ޚިޔާލު / ކޮވިޑް-19

ކޮވިޑްގެ އަނެއް ރާޅު ނުނަގަނީސް ލިމިޓެއް ކަނޑައަޅަންވީ ކީއްވެ؟

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިދިޔަ އޮކްޓޯބަރު މަހު ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެނީ --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑް-19ގެ އާއްމު ހާލަތުގައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ހޯދަން މި ޖެހެނީ މާ ބޮޑަށް ދޫދިނުމާއި މާ ބޮޑަށް ހިފެހެއްޓުމާ ދޭތެރޭ މެދެވެ. އެ މެދުމިނަކީ ދިރިއުޅުމުގެ އެންމެ މުހިއްމު ބޭނުންތައް ފުއްދައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދީގެން އުޅެވޭނެ އެކަމަކު ކުރިއަށް ވުރެ މިނިވަންކަން ކުޑަ ލުއިތަކެވެ. މި ބަލި ކޮންޓްރޯލްކުރުމުގެ އެންމެ މައިގަނޑު ފިޔަވަޅަކީ ތޮއްނުޖެހި އުޅުންކަން އެނގޭ އިރު, ސަތޭކައިން ވެސް މީހުން ބައިވެރިކުރެވޭ ގޮތަށް, އަދި އަމުދުން ބަންދުވެފައި ހުންނަ ތަންތަނުގައި މާސްކު ނަގައިގެން ކައިބޮއެ ހަދާ ހަފްލާތަކަށް ގިނަ ބަޔަކު އެއްތަންވާން ފުރުސަތު ދީފައި ބޭއްވުމަކީ މި ވަގުތަށް މާ ބޮޑު ލުޔެއް ނޫންތޯ އެއީ ކުރަން ޖެހޭ މުހިއްމު ސުވާލެކެވެ.

ކޮވިޑާ ގުޅިގެން މަނާކުރި ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން މިދިޔަ މަހު އަލުން ހުޅުވާލުމާ އެކުއެކީގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ތަފްސީލް އުސޫލެއް ނެރުނެވެ. އެއްވުމެއް ބާއްވާ ނަމަ ބަލިން ރައްކާތެރިވުމުގެ ބައިވަރު ފިޔަވަޅު އަޅަން އެ އުސޫލު ލާޒިމްކުރެ އެވެ. އެކަމަކު އެއިން މަގްސަދު ހާސިލްވާ މިންވަރާ މެދު ވިސްނަން އެބަ ޖެހެ އެވެ.

"އެޗްޕީއޭ އިން އެ އޮތީ އުސޫލަށް ތަބާވުމުގެ ފަރުދީ ޒިންމާ އެންމެންނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ މަގަށް އެކަން އޮވެގެން، ރައްކާތެރިކަމުގެ އަމާޒު ހާސިލް ނުވާކަން އެއްފަހަރު ނަމަވެސް ތަޖުރިބާކުރެވިއްޖެ އެވެ. ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީން ނުކުތް މައްސަލައަކީ އެފަދަ އެއްވުންތަކަށް މިނިވަންކަން ދީފައި އޮތް މިންވަރާ މެދު އަލުން ވިސްނަން ޖެހޭ ކަމެކެވެ."

ހަފްލާއަކަށް ނުވަތަ ރަސްމިއްޔާތަކަށް އެއްތަންވެގެން އުޅެވޭނީ، ގަވާއިދު ބުނާ ގޮތުން، މާސްކު އަޅައި, މަދުވެގެން ތިން ފޫޓުގެ ގައި ދުރުމިން ބެހެއްޓޭނެ ގޮތަށެވެ. އެހެންކަމުން އެޗްޕީއޭ އިން އެ އޮތީ ހަފްލާ ބާއްވާ ތަނެއްގެ ޖާގައަށް ބިނާކޮށްގެން މީހުންގެ އަދަދު ކަނޑައެޅުމުގެ މިނިވަންކަން ދީފަ އެވެ. ގިނަ ބަޔަކަށް ދައުވަތު ދޭ ނަމަ ގަޑިތަކަކަށް ބަހާލައިގެން ފަހަރަކު ވަކި އަދަދަކަށް މީހުން ގެނެވިދާނެ އެވެ. މިއީ ކޮށްދިން ފަސޭހައެކެވެ. އެކަމަކު ގަވާއިދުގެ މަގްސަދު ހާސިލްވާނީ އެއްވުމުގެ ހުރިހާ ބައިވެރިން ހުރިހާ ވަގުތަކު ބަރާބަރަށް މިންގަނޑުތަކަށް ތަބާވާ ހާލަތްތަކުގައި އެކަންޏެވެ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

