އިސްލާމީ ރިވެތި އަޚްލާޤުގެ އަސާސްތައް

އިސްލާމް ދީނުގައި ރިވެތި އަޚުލާޤަކީ ވަކި އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އިބްނުލް ޤައްޔިމް އަލްޖަވްޒިއްޔާ ވިދާޅުވެފައިވާ ގޮތުގައި އެއީ އެހީތެރިކަން ފޯރުކޮށްދިނުމާއި އުނދަގޫ ކުރުންތަކުން ދުރުހެލިވުމާއި ދަތިތައް ތަހައްމަލު ކުރުން ކަމުގަ އެވެ. ސަބަބަކީ ދިރިއުޅުމުގައި އިންސާނާގެ ސުލޫކު ވަކި މިންގަނޑަކަށް ފައްތަން ބޭނުން ނަމަ ކުރަން ޖެހޭ ކަންތައްތަކަކާއި ނުކޮށް ދޫކޮށްލަން ޖެހޭ ކަންތައްތަކަކާއި ތަހައްމަލު ކުރަން ޖެހޭ ކަންތައްތަކެއް ހުންނާތީ އެވެ.


އިސްލާމީ އަޚްލާޤުގެ ފުރަތަމަ އަސާސަކީ އެހީވުމާއި ހޭދަ ކުރުމާއި ދީލަތިވުން ފަދަ ކަންކަން ކޮށްދިނުމެވެ. މި ކަން ދެބަޔަކަށް ބެހެ އެވެ. އެއް ބަޔަކީ ދޫކޮށްލުމުގެ ބައެވެ. އެއީ އެހެން މީހުންގެ އަތުގައިވާ ތިމާގެ ހައްގުން އަފޫ ކޮށްދިނުމާއި އެހެން މީހުންގެ އެއްޗެއް ހޯދުމުގައި ތިމާ ޒާހިދު ވުމެވެ. ބުޚާރީ އާއި މުސްލިމްގައި ވާ ހަދީސަކުން އެނގޭ ގޮތުގައި ދަރަނި ދީ އުޅުމުގައި ފޯރުންތެރިކަން ކުޑަ މީހުންނަށް އެއިން ބައެއް ނުވަތަ އެކީ މައާފު ކޮށްދީ އުޅުއްވި ބޭކަލަކު އަވަހާރަވުމުން އޭނާގެ ފާފަތައް ފުހެވިގެން ދިޔަ އެވެ. ޢަބްދުﷲ ބުނުލް މުބާރިކް ވިދާޅުވާ ގޮތުގައި މީހަކަށް އެއްޗެއް ދީގެން ދީލަތިވުމަށް ވުރެ މީހެއްގެ އަތުން އެއްޗެއް ހޯދުމުގައި ޒާހިދުވުމުގެ ހެޔޮކަން މާ ބޮޑެވެ. ނަމަވެސް ހުރިހާ ހާލަތެއްގައި މިގޮތަށް ޒާހިދުވުން އެއީ ހެޔޮ ކަމެއް ކަމުގައި ނުވެ ދާނެ އެވެ.

ކަންކަން ކޮށްދިނުމުގެ ދެ ވަނަ ބަޔަކީ ދިނުމާއި އެހީވުމާއި ގުރުބާންވުން ފަދަ ކަންކަމެވެ. މީގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ރޫހާއި ޖާނުން ގުރުބާން ވުމެވެ. ޖިހާދު ކުރުމާއި ނުރައްކާތެރި ހާލަތްތަކުން މީސްތަކުން ސަލާމަތް ކޮށްދިނުން ފަދަ ކަންކަމެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އުޙުދު ހަނގުރާމައިގައި އަލަތު ކައިވެނި ރެ އަށް ފަހު ހިނައިގަތުމުގެ ކުރިން ޙަންޡަލަތު ބުނު އަބީ ޢާމިރު ނުކުންނަވައި ޝަހީދު ވުމުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރެއްވީ މަލާއިކަތުން އެކަލޭގެފާނު ހިނަވާ ވަޑައިގަންނަވާނެ ކަމަށެވެ.

ދެވަނަ ކަމަކީ މުދަލުން ހޭދަކުރުމެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމާއި ސަދަގާތް ކުރުމާއި ދަރަނި ދިނުމާއި ހިބަ އާއި ހަދިޔާ ދިނުމާއި މެހުމާންދާރީ އަދާ ކުރުމާއި އަވަށްޓެރިންނަށް އެހީވުން ފަދަ ކަންކަމެވެ. މިބާވަތުގެ ދީލަތިކަން ފޯރުކޮށްދިނުމުގައި އެކަކު އަނެކަކަށް ވާދަވެރި ވާން ޖެހޭ ކަން ޢުމަރުގެފާނާއި އަބޫބަކުރުގެފާނުގެ ކިބައިން ފެނިފައި ވެއެވެ.

