އިއްޒަތާއި ބާރާއި ބާއްޖަވެރިކަމާ ގުޅޭ ނަފްސާނީ ބޭނުންތަކާއި އީމާންތެރިކަން

ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ އިންސާނަކަށް ވެސް ބޭނުންވާ މާއްދީ ބޭނުންތަކުގެ އިތުރުން ނަފްސާނީ ބޭނުންތަކެއް ވެސް ހުރެ އެވެ. މީގެ ތެރޭގައި އިންސާނާގެ އިއްޒަތާއި ބާރާއި ބާއްޖަވެރިކަމާ ގުޅޭ ނަފްސާނީ ބޭނުންތަކެއް ވެއެވެ. ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ އިންސާނަކުވެސް މި ބޭނުންތައް ފުއްދަން އެދެއެވެ. މިއީ އިންސާނާގެ އަސާސީ ބޭނުންތަކުގެ އިތުރުން ދުޅަހެޔޮކަން މަތީ ދިރިއުޅުމަށްޓަކައި ސަލާމަތުން ހުރި ކޮންމެ މީހަކު އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ ލޯބިވާ މީހުންނަށްޓަކައި އެދޭ ވަރަށް މުހިންމު ތިން ބޭނުމެވެ.


ހައިވާނުންތައް ކައިބޮއެ އުޅޭ ފަދައިން ބިމުގައި ކައިބޮއެ ހަދައި މަޖާކޮށް އެސޮރުމެން ފަނާވެގެންދާ ބީދައިން ފަނާވެގެން ދިއުން އެއީ ހަމައެކަނި އިންސާނީ ބޭނުންކަމަށް ދެކޭ ބަޔަކު ދުނިޔޭގައި އުޅޭ ނަމަ ހަމަ ޔަގީނުންވެސް އެބަޔަކީ އިންސާނީ އާންމު އުސޫލަށް ނުފެތޭ އިސްތިސްނާ ބަޔެކެވެ. ހަމައެފަދައިން، އަތްފައިގެ ވަކިތަކާއި ތޫނު ދަތްތަކުން ހަމަލާ ދީގެން އެހެން ހައިވާނުންތައް އަތުލާ ވަލު ޖަނަވާރުން ފަދައިން، އެބަޔަކަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން އެހެން މީހުންނަށް އަނިޔާދިނުމާއި އެހެންމީހުންގެ ހައްގުތައް ނިގުޅައިގަނެ ނޮޅާ ކައި ހަދައިގެން ލައްޒަތު ހޯދުމަކީ ދިރިއުޅުމުގައި އޮންނަ އިންސާނީ ހަމައެކަނި ބޭނުންތައް ކަމަށް ދެކޭ މީހުންނަކީ ވެސް އިސްތިސްނާ ބައެކެވެ. އިންސާނާގެ ބޭނުންތައް މިން ކުރުމަށްޓަކައި މިއިން އެއްބަޔަކީ ވެސް ރަނގަޅު މިންގަނޑެއް ކަމުގައި ބެލެވޭނެ ބައެއް ނޫނެވެ.

ވީމާ އިންސާނީ ބޭނުންތައް މިން ކުރުމުގައި ހަމައަކީ ފިތުރަތާއި ބުއްދި ސަލާމަތުން ހުރި އިންސާނާ އެވެ. ކުރިން އިޝާރާތް ކުރި ތިން ދާއިރާގައި މިފަދަ އިންސާނާ އެދޭ ބޭނުންތަކެއް ވެއެވެ. މި ބޭނުންތަކާ ނުލައި އިންސާނާއަށް އޭނާގެ ޒާތު ހާސިލެއް ނުކުރެވޭނެ އެވެ. އޭނާގެ ދިރިއުޅުމަކީ އަގެއް ހުރި ނުވަތަ މާނައެއް ހުރި އެއްޗެއް ކަމަކަށް ނުބެލެވޭނެ އެވެ. އެހެންކަމުން އިންސާނާގެ މިބޭނުންތައް ފުއްދުމަށް މަސައްކަތް ކުރަން ޖެހެއެވެ. ނަމަވެސް މުހިންމު ސުވާލަކީ މިބޭނުންތައް ފުއްދުމަށް އޮތް އެންމެ ފުރިހަމަ އަދި އެންމެ އެކަށީގެންވާ މަގަކީ ކޮބައި ހެއްޔެވެ؟

