އިސްލާމީ އަޚުލާޤުގެ ތެރެއިން ޒިންމާދާރު ވާން ދަސްކުރުން

އިސްލާމީ އަޚްލާޤީ ނިޒާމަކީ މީސްތަކުންނަށް އެމީހުންގެ ދުނިޔެއާއި އާޚިރަތުގެ ކަންކަން އިސްލާހުގެ މަގުން ހިންގުމުގައި ނުހަނު ފައިދާ ބޮޑު ނިޒާމެކެވެ. ސަބަބަކީ މި ނިޒާމުގެ ދަށުން ޚުލްޤުވެރިވާ އިންސާނާ އަށް އަޚްލާޤީ ވަކިވަކި ސިފަތައް ދަސްކޮށްދިނުމުގެ އިތުރުން އެ ހުރިހާ ކަމެއްގެ ތެރެއިން ޖުމްލަކޮށް ދަސްވާ އާންމު ކަންތައްތަކެއްވެސް ހުންނާތީ އެވެ. މިގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އެއް ކަމަކީ އިންސާނާގެ އެންމެހާ ޢަމަލުތަކާއި ބަސްތަކަކީ އެއާމެދު އޭނާ މަސްއޫލުވާން ޖެހޭ ކަންތައްތަކެއް ކަން ގަބޫލު ކޮށް އެކަންކަމާ މެދު ޒިންމާދާރު ވުމެވެ.


މިގޮތަށް ޒިންމާދާރުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ކަމަކީ އިސްލާމީ އަޚްލާޤީ ނިޒާމުގެ ތެރެއިން ދަސްވާ ކަންކަމުގެ ތެރޭގައި އަޚްލާޤީ މިންގަނޑުތަކަށް ތަބާވުމުގެ މުހިންމު ކަން ގަބޫލު ކުރެވިގެން ދިއުމެވެ. މިގޮތަށް ގަބޫލު ކުރާ މުސްލިމަކު ނަމަ އަޚްލާޤީ މިންގަނޑުތަކަށް ތަބާވާން ޖެހެނީ އެކަން މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެންނެވެ. އެއީ ފުރިހަމަ އިންސާނެއްގައި ހުރުން ކޮންމެހެން ލާޒިމު ސިފަތަކެއް ކަމުގައި ގަބޫލު ކޮށްގެންނެވެ. އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ވުމުން ލިބޭ ދުނިޔަވީ އަދަބުދިނުން ތަކެއް ހުރީތީވެ އެ އަދަބުދިނުން ތަކުން ކޮންމެހެން މިންޖުވާކަށް ނޫނެވެ. ވީމާ މިފަދަ މީހަކަށް ވުމަށްޓަކައި އިސްލާމީ ރިވެތި ހުރިހާ އަޚުލާޤަށް ވެސް ތަބާވާން ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ.

އިސްލާމީ އަޚްލާޤީ ނިޒާމުގެ ތެރެއިން މިގޮތަށް އަޚުލާޤީ ސިފަތަކަށް ތަބާވާން ދަސްކުރާ އިރު އޭގެ ނަތީޖާއެއްގެ ގޮތުން ދެން ދަސްވާން ޖެހޭ އަނެއް ކަމަކީ ފުރިހަމަ މުސްލިމަކު ނަމަ އޭނާގެ ކޮންމެ ޢަމަލަކާއި ބަހެއް އެއީ އޭގެ ނަތީޖާއާ މެދު އޭނާ މަސްއޫލުވާން ޖެހޭ ކަމެއް ކަމުގައި ބަލައި އެކަން ކަމުގައި ޒިންމާދާރު ވުމެވެ. ސަބަބަކީ ކީރިތި ޤުރުއާނުގައި އިންސާނާ މަސްއޫލިއްޔަތު އުފުލައި ޒިންމާދާރު ވާން ޖެހޭ ކަން ބަޔާން ކުރައްވާފައި ވުމެވެ.

މިގޮތުން އަލްއިސްރާއު ސޫރަތުގެ 63 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވަނީ އިވުމާއި ފެނުމަކީ އެއާ މެދު މަސްއޫލުވާން ޖެހޭ ކަންކަން ކަމުގައެވެ. އަދި އަލްޙިޖްރު ސޫރަތުގެ 29 އަދި 39 ގަ އާއި އައްޒުޚްރުފް ސޫރަތުގަ 44 ވަނައާޔަތުގައި ބަޔާން ކުރައްވާފައި ވަނީ އިންސާނާ ދިރިއުޅުމުގެ ހަޔާތުގައި ކޮށް އުޅުނު ޢަމަލުތަކާ މެދު ސުވާލު ވެވޭނެ ކަމުގައެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވަނީ ކޮންމެ ކަމެއް ބެލެހެއްޓުމާ ހަވާލު ވެފައިވާ މީހާއަށް ވެސް އެމީހަކު އެބަލަހައްޓަން ޖެހުނު ކަމަކާ ބެހޭ ގޮތުން އެކަން ބެލެހެއްޓިތޯ ނުވަތަ ނޫންތޯ މާތްﷲ ޤިޔާމަތް ދުވަހުން ސުވާލު ކުރައްވާނެ ކަމަށެވެ. ހަމަ އެފަދައިން ވަރަށް މުހިންމު ހަތަރު ކަމަކާ ބެހޭ ގޮތުން ޤިޔާމަތް ދުވަހު ސުވާލު ކުރެވިގެންދާނެ ކަމަށްވެސް ބަޔާން ކުރައްވާފައި ވެއެވެ. އެހަތަރު ކަމަކީ، އެމީހެއްގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯ އާއި، އެމީހަކަށް ލިބުނު ޢިލްމު ބޭނުން ކުރީ ކޮންގޮތަކަށްތޯ އާއި، އެމީހަކަށް ލިބުނު މުދާ ހޯދީ ކިހިނެއްތޯ އަދި އެމުދާ ހޭދަކުރީ ކޮންކަންކަމެއްގައިތޯ އާއި، އެމީހެއްގެ ހަށިގަނޑުން ކުރީ ކޮން ބޭނުމެއްތޯ އާ މިކަންކަމެވެ.

