20 މެއި 2022 - 11:41
ދިވެހި ސާފިން ލީގުގެ މ. މުލީ މުބާރާތުގެ ފައިނަލަށް ފަހު އެއްގަމަށް އަރައި، އަހްމަދު އާގިލް (އަންމަޑޭ) އަށް ރޮވެން ފެށުނެވެ. އޭނާ އަށް ވާހަކަ ވެސް ނުދެއްކުނެ އެވެ. ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ފޭސްބްކް ޕޭޖުން ވަގުތުން ލައިވްކުރި ކަވަރޭޖަށް ފަހު އިންޓަވިއުއެއް ދޭން އެދުމުން ވެސް އަންމަޑޭ އަށް ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. އޭނާ ހުރީ ފެންކަޅި ވެފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަން އަންމަޑޭ ބުނި ގޮތުގައި އެއީ އޭނާ އަށް ވަރަށް އިމޯޝަނަލް ވަގުތުކޮޅެކެވެ.
"އެއްގަމަށް އެރިއިރު އެންމެން އެގްސައިޓް ވެފައި ތިބިވަރު ފެނުނީމަ ދެން ނުހިފޭއްޓުނު. ހާއްސަކޮށް ޗޭ [އެމްއެސްއޭގެ ރައީސް މުހައްމަދު ސޮބާހް] ފެނުނީމަ ވަރަށް ބޮޑަށް އިމޯޝަނަލްވި. އެއީ ޗޭ އަށް އެނގޭނެ އަޅުގަނޑަކީ ކިހާވަރަކަށް ސްޓްރަގްލްކޮށްގެން މިހާހިސާބަށް އާދެވުނު މީހެއްކަން،" ކ. ތުލުސްދު އަށް އުފަން އައްމަޑޭ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާ އަށް ނުރޮވެންވީ ސަބަބެއް ނެތެވެ. ރާއްޖޭގެ ގައުމީ ލެވަލް މުބާރާތެއްގެ ޗެމްޕިއަންކަމާ ހަމައަށް އޭނާ ދިޔައީ ވަރަށް ގިނަ އުނދަގޫ ތަޖުރިބާތަކެއް ކުރުމަށް ފަހު ކަމަށް އައްމަޑޭ ބުންޏެވެ. މީގެކުރިން ގިނަ ފައިނަލްތަކެއްގައި އޭނާ ވާދަކުރި އެވެ.
"އެކަމަކު އެއިން އެއްވެސް ފައިނަލެއް ކާމިޔާބެއް ނުވި،" އަންމަޑޭ ބުންޏެވެ.
"ފައިނަލް އިވެންޓަށް މޫދަށް އެރުނުއިރު ވެސް އަޅުގަނޑަށް އެނގޭ އަޅުގަނޑު މި ކާމިޔާބު ހޯދަން ގިނަ ބަޔަކު ބޭނުންވާކަން. އެހެންވެ އިހްސާސް ކުރެވުނީ ވަރަށް ބޮޑު ބަރެއް ސިކުނޑީގައި އެބަ އިނޭ. އަޅުގަނޑުގެ ޒިންމާ ވަރަށް ބޮޑޭ. ރާޅާ އަޅަމުން ދިޔައިރު ވެސް ވަރަށް އިމޯޝަނަލްވި."
އޭނާގެ ބޮލުގައި އެނބުރެމުން ދިޔައީ އެކަން އެކަންޏެއް ވެސް ނޫނެވެ. ގާތް މީހުންނާއި ރަށުގެ ބައެއް މީހުން އޭނާ އަށް ކުރި މާލާމާތެވެ. ރާޅާ އަޅައިގެން، ދިރިއުޅުމެއް ނުލިބޭނެ ކަމަށް ބުނެ އާއިލާގެ ތެރެއިންނާއި ގާތްތިމާގެ މީހުން ވެސް އޭނާ އަށް ކުރިމަތިކުރި ހުރަސްތަކެވެ.
