ޚިޔާލު

މި ހިސާބަށް ގެންދިޔައީ އަހަރެމެން އަމިއްލަ އަށް

މި ރޯދަމަހުގެ ދުވަހުގެ ދުވަހެއްގައި ސިނަމާލެ ބްރިޖު ސަރަހައްދުން ބަޔަކު ދުއްވާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އެންމެ ބޮޑަށް މި ގޯސްވީ އަހަރެމެންގެ ސިއްހީ ދާއިރާ އާއި ސަރުކާރުގެ ވެރިން ބަލަހައްޓައިގެން ތިއްބަ އެވެ. ކޮންމެ ދުވަހަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 300 އިން 400 އަށް އެރިތާ 3-4 ދުވަސް ވީއިރު ވެސް ތިއްބެވީ އެ ގޮތުގަ އެވެ. ބަލިވާ މީހުންގެ އަދަދު 400 އަށް އެރުމުން މީޑިއާ އާއި އެތައް ބައެއްގެ ފިއްތުންތަކުގެ ތެރޭގައި ބޭއްވި މީޑިއާ ބްރީފިން އަށް އެރުއްވި ޑޮކްޓަރުން ވެސް ގަބޫލު ކުރެއްވި ގޮތުގައި ރާއްޖެ ނުރައްކާތެރި ހިސާބަށް އޭރު ހިނގައްޖެ އެވެ.

އެކަމަކު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ވެސް ފިޔަވަޅުތައް ވަރުގަދަކުރާ ވާހަކައަކަށް މާ ބޮޑު ސަމާލުކަމެއް އެ ބޭފުޅުން ދެއްވި ތަނެއް ނުފެނެ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު 100 އަށް އެރުމުން ވެސް މީގެ ކުރިން ސީރިއަސްވި ވަރާ ގާތަށް އެ ބޭފުޅުންގެ ވާހަކަތަކުން އެ ކަމެއް ފާހަގައެއް ނުވި އެވެ.

ކިރިޔާ ވެސް ވިސްނުމެއް މި އައީ ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 400 އިން ތިރި ނުވުމުންނެވެ. އޭރު ވާނެ އެއްޗެއް ވެ ނިމެނީ އެވެ. މާލެ ސަރަހައްދުން ކޮންމެ ދުވަހަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭއިރު ވެސް ފިޔަވަޅުތައް ތަންފީޒު ކުރަން ކުރި ވަރުގެ މަސައްކަތެއް އެންމެ ހާލަތު ގޯސްވިއިރު ނުފެނުނެވެ.

މާސްކު ނާޅާ ދާ މީހަކު ފެނުނަސް ފުލުހުން އަޅާލަނީކީއެއް ނޫނެވެ. ރެސްޓޯރަންޓުތަކާއި ކެފޭތަކުގައި މީހުން ބޮނޑިވެގެން ތިއްބަސް އެކަން ހުއްޓުވާނެ ބަޔަކު ތިބީއެއް ނޫނެވެ. މި އަށް ވުރެ ހާލަތު ރަނގަޅަށް އޮތް ދުވަސްވަރު، އެ ތަންތަން ސުޕަވައިޒް ކުރަން އެޗްޕީއޭ އިން ނެރުނު ޓީމުތައް ވެސް މިހާރު ގެއްލިއްޖެ އެވެ. ކުރިން ވަރަށް ބާރުލާފައި ދޭތެރެދޭތެރެއިން އެ ޓީމުތައް ނެރެ، އެޗްޕީއޭގެ އުސޫލާ ހިލާފުވާ ތަންތަން ވަގުތުން ބަންދުކޮށް، ޖޫރިމަނާ ކުރި އެވެ. ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު 400 އިން މައްޗަށް ދިޔައިރު އެންމެ ކުޑަމިނުން އެ ކަމެއް ވެސް ތަންފީޒު ކުރާނެ ގާބިލްކަމެއް މި ސަރުކާރަކު ނެތެވެ.

