ކިޔަވައިދެވޭ ގޮތް: ދެވޭ ތައުލީމުގެ ފެންވަރު

ދޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ދުނިޔޭގެ ސިޔާސީ ވެރިންނާއި ތައުލީމީ މޫލަވެރިންނާއި ބެލެނިވެރިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ލަނޑުދަނޑިއަކީ އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ހިތްވަރާއި ގާބިލުކަން ލިބިފައިވާ ދަރިންތަކެއް ބިނާކުރުމެވެ. މުޖުތަމައަށް ހަމަޖެހުމާއި އަމާންކަން ގެނެސް އެންމެހާ އަފުރާދުންގެ ދިރިއުޅުން ކުރިއެރުވުމެވެ. މި މުރާދު ހާސިލުކުރުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ވެފައިވަނީ ދަތި އުނދަގޫ ކަމަކަށެވެ. ބައެއް ގައުމުތަކަށް ކުރިއެރުން ލިބެމުން ދިޔަ ނަމަވެސް އަނެއް ބައި ގައުމުތައް ވަނީ ގޮތް ހުސްވެފަ އެވެ. ކޮށްފައި ނުކުރާނީ ކޮން ކަމެއްތޯ ދަނީ ބަލައި ހޯދަމުންނެވެ.


އެނގިފައިވަނީ ފެންވަރު މަތީ ތައުލީމެއް ދިނުމަށް ބޭނުންވަނީ ފެންވަރު ހުރި ޓީޗަރުންކަމެވެ. ސުވާލަކީ ކިޔަވައި ދިނުމުގައި އެ ޓީޗަރުން ވަކި ގޮތްތަކަކާއި ހަމަތަކެއް ހިފަހައްޓާތޯ އެވެ. އެހެންކަމަށް ވާ ނަމަ، އެ ގޮތްތަކަކީ ކޮބައިތޯ އެވެ. މިކަން ހޯދައި ބެލުމަށް މެކެންސީ (މެކެންސީ އެންޑް ކޮމްޕެނީ: ދުނިޔޭގެ އެކިއެކި ފެންވަރުގައި ތަފާތު ސިޔާސަތުތަކާއި ގޮތްތައް ކަނޑައެޅުމަށް ތަފާތު ދިރާސާތައް ކުރަމުންދާ މުއައްސަސާއެއް) ވަނީ 2017 ގައި ވަރަށް ފުޅާ ދާއިރާއެއްގައި މި ކަމާ ބެހެ ގޮތުން ދިރާސާއެއް ކޮށްފަ އެވެ. މި ދިރާސާގައި ބަލައިފައި ވަނީ ކިޔަވައި ދިނުމުގައި ބޭނުންކުރާ މައިގަނޑު ދެ ގޮތާއި ދަރިވަރުން ހާސިލުކުރާ މިންވަރާ ހުރި ގުޅުމަށެވެ.

މީގެ ތެރެއިން ފުރަތަމަ ގޮތަކީ މުދައްރިސް ކިޔައިދީ އޮޅުންފިލުވައިދޭ އުސޫލަށް ކިޔަވައިދިނުމެވެ. މި ގޮތަށް ކިޔަވައިދިނުމުގައި ދަރިވަރުން ކުރާ ސުވާލުތަކަށް ޖަވާބުދީ ކިލާހުގެ މަޝްވަރާތައް ވަކި ދިމާއަކަށް ގެންދިއުމުގެ ދައުރު އަދާކުރާނީ މުދައްރިސެވެ. މިއީ "ޓީޗާ-ސެންޓާޑް" ނުވަތަ "ޓީޗާ-ޑައިރެކްޓެޑް" ކިޔަވައިދިނުމެވެ. ލަފުޒީ މާނައަކީ، މުދައްރިސް އެއީ ކިޔަވައިދިނުމުގެ މެދު ކަމަށް ނުވަތަ ނާރެސްކަމަށް ބަލައިގެން ކިޔަވައިދޭ ކިޔަވައިދިނުމެވެ. ނުވަތަ މުދައްރިސް ނާރެސް ވާ ގޮތަށް ކިޔަވައިދިނުމެވެ.