ތުރުކީގެ މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ: ދެ ދުނިޔޭގެ ބާއްޖަވެރިކަން އެދޭ މީހާ އީމާންތެރިކަމުގައި ސާބިތުވެ ހުރުން މުހިންމު --ފޮޓޯ:އޭއެފްޕީ

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ މިކައުނާއި ކައުނުގައިވާ އެންމެހާ ތަކެތި ހެއްދެވި އަދި އެހުރިހާ ތަކެތީގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ އެއްކައުވަންތަ ﷲ އަށް އީމާން ވުމުގެ މަގެވެ. އެނޫން އެހެން މަގެއް އިހުތިޔާރު ކޮށްފިނަމަ މި ބޭނުންތައް ކޮންމެވެސް ސިފައެއްގައި ކޮންމެވެސް މިންވަރަކަށް ހާސިލުވެދާނެ އެވެ. އެހެން ނަމަވެސް ހުރިހާ ކަމެއް ޝާމިލުވާ ގޮތުގައި ވަޒަން ހިފެހެއްޓިގެން ފުރިހަމަ ގޮތެއްގައި މި ބޭނުންތައް ހާސިލު ކުރެވޭނީ ﷲ އަށް އީމާން ވެގެންނެވެ. އެހެނީ އެއްކައުވަންތަ އިލާހަށް އީމާންވުމަކީ އިންސާނާއަށް ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޭގެ ހެޔޮ އަސަރު ވަރަށް މަތީ ދަރަޖައަކަށް ފޯރާ ކަމަކަށް ވާތީ އެވެ.

މިގޮތުން އިންސާނާގެ ކަރާމާތްތެރިކަމާއި އޭނާއަށް ލިބިފައިވާ އިއްޒަތާއި، ކައުނުގައި އިންސާނާގެ ދަރަޖައާއި، ދިރިއުޅުމުގައި އޭނާ އަދާ ކުރަންޖެހޭ ރިސާލަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެނެގަނެ އެކަން އިހުސާސް ކުރެވޭނެ އެވެ. ދިރިއުޅުމުގެ ހުރަސްތަކާއި ކުރިމަތިލުމަށް އަދި ދިރިއުޅުމުގެ މަގުސަދުތައް ހާސިލު ކުރުމަށް ބޭނުންވާ ބާރު ލިބުމަށް މަގުފަހި ކޮށްދޭނެ އެވެ. ދިރިއުޅުމުގެ ހަޔާތުގެ އިތުރުން އުހުރަވީ ހަޔާތުގައި ވެސް ހިތްހަމަޖެހުމާއި ބާއްޖަވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކުރަން އެހީތެރިވެދޭނެ އެވެ.

މިގޮތުން ފިތުރަތާއި ބުއްދި ސަލާމަތުން ހުރި އިންސާނަކު އޭނާގެ އިއްޒަތާ ގުޅޭ ގޮތުން ބޭނުންވާނެ އެއް ކަމަކީ އިންސާނީ ކަރާމަތާއި އިއްޒަތް އަބަދުވެސް ދަމަހައްޓަން ބޭނުން ވުމެވެ. އިންސާނާގެ އިންސާނިއްޔަތު ވަންތަކަން އިހުސާސް ކުރަން ބޭނުން ވުމެވެ. އޭނާއަށް ލިބިފައިވާ ހާއްސަ ސިފަތައް ދިރުވައި އާލާކުރަން ބޭނުން ވުމެވެ. އިންސާނާއަކީ ވަކި ޒާތެއް ލިބިފައިވާ މަހުލޫގެއް ކަމުގައި ބަލައިގަންނަން ބޭނުން ވުމެވެ. ވުޖޫދުގައި އިންސާނާއަށް ބަރުދަނެއް ނުވަތަ އަގެއް ވާކަން ގަބޫލުކުރަން ބޭނުން ވުމެވެ. ކައުނުގައި މިވާ ފަނިފަކުސާ ތަކާއި ހައިވާނުން ތަކުގެ ތެރެއިން އިންސާނާ އަކީ ވަކި ހާއްސަ އިމްތިޔާޒެއް ލިބިގެންވާ މަހުލޫގެއްގެ ގޮތުގައި ބަލައިގަންނަން ބޭނުން ވުމެވެ. އަދި މިނޫންވެސް އެހެން ހައިސިއްޔަތު ތަކުން ބަލާއިރު އިންސާނާއަށް ހައްގުވާ ކަރާމާތާއި އިއްޒަތް އިންސާނާއަށް ލިބެން ހަމަ ކޮންމެ އިންސާނަކުވެސް ބޭނުން ވެއެވެ.