ތިން ވަނަ ކަމަކީ ޖާހުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެބަހީ އިޖުތިމާއީ ގޮތުން ތިމާ ހުންނަ ދަރަޖައެއްގެ ގޮތުން ހާލުގައި ޖެހިފައިވާ މީހުންނާއި އަނިޔާވެރިކަމެއް ތަހައްމަލު ކުރަމުންދާ މީހުން ފަދަ މީސްމީހުންނަށް އިންސާފުވެރި ކަމާއެކު މެދުވެރިއަކަށް ވުމެވެ. އެއީ އެފަދަ މީހުން އެހާލަތްތަކުން ދުރުހެލި ކޮށްދިނުމަށެވެ. ﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހެޔޮ ޝަފާޢަތަކުން ޝަފާޢަތްތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއް ވެއެވެ. އަދި ނުބައި ޝަފާޢަތަކުން ޝަފާޢަތްތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއް ވެއެވެ. (އައްނިސާއު 85)

ހަތަރުވަނަ ކަމަކީ ޢިލްމުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އެއް ގޮތަކީ މީހަކު ސުވާލެއް ކޮށްފި ނަމަ އޭގެ ޖަވާބަށް ފުދޭ މިންވަރަށާއި އަދި އިތުރަށް ވިއަސް ފުރިހަމަ ޖަވާބު ދިނުމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހުގައި ކަނޑުގެ ލޮނުގަނޑުން ވުޟޫ ކުރުމުގެ ހުކުމާ ބެހޭ ގޮތުން ސުވާލު ކުރެއްވުމުން "އެއީ އޭގެ ފެން ތަޙޫރު އަދި އޭގެ މުޅަތަކެތި ޙަލާލު ތަނެކެވެ." ޖަވާބުގައި ހަދީސްފުޅު ކުރެއްވި އެވެ.

ދެ ވަނަ ގޮތަކީ މީހަކު ސުވާލެއް ނުކުރިއަސް މީސްތަކުން ހޭލުންތެރި ކުރުމަށްޓަކައި ދީނީ އަދި ދުނިޔަވީ ޢިލްމުތައް އާންމު ކުރުމެވެ. މި ކަމުގައި ވެސް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހުން ނަމޫނާ ނެގިދާނެ އެވެ. މިސާލަކަށް އެކަލޭގެފާނު އަޞްޙާބުންނަށް ސުވާލު ކުރައްވަވައި ހަދީސްފުޅު ކުރެއްވުމެވެ.

ފަސް ވަނަ ކަމަކީ ޖާނުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން މީހަކަށް އެއްޗެއް އުފުލައިދިނުން، މީހަކު ސަވާރީއެއްގައި ތަނަކަށް ގެންގޮސްދިނުން ތަނެއް ނުވަތަ އެއްޗެއް މަރާމާތު ކޮށްދިނުން، މަގު މެދުން ގާކޮޅު ފަދަ ތަކެތި އެއްފަރާތް ކޮށްލުން، ހެޔޮ ބަހެއް ބުނުން، ނަމާދަށް ހިނގުން، ފަދަ ކަންކަން މީގެ ތެރޭގައި ހިމެނޭނެ އެވެ. ހަދީސުން އެނގޭ ގޮތުގައި މިފަދަ ކަންކަމަކީ ކުރެވޭ ސަދަގާތެކެވެ.

ހަވަނަ ކަމަކީ ތިމާގެ ވަގުތާއި އަރާމުން ބައެއް ގުރުބާން ކުރުމެވެ. މިގޮތުން މިސާލަކަށް ބަލި މީހަކު ކައިރީ ހޭލާހުރުން، މީހުންގެ ހިތްހަމަ ޖެހުމަށްޓަކައި މީހުންނާ އެކު ވަގުތުކޮޅެއް ހޭދަކުރުން ފަދަ ކަންކަމެވެ.