ދެވަނަ ގޮތަކީ، ކަމެއް ހޯދުމުގެ މައްޗަށް ނުވަތަ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކިޔަވައިދޭ ކިޔަވައިދިނުމެވެ. މި އުސޫލުގައި މައިގަނޑު ގޮތެއްގައި ދަރިވަރުންގެ ދައުރަކީ، ކޮންމެވެސް ތަހުގީގެއް ކުރުމަށް ކަމެއް ހިންގަންވީ ކީއްވެގެން ކަން، ތަފާތު ނަޒަރިއްޔާތައް ނެރެ، އެ ނަޒަރިއްޔާތައް ރަނގަޅުތޯ ބެލުމެވެ. އެކަމަށް ބެލުމަށް ޓެސްޓުތައް ކުރާނެ ގޮތްތައް ކަނޑައަޅައި އެ ކަންތައްތައް ކުރުމެވެ. މިސާލަކަށް، އޮއިވަރު ފޫދި ބޮޑުވާ ސަބަބު ދެނެގަތުމަށް، ކިޔަވައިދިނުމުގެ ތެރޭގައި، ސުވާލުތައް އުފައްދައި އަހައި ހޯދައި އޮޅުންފިލުވުމެވެ. މިއީ "އިންކްވައިރީ-ބޭސްޑް ޓީޗިން" ނުވަތަ "ޕްރޮބްލަމް-ބޭސްޑް ޓީޗިން" ނުވަތަ މައްސަލައަށް ނުވަތަ ސުވާލުކުރުމަށް ބިނާކޮށް ކިޔަވައިދިނުމެވެ. ލަފުޒީ މާނައަކީ ތަހުގީގު ނުވަތަ ކޮންމެވެސް ހޯދުމެއް ހޯދައިގަތުމަށް ބިނާކޮށް ކިޔަވައިދޭ ކިޔަވައިދިނުމެވެ. ޓީޗާ-ސެންޓާޑް ކިޔަވައިދިނުމުގައި މުދައްރިސަކީ ނާރެސް ކަމަށް ވެފައި އޮންނަ ބީދައިން އިންކްވައިރީ-ބޭސްޑް ޓީޗިންގައި ކިޔަވައިނުމުގައި ނާރެހަކީ ދަރިވަރުންނެވެ.

މެކެންސީގެ މި ދިރާސާ އަމާޒުކޮށްފައި ވަނީ، 2015 ގައި 72 ގައުމެއްގެ ބައި މިލިއަން ކުދިންނަށް ބޭއްވި އިންޓަނޭޝަނަލް ސްޓޫޑެންޓް އެސެސްމެންޓް (ޕީއައިއެސްއޭ) ނުވަތަ "ޕިސާ" ޓެސްޓުގެ ސައިންސް މާއްދާގެ ނަތީޖާތަކަށެވެ. "ޕިސާ" އަކީ އުމުރުން 15 އަހަރުގެ ކުދިންގެ ކިޔުމާއި ހިސާބާއި ސައިންސާއި ވިސްނުމުގެ ފެންވަރު ބެލުމަށް ކޮންމެ ތިން އަހަރަކުން އެއް އަހަރު، އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ) އިން ބާއްވަމުން ގެންދާ ބައިނަލްއަޤުވާމީ އިމްތިހާނެކެވެ. މި އިމްތިހާނުގައި ދަރިވަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިޖުތިމާއީ، އިގުތިސާދީ މައުލޫމާތު އެއްކުރެވެ އެވެ. އޯއީސީޑީ އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިޤުތިސާދީ ގުޅުން ދަމަހައްޓައި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކުރިއެރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ހިންގާ ބައިނަލްއަގުވާމީ ގުޅުމެކެވެ.

