އިސްލާމީ އަޚްލާޤުގެ އިންތައް ދެނެގަތުމުގެ މުހިންމުކަން

އަޚުލާޤުގެ އިންތަކޭ ބުނާ ބަހުގެ މުރާދަކީ ހެޔޮ ނުބައި ނުވަތަ ރަނގަޅު ނުރަނގަޅު ވަކި ކުރުމަށްޓަކައި އެ ދެމެދުގައިވާ އިން ފާރެވެ. އިސްލާމީ އަޚްލާޤުގެ މިންގަނޑުތަކާ އެއްގޮތަށް އަޚްލާޤުގެ މަތީ ދެމި ހުރުމަށްޓަކައި މި ދެންނެވި އިންތައް ދެނެގަތުން ވަރަށް މުހިންމެވެ. އެއީ އެ އިންތައް ފަހަނަ އަޅައި ނުދިއުމަށްޓަކަ އެވެ.


އަޚްލާޤީ އިންތައް ދެނެގަތުން މުހިންމުވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ﷲ ބާވައިލެއްވި ޝަރީޢަތުގައި އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދިއުމަށް އަމުރު ކުރައްވާފައި ވުމެވެ. އަދި އެ އިންތައް ފަހަނައަޅައި ދާ މީހުންނަކީ އަނިޔާވެރިން ކަމުގައި ބަޔާން ކުރައްވާފައި ވުމެވެ. (އަލްބަޤަރާ 229). އަދި އެހެން އާޔަތެއްގައި އެ އިންތަކާ ގާތްވެސް ނުވުމަށް އަމުރު ކުރައްވާފައި ވުމެވެ. (އަލްބަޤަރާ 187).

އަޚްލާޤީ އިންތައް ދެނެގަތުން މުހިންމުވާ ދެވަނަ ސަބަބަކީ އިންތަކުގެ ޢިލްމަކީ މާތް ޢިލްމެއް ކަމުގައި ވުމެވެ. ﷲ ގެ އަމުރުފުޅުތަކާއި ނަހީތައް ފާހަގަ ކުރާ އިންތައް ދެނެގަނެގެން މެނުވީ އޭގެ ތެރެއަށް ވަންނަ ކަންކަމާއި ވަދެގެން ނުވާނެ ކަންކަން ދެނެ ނުގަނެވޭ ހިނދު މި އިންތައް އެނގޭ މީހާ އެއީ ތަންދޮރު ދަންނަ މީހެއް ކަމުގައި ވެގެންދާނެ އެވެ. އަނެއްކޮޅުން ބަލާއިރު އިންތައް ފަހަނައަޅައި ދިއުން އެއީ އަނިޔާވެރިވުން ކަމުގައި ވާ ހިނދު އިންތައް ފަހަނަ އަޅައި ނުގޮސް ނުވަތަ އެއާ ކައިރި ނުވެ ހުންނަ މީހާ އަކީ އަދުލުވެރި އެއް ކަމުގައި ވެސް ވެގެންދާނެ އެވެ. މިކަން ކުރެވޭނީ އިންތަކުގެ ޢިލްމު ލިބިގެންނެވެ.

އިސްލާމީ އަޚްލާޤުގެ އިންތައް ދެނެގަތުމަކީ މިހާ މުހިންމު ކަމެއް ކަމުގައިވާ އިރު އެ އިންތަކަކީ ކޮބައިތޯ ބަލައިލަން ޖެހެ އެވެ. މިގޮތުން މި އިންތައް ދެ ބަޔަކަށް ބެހިގެންވާ ކަމަށް އިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެވެ. އެއް ބަޔަކީ ވަކި އަޚްލާޤީ ސިފައަކަށް ޚާއްޞަ ނުވާ އާންމު އިންތަކެވެ. މި އާންމު އިންތަކުން ހެވާއި ނުބައި ނުވަތަ މާތްކަންކަމާއި މުޑުދާރު ކަންކަން ވަކި ކޮށްދޭނެ އެވެ. މި އިންތައް ބިނާވެފައި ވަނީ ހަތަރު ގަވައިދެއްގެ މައްޗަށެވެ.

