މާލެ މިއަދު ލޮކްޑައުން ކޮށްފައި ވަނިކޮށް، ބަޔަކު މަގުމައްޗަށް ނުކުމެ ބާޒާރު ކުރުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
އަހަރެމެން ހަމަ ހަގީގަތުގައި ވެސް ސިއްހީ މާހިރުންގެ ބަހެއް ނޭހި އެވެ. ގިނަ ވަގުތު ގޭގައި ތިބުމަށާއި ބޭރުގައި އުޅޭ އިރު ވެސް ސޯޝަލް ޑިސްޓެންސިން އަށް ސަމާލުވުމަށް އެދި އެ މީހުން ކުރި އާދޭހަށް ދިނީ ބީރު ކަންފަތެކެވެ. ބައެއް މީހުން އެ ވާހަކަތައް ބޭނުންކުރީ ސައިމޭޒުތަކާއި ކޮފީތަކުގައި މީހުން ހެއްވައިލުމަށެވެ. އިއްޔެ ވެސް ކިއޫއެއްގައި ތިން ފޫޓު ދުރުގައި ހުރުމަށް ބިދޭސީ ޑޮކްޓަރަކު ދިވެއްސެއްގެ ކައިރީ އެދުމުން އޭނާ އަށް ދިނީ ހަމަލަ އެވެ. މިއީ އަހަރެމެންގެ ދިވެހިންގެ ހާލަތެވެ.
ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން ދިވެހިންނަށް ވުރެ ބޮޑަށް އެނގޭނެ ބަޔަކު ތިބޭނެހެން ހިއެއް ނުވެ އެވެ. އެހާ ވަރަށް، އެ ވައިރަހުން ފެތުރޭ ކޮވިޑް-19 ބަލީގެ ވާހަކަ ދިވެހިންގެ ތެރޭގައި އާންމެވެ. އިންޓަނެޓުގެ މި ޒަމާނުގައި ސޯޝަލް މީޑިއާގައި ފުރާފައި އޮތީ ޗައިނާ އާއި އިޓަލީ އާއި އެމެރިކާ ފަދަ ގައުމުތަކަށް ދިމާވި ވާހަކަތަކެވެ. ދިވެހިންނަކީ ފޭސްބުކާއި ޓުވިޓާ އަށް ދެވިހިފާފައި ތިބި ބައެކެވެ. ގައިމު ހޭލުންތެރިވާނެ އެވެ. ރާއްޖޭގެ މީޑިއާތަކުގައި މި ނޫން ވާހަކައެއް މި ދުވަސްވަރު ނެތެވެ.
ދިވެހި މީޑިއާތަކުގެ 90 ޕަސެންޓް ކޮންޓެންޓަކީ ކޮރޯނާވައިރަހާ ގުޅޭ އެކި ވާހަކަތަކެވެ. އެތައް ބައެއްގެ މަގްބޫލުކަން ހޯދި، ކޮވިޑް-19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކޮންމެ ދުވަހެއްގެ ދެ އިރު އަދި ފަހުން ދުވާލަކު އެއްފަހަރު މީޑިއާ ބްރީފިން ބާއްވައި ދެއްކެވީ ހަމަ ކޮވިޑް-19 ގެ ވާހަކަ އެވެ. ބޭރުގައި ނޫޅުމަށް އެދި މަބްރޫކް އާދޭސްކުރެއްވި އެވެ. ދިވެހިންގެ ހިތްތައް އަތުލައިގަނެވޭ ގޮތަށް، އެ ވަގުތަކަށް ފައްތާލައްވައިގެން އޭނާ ވާހަކަތައް ގެނެސްދެއްވި އެވެ. ބަލީގެ ނާޒުކް ކަމާއި ރާއްޖެ އަށް މި ބަލި ފެތުރިއްޖެ ނަމަ ވާނެ ގޮތް އިހުސާސް ކުރެއްވޭތީ އެވެ.
މި ބަލި ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހި 126،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެއްޖެ އެވެ. ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅު ވިޔަސް އެއްވެސް ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތުމަކީ މީގެ ނުރައްކާތެރިކަން އެންމެ ބޮޑު ސަބަބެވެ.