މެކެންސީގެ ދިރާސާގައި ޕިސާގައި ބައިވެރިވި ފަސް ސަރަހައްދު ކަމަށްވާ އޭޝިއާ-ޕެސިފިކް، ޔޫރަޕް، ލެޓިން އެމެރިކާ، މެދު އިރުމައްޗާއި އުތުރު އެފްރިކާ އާއި އުތުރު އެމެރިކާއަށް ވަކިވަކިން ނަޒަރު ހިންގި އެވެ. ފަސް ސަރަހައްދުން ވެސް ހާމަވެގެން ދިޔައީ ދަރިވަރުން އެންމެ ބޮޑަށް ކުރިއަރަނީ މުދައްރިސް ނާރެސްވާ ގޮތަށް ކިޔަވައި ދިނުމުން ކަމަށެވެ. އެ ނަތީޖާ އިން މެކެންސީއަށް ސިހުން ލިބުނެވެ. އެހެންކަމުން މީގެ ސަބަބު އެއްކުރެވިފައިވާ މައުލޫމާތުގެ ތެރެއަށް އަލުން ވަދެ، ފުނަށް ފީނައި އިތުރަށް ހޯދައި ބަލަން މަޖުބޫރުވި އެވެ.

ދަރިވަރުން އެންމެ ބޮޑަށް ކުރިއަރަނީ ކޮންމެވެސް ވަރަކަށް ދަރިވަރުން ނާރެސް ކުރުމާ އެކު ހުރިހައި ފިލާވަޅެއްގައި ވަރަށް ބޮޑަށް މުދައްރިސް ނާރެސްވާ ގޮތަށް ކިޔަވައިދިނުމުންނެވެ.

ދެވަނަ ފަހަރަށް ބެލުމުން ވެސް އެނގި ކަށަވަރުވީ ކިޔަވައިދިނުމުގެ ނާރެހަކީ މުދައްރިސް ކަމަށް ކޮންމެ ފިލާވަޅެއްގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށެވެ. މުދައްރިސް އަޅައިދޭ މައުލޫމާތުގެ ވަރުގަދަ ބިންގަލެއް ނެތި ދަރިވަރު ނާރެސްވާ ގޮތަށް ކިޔަވަދިނުމުން ދޭ ތައުލީމުގެ ފެންވަރު ދަށްވެގެން ދާ ކަމަށެވެ. ދަރިވަރުން އެންމެ ބޮޑަށް ކުރިއަރަނީ ކޮންމެވެސް ވަރަކަށް ދަރިވަރުން ނާރެސް ކުރުމާ އެކު ހުރިހާ ފިލާވަޅެއްގައި ވަރަށް ބޮޑަށް މުދައްރިސް ނާރެސްވާ ގޮތަށް ކިޔަވައިދިނުމުންނެވެ. މި އުސޫލު ހިފެހެއްޓުމުން، ކުރިއަރާފައިވާ ތަޢުލީމީ ނިޒާމުތައް ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ އެވެ. ޔޫރަޕުގެ ސްކޫލްތަކުގެ، ޕިސާގެ ސައިންސްގެ މާކްސް ބޭސްލައިނާ އަޅައިބަލާއިރު އެވްރެޖު ޕޮއިންޓް 26 އަށް އުފުލުނެވެ، (ތަފުސީލް: މިސާލު 1 ގައި). ނާރެސްވުމެއް ނެތި ހުރިހާ ފިލާވަޅެއް ވަރަށް ބޮޑަށް ދަރިވަރުން ނާރެސްކޮށްގެން ކިޔަވައިދިނުމުން ޔޫރަޕުގެ ސްކޫލުތަކަށް ވެސް ކޮށްފައި ވަނީ ނޭދެވޭ އަސަރެވެ. އެ ސްކޫލުތަކުގެ އެވްރެޖު ނަތީޖާ، ބޭސްލައިނާ އަޅައި ބަލާއިރު 61 ޕޮއިންޓު ދަށަށް ވެއްޓުނެވެ.

