ކޮވިޑް-19 އަކީ ޗައިނާ އިން އުފަންވި ބައްޔެއް.
ޑރ. ޝީޒާ ޢަލީ
ވައިރަހަކީ ދުނިޔޭގައި ލައްވަވާފައިވާ އެއްޗެއްކަން، ސައިންސްވެރިންނަށް ދެނެގަނެވުނީ 1898 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނާ ޖެހުނުުއިރު ވައިރަހަަކީ މިލިއަނުން ގުނާލެވޭނެ ވަރަށް އޭގެ ބާވަތްތައް ހިމެނޭ އެއްޗެއް ކަމަށް ސައިންސްވެރިން ދެކެ އެވެ. މީގެ ތެރެއިން 5،000 އަށް ވުރެ ގިނަ ވައިރަހުގެ ބާވަތް ވަނީ ތަފްސީލީ ގޮތެއްގައި ދެނެގަނެވިފަ އެވެ. ނަމަވެސް ވައިރަހަކީ ދިރޭ އެއްޗެއް ކަމާ މެދު އުފައްދާފައިވާ ސުވާލަށް ސައިންސްވެރިން ކުރާ ބަހުސް އަދިވެސް ހުއްޓުމަކަށް ނާދެ އެވެ. ވައިރަހަކީ ދިރޭ އެއްޗެއް ކަމަށް ނުވަަތަ ދިރޭ އެއްޗެއް ނޫން ކަމަށް ނުވަތަ ދިރޭ ތަކެއްޗާއި ދިރުންނުވާ ތަކެތީގެ ދެމެދުގައިވާ އެއްޗެއް ކަމަށް ވެސް އެކިއެކި ސައިންސްވެރިން ދެކެ އެވެ.
ދިރޭ ތަކެއްޗާއި އޭގައި ދިރުމެއްނުވާ ތަކެތި ވަކިކުރުމަކީ އެހާ އުނދަގޫ ކަމަކަށް ނުވެދާނެ އެވެ. އަމުދުން އެއީ ހަމަ ލޮލަށް ފެންނަވަރުގެ ބޮޑެތި ތަކެތި ކަމަށް ވަނީ ނަމަ އެވެ. ދިރޭ ތަކެއްޗަކީ އޭގައި ދިރުން ވާ ތަކެއްޗެވެ. ސައިންސްވެރިން ވަނީ ދިރުން ތަފްސީލުކޮށްދީފަ އެވެ. ދިރުން ހުރި ތަކެތީގައި ފުރިހަމަވާން ޖެހޭ ސިފަތަކެއް ވެ އެވެ. ތިރީގައި އެވަނީ މައިގަނޑު ގޮތެއްގައި ބަލާ ކަންކަމެވެ.
1. ދިރުން ހުރި ތަކެތި އެތަކެތީގެ ދަރިފަސްކޮޅު ގިނަކުރާނެ އެވެ. ބައެއް އެއްޗިއްސަކީ ބިސް އަޅައިގެން ވިހާ އެއްޗިއްސެވެ. އަނެއް ބައި އެއްޗިއްސަކީ ބިސްނާޅާ ވިހާ އެއްޗިއްސެވެ.
2. ދިރުންހުރި އެއްޗެއް ނަމަ އެ އެއްޗެއްގައި ހިނގާ ކަންތައްތަކެއް ވާނެ އެވެ. މިސާލަކަށް ނޭވާލުން، ހަޖަމްކުރުން، ލޭ ދައުރުކުރުން ފަދަ ކަންތައްތަކެވެ.
3. ދިރޭތަކެތި ހެދި ބޮޑުވެ އެވެ. މިއީ ވަގުތާ އެކު އަންނަ ބަދަލެކެވެ.
4. ދިރޭ ތަކެއްޗަކީ އޭގައިވާ ދިރުން ނިމުމަކަށް ދަންދެން ނުވަތަ މަރުވަންދެން ބަދަލުތަކެއް އަންނަމުންދާނެ ތަކެއްޗެވެ. މިސާލަކަށް އުމުރާ ގުޅިގެން އަންނަ ބަދަލުތައް ހިމެނެ އެވެ.