"ބުނި އިންނާނެ މީހަކު ވެސް ނުވާނެޔޭ،" އަލަތު ކައިވެންޏަށް މިހާރު ދެ އަހަރު ފުރުން ފާހަގަކުރަން ތައްޔާރުވެގެން ހުރި އަންމަޑޭ ކިޔައިދިނެވެ.
"ރާޅާ އަޅައިގެން ލާރިއެއް ނުލިބޭނެޔޭ. ފެމެލީ ސައިޑުން ވެސް އެބަހުރި ޕްރެޝާ އައިސްފައި. ތިއީ ކީއްކުރަން ކުރާ ކަމެއްހޭ، މީހަކު މިކަން ހުއްޓާލާނެހާ މިންވަރަށް އެބަހުރި ކުރީގައި އެއްޗިހި ބުނެފައި."
އާއިލާގެ އެންމެ ހަގު މެންބަރުގެ ގޮތުގައި ހުރި އައްމަޑޭ ބުނި ގޮތުގައި އެގޮތަށް އޭނާ އަށް ނިސްބަތްކޮށް އެއްޗިހި ބުނެފައި ހުރީ އެކަން ހުއްޓުވާލުމަށެވެ.
"އެކަމަކު މީގެ ތެރެއަށް ދެވިހިފައިފަ ހުރީމަ މީތި ދޫކޮށްލާކަށް ބޭނުމެއް ނުވި،" ރަށު ފެންވަރުގައި ފުޓްބޯޅަ ވެސް މޮޅަށް ކުޅުނު އައްމަޑޭ ބުންޏެވެ.
ފާޑު ކިޔައި މަލާމާތް ކުރި އެންމެންގެ ވިސްނުން އޭނާ އާ މެދު ބަދަލު ވެއްޖެ ކަމަށް އަންމަޑޭ ބުންޏެވެ. ރާޅާ އަޅައިގެން ވެސް އާމްދަނީ ހޯދިދާނެކަން އަންމަޑޭ ސާބިތުކޮށްދިނެވެ. އެހެން ކުޅިވަރުތަކުން ރާއްޖޭގެ ޕްރެފެޝަނަލް އެތުލީޓުންނަށް ވުރެ ބޮޑު އާމްދަނީއެއް ސާފިންގެ ދާއިރާއިން އައްމަޑޭ އަށް ލިބެ އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ، މަލްޓި ނެޝަނަލް ކުންފުންޏެއް ކަމަށްވާ، ބްރެޒިލްގެ ނިވްއަނާގެ ސާފިން ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ އައްމަޑޭ އަށް މަހަކު 40،000 ރުފިޔާ އަށް ވުރެ ބޮޑު މުސާރައެއް ލިބެ އެވެ.
މީ ރާޅާ އަޅައިގެން އެތުލީޓަކަށް ލިބިދާނެ މިންވަރެއް ކަމެއް މި ކުޅިވަރުގެ ކޮމިޔުނިޓީން ބޭރުގައި އުޅޭ މީހަކަށް ނުވިސްނިދާނެ އެވެ. އެކަމަކު އަންމަޑޭ ބުނި ގޮތުގައި މިހާރު ރާއްޖޭގައި ސާފިން ފުޅާވަމުންދާ ގޮތަށް ބަލާއިރު ސާފިންގެ އިތުރު ވަޒީފާތަކެއް ވެސް އުފެދޭނެ އެވެ.
"ކުރިން މަންމަ ވެސް އެހާ ގަބޫލު ކަމެއް ނޫން. އެކަމަކު މިހާރު އަޅުގަނޑުގެ އެންމެ ބޮޑު ދެ ސަޕޯޓަރަކީ މަންމަ އާއި އަންހެނުން،" އޭނާ ބުންޏެވެ.
"މަންމަ އަށް މިކަން ގަބޫލު ކުރެވިއްޖެ ތަންކޮޅެއް ކުރިން. އެއީ ރެޑްބުލްގެ ސްޕޮންސާޝިޕް ލިބުނުކަން އެނގުނު ހިސާބުން މަންމަ ގަބޫލުކޮށްފި ރާޅާ އަޅައިގެން ވެސް ދިރިއުޅުން ކޮޅަށް ޖެހޭނެކަން. މިހާރު އެންމެނަށް ވެސް ގަބޫލު ކުރެވޭ."