ﷲ އަށް އީމާންވުމުގެ މަގު އިޚްތިޔާރު ކުރާނަމަ އެއިން ދަސްކޮށްދޭ އެއް ކަމަކީ އިންސާނާ އަކީ ﷲ މާތް ކުރައްވާފައިވާ މަޚްލޫގެއް ކަމާއި އެހެން ވަރަށް ގިނަ މަޚްލޫގުންނަށް ވުރެ ދަރަޖަ މަތިވެރި ކުރެވިފައިވާ މަޚްލޫޤެއް ކަން ގަބޫލު ކުރުވުމެވެ. އަދި އެ މާތް ކަމާއި ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުން ލާޒިމުވާނެ ކަން ގަބޫލު ކުރުވުމެވެ. މިގޮތަށް ގަބޫލު ކުރާ ނަމަ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ އެއްވެސް ކަމެއް ކުރަން ނުރުހޭނެ އެވެ. ނަތީޖާ އަކީ އިންސާނާގެ އިއްޒަތާ ގުޅޭ ނަފްސާނީ ބޭނުންތައް ފުރިހަމަ އަދި ޝާމިލު ގޮތެއްގައި ފުދިގެން ދިއުމެވެ.

ދިރިއުޅުމުގައި ދިމާވާ އެންމެހާ ހުރަސްތަކާ ކުރިމަތިލުމަށާއި ދިރިއުޅުމުގެ އެކިއެކި ބޭނުންތައް ފުއްދުމަށް ބޭނުންވާ ބާރާ ގުޅޭ ގޮތުން، ފިތުރަތާއި ބުއްދި ސަލާމަތުން ހުރި އިންސާނަކު ބޭނުންވާނެ އެއް ކަމަކީ ތަބީއީ އެކިއެކި ގާނޫނުތަކާއި ތަބީއީ ހާދިސާތަކުން ރައްކާތެރިވުމުގެ ބާރެވެ. އަދި އިންސާނުންގެ ނުބައިކަމުން ކުރިމަތިވާ ނުރައްކާތަކުން ވެސް ސަލާމަތްވާނެ ބާރެވެ. ނަފްސުގައިވާ އެންމެހާ ޣަރީޒާތަކާއި ޝަހުވަތްތައް ވަކި ހަމައެއްގައި ބަހައްޓަން ބޭނުންވާނެ ބާރެވެ. ދިރިއުޅުމުގެ މަގުސަދުތައް ހާސިލު ކުރުމަށް ބޭނުންވާނެ ބާރެވެ. އަދި މުޖުތަމައުގެ ތެރެއިން ކުރިމަތިވާ އެންމެހާ ކަންކަމާއި ގުދުރަތީ ކަންކަމުގެ ކުރިމަތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހުންނަ ނުކުޅެދުންތެރިކަން ފޫބައްދާނެ ބާރެވެ.

