކަންޏެވެ.

ބިލުގެ ހަވަނަ މާއްދާގައި އޮމްބަޑްސްމަނުންގެ ޝަރުތުތަކުގެ (ހ) ގެ (4) ގައި ބުނަނީ ސިޔާސީ އެއްވެސް ޕާޓީއެއްގެ މެންބަރެއް ކަމަށް ނުވުމެވެ. މިނިވަން މުއައްސަސާތަކުގެ މަގާމުތަކަށް މެމްބަރުން ހޮވާއިރު މިގޮތަށް ޝަރުތުތައް ބަލިކަށިކޮށް ހުރުމުން މާދަމާ ޕާޓީން ކެނޑުމަށް ފަހު ޖެހިގެން އަންނަ ދުވަހު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކޮންމެ މީހަކަށް މެ އޮވެ އެވެ. އެހެންވުމުގެ ސަބަބުން މިނިވަން މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލެ އެވެ.

ޝަރުތުތަކުގެ 10 މާއްދާގެ (ބ) ގައި ބުނަނީ އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު މަދަނީ ދައުވާ އުފުލަން ޖެހޭ ފަރާތަކާ މެދު ދައުވާކުރަން ބަންޑާރަނައިބަށް ފޮނުވުން" މިހެންނެވެ. މިކަން މިގޮތަށް ކުރުމުން އޮމްބަޑްސްމަންގެ އޮފީހުގެ މިނިވަންކަމާ މެދު ސުވާލު އުފެދި، މަސްލަހަތު ފުށުއެރުމުގެ ޖާގަ އެބަ އޮތެވެ.

އެމްޑީޕީ މެނިފެސްޓޯ އާއި މި ސަރުކާރުން މަޖިލިހަށް ފޮނުވާފައިވާ ބިލު އެކުލަވާލާފައި ވަނީ ވެސް ކޮންމެވެސް ބަޔަކު ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ހަމަ އެއާ އެކު އިންތިގާލީ އިންސާފުގެ ބިލުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރަން ހަމަ މި ބިލުން ހުރަސް އެޅުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މި ކަންކަމުން ދޭހަވަނީ މި ސަރުކާރުން ވެސް އިންސާނީ ހައްގުތަކާއި މިނިވަންކަން ދެކެނީ ވަރަށް ހަނި ގޮތަކަށް ކަމެވެ. އަދި ކުރިންސުރެ ދައުލަތުން ރައްޔިތުންނަށް ކޮށްފައި ހުރި އަނިޔާ ބަލަން ބޭނުން ނުވާކަމެވެ.

ފެބްރުއަރީ 7، 2020 ގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު "މިއަދުގެ އުއްމީދު" ކަމަށް ފާޅުކުރައްވާފައި ވާ ހިޔާލުން ވެސް މި ސަރުކާރުން އިންތިގާލީ އިންސާފު ގާއިމްކުރުމާ މެދު ދެކޭ ހަނި ވިސްނުން ފެނެ އެވެ. އެ ވިދާޅުވާ އުއްމީދަކީ ހަމައެކަނި ޖަނަވަރީ 2012 އިން ނޮވެމްބަރު 2018 އަށް ހިނގައި ދިޔަ އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ މައްސަލަތައް ބެލުން ކަމުގައިވާ ނަމަ އިންތިގާލީ އިންސާފު ގާއިމެއް ނުކުރެވޭނެ އެވެ. އަދި ރައްޔިތުންނަށް އިންސާފެއް ވެސް ނުލިބޭނެ އެވެ. އިންތިގާލީ އިންސާފު ގާއިމްކުރެވޭނީ ދިގު މުއްދަތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފު ކަންކަން ވެސް ބެލިގެނެވެ.