އެއް ގަވައިދަކީ ރިވެތި އަޚުލާޤުގެ ތެރެއަށް ނުބައި އަޚްލާޤެއް ނުވެއްދުމެވެ. މިސާލަކަށް ފާސިޤުންނާއި މުޖުރިމުން ފަދަ މީހުންނާ މުޢާމަލާތު ކުރުމުގައި އެމީހުންގެ ނުބައި އަމަލުތަކަށް އިންކާރު ކުރުމެއް ނެތި މަޑުމައިތިރިކަމާއި ހެޔޮކޮށް ހިތުމާ އެކު މުއާމަލާތު ކުރުމެވެ. އަރަބި ބަހުން މިއަށް ކިޔަނީ މުދާހަނާ އެވެ. އިސްލާމީ އުސޫލަކީ މިފަދަ މީހުންނާ މުއާމަލާތު ކުރާ އިރު މަޑުމަތިރި ގޮތާއި ހިކުމަތް ބޭނުން ކުރުމާއި ރިވެތި ބަހުން ވާހަކަ ދެއްކުމާއި ހަދިޔާ ދިނުން ފަދަ ކަންކަން ކުރިއަސް ނުބައި އަމަލުތައް އިންކާރު ކޮށް އިސްލާހު ކުރުމަށް މަސައްކަތް ކުރުމެވެ. މިއަށް އަރަބި ބަހުގައި ކިޔަނީ މުދާރާ އެވެ. ވީމާ މުދާރާ ގެ ބަދަލުގައި މުދާހަނާ ބޭނުން ކުރާނަމަ އެއީ ރިވެތި އަޚުލާޤުގެ ތެރޭގައި ނުހިމެނޭ ކަމެއް އޭގެ ތެރެއަށް ވެއްދުމެވެ.

ދެ ވަނަ ގަވައިދަކީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެއް އެއިން ބޭރު ނުކުރުމެވެ. މިސާލަކަށް ލަދުވެތިކަމުގެ ތެރޭގައި ހިމެނެން ޖެހޭ ކަމެއް ކަމުގައިވާ، ހިލޭ އަންހެނަކާއި ފިރިހެނަކު ސަލާމް ކުރާ އިރު އަތާ އަތް ޖޯޑު ކުރުމަކީ ލަދުވެތި ކަމެއް ނޫން ކަމަށް، އަދި ކިއެއްތަ، ރިވެތި އަޚުލާޤުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ބަލައިފި ނަމަ ރިވެތި އަޚުލާޤުގެ ތެރޭ ހިމެނޭ ކަމެއް އެ އިން ބޭރަށް ނެރެވުނީ އެވެ.

ތިން ވަނަ ގަވައިދަކީ ނުބައި އަޚްލާޤުގެ ތެރެއަށް ރަނގަޅު އަޚުލާޤެއް ނުވެއްދުމެވެ. މިސާލަކަށް މުދާރާ އަކީ ނުބައި އަޚްލާޤެއް ކަމުގައި ބެލުމެވެ. އިސްލާމް ދީން އިރުޝާދު ދެނީ ތަންދޮރު ނުދަންނަ މީހުންނަށް އުނގަންނައި ދިނުމުގައި ހަރުކަށި ނުވުމަށާއި ފާސިޤުންނަށް ނަސޭހަތް ދިނުމުގައި ހިކުމަތާއި އެންމެ ރިވެތި ގޮތް ބޭނުން ކުރުމަށެވެ. މިއީ ނުބައި އަޚްލާޤެއް ނޫނެވެ. ނުބައި އަޚްލާޤަކަށް ވާނީ މުދާހަނާ އެވެ. އެއީ ފާސިޤު އަމަލުތައް އިންކާރު ނުކޮށް މިގޮތަށް ރިވެތި ގޮތުގައި މުއާމަލާތު ކުރުމެވެ.