މަތީގައިވާ ކަންކަމަކީ ދިރުން ހުރި ތަކެތީގައި ފުރިހަމަވާން ޖެހޭ ސިފަތަކެވެ. އިންސާނުންނާއި، ޖަނަވާރުންނާއި، ގަސްގަހާއި ގެހި އަދި މަސްމަހާއި މެއްސަކީ ވެސް ދިރޭ ތަކެއްޗެވެ. މިހުރިހާ ތަކެއްޗަކީ ހަމަ ލޮލަށް ފެންނަވަރުގެ ބޮޑެތި އެއްޗިއްސެވެ. ނަމަވެސް ހަމަ ލޮލަށް ފެންނަވަރަށް ވުރެ ކުދި ބައެއް ތަކެތީގައި ވެސް ދިރުންވެ އެވެ. މިސާލަކަށް އިންސާނެއްގެ ގައިން ނަގާ ސެލްއެއް، ބެކްޓީރިއާއެއް، "އެމީބާ" އެއް ފަދަ ތަކެއްޗަކީ ހަމަ ލޮލަށް ފެންނަ އެއްޗިއްސެއް ނޫނެވެ. ނަމަވެސް އެއީ ވެސް ދިރުން ހުރި ތަކެއްޗެވެ.
ދިރުމެއް ނުވާ ތަކެތީގެ ތެރޭގައި ހިފާގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރާއި، އަންނައުނާއި، މެޝިނު ފަދަތަކެތި ހިމެނެ އެވެ. ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި ދިރޭ ތަކެއްޗާއި ދިރުމެއްނުވާ ތަކެތީގެ ދެމެދުގައިވާ ތަކެތި ވެސް ހުރެ އެވެ. ނަމަވެސް މިކަމާ މެދު ރަޢުޔު ތަފާތުވުން ސައިންސްވެރިންގެ މެދުގައި ވެސް އެބަ އޮތެވެ.
ވައިރަހަކީ ދިރުންހުރި އެއްޗެއް ނޫން ކަމަށް ބައެއް ސައިންސުވެރިން ދެކެ އެވެ. އެއީ ދިރުން ހުރި އެއްޗެއްގައި ހުންނަ ސިފަތައް އޭގެ ޒާތުގައި ނުވާތީ އެވެ. ވައިރަހެއްގެ ފަރާތުން ދިރުން ހުރި އެއްޗެއްގެ ސިފަތައް ފެންނަނީ އެހެން ދިރުމެއްގައިވާ ސެލްއެއްގެ ތެރެއަށް އެއަށް ވަދެވުމުންނެވެ. ސެލްގެ ބޭރުގައި ވައިރަހަކީ ދިރުން ނުވާ އެއްޗެކޭ އެއްފަދަ އެއްޗެކެވެ.
އަނެއް ބައި ސައިންސްވެރިން ދެކޭ ގޮތް ތަފާތެވެ. އެ ސައިންސްވެރިން ދެކޭ ގޮތުގައި ދިރުންހުރި އެއްޗެއްގެ ސިފަތައް ވައިރަހުގައި ނެތް ނަމަވެސް، އެހެން ސެލްއެއްގެ ތެރެއަށް ވަނުމަށް ފަހު، ދިރުން ހުރި އެއްޗެއްގެ ސިފަތައް އެއަށް ލިބެ އެވެ. މިސާލަކަށް ސެލްތެރެއަށް ވަނުމަށް ފަހު ދިރުން ހުރި އެއްޗެއް ފަދައިން ވައިރަސް ގިނަވެގަނެ އެވެ. މިގޮތުން ގިނަވެގަންނަން ވައިރަސް ބޭނުންކުރަނީ ވައިރަސް ވަދެފައިވާ ސެލްގެ ބައިތަކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ސެލްއަކަށް ވަނުމަށް ފަހު އެ ސެލްގެ ބައިތައް ބޭނުންކޮށްގެން ވައިރަސް ހަރަކާތްތެރިވަނީ ދިރޭ އެއްޗިހި ހަރަކާތްތެރިވާ ފަދަ ގޮތަކަށެވެ. ދިރުން ނުވާ އެއްޗަކަށް އެގޮތަކަށް ހަރަކާތްތެރިއެއް ނުވެވޭނެ އެވެ. މި ސަބަބަށްޓަކައި ބައެއް ސައިންސްވެރިންގެ ނަޒަރުގައި ވައިރަހަކީ ދިރޭ އެއްޗެކެވެ. އަދި އަނެއް ބައި ސައިންސްވެރިން ދެކޭ ގޮތުގައި ވައިރަހަކީ ދިރޭ ތަކެއްޗާއި ދިރުމެއް ނުވާ ތަކެތީގެ ދެމެދަށް ފެތޭ އެއްޗެކެވެ.