ޓީޗަރުންނާއި ދަރިވަރުންނަށް ޓެކްނޮލޮޖީގެ އާލާތްތައް އަމާޒުކުރުމުން ނުކުން ނަތީޖާ

ކިޔަވައިދިނުމުގައި ބޭނުންކުރާ ގޮތްތަކާ އެއްގޮތަށް ކުލާސް ތެރޭގައި ބޭނުންކުރާ އައިސީޓީ ނުވަތަ މައުލޫމާތާއި މުއާސަލާތާއި ޓެކްނޮލޮޖީ ބިނާކޮށްފައި އޮންނަ ގޮތުން ވެސް ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރެ އެވެ. މެކެންސީގެ ހޯދުންތަކުން ސާބިތުވެފައިވާ ގޮތުގައި، ސްކޫލުތަކުގައި ބޭނުންކުރާ އައިސީޓީ، ދަރިވަރުންނަށް ވުރެ ބޮޑަށް ޓީޗަރުންނަން ބިނާކުރުމުން ދަރިވަރުންނަށް ލިބޭ ކުރިއެރުން ބޮޑެވެ. އެހެނީ، ލެޓިން އެމެރިކާގެ ކުލާހުގައި ދަރިވަރުން ބޭނުންކުރުމަށް ބެހެއްޓި ކޮމްޕިއުޓަރުން ކުރި ފައިދާއަށް ވުރެ ޓީޗަރުން ބޭނުންކުރަން ބެހެއްޓި ޑާޓާ ޕޮރޮޖެކްޓާ އިން ދަރިވަރުންގެ ކިޔެވުމަށް ކުރި ފައިދާ 30 ގުނަ ބޮޑެވެ.

ޕިސާ ސާވޭގައި ބައިވެރިވި ހުރިހާ ސަރަހައްދުތަކަށް ބަލާއިރު، ދަރިވަރުންނަށް ހޯދައިދީފައިވާ ޓެބްލެޓްތަކާއި އައިޕެޑާއި އީ-ބްކް ރީޑާތަކާއި ލެޕްޓޮޕްތަކުން ތައުލީމަށް ކޮށްފައިވަނީ ނޭދެވޭ އަސަރެވެ، (ތަފުސީލު: މިސާލު 2 ގައި). ކުދިންގެ ކިޔެވުމަށް ފައިދާ ކޮށްފައިވަނީ ސްކޫލުތަކުގެ ޓެކްނޮލޮޖީ މުދައްރިސުންނަށް ބިނާކުރުމުންނެވެ. ޔޫރަޕިޔަން ޔޫނިއަންގެ ގައުމުތަކާއި އެ ޔޫނިޔަންގައި ނުހިމެނޭ ގައުމުތަކަށް ބެލި ނަމަވެސް ހަގީގަތަކީ މިއީ އެވެ. ދަރިވަރުން ބޭނުންކުރަން ކުލާސްތަކުގައި ބެހެއްޓި އިންޓަނެޓް ކޮމްޕިޔުޓަރުތަކުން ދަރިވަރުންނަށް ލިބުނީ ފަހިކަމެވެ. ކުރި ނޭދެވޭ އަސަރެއް ނެތެވެ. މީގެ އަސްލަކީ ދޭ ފިލާވަޅުތަކާ ގުޅުވައިގެން ޓީޗަރުންގެ ބެލުމުގެ ދަށުން ހެޔޮ ގޮތުގައި ބޭނުންކުރުމެވެ.

މުދައްރިސުންނަށް ވަސީލަތްތައް ދިނުމުގެ ފައިދާ ބޮޑު

މި ދެންނެވި ހަގީގަތްތަކަށް ބުރަވެ މެކެންސީން ބުނެފައިވަނީ ކިޔަވައިދިނުމުގެ ފުރިހަމަ ފައިދާ ދަރިވަރުންނަށް ހޯދައިދިނުމުގައި ސްކޫލުތަކުގެ ޓެކްނޮލޮޖީ މުދައްރިސުންނަށް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް ތައުލީމީ ނިޒާމްތަކުގެ ވެރިން ބަލައިގަތުމަށެވެ.

ޓެބްލެޓާއި އައިޕެޑާއި އީ-ބުކްތަކާއި ލެޕްޓޮޕް ފަދަ މޯބައިލް އާލާތްތަކާ މެދު، ތައުލީމު ދިނުމުގެ އެންމެހާ ވެރިންނާއި ބެލެނިވެރިން ހުޝިޔާރުވާން ޖެހެ އެވެ. އެ ތަކެތި ބޭނުންކުރަންވާނީ ދޭ ފިލާވަޅުތަކާ ގުޅުވައިގެން ހެޔޮ ގޮތުގަ އެވެ.

