ދައުލަތުން ވެސް އަމަލު ކުރުން ރަނގަޅީ "ނިއު ނޯމަލް' އަށް

ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް އަޅުގަނޑުމެން ވެސް "ނިޔު ނޯމަލް"ގައި އުޅުމަށް މިދަނީ ތައްޔާރު ވަމުންނެވެ. ކޮވިޑް-19 އަށް ވެކްސިނެއް ލިބެންދެން އިޖްތިމާއީ ގުޅުންތައް ތަރުތީބުކޮށް، ވަޒީފާ އަދާކޮށް، ވިޔަފާރި ދަމަހައްޓައި، ދިރިތިބެން ޖެހޭނީ ނިޔު ނޯމަލަށް ކަމަށް، ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކޮށްގެންނެވެ.


ނަމަވެސް ކުރިޔަށް އޮތް ތަނުގައި "ނިޔު ނޯމަލް"ގައި އުޅެން ޖެހޭނީ ރައްޔިތުން އެކަންޏެއް ނޫނެވެ. ދިވެހި އިގްތިސާދު އަލުން އާރާސްތު ކުރުމަށް މަދުވެގެން އަހަރެއް ނަގާނޭ ކަމަށް ބެލެވެ އެވެ. އެހެންކަމުން، މި މުއްދަތުގައި، ދައުލަތުން ވެސް އުޅުން ރަނގަޅީ "ނިޔު ނޯމަލް" އަށެވެ. ތިން މަހަކަށް ނޫނެވެ. މަދުވެގެން އަހަރެއްހާ ދުވަހަށެވެ.

ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު

ކޮވިޑް-19ގެ ސަބަބުން އެ ގައުމެއްގެ އިގްތިސާދަށް އެންމެ ބޮޑަށް ނޭދެވޭ އަސަރު، މި ސަރަހައްދުގައި ކުރާނީ ދިވެހިރާއްޖެއަށް ކަމަށާއި، ރާއްޖޭގެ ޖީޑީޕީ -8.5 ޕަސެންޓް ދަށްވެ، އިގްތިސާދީ އޮޑި "ފަރުގައި" ޖެހޭނެ ކަމަށް ވޯލްްޑް ބޭންކުން ވަނީ އަންދާޒާކޮށްފަ އެވެ. ވީ އެންމެ އަވަހަކަށް ފަތުރުވެރިކަމުގެ ސިނާއަތް ފެށުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މި އަހަރުގެ ތެރޭގައި، ހަރުދަނާ ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ހިނގައިގެންފާނެ ކަމަކަށް، ސިނާއަތުގެ މަތިފަޑީގައި ތިބި ފަރާތްތައް ގަބޫލެއް ނުކުރެ އެވެ.

މަސައްކަތްތެރިންގެ 14 ޕަސެންޓް ވަޒީފާ އަދާކުރަނީ ރިޒޯޓްތަކުގައި ކަމަށް 2014 ބޯހިމެނި ހިސާބުތަކާ އެކު ނުކުތް ރިޕޯޓްތަކުގައި ލިޔެފައިވެ އެވެ. ނަމަވެސް ރިޒޯޓްތައް ހުއްޓުމުން ވަޒީފާގެ މައްސަލަ ޖެހެނީ، ހަމައެކަނި ރިޒޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފުންނަށް އެކަންޏެއް ނޫނެެވެ. ޓްރެވަލް އެޖެންޓުންނާއި، އެއާލައިންތަކާއި، ރިޒޯޓްތަކަށް މުދަލާއި ޚިދްމަތް ވިއްކި ވިޔަފާރިތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީ ހޯދި މިޔުޒިޝަނުން، ފޮޓޮގްރާފަރުން، ކުރެހުންތެރިން، ވެބް ޑިވޮލަޕަރުން ފަދަ ފަންނާނުންނާއި، ޑައިވަރުން، ފީނުންތެރިންނާއި އަދި މިނޫން ވެސް އެތައް ޚިދުމަތެއް ފޯރުކޮށްދިން ކެޔޮޅުން، ފަޅުވެރިން، ލޯންޗް ޑްރައިވަރުން ފަދަ ފަރާތްތަކުގެ ވަޒީފާތައް ވެސް ބީވެ އެވެ. ގެސްޓް ހައުސްތައް ހުއްޓުމުން، ގެސްޓް ހައުސްގައި ވަޒީފާ އަދާކުރި ފަރާތްތަކުގެ އިތުރުން، ރަށުގައި މަސް ދަތުރު، އެކްސްކާޝަން، ލޯންޑްރީ ފަދަ ޚިދުމަތްތައް ފޯރުކޮށްދިން ފަރާތްތަކާއި، ކެފޭ އާއި ފިހާރަތައް ހިންގި ފަރާތްތަކުގެ އާމްދަނީއަށް ބުރޫއަރާ ވަޒީފާތައް މަދުވެ އެވެ.