ހަގީގަތުގައި އަނިޔާ ލިބުނު ފަރާތްތަކުގެ ވާހަކައިގެ ގޮތުގައި މުޖުތަމައުގައި ދެކެވި އަދި ލިޔެފައި ވަނީ ވެސް ހަމައެކަނި އިއްޒަތްތެރިންނާއި މުއްސަނދިންގެ ވާހަކަ އެކަންޏެވެ. ދައުލަތުގެ ފަރާތުން އާންމު ރައްޔިތުންނަށް ދީފައިވާ އަނިޔާ އާއި އާއިލާތަކުން ތަހައްމަލްކުރި ހިތްދަތިކަމާއި ވޭނީ އަނިޔާގެ ވާހަކަ އެއްވެސް ވަރަކަށް ނުދެކެވެ އެވެ. އަދި އެފަރާތްތަކަށް އެއްވެސް ބަދަލެއް، ތަސައްލީއެއް ވެސް މިހާތަނަށް ލިބިދީފައެއް ނެތެވެ.

މި ކަންކަމުން ވެސް ދޭހަވަނީ މުއްސަނދިންނާއި ފަގީރުންނާ މެދު ދައުލަތުން ވަރަށް ބޮޑަށް ތަފާތުކުރާކަމެވެ. އިންސާފު ލިބެނީ ވެސް އަދި ބަދަލު ލިބެނީ ވެސް މުއްސަނދިންނަށާއި ބޮޑެތި ސިޔާސީ ފަރާތްތަކަށް އެކަނި ކަމެވެ. ރާއްޖޭގެ ޖަލުތަކުގައި ކުރާ އަނިޔާތަކާ ގުޅޭ އެތައް ދިރާސާތަކާއި ރިޕޯޓުތައް އެތައް ފަހަރަކު ހަދާފައިވެ އެވެ. ނަމަވެސް ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީހަށް ބަލައިލުމުން އެނގެނީ މިކަންކަން ބަދަލުކޮށް އާންމު ރައްޔިތުންގެ ހައްގު އިސްކުރަން މަސައްކަތްކުރާނެ ސަރުކާރެއް މިހާތަނަށް އައިސްފައިނުވާކަމެވެ.

ދެން އުފެދޭ ސުވާލަކީ އިންތިގާލީ އިންސާފު ބަލާނީ ކިހާ ހިސާބަކުންތޯ އާއި ކިހިނެއްތޯ އެވެ. އެންމެ ރަނގަޅު އެއް ގޮތަކީ މިކަންކަން ބަލަން ރައްޔިތުން އެދެނީ ކިހާ ހިސާބަކުންތޯ ބަލައި، އިންތިގާލީ އިންސާފު އެހެން ގައުމުތަކުގައި ގާއިމްކުރި ގޮތްތައް ހޯދައި، ރާއްޖެއަށް އެންމެ އެކަށޭނެ ގޮތަކީ ކޮބައިތޯ ބެލުމެވެ. މިސާލަކަށް ރުވާންޑާގެ "ގަކާޗާ ކޯޓު ނިޒާމު" ނުވަތަ ސައުތު އެފްރިކާގެ "އަޕާތީޑް ތެދުބުނުމާއި މައާފުކުރުމުގެ ނިޒާމު"ގައި ހުރި ކަންކަން ބެލިދާނެ އެވެ. އިންތިގާލީ އިންސާފުގެ އެންމެ މުހިއްމު އެއް ކަމަކީ ގައުމަށް ހަމަޖެހުން ގެނެސް، އިންސާފު ގާއިމްކުރުން ކަމަށް ވާ ނަމަ އަނިޔާ ލިބުނު ފަރާތްތަކާއި އަނިޔާގައި އެކި ގޮތްގޮތުން ބައިވެރިވި ފަރާތްތަކުން ތެދު ބަހުން ވާހަކަ ދެއްކުމާއި މައާފު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަކީ އެންމެ މުހިއްމު އެއް ކަމެވެ. އަނިޔާއަށް މާފުކުރެވޭނީ ހަމައެކަނި އަނިޔާ ތަހައްމަލުކުރި ފަރާތަށެވެ. އެއީ މަޖުބޫރުން ކުރެވޭނެ ކަމެއް ނޫނެވެ.