ދިރޭ ތަކެއްޗަކީ ކޮބައިކަން އިތުރު ގޮތަކަށް ބަލައިލާ ނަމަ، ދިރުން ހުރި އެއްޗެއްގެ އެންމެ ކުޑަ ޒައްރަކީ ސެލްއެއް ކަމަށް ސައިންސްވެރިން ދެކެ އެވެ. ސެލް އަކީ ދުއްޔަކުން ހިފެހެއްޓިފައިވާ ޚާއްސަ ބައިތަކެއް އޭގެ ތެރޭގައި އެކުލެވިގެންވާ އެއްޗެކެވެ. މި ދުލިފަށް ފޫދުއްވާލައިފި ނަމަ، ސެލް މަރުވެ އެވެ. ވައިރަހަކީ މިފަދައިން އެކުލެވިގެންވާ އެއްޗެއް ނޫނެވެ. ވައިރަހަކީ ސެލްއަކަށް ވުރެ ވެސް ކުޑަ އެއްޗެކެވެ. އަދި ސެލްގައި ހިމެނޭ ހުރިހާ ބައިތަކެއް ވައިރަހަކު ނުހުރެ އެވެ. މިގޮތަށް ބަލާ ނަމަ، ވައިރަހަކީ ދިރޭ އެއްޗެއް ނޫނެވެ. ވައިރަހަކީ ދިރޭ އެއްޗެއްގެ އެންމެ ކުޑަ ޒައްރަށް ވުރެ ކުޑަ، އަދި އެ ޒައްރުގައި ހުންނަ ބައިތައް ވެސް ހިމެނޭ އެއްޗަކަށް ނުވާތީ އެވެ.
ވައިރަހަކީ ދިރުން ހުރި އެއްޗެއް ކަން ނުވަތަ ނޫން ކަން ނުވަތަ އެ ދެމެދުގައިވާ އެއްޗެއް ކަމަށް މި ކަނޑައެޅެނީ ދިރޭ އެއްޗެއްގެ ސިފަތައް ސައިންސްވެރިން ތަފްސީލުކޮށްފައިވާ ގޮތުން ކަމަށް ވެދާނެ އެވެ. އެހެން ކަމަށް ވިއަސް ވައިރަހަކީ ދިރުން ހުރި އެއްޗެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަށް ސައިންސްވެރިންގެ ފަރާތުން ލިބެނީ ތަފާތު ޖަވާބެކެވެ. ކަނޑައެޅިގެން މިއީ ދިރޭއެއްޗެކޭ ބުނުމުގައި ބައެއް ހާލަތްތަކުގައި އުނދަގޫތަކެއް ހުންނަނީތާ އެވެ.
ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި އެއްޗެއްގައި ދިރުން ވޭތޯ ނުވަތަ ނުވޭތޯ ކުރެވޭ ސުވާލަކީ ކެމިސްޓްރީ އާއި ބައޮލޮޖީގެ ދެމެދުގައި އޮންނަ ރޮނގުގައި އޮންނަ ސުވާލެކެވެ. އެއީ ފަސޭހައިން ދަމާލެވޭ ރޮނގަކަށް ނުވަނީ އެވެ. ކުރު ގޮތަކަށް ނަމަ ކެމިސްޓްރީ އަކީ ކައުނުގައި ލައްވަވާފައިވާ މާއްދާތައް އެއް މާއްދާ އަނެއް މާއްދާއާ ގުޅޭ ގުޅުމާއި އެ ގުޅުންތަކުން އުފެދޭ ކެމިކަލް ބާވަތްތަކުގެ އިލްމެވެ. ބައޮލޮޖީ އަކީ ދިރޭ ތަކެތީގެ އިލްމެވެ. ދިރޭ ތަކެތި ވެސް އެކުލެވިގެންވަނީ ކައުނުގައިވާ މާއްދާތަކުންނެވެ.
ޝައްކުނުކުރެވޭނެ އެއް ކަމަކީ ދިރޭ އެއްޗަކަށް ވިއަސް ނުވިއަސް އިންސާނުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ، މުޅި ދުނިޔެ ހުއްޓުމަކާ ގާތަށް ގެންނަހާ ބާރު ކުޑަކުޑަ ވައިރަހަކަށް ވެސް ލިބިފައިވާ ކަމެވެ. އެކި ފަހަރުމަތިން ދުނިޔޭގައި އެފަދަ ވައިރަސްތައް ފެތުރި، އިންސާނުންނަށް ބިރަކަށް ވި އެވެ. މިދުވަސްވަރު މި އުޅޭ ކޮރޯނާވައިރަސް އަކީ އޭގެ އެއް މިސާލެވެ. އެ ވައިރަސް ނުހުއްޓުވި، އިތުރުވުން އެދަނީ ހައްތަހާ ބާރުވަމުންނެވެ. މަރުވާ މީހުންގެ އަދަދު ވެސް އެދަނީ މައްޗަށެވެ.