ހަތަރު ވަނަ ގަވައިދަކީ ނުބައި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެއް އެއިން ބޭރު ނުކުރުމެވެ. މިސާލަކަށް އެއްވެސް މިންގަނޑުތަކެއް ނެތި އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން އުޅުން އެއީ ނުރަނގަޅު އަޚްލާޤެއް ކަމުގައި ނުބަލައި އެއީ ޒަމާނީ ރިވެތި އަޚުލާޤުގެ ތެރޭ ހިމެނޭ ކަމެއް ބެލުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު މިގޮތަށް މަސްހުނިވުން އެއީ ނުބައި އަޚުލާޤުގެ ތެރޭގައި އޮންނަން ޖެހޭ ކަމެކެވެ.

މި ހަތަރު ގަވައިދުގެ މައްޗަށް ބިނާވެފައިވާ އާންމު އިންތަކުގެ އިތުރުން ކޮންމެ އަޚްލާޤީ ސިފައަކަށް ޚާއްޞަ ވެގެންވާ އޭގެ އިންތަކެއް ވެސް ވެއެވެ. އެހެނީ ކޮންމެ އަޚްލާޤީ ސިފައަކީ ވެސް އޭގައި ވަކި ހައްދެއް އޮންނަ އެއްޗެއް ކަމަށް ވާތީ އެވެ. މިގޮތުން ވަކިވަކި އަޚްލާޤީ ސިފަތަކުގެ އިންތައް ދެނެގަތުމަށްޓަކައި އޭގެ ބައެއް މިސާލު ތަކަށް ބަލައިލާނަމެވެ.

އަލްއިމާމް އިބްނު ޤައްޔިމް އަލްޖަވްޒިއްޔާ ވިދާޅުވާ ގޮތުގައި، ހިތްވަރު ގަދަކަމުގެ ހައްދަކީ ހާލަތަށް ބަލައި ކުރިއަށް ޖެހިލަން ޖެހޭ ތަންތަނުގައި ކުރިއަށް ޖެހިލުމާއި ދޫ ދޭން ޖެހޭ ތަންތަނުގައި ދޫދިނުމެވެ. މިކަން އިދިކޮޅަށް ބަދަލު ކޮށްލައި، ދޫ ދޭން ޖެހޭ ތަނެއްގައި ގަދަފަދަކަން ދައްކައިފި ނަމަ އެއީ ހައްދު ފަހަނައަޅައި ދިއުމެވެ. ހަމަ އެފަދައިން ކުރިއަށް ޖެހިލައި ހިތްވަރު ދައްކަން ޖެހޭ ތަނެއްގައި ދޫ ދީފި ނަމަ އެއީ ފިނޑި ކަމެވެ.

ރުޅި އައުމުގައި އޮންނަން ޖެހޭ ހައްދަކީ ތައުރީފު ލިބެނިވި ހިތްވަރު ގަދަ ކަން ދެއްކުމާ އެކު މުޑުދާރު ކަންކަމާއި އުނިކަން ލިބިގެންވާ ކަންކަމަށް ނަފްރަތު ކޮށް އިންކާރު ކުރުމެވެ. މި ހައްދު ފަހަނަޅައި، ހިތްވަރުގަދަކަން ދައްކައިފި ނަމަ އަނިޔާވެރިކަމާއި ގެއްލުން ދިނުން އޮންނާނެ އެވެ. ހަމަ އެފަދައިން ރުޅި އަންނަން ޖެހޭ ތަނެއްގައި ރުޅި ނައިސްފި ނަމަ ފިނޑިކަން ފެނިގެންދާނެ އެވެ.