ރާއްޖޭގެ އެހެނިހެން ސިނާއަތްތައް ވަނީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިލާމެހިފައި ކަމުން، ފަތުރުވެރިކަމުގެ ސިނާއަތް 'ބަނޑު' ޖެހުމުން، ކޮންސްޓްރަކްޝަން، ޓްރާންސްޕޯޓް، ކޮމިޔުނިކޭޝަން ފަދަ އިގްތިސާދުގެ 20 ޕަސެންޓް ހިއްސާކުރި ސިނާއަތްތަކުގެ ވިޔަފާރިއަށް ބޮޑުތަނުން ވަނީ ބުރޫއަރައިފަ އެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި (9.7 ޕަސެންޓް) އާއި ރިއަލް އެސްޓޭޓް ވިޔަފާރި (6.8 ޕަސެންޓް) އަކީ ރައްޔިތުންގެ ޖީބުގެ ފުދުންތެރިކަމާ ގުޅުން ހުރި ވިޔަފާރިތަކެވެ.

ދިވެހި ޕްރައިމަރީ އިންޑަސްޓްރީސް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ބޮޑު ބައެއް އަމާޒު ކުރެވިފައިވަނީ ޓުއަރިޒަމަށް ކަމަށް ވުމުން، މަސްވެރިކަމާއި ދަނޑުވެރިކަން ވެސް މަޑުޖެހި، އެ ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަޒީފާތަކަށް ބުރޫއަރާނެ އެވެ. އިގްތިސާދަށް އައި ލޮޅުމާއި، ޕެންޑެމިކް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ އިތުރުން، ދޮޅު މަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު، ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރިތަކުގެ ދޮރުތައް މިހާރު ހުރީ ބަންދު ބޯޑު އަޅުވައި ތަޅުލާފަ އެވެ. ގައުމީ އިގްތިސާދު -8 ޕަސެންޓަށް ދަށްވެ، ދިވެހި އިގްތިސާދީ ނައު ފަރުގާ ޖެހޭނެ ކަމަށް ބެލެވޭއިރު، ޖުމްލަކޮށް ހުރިހާ ވިޔަފާރިތައް އަނަރޫފަވެ، އެ ވިޔަފާރީގެ މަސައްކަތްތެރިންގެ އާމްދަނީ ދަށަށް ގޮސް ވަޒީފާތަކަށް ބުރޫނާރައެއް ނުހުންނާ އެވެ.

ދިވެހި ސިނާއަތްތަކާއި ވިޔަފާރިތައް މަޑުޖެހުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރި ފަރާތްތަކުގެ ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް، އަނެއް ބަޔަކު ނޯޕޭ އަށް ފޮނުވައި، ދެން ތިބި މީހުންގެ މުސާރައިން ބައެއް ވަނީ އުނިކޮށްފަ އެވެ. ސިޔާސީ މަގާމުތަކާއި ފަނޑިޔާރުގޭގެ މުސާރަތައް ވެސް ހިމެނޭ ގޮތުން، ދައުލަތުގެ މަގާމުތަކުގެ މުސާރައިން ވެސް ވަނީ ބައިކުޅަ ބައެއް އުނިކޮށްފަ އެވެ. ނުރަސްމީ ވަޒީފާތައް އަދާކުރާ ގިނަ ފަރާތްތައް މިވަގުތު ތިބީ މަސައްކަތެއް ނެތިފަ އެވެ. އެހެންކަމުން ދިވެހި މަސައްކަތްތެރިންގެ 20 ޕަސެންޓަށް ވުރެ މަދު ނޫން އަދަދެއްގެ ވަޒީފާ ގެއްލި، ގާތްގަނޑަކަށް 65 ޕަސެންޓް ފަރާތުގެ އާމްދަނީއަށް ނޭދެވޭ އަސަރު ފޯރާފައި ވާނޭ ކަމަށް ބެލެވެ އެވެ.