އާލާތަކުން ނިޒާމުގެ ފެންވަރުގައި ނަތީޖާ މަތިވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް މެކެންސީ ބުނާ ގޮތުގައި، ތައުލީމީ ނިޒާމްތަކުގެ ވެރިން ޓެކްނޮލޮޖީއާ މެދު ފަރުވާތެރިވާން ޖެހެ އެވެ. ކޮންމެ ޓެކްނޮލޮޖީއަކުން ފައިދާކުރާނެ ކަމަށް، ނުވަތަ ދަރިވަރުންގެ ކާމިޔާބީއަށް ބުރޫނާރާނެ ކަމަށް ހީކޮށްގެން ނުވާނެ އެވެ. ހާއްސަކޮށް ޓެބްލެޓާއި އައިޕެޑާއި އީ-ބުކްތަކާއި ލެޕްޓޮޕް ފަދަ މޯބައިލް އާލާތްތަކާ މެދު، ތައުލީމު ދިނުމުގެ އެންމެހާ ވެރިންނާއި ބެލެނިވެރިން ހުޝިޔާރުވާން ޖެހެ އެވެ. އެ ތަކެތި ބޭނުންކުރަންވާނީ ދެވޭ ފިލާވަޅުތަކާ ގުޅުވައިގެން ހެޔޮ ގޮތުގައެވެ. ހަމަ އެއާއި އެކު، އެފަދަތަކެތި ބޭނުންކުރާނެ ގޮތްތަކުގެ ތަމްރީނާއި އެހީތެރިކަން ނިޒާމުތަކުން މުދައްރިސުންނަށް ލިބޭކަން ކަށަވަރުކުރަންޖެހެއެވެ.

ދަރިވަރުން ނާރެސްކަމަށް ބަލައިގެން ކިޔަވައި ދިނުމުގައި ވެސް އަދި ސްކޫލުތަކުގެ އައިސީޓީ މުދައްރިސުންނަށް ބިނާކުރުމުގައި ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ފެންވަރު ހުރި މުދައްރިސުންގެ ދަތިކަމެވެ. ކުރިން ވެސް ދެންނެވި ފަދައިން ފިލާވަޅުތެރޭގައި މައުލޫމާތުގެ ބިންގާ މުދައްރިސުން އަޅައިދިނުމެއް ނެތި، ނާރެހަކީ މުޅިން ވެސް ދަރިވަރުން ކަމަށް ބަލައިގެން ކިޔަވައިދިނުމުން ލިބޭ ކުރިއެރުމެއް ނެތެވެ. މި ގޮތަށް ކިޔަވައިދެވޭނީ މާއްދާގެ ދެލިގަނޑާއި ކުދިންނާއި މާހައުލުގެ ތެރެއަށް ވަރަށް ބޮޑަށް މުދައްރިސުންނަށް ވަދެވި އެނގިގެންނެވެ. ފަންނީ ގޮތުން މި ގާބިލްކަން ނެތް މުދައްރިސުން ދަރިވަރުން ނާރެސް ވާ ގޮތަށް ކިޔަވައިދޭން އުޅުމަކީ މަރުފަލިޖެހުން ފަދަ ކަމެކެވެ.

މުދައްރިސުން ގާބިލް ނަމަވެސް، ދަރިވަރުން ނާރެސްވާ ގޮތަށް ކިޔަވައިދިނުމުގައި ތަފާތު އުސޫލުތަކުން ފައިދާ ކުރަނީ ތަފާތު ހާލަތުގައި ކަން ފާހަގަކުރުން މުހިންމެވެ. ބޭނުންކުރާ ބައެއް އުސޫލުތަކަށް ވުރެ އަނެއް ބައި އުސޫލުތަކުން ދަރިވަރުންގެ ކިޔެވުމަށް ކުރިއެރުން ލިބިފައިވެ އެވެ. ބައެއް ފިލާވަޅުތަކުގައި ނުވަތަ ހުރިހައި ފިލާވަޅެއްގައި ޓީޗަރު ކިޔައިދީ އޮޅުންފިލުވައި ދިނުމަށް ފަހު، ލެބޯރަޓަރީގައި އަމަލީ ތަޖުރިބާކުރުމާއި ނިންމުންތައް ނިންމުމަށް ދަރިވަރުންނަށް ދޫކޮށްލުމުން ހުރިހާ ސަރަހައްދެއްގެ ނަތީޖާ 20 އާއި 30އާ ދެމެދުގައި ހިފަހައްޓައިލެވުނެވެ. އުތުރު އެމެރިކާ އާއި އޮސްޓްރޭލިޔާ އާއި ނިއު ޒިލެންޑްގެ ނަތީޖާ 30 ޕޮއިންޓަށް އުފުލުނެވެ. ނަމަވެސް މި ގައުމުތަކުގައި ވެސް މާ ބޮޑަށް އެހެނިހެން މަސައްކަތްތަކާ އެކު މުޅިން ދަރިވަރުން ނާރެސްކޮށްގެން ކިޔަވައި ދިނުމުން ނަތީޖާއަށް ކޮށްފައިވަނީ ނޭދެވޭ އަސަރެވެ.