މިފަދަ ނައްޞުތައް މިހެން ހުރުމާއެކު ކޮންމެ މުސްލިމަކު ވެސް ތަންދޮރު އޮޅުންފިލަން ފެށުމާ އެކު މަސްއޫލިއްޔަތު އުފުލައި ޒިންމާދާރު ވާން ދަސް ކުރަމުން ދާން ޖެހޭނެ އެވެ. ބުނާ ކޮންމެ ބަހެއް ބުނުމުގެ ކުރިން އަދި ކުރާ ކޮންމެ ކަމެއް ކުރުމުގެ ކުރިން އެކަމުގެ ނަތީޖާއާ މެދު ވިސްނަން ދަސްކުރަން ޖެހޭނެ އެވެ. އަދި ގޯސް ޢަމަލެއް ކުރެވިއްޖެ ނަމަ އަދި ގޯސް ބަހެއް ބުނެވިއްޖެ ނަމަ އެކަމުގެ ހިތި ނަތީޖާ ތިމާ އުފުލަން ޖެހޭނެކަން ގަބޫލު ކުރަން ޖެހޭނެ އެވެ.

މިކަންކަމަށް ބާރު ލިބުމަށްޓަކައި ރިވެތި އަޚްލާޤީ ސިފަތަކަށް ތަބާވުމުގެ މުހިންމުކަން ގަބޫލު ކުރުން ކޮންމެހެން ލާޒިމެވެ. އަޚްލާޤަށް ތަބާވުމުން ތިމާއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަން ހިތުގެ އަޑިން ކަށަވަރު ކުރުން މުހިންމެވެ. ކަމެއްގެ ބޭރުފުށަށް ބަލާއިރު ތިމާއަށް މި ލިބެނީ ގެއްލުމެކޭ ހީވާފަދަ ހާލަތްތައް ފަހަރެއްގައި މެދުވެރި ވެދާނެ އެވެ. އެހެންނަމަވެސް އެކަމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ވާނަމަ އެފަދަ ދަނޑިވަޅުތަކުގައި އެއާ މެދު ފުންކޮށް ވިސްނާލުން މުހިންމެވެ.

މުސްލިމަކު ނަމަ މިގޮތަށް ވިސްނާއިރު އޭނާގެ މާއްދީ ފައިދާތަކާއެކު ރޫޙާނީ ފައިދާތަކުގެ މަތިން އަދި އޭނާގެ ދުނިޔަވީ ފައިދާތަކާއެކު އުޚްރަވީ ފައިދާތަކުގެ މަތިންވެސް ހަނދާން ބަހައްޓަން ޖެހެއެވެ. މިހުރިހާ ދިމާއަކަށް ވިސްނައިފި ނަމަ އަބަދުވެސް ފެނިގެންދާނީ އިސްލާމީ އަޚްލާޤުގައި ހުރި ފައިދާތަކެވެ. ވީމާ އެއަށް ތަބާވުން އައުލާކަން ބޮޑުކަމެވެ. މީގެ އިތުރަށް މުސްލިމަކު ނަމަ އަބަދުވެސް ހަނދާން ކުރަން ޖެހެނީ އޭނާއަކީ މަސްއޫލިއްޔަތު އުފުލަން ޖެހޭ މީހެއް ކަމެވެ.

މިކަންކަން މިމަގުން ކުރާ ނަމަ އޭގެ ނަތީޖާއެއްގެ ގޮތުން އެމީހެއްގެ އީމާން ކަމާއި އިސްލާމް ކަން ވެސް ވަރުގަދަ ވެގެން ދާނެ އެވެ. އީމާންކަމުގެ ހުރިހާ ރުކުންތަކަށް ފުރިހަމައަށް އީމާންވާން ޖެހޭނެކަން ގަބޫލުކޮށް އީމާންކަން ވަރުގަދަ ވެގެން ދާނެ އެވެ. އަދި އިސްލާމްކަމުގެ ރުކުންތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން ވެސް އިތުރު ވެގެންދާނެ އެވެ.

މީގެ އިތުރުން ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމާއި މާތްﷲގެ މަގުގައި ޖިހާދު ކުރުން ފަދަ ކަންކަމަށް އިސްކަން ދޭން ދަސްވާނެ އެވެ. އަދި އެންމެހާ ހަރާމް ކަންކަމުން ދުރުހެލިވެ ހުންނަން ވެސް ދަސްކުރެވޭނެ އެވެ. މިފަދަ މީހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރިވެތި އަޚުލާޤުގެ ވެރިއަކަށް ވާނެ މީހެކެވެ. އަދި އެ އަޚުލާގުގެ ތެރެއިން މަސްއޫލިއްޔަތު އުފުލުމާއި ޒިންމާދާރުވާން ދަސްކުރާނެ މީހަކަށް ވެސް ވެގެން ދާނެ އެވެ.