ދައުލަތް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. މީރާގެ 2019ގެ އާމްދަނީއަށް ބަލާއިރު 78 ޕަސެންޓަކީ ޖީއެސްޓީ، ޓީޖީއެސްޓީ، ވިޔަފާރި ފައިދާގެ ޓެކްސް، ގްރީން ޓެކްސް އަދި ޓުއަރިޒަމް ލޭންޑް ރެންޓެވެ. ފަތުރުވެރިކަން ހުއްޓި، އިގްތިސާދީ ނައު ފަރުގައި ޖެހުމާއި ލޮކްޑައުންގެ ސަބަބުން، ގިނަ ވިޔަފާރިތަކުގެ ވިކުރާގައި ފެންނަން ހުރީ ރަތް ކުލަ އެވެ. ޖީއެސްޓީ އުފަންވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ގަތުމުންނެވެ. މަސައްކަތްތެރިންގެ ގިނަ ބައެއްގެ އާމްދަނީ ބޮޑު ތަނުން މަދުވެ، ޖީބުގައި މަކުނުވާ ފުރުމުން، ތަކެތި ގަތުމުގެ ގާބިލުކަން ދަށްވެ، ޖީއެސްޓީގެ މިންވަރު އެތައް ތަނުން މަދުނުވެއެއް ނުހުންނާ އެވެ. ގްރީން ޓެކްސް ލިބޭނީ ޓުއަރިސްޓުން ދަތުރު ކުރަން ފެށުމުންނެވެ. މީގެ އިތުރުން ދައުލަތަށް ލިބޭ ޓުއަރިޒަމް ލޭންޑް ރެންޓް ހަ މަސް ދުވަހަށް ފަސްކޮށްދޭން ސަރުކާރުން ނިންމުމުން، 2019 ގައި 1.6 ބިލިއަން ރުފިޔާ ލިބުނު ޓުއަރިޒަމް ލޭންޑް ރެންޓް ވެސް ބޮޑު ތަނުން މަދުވާނެ އެވެ. އަދި 4.3 ޕަސެންޓް ހިއްސާކުރި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖަސް ލިބޭނީ ދަތުރުވެރިނަށް މަރުހަބާ ކިޔަން ފެށުމުންނެވެ. ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށް ލުއި ދިނުމުގެ ސަބަބުން 4.34 ޕަސެންޓް ހިއްސާކުރި ބޭންކުތަކުގެ ޕްރޮފިޓުން ނަގާ ޓެކްސް ވެސް، ދަށްނުވެއެއް ނުހުންނާ އެވެ.

މަތީގައި ބަޔާންކުރި ބައިތައް ފިޔަވައި މީރާގެ އާމްދަނީގައި ދެ ޕަސެންޓަށް ވުރެ މަތިން ހިއްސާކުރާ އެހެން ގިންތިއެއް ނެތެވެ. މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ އެޕްރީލް މަހުގެ އާމްދަނީ ކުރީ އަހަރުގެ އެެޕްރީލަށް ވުރެ 69 ޕަސެންޓް ދަށެވެ. ދައުލަތުން ކުއްޔަށް ދީފައި ހުރި އެހެނިހެން ބިންތަކުގެ ކުލި ފަސްކުރުމުން، ބިންތަކުގެ ކުލީގެ ގޮތުގައި 2019 ގައި ލިބުނު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް މި އަހަރަކު ނުލިބޭނެ އެވެ. އަންދާޒާކުރެވޭ ގޮތުގައި ދައުލަތުގެ ޖުމްލަ އާމްދަނީ، މިދިޔަ އަހަރަށް ވުރެ 60 ޕަސެންޓް ވަރު ދަށްވުމަކީ ނާދިރު ކަމަކަށް ނުވާނެ އެވެ.

ދައުލަތުގެ ޚަރަދުތައް

ދައުލަތަށް ލިބޭ އާމްދަނީ 60 ޕަސެންޓް ވަރު ދަށްވާނެ ކަމަށް ބެލެވޭ އިރު، ދައުލަތުގެ ޚަރަދުތައް ވަނީ އިތުރުވެފަ އެވެ. ކޮވިޑް-19 ގެ ހަނގުރާމައިގެ ޚަރަދުތައް 900 މިލިއަން ރުފިޔާއާ މިހާރު ވެސް ވަނީ ކައިރިވެފަ އެވެ. ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމަށް އަޅުގަނޑުމެން ބޭނުންކުރާ އަގުބޮޑު މޮޑެލަށް ބޮޑެތި ބަދަލުތަކެއް ނުގެންނަ ނަމަ، އަހަރު ނިމުމުގެ ކުރިން ކޮވިޑް ހަނގުރާމައަށް ކުރާ ޚަރަދު އެކަނި 1.5 ބިލިއަނަށް އަރާފާނޭ ކަމަށް އަންދާޒާ ކުރެވެ އެވެ.