އެޑިޓަރުގެ ނޯޓު

އަހްމަދު މުހައްމަދު (ފޯމީ) އަކީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް ކަށަވަރުކުރަން ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން، އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ނަންގަވައިފަ އެވެ.

10 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 71%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަންއޮތްގޮތް

02 June 2020

މިއުޅޭސިޔާސީ ހުރިހާމީހުންނަށްވެސް އަނިޔާއަށް ވަނީ މުޒާހަރާތަކަށް ނިކުމެ ހަޅޭފަޅޭޖަހާ މަގުތަށް ހިސޯރިކޮށްގެން ތިއްބާ ފުލުހުންއައިސް ތަޅާ ރާކޭސް އަރުވާލުން އެނޫނީ އަނިއާއެއް ބަޔަކަށްވާކަންވެސް ރޭކާނުލާ

The name is already taken The name is available. Register?

މީމަގޭ ހިޔާލު

02 June 2020

މައުލޫމާތުލިބުނު ލިޔުމެއް ރަށްރަށުގެ ރައްޔަތުންނަށް ތަކުލީފުވާގޮތަށް ހެދިފަހުންނަ ގާނޫނާ ގަވައިދު އަދި އެތަށް ރަށްޔިތަކަށް ރާއްޖޭގެ އެތަށް ރަށަކުން ބަންޑާރަ ބިންލިބިފައިވާއިރު ހަމައެރަށްރަށުގައިއުޅޭ އެތަށް ރަށްޔިތުންނެއް ވަންނާނެ ގެދޮރެއްނުލިބި މިބުނި މީސްމީހުންގެ ގެދޮރު ނުވަތަބިން ކުށްޔަށް ހިފައިގެން އުޅެންޖެހުންކަހަލަ ހިއްދަތި އަނިޔާގަ މުޅި އުމުރު ހުސްކުރާންޖެހިފައިވާ އެތަށް ރަށްޔަތުންނެއް މިކުޑަކުޑަ ގައުމުގައި ތިބުމަކީ ހާދަހާވާބޮޑު އަނިއާއެކޭ

The name is already taken The name is available. Register?

ނޭނގޭ މީހާ

02 June 2020

މަގޭ 4 ކުދިންނާއެކު މީސްމީހުން ފަޅުކޮށްފައިވާ ގޯތިތަކުގަ އުޅެ މުސްކުޅިމިވަނީ ގެގަނޑެއްހަދާއިގެން އުޅެންފަށާއިރަށް ކޮންމެސް ބޭނުމެއްގައި އަތުލަނީ ތިބުނިހެން އެކަކަށް ބަންޑާރަބިން ޑަޒަނުން ލިބިފަވާއިރު އަނެއްބައި ރައްޔަތުން މަގުމަތީގަ މިވެސް ކޮންމެސް ބައެއްގެ އިހުމާލުން ބަޔަކަށް ލިބެމުންދާ އަނިއާއެއް ބައެއް ބިންތަން ތިން ޖީލަށް ވާރުތަވެގެން ފޮތިފޮތިވާއިރުވެސް އިންވަކިކޮށްނުލެވި ޖަންގަލިވެފަ އޮންނަނީ މީދެރަކަމެއް ހައްލެއް އަންނަންޖެހޭކަމެއް

The name is already taken The name is available. Register?

ާއުނިމާ

02 June 2020

ސާފު މެޖޯރިޓީ ބޭނުންކޮށްގެން ކެރެންޏާ 7ފެބުރުއަރީގެ ތިޔަ ކިޔާ ބަޢާވާތް ބަލާބަލަ؟

The name is already taken The name is available. Register?

ދޯ .

02 June 2020

މުޅިގައުމުގަ ހުޅުޖެހުމާ ހިސާބައްދޯ

The name is already taken The name is available. Register?