ހަފްލާތައް ބޭއްވުމުގެ މިނިވަންކަން ލިބުނުތަނާ ހަމަ އެ ދުވަހު މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކުން އެތައް ބަޔަކަށް ބަލި ފެތުރި ބޮޑު ކްލަސްޓާއެއް އުފެދުނީ, އިންތިޒާމްކުރި މީހުން ބުނާ ގޮތުން ނަމަ, ހުރިހާ ކަމެއް ރަނގަޅަށް ކޮށްފައި ހުއްޓަ އެވެ. އެ މީހުން ލަފާކުރާ ގޮތުން ނަމަ, އާއިލާގެ މެމްބަރަކަށް ވެސް ނުވާ މީހަކު ހުން އައިސް ހުރެގެން ޕާޓީއަށް ދިޔަކަން އެއީ މައްސަލައިގެ އަސްލު ކަމަށް ވެދާނެ އެވެ. އެކި ގަޑިތަކަށް ބަހާލައިގެން ނަމަވެސް, 120 މީހުންނަށް ދައުވަތު ދިން ޕާޓީއަކަށް, އެހެން މީހަކު ވެސް ބަލި ހިފައިގެން ގޮސް ހުރެދާނެ އެވެ. އަދި ބަންދު ތަނެއްގައި އެތައް ބަޔަކު ތިބެގެން މާސްކު ނަގައި ކައިބޮއެ ހަދާ އިރު މި ބަލި ފެތުރެން ނުލާހިކު ފަސޭހަ އެވެ.

ބަލި ފެތުރިގެންދާނެ ކުޑަބޮޑުމިން, އެއްތަންވެގެން އުޅޭ މީހުންގެ އަދަދަށް ނުހަނު ބޮޑަށް އެބަ ބިނާވެ އެވެ.

އަދިވެސް ކޮވިޑް އޮތް ބައިބޯ މާލެ ސަރަހައްދުގައި, އެންމެ މައިގަނޑު ކަންކަން ކަމަށްވާ ގައިދުރުކުރުމާއި މާސްކު އެޅުމާއި އަލާމާތެއް ހުރިއްޔާ ތަންތަނަށް ނުދިޔުމުގެ އިރުޝާދަށް ވެސް އަމަލު ނުކުރާކަން އެބަ އެނގެ އެވެ. އަމުދުން ކައިވެނީގެ ހަފްލާތަކާއި އުފަންދުވަހާއި ހިތާނީ ޕާޓީތައް ފަދަ, އިޖުތިމާއީ އަދި އާއިލީ އެއްވުންތަކުގައި މި ފިޔަވަޅުތަކުގެ މަތިން ހަނދާން ނެތޭލެއް ފަސޭހަވެފައި އަވަހެވެ. މިއީ ކައިބޮއެ ހަދާށާއި ފޮޓޯ އަށް އަރަން ވެސް މާސްކު ނަގައިގެން އުޅޭ އެއްވުންތަކެވެ. ހާމަ ތަންތަނަށް ވުރެ ބަލި ފެތުރުމުގެ ނުރައްކާ މާ ބޮޑު, ބަންދު ތަންތަނުގައި ވެސް މެ އެވެ.