މީގެ އިތުރުން ވަޒީފާތަކުން ވަކިކުރި ފަރާތްތަކަށް ފޯރުކޮށްދޭން މަޖްބޫރު އިންކަމް ސަޕޯޓާއި، ގެދޮރު ނެތް ފަރާތްތަކާއި، އިތުރަށް ހާލުގައި ޖެހޭނޭ ފަރާތްތަކަށް ވެސް އެހީވެ، އަޅާލައި ބަލަހައްޓަން މި ފުރުސަތުގައި ދައުލަތަށް މަޖުބޫރު ވާނެ އެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީވުމަށް މިހާތަނަށް ނިންމަވާފައިވަނީ ތިން މަހަށެވެ. ނަމަވެސް ތިން މަސް ނިމުމަކުން ވަޒީފާތަކެއް ކުއްލިއަކަށް ފާޅެއް ނުވާނެ އެވެ. ދައުލަތުގެ ޒިންމާއެއް ނުކެނޑޭނެ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓްގައި: ޓޫރިޒަމް ހުއްޓުމުން ދައުލަތުގެ އާމްދަނީ ބޮޑު ތަނުން ދަށަށް ދާނެ

މި އަހަރަށް ފާސްކުރި ބަޖެޓުގައި، ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ހިމަނައިފައިވެ އެވެ. ބަޖެޓް ކުރެވިފައިވާ އެހީ އާއި ސަބްސިޑީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން އިންކަމް ސަޕޯޓްގެ ގޮތުގައި މިހާރު ވެސް 300 މިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް ދޫކޮށްފި އެވެ. އިތުރަށް ހާލުގައި ޖެހޭނެ ފަރާތްތަކަށް އަޅާލުމަށާއި، މިހާރު ވެސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިތުރަށް އެހީ ދިނުމުގެ ސަބަބުން، އެހީ އާއި ސަބްސިޑީޒްގެ އެކު ޖުމްލަ އަދަދު 5.5 ބިލިއަން ފަހަނައަޅައި ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ވީމާ، ގަބޫލުކުރެވޭ ގޮތުގައި 2020 ނިމިގެންދާނީ ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑުތަނުން އިތުރުވެ، އާމްދަނީ ވަރަށް ބޮޑު ތަނުން ދަށްވެގެންނެވެ. ނަމަވެސް 2021 ފެށޭއިރު ކޮވިޑްގެ ނުރައްކަލުން ފުރިހަމައަށް ގައުމު ސަލާމަތް ވެފައިވާނެ ކަމަށް ހިސާބު ޖަހާކަށް ނުވާނެ އެވެ. ކޮވިޑް-19ގެ ކޮޅިގަނޑު ލައްވާލީ ރާއްޖެއަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށެވެ. ހުރިހާ އިގްތިސާދަށެވެ. ދުނިޔޭގެ މުއްސަނދި ގަަައުމުތަކުގެ އަންއެމްޕްލޯއިމަންޓް ރޭޓްސް ހުރީ ފަހުގެ ތާރީޚެއްގައި ނުފެންނަ ހިސާބެއްގަ އެވެ. އެހެންކަމުން، އެކީ އެއްފަހަރާ ތަންމަތިތައް ބަނދެ 1.6 މިލިއަން ފަތުރުވެރިން އެބައި މީހުންގެ އައިލާ ގޮވައިގެން ޗުއްޓީގައި ފުރާފާނެ ކަމަކަށް ހީކުރާކަށް ނުވާނެ އެވެ. އުންމީދު ކުރިކަމުގައި ވިޔަސް ހިސާބު ޖަހާކަށް ނުވާނެ އެވެ. އަނަރޫފަވި ވިޔަފާރިތައް ކޮޅަށް ޖެހޭނީ މަޑުމަޑުންނެވެ. ކޮވިޑްގެ ކޮޅިގަނޑު މުޅިން އެއްލާލައި، އުޑުމަތި ސާފުވެ ދިވެހި އިގްތިސާދަށް ހަމަ ވައި ލިބޭނޭ ކަމަށް ބަލަން ވާނީ އެެންމެ އަވަހަށް ވެސް 2021 ގެ ފަހުކޮޅުގައި ކަމަށް ބެލެވެ އެވެ. އެ ދުވަސް އަންނަން ވާއިރަށް، އިގްތިސާދީ އޮޑީގެ ފަށަނަށް ލިބުނު ގެއްލުން މަރާމާތުކޮށް، ވާވެލާވެލި އާކޮށް، ފަޅުވެރި ކުދިން އަލުން ކޮޅަށް ނަގައި ތައްޔާރު ވެވިއްޖެ ނަމަ، 2021 ފަހުކޮޅުގައި ހިތްވަރާ އެކު ކަނޑު އޮޅިން ނުކުމެ، ދަންމާނަށް ދޫކޮށް، އިގްތިސާދީ އޮޑީގެ ރިޔަލުގައި ވައިއަޅުވައި، ފައްސިއަށް ދުއްވަން ފެށިދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