އަހަރެމެން ކަހަލަ ނިކަމެތި، އަމިއްލަ ހާލައިގެން ނޫޅެވޭ ގައުމެއްގައި އެންމެ މީހަކަށް މިފަދަ ބައްޔެއް ޖެހި، އެ ފެތުރެން ފަށައިފި ނަމަ ވާނެ ގޮތް އިހުސާސްވީ ކިތައް މީހުންނަށް ބާވަ އެވެ؟ މާލެ އިން ކޮވިޑް-19 އަށް އިއްޔެ ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެ، ހާލަތު ބަލައިލިއިރު ކަމުދާކަށް ނެތެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ އޮފިޝަލުން ކެނޑިނޭޅި ދެއްކި އެއްވެސް ވާހަކައެއް އަޑު އެހިހެނެއް ހިއެއް ނުވެ އެވެ. ނަތީޖާ އިން ދައްކަނީ ދިވެހިން ބަސް ނޭހިކަމެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓްސް ގިނަ ކަމުން ހައިރާންވެވަޑައިގަންނަވާ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު އަހަރެމެންގެ ހާލަތު ވަރަށް ގޯހެވެ. މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތްތައް ބަންދުކޮށްގެން އަހަރެމެން ކުރި ކަންތައްތައް ދިޔައީ ހަމަ ތޮޅިއަށް ދޯއޭ އެ ވާހަކަތައް އަހާފައި ހިތަށްއަރަ އެވެ.
ޑރ. އަފްޒްލް ވިދާޅުވީ މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާއާ އެންމެ ފަސް ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން ކޮންޓެކްޓް ވެފައިވާ ކަމަށެވެ. އެ ގުރޫޕްގެ ގިނަ ބަޔަކު ވަނީ މަސް ދަތުރާއި ޕާޓީ ވެސް ބާއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅައި، ބޭރުތެރޭގައި ނޫޅުމަށް އިލްތިމާސް ކުރަމުން އަންނަނިކޮށް، މިހާ ގިނަ ބަޔަކު ކޮންޓެކްޓް ވާނެ ކަމަށް ހީނުކުރައްވާ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ކަމުގެ ބޮޑުކަމާއި ސިއްހީ އޮފިޝަލުންނާއި ސަރުކާރުގެ އާދޭސްތަކަށް ގިނަ ދިވެހިން ކިޔަމަން ނުވިކަން އަންގައި ދިނުމަށް ކަމަށް ބެލެވެ އެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުން އަދިވެސް އޮތީ ކުރިއަށެވެ. އަދި 22 ތަނެއް ބަންދުކޮށް ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
މާލޭގައި ކާފިއު ހިންގި ދުވަހެއްގައި ބޭރުގައި އުޅުނު ދެ މީހަކާ ފުލުހަކު ސުވާލު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭސް އަށް އެކަނި ބެލިޔަސް އަހަރެމެން ދިވެހިން ތިބީ ބޯހަރުކަން މަތީގައިކަން އެނގެ އެވެ. ފަރުދީ ޒިންމާ ނެގުމެއް ނެތެވެ. ބައެއް މީހުން ކަންކަން ނެގީ މަޖަލަކަށެވެ. ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދު ކުރުމުން މަގުމަތީގައި އެކަކު އަނެކަކާ ޖެހި ތިބެ، ކޮފީ ބުއިން އާދައަކަށް ހެދީ އެވެ. މާލޭގައި ހަފުތާއެއް ވަންދެން ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށް ކާފިއު އިއުލާން ކުރީމާ ވެސް އެ ގަޑީގައި ބޭރުތެރޭގައި އުޅުމުން ކޮންމެ ދުވަހަކު އެވްރެޖްކޮށް 150 އަށް ވުރެ ގިނަ މީހުންނާ ފުލުހުން ސުވާލު ކުރަން ޖެހުނެވެ. މާލޭގައި ދިރިއުޅޭ މީހުން އެ ހަފުތާގައި ތިބެނީ ރޭގަނޑު އަށެއް ނުޖަހައިގެންނެވެ. ހަމަ އަށެއް ޖެހުމާ އެކު، ކޮޅުކޮޅަށް އެއްފަހަރާ އެތައް ބަޔަކު ދުއްވައި ގަންނަނީ އެވެ.
މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި ކޮވިޑް-19 ފެތުރިއްޖެ ނަމަ ހާލަތު މެދުވެރިވާނެ ދަތި ގޮތްތައް ލޮކްޑައުންގައި މި އޮތް 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު އަހަރެމެން ތަޖުރިބާ ކޮށްފީމެވެ. މިދިޔަ 24 ގަޑިއިރު ދިޔައީ ޑެލިވަރީ ނިޒާމު ހަމަޔަކަށް ނޭޅުވި ތިއްބަ އެވެ. ޑެލިވަރީ ކުރި ތަކެތި ނުލިބި ބައެއް މީހުން ތިބޭތާ 24 ގަޑިއިރު ވީ އެވެ. މިއީ އަދި އެންމެ ކަމެކެވެ. ނަމަވެސް އެތައް ސަތޭކަ ބަޔަކަށް މި ބަލި ޖެހި، ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ހިނގައްޖެ ނަމަ ވާނެ ގޮތް އިހުސާސް ކޮށްބަލާށެވެ. މި އުޅެނީ އަދިވެސް ވެންޓިލޭޓަރު ހަމަނުކުރެވިގެންނެވެ.
އަހަރެމެން ދިވެހިން، މީހުން ދައްކާ ވާހަކައާ ގުޅުވައިގެން މަޖާ ވާހަކަތައް ފަތުރަން ވަރަށް މޮޅުވާނެ އެވެ. ޖޯކް ޖަހަން ވެސް މޮޅުވާނެ އެވެ. މި ފަހަރު ވެސް މަބްރޫކް ދެއްކެވި ވާހަކަތަކުން، ބޭނުންވާ ތަންތަންކޮޅު ހަދައިގެން މަޖާކުރީ އެވެ. އެކަމަކު މަބްރޫކާއި އެހެން އޮފިޝަލުން ދެއްކެވި ވާހަކަ އިން އިބްރަތް ހާސިލްކުރީ ކިތައް މީހުން ބާވަ އެވެ؟ ޑޮކްޓަރުން ކެނޑިނޭޅި ދެއްކެވި ވާހަކަތަކާ މެދު ފުންކޮށް ވިސްނައި، ދުނިޔޭގެ ތަޖުރިބާ އިން ފިލާވަޅު ލިބިގަތް ބަޔަކު އެބަ ތިބި ހެއްޔެވެ؟ މިއަދު ވެސް ލޮކްޑައުން އުވައިލައިފި ނަމަ އަހަރެމެން ދިވެހިން ދުއްވައި ގަންނާނީ ގުރޫޕް ހަދާފައި ކޮފީ އަށާއި ސަޔަށެވެ. އަނގަތަޅާށެވެ. މުޅި ދުނިޔެ އަށް ކުރިމަތިވެގެން މި އުޅެނީ ކިހާ ބޮޑު ކަމެއް ކަން ވިސްނާލުމެއް ނެތި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިއްވަރުގަދަ އަލީ
18 April 2020
ގަ މާރީ ކީ ނޫން ޖާހިލުކަން ބޮޑީ ، ދިވެހިން ނެއްނު މީހަކުބުނާ ވާހަކަ އެއް ގަބޫލުކޮއްފިޔާ އެ މީހަކު ދެރަވަރުވީ ،ދެން އަނެއްކަ މަކީ އަ މިއްލަ އެދުންވެސް ބޮޑީ ، ނެގެން އޮތްފައިދާވެސް ނަގަނީ
ހުސްނާމުހުސިން
17 April 2020
ތިއީ ހަގީގަތް. ގިނަދިވެހިން ހަމަ ގަމާރީ.
ހަސަނު1
17 April 2020
ބަސްނާހާ މަގުމަތީގައު އުސޫލާއި ޚިލާފަށް އުޅޭ މީހުން ކުއަރަންޓީން ފެސިލިޓީތަކުގައި 28 ދުވަހަށް އެކަހެރިކުރަންވީ.. އެވެސް ފޯނު އަތުލާފައި. އޭރުން ހުންނާނީ އެއްޗެއް ދަސްވެފައި.
ހަރީރާ
17 April 2020
ކަރަންޓީނު ފެސިލިޓީ އަށް ގެންގޮސް ދައުލަތުން އެމީހުން ބަލަހައްޓަން؟ ގެންދާންކަމެއް ނެތް. ވީއެންމެ ބޮޑުކޮށް ޖޫރިމަނާކޮށްފަ ގޭގަ ކަރަންޓީނުކުރަންވީ. ނިކުމެއްޖިއްޔާ ޖަލަށް.
