ގާބިލު، ތަޖުރިބާކާރު، އިލްމީ ދިވެހި "އިސް ހިންގުންތެރިން"ގެ ދިފާއުގައި

ބިޔާ ރާޅުތަކުގެ ފޮނުގައި ފޮރުވިފައި އޮތް ކުޑަކުޑަ ޖަޒީރާ ގައުމެއް، ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ގައުމުގެ ގޮތުގައި ހިމެނިފައި މިވަނީ ދިވެހިންގެ ހިތްވަރާއި ދުރުވިސްނުމުގެ ސަބަބުންނެވެ. އިންޑިޔާ ކަނޑުގެ ރާޅުތަކުގެ ތެރޭގައި އޮޑި ދީލާނުލާ، ދިރުނބާ ކޮޅަށް ރަނގަޅު ކުދިން އަރުވައިގެން، މުގުރި ރާޅުގެ ފުއްޓަރު ފަރާތުން ދުއްވާ ބަނދަރު ހޯދާފައި ވަނީ ދިވެހިން ހުންގާނުގައި ތިބެގެންނެވެ. ދިވެހި މުއައްސަސާތަކާއި ދިވެހި ކުންފުނިތައް އުފަންކޮށް، ހިންގައި، ފުޅާކުރީ ދިވެހި "އިސް ހިންގުންތެރިން"ނެވެ. ވަރު ވަރުން ނަންކިޔުނު ޑިރެކްޓަރުންނާއި، މެނޭޖިން ޑިރެކްޓަރުންނެވެ.


ނަމަވެސް އިއްޔެއާ ހަމައަށް މުއައްސަސާތައް ހިންގަން ތިބި ދިވެހި މެނޭޖިން ޑިރެކްޓަރުން މިއަދު ކުއްލިއަކަށް ކަމުނުދާން ފަށައިފި އެވެ. ރަނގަޅަށް މުއައްސަސާއެއް ހިންގޭނީ އަގުބޮޑު ބޭރު މީހަކު ގެނެސްގެން ކަމަށް ބައެއް މުއައްސަސާތަކުގެ ބޯޑަށް ޔަގީންވާން ފަށައިފި އެވެ. މިވަނީ ކިހިނަކުން ބާވަ އެވެ؟

ރޭލު ދަގަނޑު އަޅައިގެން މަތިންދާ ބޯޓު ޖައްސަން ފެށި ޒަމާނުއްސުރެ އެއާޕޯޓް ހިންގައި، ފުޅާކޮށް، މިދިޔަ އަހަރު އެންމެ ރަންވޭއެއްގައި 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، ގައުމަށް ނަފާ ހޯދައިދިނީ އެމްއޭސީއެލްގެ ހިންގުމުގެ ހުރިހާ ފަންތިއެއްގައި، ދިވެހިން ތިބެގެންނެވެ. ނަމަވެސް މިއަދަކު އެމްއޭސީއެލް ހިންގަން ދިވެއްސަކު ކަމުދާ ކަމަކަށް ނުވި އެވެ. ގާބިލު ދިވެއްސަކު ހުރެދާނޭ ކަމަކަށް އެމްއޭސީއެލްގެ ބޯޑަކަށް ގަބޫލެއް ނުކުރެވުނެވެ.

ވޯލްޑް ބޭންކް ޕޮރޮޖްކްޓެއްގެ ތެރެއިން މިއަދުގެ ޕެންޝަން ފަންޑު 2009 ގައި އުފެއްދީއްސުރެ، ފަނޑު ބަލަހައްޓައި، ފަންޑު ބިޔަކޮށް ބޮޑުކުރީ މަތި ފަޑީގައި ދިވެހިން ތިބެގެންނެވެ. ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިއުލާނު ކުރުމުން، ތައުލީމު ގޮތުންނާއި، ތަމްރީނުގެ ގޮތުން، އަދި ތަޖުރިބާގެ ނިސްބަތުން ރާއްޖޭގައި ތިއްބެވި، ކަމަށް ގާބިލް ދިވެހިން ކުރިމަތިލެއްވި އެވެ. ނަމަވެސް ޕެންޝަން އޮފީހުގެ ބޯޑަކަށް މިއިން ބޭފުޅަކު ކަމަކު ނުދިޔަ އެވެ. އިއުލާނު ކެންސަލް ކުރުމަށް ފަހު، އަލުން ޕްރޮސެސް ފަށައިފި އެވެ. މިހާރު އަޑުއިވޭ ގޮތުގައި ރާއްޖެއިން ބޭރުގައި އަތްފުނާ އަޅައިގެން ދިވެހި ޕެންޝަން ފަންޑް ހިންގަން މޮޅު ބިދޭސީއެއް ގެންނަނީ ކަމަށްވެ އެވެ.

ބޮޑު އަގުގައި ބޭރު މީހުން ގެނެސްގެން ހިންގި ކުންފުނިތަކުން މާ ރަނގަޅު ކަންތައްތަކެއް ހިންގާފައި ހުރި ކަމަކަށް ބުނެވޭކަށް ވެސް ނެތެވެ. އެމެއެމްޕީއާރުސީގެ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ދޮވެ ސާފުކޮށްދީފައިވަނީ ބޭންކް ހިންގަން ބޭރުގެ ސީއީއޯއެއް ހުރެގެންނެވެ. ވަގުތު ޖެހުނުއިރު އޭނާއެއް ނެތެވެ. ރަށުގައި ތިބީ، އަދި ތާށިވީ ވެސް ދިވެހިންނެވެ.