ހަފްލާއެއް ރާވައި ދައުވަތު ފޮނުވާ މީހާ އިރުޝާދާ އެއްގޮތަށް ފިޔަވަޅުތައް އަޅައި މެހްމާނުން ކަން ކުރަންވީ ގޮތް ކިޔައިދީފައި އޮތަސް, ރައްކާތެރިކަން ލިބޭނީ އެންމެން އަކުރުން އަކުރަށް އެ ކަންކަމަށް އަމަލުކޮށްގެންނެވެ. ބުނާ ގަޑި އަށް ހާޒިރުވެ, ގަޑި ހަމަވީމާ ނުކުމެގެން ގޮސްގެނެވެ. އަބަދު މާސްކު އަޅައިގެން ތިބޭ ނަމަ އެވެ. އުފަލެއް ފާހަގަކުރުމުގެ ތެރޭގައި އުޅޭ އިރު އެންމެން ލައްވައި އެޗްޕީއޭގެ ގަވާއިދުތަކަށް ބޯލަންބުވަން, އިންތިޒާމްކުރާ މީހާ އަށް ވެސް އުޅެވޭނީ ވަކި ވަރަކަށެވެ.

ބޭނުންހާ ބަޔަކަށް ދައުވަތު ދީގެން ރަސްމިއްޔާތުތައް ބޭއްވުމާއި ހަފްލާތަކަށް ގާތްތިމާގެ އެންމެންނަށް ކިޔުމަކީ މި ދަނޑިވަޅުގައި އަދިވެސް މަޑުޖައްސައިލެވިދާނެ ކަންކަމެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ނިމެންދެން ހިފަހައްޓަން ޖެހިފައި މި އޮތް މެދުމިނުގައި އެއްވުންތައް މިހާރަށް ވުރެ މާ ބޮޑަށް ވެސް ކުޑަކުރަން އެބަ ޖެހެ އެވެ. މިއީ, ދެން ކުރިމަތިވެދާނެ ނުރައްކަލަކާ އެކު, މިދިޔަ އަހަރުގެ ހިތްދަތިކަމަށް އެނބުރިދިޔުމަށް ވުރެ ގައިމު ވެސް ކުޑަ ގުރުބާނީއެކެވެ.

އާއްމު ތަންތަނުގައި އެއްވެ އުޅެވޭނެ އަދަދުތައް ކުރިން އެކި ފަހަރު މަތިން ކަނޑައެޅިޔަސް މިހާރުގެ ލުއިތަކުގައި ހަފްލާތަކަށް ލިމިޓެއް ކަނޑަނާޅާ އެޗްޕީއޭ އިން އެ އޮތީ އުސޫލަށް ތަބާވުމުގެ ފަރުދީ ޒިންމާ އެންމެންނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ މަގަށް އެކަން އޮވެގެން، ރައްކާތެރިކަމުގެ އަމާޒު ހާސިލް ނުވާކަން އެއްފަހަރު ނަމަވެސް ތަޖުރިބާކުރެވިއްޖެ އެވެ. ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީން ނުކުތް މައްސަލައަކީ އެފަދަ އެއްވުންތަކަށް މިނިވަންކަން ދީފައި އޮތް މިންވަރާ މެދު އަލުން ވިސްނަން ޖެހޭ ކަމެކެވެ. ޚާއްސަކޮށް ތަންތަނުގެ އެތެރޭގައި ބާއްވާ އެއްވުންތަކެވެ. ކޮވިޑްގެ ދުނިޔޭގެ ތަޖުރިބާއަކީ، އެންމެ ގިނަ މީހުންނަށް ބަލި ފެތުރިފައި ވަނީ އިންޑޯ އިވެންޓުތަކުންނެވެ.