އެހެން މިސާލަކަށް ބަލައިލާނަމަ، ކަންކަން ހާސިލު ކުރަން ސަމާލުކަން ދިނުމުގައި އޮންނަން ޖެހޭ ހައްދަކީ ދުނިޔަވީ ކަންކަމުގައި ފުދޭ މިންވަރު ހާސިލު ކުރުމަށް ސަމާލު ވުމެވެ. އެ މިންވަރަށް ސަމާލުކަން ނުދޭ ނަމަ ހައްދުން ބޭރުވެ ނިކަމެތި ކަމާއި ގެއްލެނިވުމަކަށް ހުށަހެޅޭނެ އެވެ. ހަމައެފަދައިން ފުދޭ ނުވަތަ ފުރިހަމަ މިންވަރަށް ވުރެ އިތުރަށް ހާސިލު ކުރަން މާބޮޑު ސަމާލުކަން ދިނުމަކީ ހައްދުން ބޭރުވެ ދަހިވެތިކަމާއި ބައްކުރުން ކަމުގައި ވެގެން ދެއެވެ.

އިތުރު މިސާލުތަކަށް ބަލާއިރު ޣީރަތްތެރިކަމުގެ ހައްދަކީ ބަރީއަ ހާލަތުގައި ނުބައި ހީކުރުން ހީކޮށް ތުހުމަތު ކުރުމާއި އެއްވެސް ވަރަކަށް އަޅާނުލައި ދޫކޮށްލުމާ ދެމެދެވެ. ހަސަދައިގެ ހައްދަކީ ފުރިހަމަ ކަމަށް ވާސިލުވުމުގައި ޝަރަފުވެރި ގޮތުގައި ވާދަ ކުރުމެވެ. މި ހައްދު ފަހަނަޅާ ދެވޭ އިމަކީ އެއްކޮޅުން ބަލާއިރު އެހެން މީހުންގެ ކިބައިން ނިއުމަތްތައް ނިގުޅިގެން ދިއުމަށް އެދުމެވެ.

އަނެއްކޮޅުން ބަލާއިރު އަމިއްލަ ނަފްސު ނިކަމެތިކޮށް ހިތްމަތްތެރި ކަން ނެތުމެވެ. ޝަހުވަތުގެ ހައްދަކީ އަޅުކަން ކުރުމާއި ބުރަ މަސައްކަތް ކުރުމުން ސިކުނޑިއަށާއި ހިތަށް ލިބޭ ބުރަ ކަން ފިލުވާލަން ރާހަތެއް ހޯދުމެވެ. އެހެންކަމުން ހައިވާނުން ފަދައިން ހަމައެއް ލަމައެއް ނެތި ޝަހުވަތްތައް ފުއްދުމާއި ހުއްދަ ގޮތުގައި ޝަހުވަތުގެ ލައްޒަތު ނުހޯދައި ހުރުން ވާނީ ހައްދު ފަހަނަ އެޅުމަށެވެ. ދީލަތި ކަމުގެ ހައްދަކީ އިސްރާފު ކުރުމާއި ދަހިވެތި ކަމާ ދެމެދު އޮންނަ ސަރަހައްދެވެ.

އަރާމުކޮށް މުނިފޫހި ފިލުވުމުގެ ހައްދަކީ އަޅުކަންކަން އަދާ ކުރުމާއި މަސައްކަތް ކުރުމަށް ހިތްވަރު ލިބަގެނެވޭ ވަރު ކުރުމެވެ. ވަގުތުތައް އެކީ އެކަމަށް ގެއްލުވާ ލުމާއި ހަށިގަނޑާއި ސިކުނޑިއަށް ކެތް ނުވާ ވަރަށް މަސައްކަތް ކުރުމަކީ ހައްދު ފަހަނަ އެޅުމެވެ.

މި މިސާލު ތަކަށް ގިޔާސް ކޮށްގެން އަޚްލާގީ އެހެން ކަންކަމުގެ އިންތައް ފާހަގަ ކުރަން ދަސްކުރެވިދާނެ އެވެ. އަޚްލާޤީ އިންތައް ދެނެގަތުމާއި އެ އިންތައް ފަހަނައަޅައި ނުދިއުމަށް މަސައްކަތް ކުރުމަކީ ރިވެތި އަޚްލާޤުގެ މަތީ ދެމިހުރުމަށްޓަކައި ކޮންމެ މުސްލިމަކުވެސް ސަމާލުވާން ޖެހޭ ކަމެކެވެ.