މާލޭގައި ބަޔަކު ދުއްވާފައި ދަނީ: ކޮވިޑްގެ ހާލަތު ގޯހުންގޯހަށް ދިޔައިރު، އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވެސް ފެންނަނީ ފަރުވާކުޑަ ކޮށްފައިވާ ތަން.---ފައިލް ފޮޓޯ: މިހާރު

މިދިޔަ މަހުގެ 10 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ސަރުކާރުން ފޫގަޅައިގަތީ އެކަން ކޮށްފި ނަމަ ނުކުންނާނެ ނަތީޖާ އެއް ބަޔަކު ކިޔައިދޭން ތިއްބަ އެވެ. ވޯޓުލާން ދާން ބޭނުންވާ މީހުންގެ ކަރަންޓީނު އުސޫލަށް ވީ އެންމެ ބޮޑަކަށް ލުއި ދިނީ އެވެ. ކޮންމެވެސް ވަރަކަށް ފިޔަވަޅުތަކެއް އެޅިޔަސް ރަށްރަށުގައި އެފަދަ ކެމްޕެއިނެއްގެ ތެރޭގައި އެކަންކަން ތަންފީޒު ނުކުރެވޭނެކަން އަހަރެމެންގެ ވެރިންނަކަށް އެނގިވަޑައެއް ނުގަތެވެ. ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓުލާން ގަޑިއެއް ކަނޑައަޅާފައި އޮތަސް ޖެހިގެން ހުންނަ މީހާ އަށް ވެސް އެއީ ކާކުކަން ނޭނގޭއިރު، އާންމުންނާ އެ މީހުން މަސްހުނި ވިޔަސް ރޭކާއެއް ނުލާނެ އެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަނަކު ނެތެވެ. ކޮވިޑް ޖެހިފައި ތިބި މީހުން އެނގޭނެ ގޮތެއް އެ ކޮމިޝަނަކު ނެތެވެ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް އިންތިހާބުގައި އޮފިޝަލުންތަކެއް ވޯޓު ފޮއްޓެއް ކަނޑަނީ: އެ އިންތިހާބަކީ ވެސް ކޮވިޑް އިތުރަށް ފެތުރުމަށް މަގުފަހިވި ކަމެއް ކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެޗްޕީއޭ އިން އަޑުއެހީ ސިޔާސީ މީހުންގެ ބަސްކަން ވަރަށް ސާފެވެ. އެހެން ނޫން ނަމަ މިފަދަ ހާލަތެއްގައި އިންތިހާބު ބާއްވާކަށް ވެސް ފުރުސަތު ނުދިނީހެވެ. ބޮމެއް ގޮވާހެން ކަންކަން ގޮވާނެކަން އެ އިދާރާގެ ތަޖުރިބާކާރުންނަށް ނޭނގުމަކީ މައްސަލަ އެކެވެ.

ދެން މި ކިޔަނީ ފިޔަވަޅުތައް ހުރީ އަޅާފައި ކަމާއި ބޭނުންވަނީ ފަރުދީ ޒިންމާ ކަމެވެ. މި ގައުމުގައި ފަރުދީ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރާނީ މި ބަލީގައި އެތައް ބަޔަކު މަރުވެ، ހާލަތު އިންޑިއާއާ އެއްވަރަށް ދިއުމުން ކަމަށް ބެލެވެ އެވެ. އެހާ ވަރަށް އަހަރެމެން މިވަނީ ފަރުވާކުޑަ ކޮށްފަ އެވެ. ނުވަތަ ކޮވިޑް ކޮންޓްރޯލް ކުރާ ނިޒާމަށް އިތުބާރު ގެއްލުވާލައިފަ އެވެ. އިތުބާރު ގެއްލުނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ވެސް ބައެއް ފަހަރު އަމަލު ކުރި ގޮތުންނެވެ. ބައެއް ހާލަތުތަކުގައި ހަމަހަމަކަން ގެއްލުނީ އެވެ. ފިޔަވަޅުތައް އެޅުމުގައި ވެސް ހިސާބަށް ވުރެ ލަސްވެ، ބައެއް ކަންކަމުގައި މާ ބޮޑަށް ފަހަތަށް ޖެހެވެނީ އެވެ.