ޑރ. ޝީޒާ އަލީ އަކީ ޤައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން އެވެ. ގައުމީ ޔުނިވަސިޓީއާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ފުރުއްވާފަ އެވެ. އަދި އައި.ޖީ.އެމް.އެޗް. ގައި ލޮލުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުން ވެސް މަސައްކަތް ކުރެއްވި އެެވެ. ޑރ. ޝީޒާ ވަނީ އެފް.ސީ.ޕީ.އެސް. (އޮފްތަލްމޮލޮޖީ) ގެ އިތުރުން ބިޒްްނަސް އެޑްމިނިސްޓްރޭޝަން ރޮނގުން މާސްޓާޒް ޑިގްރީ ވެސް ނަންގަވައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް
25 March 2020
ވަރަށް ރަނގަޅު ޝުކުރިއްޔާ
އޭނަ
24 March 2020
ތިޔަ ސުވާލުގެ ޖަވާބަކީ ވައިރަސް ތަނެއްގައި ނުވަތަ ވައިގެ ތެރޭގައި ވާއިރު އޭގެ މިސާލަކީ ބޭރުފުށުން ދިރުންނެތް އެއްޗެއްގެ މިސާލެވެ. އަދި މިޙާލަތުގައިވެސް ވައިރަސްގެ އެތެރޭގައި އޭތި އިތުރުވުމާއި އޭގެ ނަސްލާބެހޭ ހުރިހާ މަޢުލޫމާތެއް ރައްކާތެރިވެފައިވާތީ އެވާނީ ދިރުން ލިބިފައިވާއެއްޗަށެވެ. އެއްމެ އެއްގޮތްވަނީ ކުކުޅުބިސްފަދަ ބިހުގެ ސިފައެވެ. ގެއްލުމެއް ނުވާނަމަ ބިސް އެއަށްލިބެންވާ ހޫނުމިން ލިބުމުން ދިރުންހުރި އެއްޗަކަށް ބަދަލުވެއެވެ.
އެހެންތަ
23 March 2020
ވައިރަހުގަ ދިރުން ހުރުމުން ނުވަތަ ދިރުން ނެތުމުން އޭގެ ތަފާތަކީ ކޮބާ؟ ދިރުން ހުރުމަކީ ފުރާނަ ހުރުންތަ؟ ޖަވާބެއް ދީބަލަ ކޮންމެވެސް މީހަކު.
އަހުމަދުއަލޯ
24 March 2020
ފުރާނައަކީ ދިރުމާ ބެހޭ އެއްޗެއްތަ؟ ގަސްގަހުގައި ފުރާނަ ހުރޭތަ؟
ޝީޒާ
23 March 2020
މަޢުލޫމާތު ނެގި ތަންތަން ހިމަނައިނުލީމަ ދެރައީ. ދަރިވަރުންނަށް މިސާލު ދައްކަން ޖެހޭ މީހުންގެ ފަރާތުން މި ކަހަލަ ދެރަވަރު ކަންކަން ފެނިގެން ނުވާނެ.
ބޮރިންކް
23 March 2020
މީ އިވޮލިއުޝަން އަކީ.
އަހުމަދު 222
24 March 2020
އިވޮލިއުޝަންތިއަރީ ބުނާގޮތުން އޭތީގެ ފޯރ މް ބަދަލުވާނެ. މިސާލަކަށް މަކުނު އިންސާނުންނަށް. އެއީ ވާނެކަ މެއް ނޫން. މިއީ ކުރީގައިވެސް ވައިރަހެއް އަދި ވެސް ވައިރަހެއް.
ނަން
23 March 2020
ވައިރަސް އަކީ އިންސާނުންނަށް އުފެއްދޭ އެއްޗެއްކަމަށް ވެއްޖެއްޔާ އެއީ ދިރޭ އެއްޗެއް ނޫނެންނު. އިންސާނަކަށް ދިރުންހުރި އެއްޗެއް އުފެއްދުމުގެ ބާރު ލިބިގެނެއް ނުވޭނު؟
އޭނަ
23 March 2020
އިންސާނުން އެ އުފައްދަނީއެއް ނޫން ކޮޕީކުރަނީ.
ފެންބެ
24 March 2020
އިންސާނުންނަށް ވައިރަސް އުފެއްދެއެވެ. މިހާރު އެއްވެސް ކަމެއް ނޫން.