ސަރީކުޑޭ

02 June 2020

ތެދެއް. މިރާއްޖޭގެ ގާނޫނުތައް ހެދެނީވެސް ގާނޫނުގެ ހިމާޔަތާ ރައްކާތެރިކަންވެސް ލިބެނީ ގިނައިން ހެންވޭރު، ގަލޮޅު އަދި މައްޗަންގޮޅިއަށް ނިސްބަތްވާ ބޭފުޅުންނަށް. މިވާހަކަ ދެއްކީމަ ދެން ބުނާނެ ހަމަނުޖެހުން އުފެދޭކަހަލަ ވާހަކަ ދައްކަނީއޭ. ތަފާތު ކުރަނީ އެވާހަކަ ނުދައްކާނެ ކަމަށްތޯ؟ ގަލޮޅު ބޭފުޅުން ނިކުމެ އެ މާޒީ ފޮހެލީ އަހަރުމެން ލައްވާ ވާހަކަ ދައްކުވާކަށް ނޫންތޯ؟ ޢިންސާފު ބޭނުން:

The name is already taken The name is available. Register?

ނަޒީރާ

02 June 2020

ޢަހުމަދުގެ މިލިޔުން ކިޔާފަ މަށަށް ރޮވިއްޖެ. މާލޭގެ ގޭގޭގަ ގެންގުޅުނު ކުދިންނަށްވެސް ވަރަށް އަނިޔާ ދީފާވޭ. ތައުލީމު ދޭންށޭ ކިޔާ ގެނެސް ބުރަ މަސައްކަތްކުރުވާ އިއްފަތް ނަގާލީ ކިތައް ކުދިންގެތޯ؟ އަހަރެންނަކީ އޭގެން އެކަކު. އަހަރެން ބޭނުން އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން. އޭރު ބޭފުޅުންގެ ވާހަކަ ހިފައިގެން ދާނެ ކޯޓެއް އޮފީހެއް ނުހުރޭ. މިއަދުވެސް ނެތް.

The name is already taken The name is available. Register?

ހުވާމިބުނީ

02 June 2020

ހޭނާރާ ފިރިހެންކުދިންވެސް ގެނެސް ބޮޑެތި އަންހެނުންގެ އަންނައުނުދޮއްވާ ގޭގަ ކައްކަންޖައްސާ ކާތަށިތައް ދޮއްވާ މިހެންގޮސް ގޭގައި ޖެހުނިއްޔާ ޖެހުނުކަމެއް އެކުދިންލައްވާކުރުވާ އެޖުދިންނަށް ފިލާވަޅު ހަދާލާނެވަގުތެއް ނުދީ ސްކޫލައްދާން ފެންވަރާލާނެ ވަގުތެއްނުދީ ގެންގުޅުވީ

The name is already taken The name is available. Register?

ސައިމާ

02 June 2020

އިންތިގާލީ އިންސާފުގެ ގާނޫނަކީ ވަކި ދައުރަކަށް ހެޔޮވަރުކޮށް ފަހާފައިއޮތް ފޮށައެއްކަން ނޭގޭ އެއްވެސް މީހަކު ހުންނާނެހެން ހިއެއްނުވޭ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާކަމަށް ބުނާ ޑިމޮކްރަސީގެ ޗެމްޕިއަންގެ ޕާޓީއިން ވެރިކަމަށް އަންނަން ދެއްކިވާހަކަތަކަކީ ބިލާހެއްކަން ތި ބިލުގައިވާ ތާރީޚުތަކަށް ބަލާލުމުން އެގޭ. ބުނާކަހަލަ ތިމަންނަމެންގެ ފެއިލްވި ވެރިކަމުގައި އެއްވެސް ނުކިއްސަރުކަމެއް ހިގާފައި ނޯންނާނެއޭ. ތިއީ ސިލެކްޓެޑް ޖަސްޓިސް.

The name is already taken The name is available. Register?

ދޮންމޫސަ

02 June 2020

ހިހި ދައްކާ ވާހަކަ... ބޭނުންވަނީ ހަމަ ސަރުކާރުން ޖީބަށް ލާރި ހޯދޭނެ ގޮތެއް އަނިޔާ އޭ ބަދަލޭ ކިޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!