އިސްލާމީ ރިވެތި އަޚްލާޤުގެ ދެވަނަ އަސާސަކީ އުނދަގޫ ކުރުންތަކުން ދުރުހެލިވުމެވެ. ބަހުން ނުވަތަ ޢަމަލުން ދެވޭ މިފަދަ އުނދަގޫތަކުން އަމިއްލަ ނަފްސާއި އެހެން މީހުން ސަލާމަތް ކުރުމަށްޓަކައި މީގެ މަސްދަރުތަކަށް ރައްކާތެރިވުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅާފައި ވެއެވެ. މިގޮތުން އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެން ނުވާހާ ހިނދަކު ތިމާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ހަދީސް ގައި ވެއެވެ.

އާއިލާއެއްގެ ބަޔަކާ އެކު ކުޑަކުދިންތަކެއް އީދުގެ ކުޅިވަރުތަކުގައި ބައިވެރިވަނީ: އާއިލީ ގުޅުން ދެމެހެއްޓުމާއި އެކުވެރިކަން ބަދަހި ކުރުމަކީ އިސްލާމީ ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނޭ ކަމެއް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިވުމާއި ފެނުމާއި ހިތުގެ އަމަލުތަކާ މެދު ކޮންމެ މީހަކު ވެސް މަސްއޫލުވާން ޖެހޭނެ ކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. (އަލްއިސްރާއު 36). އަދި ކުރާ އިޝާރާތަކުން ނުވަތަ ބުނާ ބަހަކުން ވިއަސް މީހުންނަށް މަލާމާތް ކޮށް އުނދަގޫ ކުރާ މީހުންނަށް ހަލާކު ހުރިކަން ބަޔާން ކުރައްވާފައި ވެއެވެ. (އަލްހުމަޒާ 1).

އުނދަގޫ ކުރުންތަކުން ހިމާޔަތް ލިބުމަށްޓަކައި އިސްލާމް ދީނުގައި ވަރަށް ގިނަ ހުކުމްތައް އައިސްފައި ވެއެވެ. އެއީ އިސްލާމް ދީނުގެ މައިގަނޑު ފަސް މަގުސަދު ރައްކާތެރި ކުރުމަށް އޮންނަ ހުކުމްތަކެވެ. މިގޮތުން އެއް ކަމަކީ ދީނަށް ގެއްލުމެއް ލިބޭ ކަންކަމުން ދުރުހެލިވުމެވެ. އެއީ އަމުރުތަކަށް ތަބާ ނުވުމާއި ނަހީތަކަށް އަރައިގަތުމާއި ދީނުގެ ހުކުމްތަކަށް ހަޖޫ ޖަހައި މަލާމާތް ކުރުން ފަދަ ކަންކަމުން ދުރުހެލިވުމެވެ.

ދެވަނަ ކަމަކީ މުދަލަކަށް ގެއްލުމެއް ލިބޭ ކަންކަމުން ދުރުހެލިވުމެވެ. އެއީ ވައްކަން ކުރުމާއި މަކަރު ހެދުމާއި އޮޅުވާލުމާއި ރިޝްވަތު ހިފުން ފަދަ ބާތިލު ގޮތުގައި މުދާ ކެއުން (އަލްބަޤަރާ 188) ފަދަ ކަންކަމުން ދުރުހެލިވުމެވެ. މިގޮތުން ޖުވާ ކުޅުމާއި ރިބާ ކެއުމާއި ފޭރުމާއި ހައްގުތައް އަތުލުމާއި ހަރާމްތަކެތި ވިއްކުމާއި ހަރާމް ހިދުމަތްތަކަށް އަގު ނެގުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ ވެސް މުދަލަށް ދެވޭ ގެއްލުމެވެ.

ތިންވަނަ ކަމަކީ ބުއްދި އަށް ގެއްލުމެއް ލިބޭ ކަންކަމުން ދުރުހެލިވުމެވެ. މީގެ ތެރޭގައި ބުއްދީގެ ބޭނުން ނެތޭ ފަދަ މާއްދީ އަނިޔާ ދިނުމާއި، މަސްތުވާ ތަކެތިން ބުއްދި ފިލުވާލުމާއި ނުބައި ފިކުރުތައް ސިކުނޑި އަށް ވައްދައިގެން ފިކުރުތައް ޚަރާބު ކުރުން ފަދަ އުނދަގޫތައް ހިމެނެ އެވެ. ރަލުގެ ނުބައި ކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައި އެއިން ދުރުހެލިވުމަށް އަމުރު ކުރައްވާފައި ވެއެވެ. (އަލްމާއިދާ 91)