ހަޑިގިއްލާ
17 April 2020
އެއްބަޔަކު އުޅެނީ ވަގުތުގެ ފައިދާ ނަގާ ލީޑަރު ޖަލުން ނުނެރެވިގެން
ކޮރަންޓީން
17 April 2020
ދިވެހިން ބަސްނާހާ. ޕާޓީ ކޮށް މަސްދަތުރު ދިއުމުން ފެތުރުނީ. އަދި އަނެއްކަމަކީ ހެލްތުން ފްރަންޓު ލައިނުގައި އުޅުނު އިރު ސިޓީ ކައުންސިލް ކޮށްފަ އޮތް ކަމެއް އެބައޮތްހޭ؟ ގަމާރަކަށް ނޫނީ މާލޭގެ އާބާދީ އަށް މަދަު ފިހާރަތަކަކުން ޑެލިވަރީ ކޮށްދެވޭނެކަމަށް ހިސާބެއް ނުޖަހޭނެ. ޑެލިވަރީ ކެޕޭސިޓީވެސް އަންދާސާ ކުރެވިފައެއް ނެތް. އިންތިޒާމެއްވެސް ނެތް. ރެޑްއެލާޓު އައީމަ ސީދާ ގެއިން ނުކުމެގެން ގޮސް ފާސްވެސް ހޯދަން ޖެހެނީ. އެއީ ކުރިން ކުރެވޭނެ ކަމެއް.
ހަޑިގިއްލާ
17 April 2020
މާލޭގަ ދިރިއުޅޭ އާބާދީއަށް ކެޕޭސިޓީ އޮތީ ކޮން ކަމެއްގަތޯ؟ ދިރާގާއި އިރީދޫއިންފެށިގެން، ސައިހޮޓާތަކާ މަގުތަކަށް ބަލާލީމަ ކެޕޭސިޓީ ފެނޭތޯ؟
އިސްފަޙާން
17 April 2020
ބަސް ނާހަނީ މިކަމުގައި އެކަނި ، އެއް ނޫން! އެކަމަކުވެސް މުސްލިމުން.
ނަސްރު 45
17 April 2020
ޕޮލިސް އަށް މިކަމެއް ހައްލެއް ނުކުރެވުނު، ބަންދުގެ މާނަ ދަސް ކޮށްދޭން ސައިކަލުގެ ދޫވެސް ނަގަން ޖެހޭ، ލަޓި ބުރިން އަޅާ ލަންވެސް ޖެހޭ. މަގުތަކުގާ ބަންގާޅީން ގިނަ ކަމަށް ފެެނޭ، ސަޕްލައި ކުރާ މީހުންނަށް ލޭބަލް ޖަހާފަ ހުންނަ ވެސްޓެއް ލާން އަންގާ. އެ ފަދަ މީހުން ނޫން އެކަކަށްވެސް ބޭރު ގަ ނުއުޅެވޭނެ. މިހާރު ވެސް މާލަސް ވެއްޖެ.
ޝިފް
17 April 2020
ދިވެހިން ނާހާނެ ބަހެއް. އަބަދުވެސް އިނގޭނީ މީސްމީޑިޔާ ތެރޭގަ ފާޑުފާޑުގެ އެއްޗިހިކިޔަން
900 ޑިގުރީ
17 April 2020
ޢަހަރެ މެންގެ ގިނަ މީހުންނަކީ މަވަރެއް ނެތިގެން އުޅޭބަޔެއް ގޮތެއް ނެތްބައެއް އިހުތިރާ މުކުރަން ނޭގޭބައެއް އެހެންވެ ކޮލެރާތެރޭގައި ރައީސް ނާސިރު ރައްޔަތުން ބަސްއެހުމަށް މަޖުބޫރުކުރީ އަދި ސިގެއްލާތެރޭގައި ރައިސް މައު މޫންވެސް ގަަބާރުން ރައްޔަތުން ބަސްއެހު މަށް މަޖުބޫރުކުރީ މީދިވެހިން ދުއްރާދައްކައިގެން މައިތިރިވާނީ
ޖާބެ
17 April 2020
ބަޑައްތޯ މަރުވަންވީ ނުވަތަ ބަލިންތޯ ދައުލައްތް ހިންގަން ހަވާލުވެތިބި ފަރާތްތައް ތައްޔާރު ނުވާކަން އެގެނީ.. ލަދުގަންނަ ވަރުވޭ ކަ މެއް ދި މާވީ މަ ހައްލުކުރަން ނޭންގޭ އެއްވެސް އިންތިޒާ މެއް ނެތް ޕްލޭނިންގް ވެސް ގޯސް 2 ހަފްތާ 3 ހަފްތާ ކަރުދާސް ކުޅު މުގަ ވެރިން ކުފޫހަ މަނުވާ ބައެއްކަން މިހާރު ސާބިތުވެއްޖެ.