އިގްތިސާދު އޮޑީގެ ދުވެލި އިހު ސްޕީޑަށް ގެންދިޔުމަށް މަދުވެގެން އަހަރެއްހާ ދުވަސް ނަގާނޭ ކަމަށް ބެލެވޭއިރު އެހިސާބަށް ދަންދެން ދައުލަތުގެ އަމަލުތައް ވެސް ބަހައްޓަން ޖެހޭނީ ނިއު ނޯމަލްގައި ކަން ޔަގީނެވެ.

ނިއު ނޯމަލްގައި ދައުލަތް ހިންގުން

ޕެންޑަމިކްއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ހަދާފައިވާ ސެނާރިއޯތަކުގެ ތެރެއިން މިހާރު އަންދާޒާ ކުރާ ސެނާރިއޯ ތިނެއްގައި 15 ބިލިއަން ރުފިޔާ އަދި ސެނާރިއޯ ހަތަރެއްގައި 17 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ޖެހޭނެ ކަމަށް ވަނީ ބަލާފަ އެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ލިބޭނެ ކަމަށް އަންދާޒާކުރާ 290 ވަރަކަށް މިލިއަން ޑޮލަރު ފުރިހަމައަށް ލިބުމުން ވެސް ފައިނޭންސް ކުރެވޭނީ 25 ޕަސެންޓަށް ކަމަށް ބެލެވެ އެވެ.

ޕެންޑެމިކްއާ ގުޅިގެން ވޯލްޑް ބޭންކް، އައިއެމްއެފް، އޭޑީބީ. ފަދަ އިދާރާތަކުން 290 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ވެސް އެހީވެދީފާނެ އެވެ. އެކުވެރި ގައުމުތަކުން ވެސް އެބައި މީހުންގެ ރަހުމަތްތެރިކަމާއި ރައްޓެހިކަން އެތައް ސިފައަކުން ދައްކާނެ އެވެ. ނަމަވެސް ރައްޓެހިންނާއި ބައިނަލްއަގްވާމީ އިދާރާތަކުން ވެސް، ޚަރަދުތައް ކުޑަކުރަން އަޅުގަނޑުމެން ކުރާނީ ކޮން ކަމެއްތޯ އަހައި، އެކަންތައް މޮނިޓަނުކޮށެއް ނުތިބޭނެ އެވެ.

ދައުލަތަށް ލިބޭނޭ އާމްދަނީ ބޮޑު ތަނުން މަދުވެ، ޚަރަދުތައް ބިޔަވެ، ބޮޑުވާނޭކަން ޔަގީން ވާއިރު، އަދި މީގެ އިތުރުން މި އަހަރު ނިމޭއިރު އިގްތިސާދު މުޅިއަކުން ހަމައަށް އެޅޭނޭ ކަމަށް ނުބެލެވޭއިރު، 2021ގެ ނިޔަލަށް ދައުލަތުގެ ހިންގުން ވެސް ޖެހޭނީ "ނިއު ނޯމަލް" އަކަށް ފަރުމާކޮށް، އެތައް ނިސްބަތަކުން ޚަރަދުތައް ކުޑަކުރާށެވެ. ޚަރަދު ކުޑަކުރުމަށް އެކަށައަޅައި، އެކަމަށް ހިތުނިޔަތް ގަތުމުން، ޚަރަދު ކުޑަކުރުމުގައި ވިސްނިދާނެ ކިތަންމެ ގޮތެއް ލިސްޓް ކުރެވޭނެ އެވެ.