މިންގަނޑުތަކާ ޚިލާފު ވަމުންދާކަމާއި ކައިބޮއެ ހަދާ އެއްވުންތަކުގައި މާސްކު ނެގުމުގެ ނުރައްކަލާއި ބަލި ހުރި މީހަކު ހަފްލާއެއްގައި ބައިވެރިވެއްޖެ ނަމަ އެތައް ބަޔަކަށް ބަލި ފެތުރިގެންދާކަން އެބަ ފާހަގަވެ އެވެ. މިކަން ތަކުރާރު ވުމަކީ ރަށު ތެރޭގައި އަނެއްކާވެސް ބަލީގެ އަލިފާންގަނޑެއް ހިފަން މެދުވެރިވެދާނެ ސަބަބެކެވެ.

ހަފްލާތަކަށް އެއްތަންވާ މީހުން ގިނަވާ ވަރަކަށް މީގެ ނުރައްކާ ވާނީ ބޮޑެވެ. ނުރައްކާ ކުޑަކުރުމުގެ މަގްސަދު މިހާރަށް ވުރެ ރަނގަޅަށް ހާސިލްވާނެ ކަމަށް ފެންނަނީ އެއްވުމެއްގައި އެންމެ ގިނައިން ބައިވެރިވެވޭނެ މީހުންގެ އަދަދެއް ކަނޑައަޅައިގެންނެވެ. ވަކި އަދަދެއް އޮތުމަކީ ހަފްލާއެއްގައި ރައްކާތެރިކަން އޮތް މިންވަރު، އެ ތަނަށް ދާ ބަޔަކަށް ވެސް މިހާރަށް ވުރެ ފަސޭހަ އިން ވަޒަންކޮށްލެވޭނެ މިންގަނޑެކެވެ. އަދި އެއީ މީހުންގެ ހަނދާނުގައި ބޮޑަށް ހަރުލާފައި ހުންނާނެ އެއްގޮތް އުސޫލެއް ވެސް މެ އެވެ.

ވެކްސިން ލިބެންދެން ކެތްތެރިކަން އިސްކުރަމުންދާ ބައެއް ގައުމުތަކުގައި ނުވަތަ ތަންތަނުގައި ބަލި ކޮންޓްރޯލްވާ ފަހުން ވެސް މި އުސޫލު އެބަ ގެންގުޅެ އެވެ. އެންމެ މައިގަނޑު އެއް ފިޔަވަޅަކީ ވެސް, ހާއްސަކޮށް, ގައިގޯޅިވުމާއި ކައިބޮއެ ހެދުމުގެ ތެރެއިން ނުރައްކާ ބޮޑުވެގެންދާ ފަދަ އިޖުތިމާއީ ނުވަތަ އާއިލީ އެއްވުންތަކުގައި ބައިވެރިވެވޭނެ މީހުންގެ ލިމިޓް ކަނޑައެޅުމެވެ. ހުރިހާ އެއްވުންތަކަށް އާއްމު ލިމިޓެއް ނުވަތަ ހާމަ ތަންތަނަށާއި އިންޑޯ ތަންތަނަށް ތަފާތު ދެ ލިމިޓެއް ވެސް ހަމަޖެއްސިދާނެ އެވެ. ނުވަތަ ބަލި ފެތުރުމުގެ ނުރައްކާ ބޮޑު, ބަންދުވެފައި ހުންނަ ތަންތަނަށް އެކަނި ވެސް ލިމިޓެއް ކަނޑައެޅިދާނެ އެވެ. އެއަށް ވުރެ ވެސް ލުއިކުރަން ޖެހެންޏާ, ތަންތަނުގެ އެތެރޭގައި ކައިބޮއެ އުޅޭ ހަފްލާތަކަށް އެކަނި ވިޔަސް ލިމިޓެއް ކަނޑައަޅަން އެބަ ޖެހެ އެވެ. އެކަމަކު ބޮޑަށް ހިފަހައްޓަންޏާ އިންޑޯ ހަފްލާތައް މުޅިން މަނާކުރަންވީ އެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ދޭން ނުޖެހޭ ވަރަށް ލުއި ދެވިފައި އެބަ ހުއްޓެވެ. މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލްވުމުން ބައެއް ކަންކަން ފަރުދީ ޒިންމާއަށް ދޫކޮށްލުމަކީ ބަލި އަލުން ފެތުރިގަންނަން ބާރު ލިބުނު ސަބަބުތަކަކަށް ވި އެވެ. މާސްކު އެޅުން މަޖުބޫރު ނުކޮށް ލަސްކުރުމަކީ ގޯހެކެވެ. ލޮކްޑައުން އަށް ލުއިތަކެއް ދިން އިރު އާއްމު ތަންތަނުގައި އެއްފަހަރާ އެއްތަންވެ އުޅެވޭނެ އަދަދު 30 އަށް އިތުރުކުރުމަކީ ވެސް ގޯހެކެވެ. ހަފްލާތަކަށް އެއްތަންވެ އުޅުން މިހާރު އޮތްހާ ބޮޑަށް ދޫކޮށްލާފައި ބޭއްވުމަކީ ވެސް ހަމަ އެކަހަލަ ގޯހަކަށް ވުން ގާތެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 29%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑިޑިން

02 February 2021

ކޮބާހޭ އަގުހެޔޮ ކުރި އިންޓަނެޓް!

The name is already taken The name is available. Register?

ކޮބިޑު

07 January 2021

މީގެ މައްސަލައަކީ ރަނގަޅު އުސޫލުތަކެއް ނެތުމެއް ނޫން. އެއަށް އަމަލު ކުރާނެ ބަޔަކު ނެތުން. އެކަން ބަލަހައްޓައި މޮނިޓަރ ކުރާނެ ބަޔަކު ނެތުން. ފަރުދީ ޒިންމާއަށް ކަންކަން ދޫކޮށްލާއިރު އެއަށް އަމަލުކުރަން ތިބި ދެބައިކުޅަ އެއްބައި މީހުންނަކީ ބޭރު މީހުން. އެމީހުންގެ ގިނަ މީހުންނަކީ ގަވާއިދާއި ޚިލާފަށް އުޅޭ މީހުން. ދެން އެމީހުން ތަބާވާންޖެހޭ އުސޫލެއް ނޯވޭ. މާސްކު ދަށްދޮޅީގައި ބަހައްޓައިގެން ގުރޫޕު ހަދާފައި މަގުހުރަސް ނުކުރެވި ކުޅުޖަހަން އެތިބެނީ.

The name is already taken The name is available. Register?

ބޭރު

07 January 2021

ބަންދުކޮށްފައި ހުންނަ ތަންތަނުގައި ކައިބޮއި ހެދޭގޮތަށް އެއްވެސް ހަފްލާއެއް ބޭއްވުން މަނާކުރަންވީއެވެ. ރެސްޓޯރަންޓްތައްވެސް ބަންދު ކުރަންވީއެވެ. އަމިއްލަ ގެ ނޫން ތަނެއްގައި ކައިބޮއި ހެދޭނީ ރަގަޅަށް ވައިދައުރުވާގޮތަށް ހުންނަ ހާމަ ތަންތަނުގައި އެކަށީގެންވާ ގައިދުރުކަމާއެކު ކަމަށް ހަދަންވީއެވެ. ބަލި ޖެހޭގޮތް މިހާރު މާބޮޑަށްވެސް ސާފެވެ. މާސްކު ނާޅާ އުޅުމުންނެވެ. ކައިބޮއި ހަދަންޏާ ހަމަގައިމުވެސް މާސްކެއް ނާޅާނެެެވެ.

The name is already taken The name is available. Register?

އުސްމާނުބެ

07 January 2021

ފަރުދީ ޒިންމާ އޮންނަނީ ގިނަމީހުންގެ ފައި ދަށުގަ ހެދިހާގޮތެއް ހަދަން، ދެން އަނެއްކާވެސް ކަމެއްވީމަ އޭގެ މަތިން ހަދާން ހުންނާނީ...

The name is already taken The name is available. Register?

ކަކުނިބޯ

07 January 2021

ދެން މިހާރު ނޫހުން ކޮވިޑް ކޯޓާ ދޫކުރަންވީނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454