ލެބޯރަޓަރީގައި ކުރާ ތަހުލީލުތަކުގައި ނާރެހަކީ ދަރިވަރުން ކަމަށް ބެލުމުން ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް، ކުރިއަރަމުން އަންނަ ގައުމުތަކުގެ ތައުލީމީ ނިޒާމުތަކުން ނުދައްކަ އެވެ. އަދި ނޭދެވޭ އަސަރެއް ވެސް ނުދައްކަ އެވެ. މީގެ ސަބަބުތަކީ އެ ސްކޫލުތަކުގައި ލެބޯރަޓަރީ އާލާތް ނެތުން ކަމަށް ވެދާނެ އެވެ. އަދި ލެބޯރަޓަރީގައި ކުރާ ތަހުލީލުތަކުން ދަރިވަރުންނަށް ފައިދާއެއް ކުރޭތޯ ނުވަތަ ނޫންތޯ ބަލާނެ ބަޔަކު ސްކޫލު ފެންވަރުގައި ނެތުން ކަމަށް ވެދާނެމެ އެވެ. މެކެންސީ ބަޔާކޮށްފައިވާ ގޮތުގައި އެ ފަދަ ސްކޫލްތަކަށް ފައިދާކުރާނީ މުދައްރިސަށް ނާރެސް ވާ ގޮތަށް ކިޔަވައިދީގެންނެވެ. މިކަން ކުރެވޭނީ ނިޒާމީ ފެންވަރުގައި، މުދައްރިސް ނާރެސްވާ ގޮތަށް ލިޔެ ތައްޔާރުކޮށްފައިވާ ފިލާވަޅުތައް އެސްކޫލުތަކަށް ފޯރުކޮށްދެވިގެންނެވެ. މި އެހީތެރިކާމާ އެކު ދަރިވަރުން އަމިއްލައަށް ތަޖުރިބާކުރުމާއި ކުރާ ތަޖުރިބާގެ އަލީގައި ނިންމުންތައް ނިންމުމަށް މަގު ފަހިކޮށްދެވިގެންނެވެ.

ނާރެސް ދަރިވަރުންނަށްވާ ގޮތަށް ކިޔަވައިދިނުމުގައި ތައުލިމީ ނިޒާމުތަކުން ދޫކޮށް ނުލައި ފަރުވާތެރިކަމާ އެކު ހިފަހައްޓަން ޖެހޭ ކަންތައްތަކެއް ހުރެ އެވެ. އެއިން ކަމެއް ހަމައެކަނި ބައެއް ފިލާވަޅުތަކުގައި ނަމަވެސް ދަރިވަރުންނަށް ދޫކޮށް ލެވިއްޖެ ނަމަ، ކިޔެވުމުގެ ފެންވަރު މެދު ފަންތީގެ ކުދިންނަށް ނޭދެވޭ އަސަރުކުރާކަން ހުރިހާ ގައުމުތަކުން ވެސް ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ، ކުރަންވާ ތަޖުރިބާތަކަކީ ކޮބައިކަން ކަނޑައެޅުމާއި ފިކުރުތައް ޓެސްޓުކުރުމަށް ކުރަންވާ ތަހުލީލުތައް ދަރިވަރުން އަމިއްލައަށް ރާވައި ފަރުމާކުރުމަށް ދޫކޮށްލުމެވެ.