ފަރެސް ކައިރިން އަތުލައިގަތް ތައިވާނުގެ މަސްބޯޓަކަށް ދިވެހި ފަޅުވެރިންކޮޅެއް ލައިގެން 80 ގައި އުފެދުނު މޯލްޑިވެސް ފިޝަރީޒް ކޯޕަރޭޝަން، ބޮޑުވެ، ފެލިވަރުގައި ހުރި ޖަޕާނު މަސް ފެކްޓަރީ އާއި ބޯޓުތައް ގަނެ، މިފްކޯ އުފެދި ރާއްޖޭގެ ކަންކޮޅުތަކުގައި ފެކްޓަރީތަކާއި ކޯލްޑް ސްޓޯރޭޖް އަޅައި ހިންގީ ދިވެހިން ހުންގާނުގައި ތިބެގެންނެވެ. އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ކުންފުނީގެ މައި ހިއްސާއާ އެކު އުފެއްދި މުއާސަލާތީ ކުންފުނި "ދިރާގު"ގެ އޭރުގެ ވެސް މިއަދުގެ ވެސް "އިސް ހިންގުންތެރިޔާ'، ސީއީއޯއަކީ ދިވެއްސެކެވެ. ދުވަހުން ދުވަހަށް ދައްކަނީ ފައިދާ އެވެ.

މިއަދު ވެސް އެއާޕޯޓް ހިންގަ އެވެ. ފްލައިޓް ޖައްސަ އެވެ. ހިންގަން ތިބީ ދިވެހިންނެވެ. ޕެންޝަން އޮފީސް އިއްޔެ ވެސް ހިންގި އެވެ. ވޭތުވެ ދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ކުރީގެ ސީއީއޯ ރިޓަޔަ ކުރެއްވީއްސުރެ، އޮފީސް ހިންގަވަނީ ގާބިލު، ތަޖުރިބާކާރު ދިވެއްސެކެވެ. އެހެންވީއިރު ބައެއް މުއައްސަސާތަކުގެ ބޯޑުން ދިވެހި އިސް ހިންގުންތެރިންނާ "ހިތާނުވެގެން" މިއުޅެނީ ކީއްވެގެން ބާވަ އެވެ؟

މިއީ މިދިޔަ ދުވަސްކޮޅު ދިވެހި އިސް ހިންގުންތެރިންނާއި އެމީހުން ހިންގި މުއައްސަސާތަކުގައި ކަންކަން ހިންގާފައިވާ ގޮތާ މެދު ކުރެވޭ ޝައްކާއި ވަހުމްގެ ސަބަބުން ހިނގާ ކަމެއް ބާވަ އެވެ؟ މުޅިއަކުން އެހެން ބުނެވޭކަށް ވެސް ނެތެވެ. ޕެންޝަން ފަނޑާ މެދު އިތުބާރު ގެއްލޭ ފަދަ ކަމެއް ހިނގާފައެއް ނެތެވެ. ނުވަތަ ހިނގިކަމެއް އެނގޭކަށް ނެތެވެ.

ބޮޑު އަގުގައި ބޭރު މީހުން ގެނެސްގެން ހިންގި ކުންފުނިތަކުން މާ ރަނގަޅު ކަންތައްތަކެއް ހިންގާފައި ހުރި ކަމަކަށް ބުނެވޭކަށް ވެސް ނެތެވެ. އެމެއެމްޕީއާރުސީގެ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ދޮވެ ސާފުކޮށްދީފައިވަނީ ބޭންކް ހިންގަން ބޭރުގެ ސީއީއޯއެއް ހުރެގެންނެވެ. ވަގުތު ޖެހުނުއިރު އޭނާއެއް ނެތެވެ. ރަށުގައި ތިބީ، އަދި ތާށިވީ ވެސް ދިވެހިންނެވެ.

ޔަގީންވާ ހަގީގަތަކީ ކަމަށް ގާބިލު، ތަޖުރިބާކާރު، ތައުލީމީ ދިވެހިި މެނޭޖިން ޑިރެކްޓަރުން މިއަދު ވެސް އެބަތިބި ކަމެވެ. އިއްޔެއަށް ވުރެ ތައުލީމީ، ހުނަރުވެރި، ހީވާގި، ގާބިލު ޒުވާނުން، ފުރުސަތަކަށް އެދި ތިބީ އަތް ނަގައިގެންނެވެ. ތިލަނުވާ ކޮންމެވެސް ސަބަބުތަކަކާ ހުރެ މިފަދަ ފަރާތްތަކަށް ފުރުސަތު ދިނުމަށް ބައެއް މުއައްސަސާތަކުގެ ބޯޑުން "ހިތްޕުޅާ" ނުވަނީ އެވެ. އެއީ އެމީހުންގެ ނިންމުންތާ އެވެ. ނަމަވެސް ބިދޭސީން ބޮޑު އަގުގައި ގެންނަނީ ދިވެހި ވެށީގައި އެކަށޭނަ ދިވެހި ހިންގުންތެރިން ނެތީމާ ކަމަށް ވިދާޅުނުވާށެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ، މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ދާދި ފަހުން އިނގިރޭސި ބަހުން ނެރެން ފެށި މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރަައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.