އިންޑިއާގެ އަދަދުތައް ހެސް ކިޔާފައި މައްޗަށް ގޮސް، އެތައް ސަތޭކަ ބަޔަކު އެ ގައުމުގައި މަރުވަމުން ދިޔައިރު ވެސް އަހަރެމެން ތިބީ އިންޑިއާ އަށް ރާއްޖެ ހުޅުވާލައިގެންނެވެ. ގެސްޓް ހައުސްތައް ފުރައިލީ އެ ގައުމުގެ ޓޫރިސްޓުންނެވެ. އޭގެ ތެރެއިން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްއެއް ނުވެއޭ، ފިޔަވަޅުތައް ވަރަށް ބަރާބަރޭ ކިޔަކިޔައި ތިބީ އެވެ. އިންޑިއާ އަށް ޓާގެޓްކޮށް ފިޔަވަޅުތައް އެޅިއިރު ވަގުތު ފާއިތުވެއްޖެ އެވެ. އެތައް ބަޔަކު ރާއްޖެ އެތެރެވެއްޖެ އެވެ. މިއަދު މި އަޑު އިވެނީ އޭގެ ތެރެއިން އެއް ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވި ވާހަކަ އެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އިން މައްޗަށް ދިއުމުން އެޅި ފިޔަވަޅުތަކަށް ބަލައިލަމާ ހިނގާށެވެ! އެންމެ ގިނަ މީހުން ބައިބޯވެގެން ތިބޭ ކެފޭ/ރެސްޓޯރަންޓްތަކުގެ ވާހަކަ ނުވެސް ދައްކަނީ އެވެ. އެކަމަކު، ރޯދަވީއްލުމަށާއި ކެއުންބުއިމަށްޓަކައި އެ ތަންތަނުގައި މީހުން ތިބޭ މަންޒަރު ފެނިފައި މި ގައުމު މި އޮތީ ކޮވިޑްގެ ނުރައްކާތެރި ހިސާބުގައި ބާވައޭ ހިތަށް އަރަ އެވެ. މޭޒުތަކުގައި މީހުން ތިބެނީ ފިތި ބާރުވެގެންނެވެ. ބުފޭތަކުގައި ރައްކާތެރިކަމެއް ނެތެވެ. ބުފޭ ކިއުތަކުގައި ސޯޝަލް ޑިސްޓެންސިންއެއް ނޯވެ އެވެ. އެކަކު އަތްލީ ސަމުސަލާއި ތަށީގައި އަނެކަކު ވެސް އަތްލަނީ އެވެ. އެކަން ބަލައި، ފިޔަވަޅު އަޅާނެ ބަޔަކު ނެތެވެ. ކަސްޓަމަރުންނަށް ބުފޭތަކުން ކާ އެއްޗެހި އަޅައިދޭން ބައެއް ތަންތަނުގައި މީހުން ތިއްބަސް ހަމަ އެ ތަންތަނުން އެކަން ވެސް ހުއްޓާލައިފި އެވެ.

މިއީ ރޯދަމަސް ކަމަށް ވުމުން ކެފޭ/ރެސްޓޯރަންޓުތައް ބަންދުކުރަން އެންގުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް އެންމެ ކުޑަމިނުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މަގުފަހިވާނެ އުސޫލުތަކެއް ޚާއްސަ ނުކުރެވޭނެ ހެއްޔެވެ؟ ތަންތަން ސުޕަވައިޒްކޮށް، ރޯދަވީއްލުމަށް އެއްފަހަރާ ކޭޓަ ކުރެވޭނެ އަދަދެއް ވެސް ހެދޭނެ ނޫން ހެއްޔެވެ؟ ބުފޭގެ ބަދަލުގައި އެހެން ގޮތެއް ހިޔާރު ކުރުމަށް ނޭންގޭނެ ހެއްޔެވެ؟ ކެފޭ/ރެސްޓޯރަންޓުތަކުގައި ކޮވިޑްގެ މި ހާލަތުގައި ހިދުމަތް ދިނުމަށް ކުރިން އޮތް އުސޫލަށް އަލުން އަމަލު ކުރަން ނުފެށޭނެ ހެއްޔެވެ؟ ކޮންމެހެން ތަންތަން ބަންދު ނުކުރިޔަސް އެކަން ކުރެވިދާނެ ނޫން ހެއްޔެވެ؟