މުދައްރިސް ނާރެސްވާ ގޮތަށް ކިޔަވައި ދިނުމުން ޕިސާގެ ނަތީޖާ ކުރިއަރައިގެން ދިޔަ އެވެ. ނަމަވެސް ހަނދާންކުރަން ޖެހެނީ، ސައިންސް ކިޔެވުމުގެ އުފާވެރިކަމާއި ކުރިއަށް ދިއުމުގެ ހިތްވަރު ބޮޑަށް ދަރިވަރުންގެ ހިތްތަކުގައި ބިންވަޅުނެގި، އުޖާލާ ކުރިމަގެއް ހޯދައިގަތުމަށް ހިތްވަރު ލިބި މަގު ފަހިކޮށްދެނީ ދަރިވަރުން ނާރެސްވާ ގޮތަށް ކިޔަވައި ދިނުމާ އެކު މުދައްރިސް މަގުދައްކައިދޭ އުސޫލަށް ކިޔަވައިދިނުމުން ކަމެވެ. ޔޫރަޕުގެ ތައުލީމީ ނިޒާމްތަކަށް ލިބުނު ކުރިއެރުމަކީ ވެސް ކިޔަވައިދިނުމުގައި މި ދެ ގޮތް ބޭނުންކުރުމެވެ.

ކިއަވައިދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ނާރެސްކުރުމުގެ ހަމަހަމަކަން އެއްވަރެއްގައި ތައުލީމީ ނިޒާމުތަކުން ހިފަހައްޓަން ޖެހެ އެވެ. ކަށަވަރު ކުރަންވީ ފިލާވަޅުގެ މަފުހޫމު، ދަރިވަރުންގެ އުމުރާ ގުޅޭ ވިސްނުމާ އެއް ފެންވަރެއްގައި މުދައްރިސުން އޮޅުން ފިލުވައިދޭތޯ އެވެ. އެހެނީ، ނާރެހަކީ ދަރިވަރުން ކަމަށް ބަލައިގެން ކިޔަވައިދިނުމުގެ ފުރިހަމަ ފައިދާ ލިބިގެންދަނީ ފިލާވަޅުގައި ބުނާ އެއްޗެއްގެ ތެރެއަށް ފުރިހަމައަށް ދަރިވަރުން ވައްދައި ދެވިގެންނެވެ.

މެކެންސީ ގަބޫލުކުރާ ގޮތުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކޮށް، މުޅި ދުނިޔޭގެ ކިޔަވާ ކުދިންގެ ދިރިއުޅުން ކުރިއެރުވުމަށް ސިޔާސީ ވެރިން ކަނޑަ އަޅައިފައިވާ ލަނޑުދަނޑި ހާސިލު ކުރުމަށް މި ދިރާސާއިން މަގުފަހިވެން ދާނެ އެވެ.

އެޑިޓަރު ނޯޓު:

މުޙައްމަދު ޝަކީލަކީ އުނގެނުމާއި އުނގަންނައި ދިނުމާ ބެހޭ ގޮތުން ވަރަށް ގިނަ ލިއުންތައް ލިއުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ. ޚާއްސަކޮށް ދަރިވަރުނަށް މަގުދައްކައި ދިނުމަށް ލިއުއްވާފައިވާ ލިޔުންތަކާއި ތައުލީމު ދިނުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ދުނިޔޭގެ ތަފާތު ފެންވަރުގައި ކޮށްފައި ހުރި ދިރަސާތަކުގެ މައްޗަށް ބިނާކޮށް ލިއުއްވާ ލިއުންތެރިއެކެވެ. ތަފާތު ގައުމުތަކުގައި ތައުލީމް ދިނުމާ ބެހޭ ގޮތުން ގެންގުޅޭ އުސޫލުތައް ބަލއި ހޯދުމަށް ވަރަށް ގިނަ ގައުމުތަކުގެ ތަޖުރިބާ ލިބިވަޑައިގެން މިހާރު ވެސް ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޝަކީލަކީ ކުރީގެ މުދައްރިސުންގެ ތައުލީމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ޓީޗަރުން ތަމްރީންކުރުމާއި ސްކޫލުތަކުގެ ކިޔަވައިދިނުން ހަރުދަނާކުރަން، ޓީޗަރުންނަށް ތަފާތު ތަމްރީންތައް ދިނުމުގައި މަސައްކަތްކުރައްވާ އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިހާރު ޝަކީލް މަސައްކަތްކުރައްވަނީ ނޭޝަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކަރިކިއުލަމް ބައިގަ އެވެ.