ސްޓެލްކޯ ހެޑް އޮފީސް: އެ ކުންފުނީގެ އޮންލައިން ހިދުމަތްތައް މިހާރު ލިބޭނެ-- ފައިލް ފޮޓޯ: މިހާރު
30 މާޗް 2022 - 14:06
ސްޓެލްކޯގެ އޮންލައިން ނިޒާމަށް ދިން "ރެންސަމްވެއާ އެޓޭކް" ގެ ސަބަބުން މެދުކެނޑުނު ހިދުމަތްތަކުގެ ތެރެއިން މޯބައިލް އެޕްލިކޭޝަނާއި އީޕޭގެ ހިދުމަތް ރަނގަޅުކޮށްފި އެވެ.
އެޕްލިކޭޝަނާއި އީޕޭ އަކީ ކަރަންޓް ބިލު ދައްކަން އެ ކުންފުނިން ތައާރަފު ކޮށްފައިވާ ހިދުމަތްތަކެވެ. ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ ހިދުމަތް އަލުން ރަނގަޅުކޮށް، ލައިވްކުރީ އިއްޔެ އެވެ.
އެޕްލިކޭޝަން ރަނގަޅުވި ނަމަވެސް ބައެއް ގެތަކުގެ ކަރަންޓް ބިލްތައް އަދި އެއިން ނުދައްކަ އެވެ. އެހެން ދިމާވީ، ރެންސަމްވެއާ އެޓޭކާ ގުޅިގެން ހިދުމަތްތައް ޑައުންވުމުގެ ސަބަބުން ސްޓެލްކޯ އަށް ބިލްތައް އަޕްޑޭޓް ނުކުރެވި ހުރުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ މަހުގެ ބިލްތައް އެޕްލިކޭޝަނަށް އެންޓާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. މިހާރު ބިލުތައް ފެންނަ ކަސްޓަމަރުންނަށް ފައިސާ ދެއްކޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ސްޓެލްކޯ އަށް ރެންސަމްވެއާ އެޓޭކެއް ދިނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އެއާއެކު ހުރިހާ ހިދުމަތެއް މެދުކެނޑުނަސް އިއްޔެ އިން ފެށިގެން އެ ކުންފުނީގެ މައި އޮފީހުން ބައެއް ހިދުމަތްތައް ދޭން ވަނީ ފަށައިފަ އެވެ.
ހެކަރުން ދޭ ރެންސަމްވެއާ އެޓޭކްތަކުގައި، އޮންލައިންކޮށް ލިބޭ ޑޭޓާތައް ކޮންޓްރޯލުކޮށް، އެ ޑޭޓާތައް ބްލޮކް ކުރުމުގެ ބާރު ހޯދަ އެވެ. އަދި ޑޭޓާތައް އަނބުރާ ދޫކުރަން ފައިސާ އަށް ވެސް ޑިމާންޑް ކުރާ ހާލަތުތައް އާދެ އެވެ.
ނަމަވެސް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ އެއްވެސް ޑިމާންޑެއް ހެކަރުންގެ ފަރާތުން އެ ކުންފުންޏަށް މިހާތަނަށް ނުލިބޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސައިޑް ޖޮބެއްތަ؟
30 March 2022
މީ އަނެއްކާ އެމްޑީ ބަދަލުވީމަ ދިމާވި ކަމެއްބާ؟ އެބޭފުޅާ ވިދާޅުވީބާ ތިމަންނަ ދިއައީމަ ޔަގީނޭ ބިތުފަންތި ނަގާއިރު ކައިފަ ހުރި ދޮންކެޔެ ފެންނާނެއޭ އެހެންވީމަ އަހަރެން ބަސްޓްވާއިރު ކަލޭމެން ބައެއް ކުދިންވެސް ބުރައިގެންދާނެއޭ، އެކަމުން ސަލާމަތްވާން ކުރެވެން އޮތްކަމެއް ކުރާށޭ.
ރަދީފްއޮފިޝަލް
30 March 2022
ކޮންމެވެސް ކަންތައްތަކެއް ފޮރުވަން ބަޔަކު އަޑީގަ ތިބެގެން ކުރިކަމެއްކަމަށް ބެލެވޭ.