އަހަރެމެންގެ ވެރިން މުޒާހަރާތަކާއި އެެއްވުންތަކަށް ވަރަށް ބިރުގަންނާނެ އެވެ. އެހެންވީމާ އެވަރުގެ ކުޑަކަމެއް ކޮށްލަން ވެސް ނުކެރެނީ ކަމަށް ވެދާނެ އެވެ. ރުޅި އައިސްދާނެތީ އެވެ. އިހުތިޖާޖުކޮށް، ތަންތަން ބަންދުކޮށްފާނެތީ އެވެ.

އެންމެ ގިނަ މީހުން ބައިބޯވެގެން ތިބޭ ކެފޭ/ރެސްޓޯރަންޓްތަކުގެ ވާހަކަ ނުވެސް ދައްކަނީ އެވެ. އެކަމަކު، ރޯދަވީއްލުމަށާއި ކެއުންބުއިމަށްޓަކައި އެ ތަންތަނުގައި މީހުން ތިބޭ މަންޒަރު ފެނިފައި މި ގައުމު މި އޮތީ ކޮވިޑްގެ ނުރައްކާތެރި ހިސާބުގައި ބާވައޭ ހިތަށް އަރަ އެވެ.

މިސްކިތްތަކުގައި ނަމާދުކުރާއިރު، ސޯޝަލް ޑިސްޓެންސިން ބަހައްޓަން އެންގީމާ ވެސް އަންނަނީ ހިންޏެވެ. ތި ސޯޝަލް ޑިސްޓެންސިން ބަހައްޓަން މީގެ ކުރިން ވެސް އެންގި އެވެ. އެގޮތަށް ސަފު ހެދީ ކިތައް މިސްކިތުގައިތޯ އެޗްޕީއޭ އިން ނިކަން ބަލައިބަލާށެވެ. އެކި މިސްކިތުގައި އަމަލު ކުރަނީ އެ އަށް ވެސް އެކި ގޮތަށެވެ. މިސްކިތްތަކަކީ އެންމެ ގިނަ މީހުން ޖަމާވާ އެއް ތަން ކަމަށް ވާއިރު، ރައްކާތެރިކަމެއް ނުފެނެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، ސަރުކާރުން އިތުރަށް އަޅާ ފިޔަވަޅުތައް އިއުލާން ކުރުމަށް ރޭ ބޭއްވި މީޑިއާ ބްރީފިންގެ ތެރެއިން.

އަދަދު 500 އިން މަތިވީމާ އަހަރެމެން މި ފަހަރު މި އަޅާ އެއް ފިޔަވަޅަކީ ރޭގަނޑު 12 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމެވެ. ރޯދަމަހުގެ މި ވަގުތުތަކުގައި މާލެ ސަރަހައްދުގައި މީހުން މަގުމަތީގައި ދުއްވަން އުޅޭ އުޅުން ނިސްބަތުން މަދެވެ. ރޭގަނޑު 11 ޖަހާއިރު އާންމުކޮށް ތަންތަން ބަންދު ކުރުމުން އުސޫލެއްގެ ގޮތުން މޫވްމަންޓްސް މަދެވެ.

ރޯދަމަހުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތު ކަމަށްވާ ހަވީރުގެ ވަގުތަށް ފިޔަވަޅެއް އަޅަން ނުކެރުނީމާ ފަހަތަށް ޖެހޭ ވަރު ސާފެވެ. އެ ވަގުތު ދުއްވާ އެެއްޗެހި މަދުކޮށްލަން ކޮންމެވެސް ފިޔަވަޅެއް އެޅި ނަމަ މާ ރަނގަޅުވީހެވެ. އެކަމަކު، އެތައް ބަޔަކު ރުޅި އައިސް، ތާއީދު ގެއްލިދާނެތީ އެކަން ވެސް ކުރާކަށް ނުކެރުނެވެ. މިހާރު ވެސް މީހުން އެންމެ މަދު އެއް ގަޑީގައި ކޮންމެވެސް ފިޔަވަޅެއް އެޅީމާ ނިމުނީތާ އެވެ.

އަހަރެމެން މިއި ވަރަށް އާދަޔާ ހިލާފު ބައެކެވެ. އެންމެ ގޯސްވިއިރު މި ތިބީ، އިންޑިއާއާ އެއްވަރަށް ރާއްޖޭގެ ހާލަތު ވެސް ހިނގައިދާނެ ކަމަށް ބުނެ އިންޒާރު ދޭށެވެ. އަޅާފައި ހުރި ފިޔަވަޅުތަށް ވެސް ހަރުދަނާކޮށް، ވަރުގަދަ ކުރާކަށް ނުކެރެ އެވެ. ކޮންމެހެން ލޮކްޑައުންއަކަށް ނުދިޔަސް މިހާރު ހުރި ކަންކަން ވެސް ކުރިއެކޭ އެއްގޮތަށް ވަރުގަދަ ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. މި ގައުމުގައި ތިބި މީހުން ހާލުގައި ޖެހި، މަރުވީމާ އިގުތިސޯދެއް ވެސް ނޯންނާނެ އެވެ. އިގުތިސޯދު ނެތިއްޔާ އެންމެން ބިކަވާނެ އެވެ. އެހެންވެ، މެދުމިނުގެ ހައްލެއްގެ ތެރެއިން ވެސް ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، ތަންފީޒު ކުރުން ވަރުގަދަ ކުރެވެން ޖެހޭނެ އެވެ.

މާސްކު އަޅަން މަޖުބޫރު ކޮށްފައި ވަނީ އެންމެންގެ ރައްކަލަކަށްޓަކައި ކަމަށް ވާއިރު އެކަން ނުކުރާ މީހުން ޖޫރިމަނާ ކުރީމާ ރުޅި އަންނަ ބަޔަކު ވެސް އުޅެ އެވެ. އެކަމަކު، އެހެންނޭ ކިޔާފައި އެންމެންގެ ރައްކަލަށްޓަކައި ކުރާ ކަންކަން ދޫކޮށްލާ ނަމަ ދެން ހަމަ މި ގައުމުގެ އެންމެން ބަލަހައްޓައިގެން ތިބެން ވީ އެވެ. ފިޔަވަޅު ވެސް އަޅާނެ ކަމެއް ނެތެވެ. ތަންފީޒު ކުރުމުގެ ބޭނުމެއް ވެސް ނެތެވެ.

50 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 28%
icon angry icon angry 52%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާޒިމް ސައްތާރު

06 May 2021

އޮޅިގެން ނޫޅޭ! މުޒާހިރާ ކުރަނީ އެންމެންގެ ސަމާލުކަން ހޯދަން. އެގޮތުން މިއީ އެންމެ ބޮޑައް އެކަން ވާނެ ދުވަސްވަރު! މިއީ ސިޔާސީ ރާޒުވާ ކުޅިގަޑެއް. ދިވެހިންނައް ކުޑަ މުއްދަތެއްގެ ތެރޭގައި ޓޫރިޒަމް އިން ޑޮލަރ ލިބުނުކަމަކު، ގިނައީ ހަމަ ގަދީމީ ޖާހިލުން. ކަނޑުފުރޭތަ ވާހަކަ ވެސް ގަބޫލު ކުރި ބަޔެކޭ ތަފާތެއްނެތް. ސިޔާސީ އަމާޒަކައް ހުޅަނގުގެ ޑިމޮކްރަސީ ބަލައިގެން މިއުޅެނީ ފިރުކެލިވެސް ނުވެގެން. ކިހިނެތް ހިގާނީ! މިނައްވުރެ ޖާހިލުން ގިނަވީމަ، ވާނެގޮތް މިވަނީ.