ޖޭމު ދޮންބެ
23 March 2020
މި ޚިޔާލު ތަފާތުވުން ދީނީ ޢިލްމު ވެރިންގެ މެދުގައި ވެސް އޮވެއެވެ. އަދި ޤާނޫނީ ޢިލްމު ވެރިންގެ މެދުގާ ވެސް އޮވެއެވެ. އެކަމަކު އެ ދެބާވަތުގެ ޢިލްމު ވެރިންގެ މެދުގައި ރައުޔު ތަފާތުވާ މައްސަލަ ތަކަށް ތަންދޮރު ނުދަންނަ މީހުން ވަރަށް ޖޯކް ޖަހާނެއެވެ. ބަލަ ރަޢުޔު ތަފާތު ވުމަކީ ވެސް ހެވެ ކެވެ. ނޭގޭ މީހަކަށް މިކަން ވެސް ނޭގޭނެއެވެ
ނަން
23 March 2020
ޚިޔާލު ތަފާތުވުމަކީ އިންސާނީ ތަބީއަތެއް. ހުރިހާ އިންސާނުން ގަބޫލުކޮށް ތަބާވާ ކަންތައްތައް ފަސްއިނގިލިން ގުނާލެވޭހާ މަދުވާނެ. ދީނީ އިލްމުވެރިންގެ މެދުގަ ޙިޔާލުތަފާތުވުމަކުން އަޖައިބެއް ނުވޭ. އެއީ ތަންދޮރު ނޭގުނަސް ބޮޑު އަނގައެއް އޮތިއްޔާ ދީނީ އިލްމުވެރިއަކަށް ވެވޭތީ.
ނާޒު
23 March 2020
ސަނިޓައިޒަރު ލީމަ ވައިރަސް މަރުވަންޏާ ވައިރަސް އަކީ ދިރޭ އެއްޗެއްދޯ. ނޫނީ ވައިރަސް މަރުވަނީއޭ އެކިޔަނީ ކޮންޕިއުޓަރު މަރުވިއްޔޭ ކިޔާފަދައިންތަ؟
އޭނަ
23 March 2020
މަރުވަނީ އެއްނޫން. ހަލާކުވަނީ. ވައިރަސް ސެލްއެއްގެ ބޭރުގައިވާއިރު އޭއްޗަކަށް އެއްވެސް ކަމެއް ޔައުނީ އޭގެ ސިފައަށް އަދި އޭތިގައިވާ ޖެނެޓިކް ނުވަތަ ނަސްލު އިތުރުކުރުމުގެ ޑީއެންއޭއަށް އެއްވެސް ކަމެއް ނުކުރެވޭ. މާނައަކީ ސެލްއެއްގެ ބޭރުގައި ވާއިރު ވައިރަސް އިނެކްޓިވްއޭ.
އުމަރުބެ
23 March 2020
ވައިރަހަކީ ކުކުޅު ބިސް ކަލަ އެއްޗެއް އޮންނައިރު ދިރުން ހުރި އެއްޗެއްގެ ސިފަތައް ގެއްލޭ ބިސް ފީވެ ފިޔޮކެއް އޭގެ ތެރެއިންނިކުމޭ އެކަމަށް ހޫނެއް ބޭނުންވަނީ
އޭނަ
23 March 2020
ރަނގަޅު މިސާލެއް. ވައިރަސްގެ ޙާލަތުގައި އޭތި އެކްޓިވްވާ މާޙައުލު ލިބިގަންނަނީ ދިރުން ހުންނަ ސެލްއަކުން
ބިސިކް
23 March 2020
ދިރުމަކީ މެޓީރިއަލް ވަކި ގޮތަކަށް އެތުރި އެނާޖީ އެއްގެ އެހީގައި ފަންކްޝަން ކުރުމެވެ. ފަންވަތަކުން ބުރަފަތި ހަދައި ވަޔަށް ދިއްކުރީމަ އެބުރެނީ. ވައިރަސް އާއި ބުރަފަތިގެ ތަފާތަކީ ވައިރަސް އެނާރޖީ ލިބުނީމަ އަމިއްލަ ކޮޕީތަކެއް ހަދައިގަނެ ގިނަވެގަންނަނީ.
ވައިރު
23 March 2020
ވައިރަސް އަކީ އަމިއްލައަށް ކޮޕީ ހަދާ އެއްޗެއް ނޫން. ވައިރަސްގެ ކޮޕީވެސް ހަދަނީ ވައިރަސް އިންފެކްޓުވާ ސެލް.