ތުރުކީގެ މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ: ދެ ދުނިޔޭގެ ބާއްޖަވެރިކަން އެދޭ މީހާ އީމާންތެރިކަމުގައި ސާބިތުވެ ހުރުން މުހިންމު --ފޮޓޯ:އޭއެފްޕީ

ﷲ އަށް އީމާންވާ މީހާ ގަބޫލު ކުރާނީ އިންސާނާ ވުޖޫދު ވެފައި ވަނީ މުހިންމު މަގުސަދެއް ހާސިލު ކުރަން ކަމާއި އެމަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ އަދާ ކުރަންޖެހޭ މުހިންމު ރިސާލަތެއް ވާ ކަމެވެ. އަދި އިންސާނާ ދުނިޔެއަށް ފޮނުވިފައިވަނީ ކުޅިވަރަކަށް ނޫންކަމާއި އިންސާނާއަށް ލިބިފައިވާ ބުއްދިއާއި، އިހުތިޔާރު ކުރުމުގެ މިނިވަންކަމާއި، ބަޔާންކުރުމުގެ ގާބިލުކަމަކީ އޮޅުމަކުން ލިބިފައިވާ ކަންކަން ނޫން ކަމެވެ. އޭގެ ބޭނުމަކީ ދިރިއުޅުމުގެ އެކިއެކި ބޭނުންތައް ފުރިހަމަ ގޮތުގައި ފުއްދުން ކަމެވެ.

ދިރިއުޅުމުގެ ބާއްޖަވެރިކަމާ ގުޅުން ހުރި ނަފްސާނީ ބޭނުންތަކަށް ބަލާއިރު، ފިތުރަތުން އެއްކިބާނުވެ ބުއްދި ސަލާމަތުން ހުންނަ އެއްވެސް މީހަކު ދުނިޔަވީ ހަޔާތުގައި ހާސްކަމާއި ނުތަނަވަސް ކަމާއި ހިތްހަމަނުޖެހުމާއި ކެކުޅުމުގެ ތެރޭގައި ދަތިހާލުގައި ދުނިޔަވީ ހަޔާތް ވޭތު ކުރާކަށް ބޭނުމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ބޭނުންވާނީ ނަފްސަށް ހަމަހިމޭންކަން ލިބޭ ހާލު ހިތްހަމަޖެހިގެން އަރާމު ދިރިއުޅުމެއް އުޅޭށެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނާށެވެ. ހިތްހަމަޖެހިގެން ދިރިއުޅުމުގެ ދުވަސްތައް ވޭތު ކުރާށެވ ެ. ލޯތްބާއި ފޮނި އުއްމީދުތަކާއެކު ހަޔާތުގެ ދުވަސްތައް ގުނާށެވެ.

އީމާންކަމުގެ ރުކުންތަކާއި، އެ ރުކުންތަކަށް އެންމެ ފުރިހަމަ ގޮތުގައި އީމާންވާނެ ގޮތް ރަނގަޅަށް ދެނެގަންފި ކޮންމެ މީހަކަށްމެ އެނގި ކަށަވަރު ވެގެން ދާނީ ހަގީގީ ބާއްޖަވެރި ކަމަކީ ދުނިޔެއާއި އާޚިރަތާ ދެ ތަނުގެ ބާއްޖަވެރިކަން ލިބުން ކަމަށެވެ. އަދި ހާސްވުމާއި ނުތަނަވަސް ކަމާއި ބިރުގަތުން ފަދަ ކަންކަމުން ސަލާމަތް ވާނެ މަގުތައް އީމާންކަމުގެ ނިޒާމުން ލިބިގެންދާ ކަމެވެ. ހުރިހާ ކަމެއްގެ އެންމެ ބާރުވެރި ފަރާތުން ބާރު ލިބިގަނެ އެފަރާތަށް އޮންނަ ޔަގީންކަމެއްގެ ތެރެއިން ނަފްސު ތަކަށް ހަމަޖެހުން ލިބިގެންދާ ކަމެވެ.

ވީމާ ހަގީގީ އިއްޒަތާއި ބާރާއި ބާއްޖަވެރިކަން ލިބިގަނެވޭނެ އެންމެ ފުރިހަމަ މަގަކަށް ވާނީ އީމާންތެރި ކަމުގެ މަގެވެ. ދުނިޔަވީ ވަގުތީ އުފާތަކެއްގެ ތެރެއިން ވަގުތީ ގޮތުން ނަފްސަށް ހަމަޖެހުމެއް ލިބުނަސް އެއީ ދާއިމީ ކަމަކަށް ނުވާނެ އެވެ.