ހަތަރު ވަނަ ކަމަކީ ނަފްސަށް ގެއްލުމެއް ލިބޭ ކަންކަމުން ދުރުހެލިވުމެވެ. މިގޮތުން ފުރާނަ ދުއްވާލުމާއި ޖިސްމަށް އަނިޔާ ދިނުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވަނީ އެންމެ ނަފްސެއް ގަތުލުކުޅަ މީހަކީ މުޅި އިންސާނިއްޔަތު އެކީ ގަތުލުކުޅަ މީހަކާ އެއްފަދަ މީހެއް ކަމަށެވެ. އަދި ގަސްދުގައި މުއުމިނަކު މަރައިފި ނަމަ އެމީހެއްގެ ޖަޒާ އަކީ ނަރަކަ ކަމުގަ އެވެ. އެތަނުގައި އޭނާއަށް ގަދަފަދަވެގެންވާ އަޒާބު ތައްޔާރު ކުރެވިގެންވާ ކަމަށާއި އެމީހަކަށް ﷲގެ ކޯފާ އާއި ލައުނަތް ހުރިކަމަށެވެ. (އައްނިސާއު 93)

ފަސް ވަނަ ކަމަކީ ނަސްލާއި އަބުރަށް ގެއްލުމެއް ލިބޭ ކަންކަމުން ދުރުހެލިވުމެވެ. މިގޮތުން ޖިންސީ އަނިޔާ ކުރުމާއި ޤަޛުފު ކުރުމާއި އަބުރާ ބެހުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. މިއިން ކޮންމެ ކަމަކީ ވެސް ވަރަށް ބޮޑަށް އިސްލާމް ދީނުގައި ނަހީ ކުރާ ކަންކަމެވެ. އަދި އުގޫބާތްތައް ކަނޑައެޅިފައިވާ ކަންކަމެވެ.

އިސްލާމީ ރިވެތި އަޚްލާޤުގެ ތިންވަނަ އަސާސަކީ އުނދަގޫތައް ތަހައްމަލް ކުރުމެވެ. މީގެ މާނައަކީ ދިމާވާ ކޮންމެ އުނދަގުލަކަށް ކެތްތެރިވުމާއި އެހެން މީހުންގެ ފަރާތުން އަންނަ އުނދަގޫތަކަށް ބަދަލު ހިފުން ދޫކޮށްލުމެވެ. މިކަން ކުރެވޭނީ މައާފު ކޮށްދީގެންނެވެ. ޢަފޫ ކޮށް ސުލްހަ ވާ މީހަކަށް ﷲ ހެޔޮ ދަރުމަ ދެއްވާނެކަން ބަޔާން ކުރައްވާފައި ވެއެވެ. (އައްޝޫރާ 40)

މީހުންގެ ފަރާތުން އަންނަ ގެއްލުންތަކަށް އަދުލުވެރި ބަދަލު ހޯދޭނެ ނިޒާމު އިސްލާމް ދީނުގައި ރޭވިފައި ވެއެވެ. އަފޫ ކުރުމުގެ އިތުރުން ހެޔޮކޮށް ހިތުން ވެސް އެއީ އުނދަގޫ ތަހައްމަލް ކުރުމުގެ ގޮތުން ކުރުން އެދެވިގެންވާ ކަމެކެވެ.

ޢަޤަބަތު ބުނު ޢާމިރު އަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވަނީ ރަޙިމުގެ ގުޅުން ކަނޑާލި މީހަކާ އެ ގުޅުން ވާސިލު ކުރުމަށެވެ. އެއްޗަކުން މަޙްރޫމް ކުރުވި މީހާ އަށް ދިނުމަށެވެ. އަނިޔާވީ މީހާ އަށް އަފޫކޮށް ދިނުމަށެވެ. އުނދަގޫތައް ތަހައްމަލް ކުރުމުގެ ގޮތުން ކުރެވިދާނެ އަނެއް މުހިންމު ކަމަކީ ހިނިތުން ވުމާ އެކު މީހުންނާ ބައްދަލުކޮށް ހެދުމެވެ. މޫނުމަތިން ފޫހިކަން ނުވަތަ ރުޅިވެރިކަން ނުދެއްކުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވެއެވެ.

މި ބަޔާން ކުރެވުނު ކަންކަމުން އެނގިގެން ދަނީ އިސްލާމީ ރިވެތި އަޚުލާޤަކީ ހަމައެއް ލަމައެއް ނެތި އޮންނަ އެއްޗެއް ނޫން ކަމެވެ. ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމެވެ. ވީމާ މި އަސާސްތަކާ މެދު މުސްލިމުން ހޭލުންތެރި ވާން ޖެހެއެވެ. ހެޔޮނުބައި ވަކި ކުރަން އޭރުން ފަސޭހަ ވެގެންދާނެ އެވެ.