އާމްދަނީ ދަށްވެ، ދައުލަތުން ފޯރުކޮށްދެވޭނެ ޚިދްމަތްތައް މަދުވާނެކަން ޔަގީން ކުރެވޭއިރު، ސަރުކާރު އެކުލެވިގެންވާނީ ޖުމްލަ ކިތައް މިނިސްޓްރީގެ މައްޗަށް ކަމަށް، އަދި ކޮންމެ މިނިސްޓަރެއްގެ ހަތަރެސް ފަޔަށް ބޭނުންވަނީ ކިތައް ސްޓޭޓް މިނިސްޓަރުންނާއި، ޑިޕިޔުޓީ މިނިސްޓަރުންނާއި ކޯޑިނޭޓަރުންކަމާއިި އެމީހުންގެ މުސާރައިގެ މިންވަރާ މެދު އަލުން ވިސްނިދާނެ އެވެ. ގައުމު ހަމައަކަށް އެޅެންދެން، ކޮންމެ ދުވަހަކު ދިވެހި ދިދަ ނަގާނީ ކިތައް ގައުމުގައިތޯ އާއި އެ އެމްބަސީތަކުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތައް ވެސް ނިޔު ނޯމަލްގައި އަލުން މުރާޖައާ ކުރެވިދާނެ އެވެ. ދައުލަތުގެ 30 ހަކަށް ކުންފުންޏާއި، ޖޮއިންޓް ވެންޗަ 39 ކުންފުނި ވުޖޫދުގައިވެ، އާންމު ހާލަތެއްގައި ވެސް ދައުލަތަށް ޑިވިޑެންޑެއް ދައްކަނީ އެންމެ 10 ވަރަކަށް ކުންފުނިން ކަމަށް ވާއިރު، ކުންފުނިތައް ކޮންސޮލިޑޭޓް ކޮށް، ހިންގުން ހަރުދަނާކޮށް، ފުދިއްޖޭ! ބުނެ އިތުރަށް ކުންފުނިތައް އުފެއްދުން މަޑުޖައްސާލައި، ބޯޑު މެންބަރުންނާއި އިސް ހިންގުންތެރިންގެ މުސާރަތަކާއި އެލަވަންސްތައް ކުޑަކުރަން ވިސްނިދާނެ އެވެ. ދައުލަތުގެ އެހެން ބާރުތަކާއި ކަމިޝަންތަކުގެ މުސާރަތަކާއި އިނާޔަތްތަކުގެ އަދަދުތަކަށް ވެސް އަލުން ވިސްނައި، މަޖިލިހުގެ މެންބަރުންނާއި ކައުންސިލް މެންބަރުންގެ އަދަދާއި މުސާރަތައް ވެސް "ނިއު ނޯމަލައިޒް"ކުރަން ނުޖެހިއެއް ނުދާނެ އެވެ. އެންމެ ތިން މަހަކަށް ނޫނެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ ޖުމްލަ ޚަރަދު ކުޑަކުރެވިދާނެ އެތައް ގޮތެއް ލިސްޓް ކުރެވިދާނެ އެވެ. ނަމަވެސް ފުރަތަމަ ބޭނުންވަނީ ނިއު ނޯމަލްގައި ދައުލަތް ހިންގުމަށް، ދައުލަތުގެ ވެރިން ހިތު ނިޔަތް ގަނެ، ޚަރަދުތައް ކުޑަކުރުމަށް އާނ! ބަސް ބުނުމެވެ. އެކަމަށް ސީރިއަސް ވެ ޖުމްލަކޮށް ދައުލަތް ހިންގުމުގެ ނިޒާމު އަލުން ބަލުން ބައްޓަންކޮށް ނިއު ނޯމަލައިޒް ކުރާށެވެ. ވޭތުވެ ދިޔަ 40 އަހަރު ދައުލަތް ހިންގި ސަގާފަތް ދޫކޮށް، އާ ގޮތަކަށް ބެރުގައި ފުނަޖަހައި ތަފާތު ގޮތަކަށް ފައި އަޅަން ދަސްކުރާށެވެ.

އިގްތިސާދީ ގޮތުން ދަތި ހާލުގައި، ނިއު ނޯމަލްގައި ރައްޔިތުން އުޅެން ތައްޔާރު ވާއިރު، ނިއު ނޯމަލްގައި ދައުލަތް ހިންގާ ގޮތް ބަލަން ރައްޔިތުން ތިބޭނެ އެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އިނގިރޭސި ބަހުން ނެރޭ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.