The name is already taken The name is available. Register?

ކުރަކަލި

05 May 2021

ބަލަ ފިޔަވަޅުތައް ނޭޅިގެންނެއްނޫނޭ! މުޒާހަރާތަކާއި އެއްވުންތައް ބާއްވަނީ ހިތަށްއެރިހާއެއްޗެއް ލިޔެގެން ކަމަކުނުދާނެ! މަގުމަތީގަ އެއްވުންތައް ނުބާއްވާށޭބުނީމަ އެހެންބުނި ފަރާތްތަކަށް ގޮންޖަހާ ޕީޕީއެމް ކުދިންކޮޅު ކުރި މުޒާހަރާތަކާއި ދުއްތުރާތައް ނުދެކެނީތަ؟ބޯހަލާކު! މިއަދު ކޮންމެމީހަކީވެސް ވެރިއެއް އެހެންވީމަ ވާގޮތްމީ!

The name is already taken The name is available. Register?

ވަހީދު

05 May 2021

އަދުލުއިންސާފުން ބޭރުވީމަ މުޒާހަރާ ވެސް އެހެން ކަންކަން ކުރާނެ. ބަލިތައް އަންނަނީ ވެސް އުރެދި ހިތުހުރިހާ ގޮތަކަށް އުޅޭތީ.

The name is already taken The name is available. Register?

އާދިލު

05 May 2021

ވަރަށް ރަނގަޅު ވާހަކަކޮޅެއް މާބޮޑަށްލަސްވީ ބޮއްސުންލައިފިއްޔާ އިންޑިއާ އައްވުރެ ގޯސްވެދާނެ އެވަރަށް ހިއްވަރުވެސް އަހަރުމެންންށް ނުކުރެވޭނެހެން ހީވަނީ އެކަމަކު އިންޝާ ﷲ ރަނގަޅުވާނެ ކަމަށް އުމްމީދު ކުރަންވާނީ އަހަރުމެންގެ އެންމެވަރުގަދަ ހަތިޔާރަކީ ދުޢާ އެންމެން ގިނަގިނައިން ދުޢާކުރުން އޮތީ ވެދިޔަތަނުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް އެކަކު އަނެކަކަށް އެހީތެރިވެ ފަރުދީ ޒިންމާ އަދާ ކުރަމާ މިފަދަ ކޮންމެ ކަމެއްގަވެސް ދިވެހިންނަކީ އެއް ބައިވަންތަކަން ދައްކާ ބައެއް ކިތައްމެ ހިތހަމަނުޖެހޭ ކަންތައްތަކެއް ހުއްޓަސް އިހަށް އެވާހަކަ ނުދައްކަމާ މިނުރައްކާތެރި ރޯގާއިން އަޅަމެން ސަލާމަތް ކޮށްދެއްވާފާންދޭވެ އާމީން

The name is already taken The name is available. Register?

އަސް

05 May 2021

" މި ގައުމުގައި ތިބި މީހުން ހާލުގައި ޖެހި، މަރުވީމާ އިގުތިސޯދެއް ވެސް ނޯންނާނެ އެވެ" މިބަލީގަ މަރުވަނީ މި އުމުރުން ދުވަސްވީ މީހުން. އެ ސްލޮޓްތަށް ހުސްވީމަ ކިޔަވައިގެން ތިބި ޒުވާނުންނަށް ވަޒީފާ ލިބޭނީ.

The name is already taken The name is available. Register?

ވަހީޛު

05 May 2021

ކޮންމެކަމެއްގަ ސަރުކާރޭބުނެވޭކައްނެއް .ކޮބާތޯ ފަރުދީޒިންމާ .ސަރުކާރުން ކަންކަން ހިފެހެއްޓީިމަވެސް ނުބައިވީ ހަމަސަރުކާރުނޫންތޯ .ހެޔޮއެއްގޮތެއްވެސްނެއް .މީ ޔަހޫޒާ ބާގައިގެމީމުންބާއޭ ހިތައްއަރާ.

The name is already taken The name is available. Register?

އަހުމަދު55

05 May 2021

މިޔެެއް ފިލައިގެނެއް ނުދާނެދެނެއް. މިއާއެކީ އުޅެން ދަސްކުރުން އޮތީ

The name is already taken The name is available. Register?

މަޒް

05 May 2021

މިހިސާބަށް ގެންދިޔައީ ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރި މީހުން. ލޯކަލް އިންތިހާބު ބޭއްވުން މައްސަލައަކީ.. މިހާރު ކިޔާނެ ކަމެއް ނެތް އަހަރުމެން އަމިއްލައަށޭ..

The name is already taken The name is available. Register?

ދޯ؟!

05 May 2021

ކީއްކުރާނީދޯ. އިއްޔެވެސް މައިމަގުން އަހަރެންއޮފީހަށް ދިޔައިރު މީހަކު މަގުގެ އެއްފަރާތެއްގަ ސައިކަލުމަޑުކޮށްގެންއިނދެ އަރުދަފުސްފޮޅަންއިނީ. އަރިދަފުސްފޮޅާފަ ސައިކަލުގް ކެއްސަމުން ކަރުކެހެމުން ވަޔާއިދިކޮޅަށް ނައްޓާލިއިރުއިނީ މާސްކުވެސްނާޅަ. އަހަރެންމިއުޅެނީ މަގުމަތީ ހުއްޓަ ކިނބިއްސެއްއެޅިދާނެތީވެސްބިރުން މިއަދުގެ ހާލަތުހުރިގޮތުން. އެކަމް އެއްބަޔަކު ބެލިޔަސް އަނެއްބަޔަކު ނުބަލަންޏާ ކީއްކުރާނީ ދޯ؟؟

The name is already taken The name is available. Register?

މަޒް

05 May 2021

ކޮންމެ ކަމެއްގައި ވެސް އުޅޭނެ ގޯސް މީހުން.. އެކަމް އެއީ ވަރަށް މަދު އަދަދެއް.. މިކަން މިހިސާބަށް ގެންދިޔައީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވި މީހުން

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

05 May 2021

މިހިސާބަށް މިކަން ދިޔައީ ދައުލަތުގެ ފައިސާ ހިއްޕަވައިގެން ނިކުމެ އެމީހަކާއެމީހަކޭ ބުނާ މޭރުމަކުން އިސްރާފްކޮށް އަސްލު ހާލަތާއި ބައްދަލުވި އިރު ރައްޔިތުންގެ ރައްކަލަށް ހަގީގަތުގައި މާބޮޑު ކަމެއް ކުރެވިފައި ނެތުމެވެ. އަނެއްކާވެސް ރައްޔިތުންގެ އަތުން ގެންދާން މިއޮތީ ލިބިފައެވެ. މަޖިލިސް ނެތްނަމަ ނުވަތަ މަޖިލިސް ރައީސް ޔާމީނުގެ ވެރިކަމުގައި އޮތްހެން އޮތް ދުވަހެއްނަމަ މިދައުލަތް މިހާރު ބަނގުރޫޓު ވެއްޖެއީހެވެ.

The name is already taken The name is available. Register?

ގަސަތުގަ

04 May 2021

ރީތިކުރަން ކޮންމެހެން ސުރުހީގަ އަހަރެމެން އަމިއްލައަށޭ ޖަހާނެކަމެއްނެތް. ކީއްވެ ނުޖެހީ މިހިސާބަށް މިގެންދިޔައީ ސަރުކާރުން ގަސްތުގައޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454