ރާޅާ އެޅުމުގެ ތެރެއަށް އަންމަޑޭ އަށް ވަދެވުނީ ވެސް މަންމަގެ ފަސްބައިގައި އެލިގަނެގެން ގޮސް އަތިރިމައްޗަށް ފޭބުމުންނެވެ.
"އަޅުގަނޑު ކުޑަ އިރު މަންމަ ތެލި ދޮންނަން އަތިރިމައްޗަށް ދާނީ އަޅުގަނޑު ގޮވައިގެން. ދެން އޭރު ވެސް ފެންނާނެ ރަށުގެ އެ ފަޅިން މީހުން ރާޅާ އަޅަންދާތަން. ބޭބެމެން ވެސް އުޅޭނެ. އެގޮތަށް ފެންނަން ފެށީމަ މީގެ ތެރެއަށް ހިތްޖެހުނީ،" އަންމަޑޭ ބުންޏެވެ.
ރާޅަން ހޮޔެވަރު މަޅުގަނޑެއް ހިފައިގެން އަންމަޑޭ ދެން އެރުނީ މޫދަށެވެ. ތިލަ ހިސާބަށް ފުރަތަމަ އެރުނީ އޭރު ރަނގަޅަށް ފަތަން ނޭނގޭތީ ކަމަށް އަންމަޑޭ ބުންޏެވެ.
"ރަށުގެ އަނެއް ފަޅިއަށް ބޮޑެތި ރާޅު ނަގާނީ. އެކަމަކު އޭރު އެތަނަކަށް ނޭރެން. އެއީ ރަނގަޅަށް ފަތަން ވެސް ނޭނގެ. ފަހުން ފަތައް އެނގި ރާޅަށް ފަރިތަވީމަ އެފަޅި އަށް ދާން ފެށީ،" އޭނާ ކިޔައިދިނެވެ.
ރާއްޖޭގެ އެކި ރަށްރަށް މަޝްހޫރު ވެފައި އެކި ކުޅިވަރުތަކުން ކުޅުންތެރިން އުފައްދާ ރަށްތަކުގެ ގޮތުގަ އެވެ. ބ. އޭދަފުއްޓާއި އދ. މަހިބަދޫ މަޝްހޫރުވެފައި ވަނީ ޒަމާނުންސުރެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދާ ރަށްތަކުގެ ގޮތުގަ އެވެ. ވ. އަތޮޅުގެ މަދު އާބާދީގެ ތެރެއިން ފުރޭނިގެން އައީ ވޮޮލީ ކުޅުންތެރިންނެވެ.
ރަށްރަށުގެ ލިސްޓް ދިގެވެ. އެކަމަކު މި ފަހަރު މިއީ ރާޅާ އެޅުމުގެ ވާހަކަ އެވެ. ތުލުސްދޫ މަޝްހޫރުވީ ރާޅާ އެޅުންތެރިން އުފައްދާ ރަށެއްގެ ގޮތުގަ އެވެ. މި ވަގުތު ތުލުސްދު އާއި މުޅި ރާއްޖެއިން ވެސް އެންމެ އުހުގައި ހުރި ރާޅާ އެޅުންތެރިޔަކީ "މުލީކޮޅު ރާޅުގަނޑު" ގެ ޗެމްޕިއަން، އަންމަޑޭ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
22 May 2022
މޫދުކުޅިވަރުތައް ދުނިޔޭގެ ފެންވަރުގައި ރާއްޖެކުރިއަރާނީ މިކުޅިވަރަށް ނިކުންނަ ކުދިންނަށް ހިތްވަރުދީގެން. މިއީ ޓޫރިޒަމަށްވެސް ފައިދާހުރި ކަމެއް. މުބާރާތުބައިވެރިވި ހުރިހާ ކުދިންނަށް މަރުހަބާ.
ލުތުފާން މަޒީދު
20 May 2022
މުޖްތަމައެއްގައި އެކި ވައްތަރު މީހުން އުޅޭނެ. އެންމެން އެކައްޗަކަށް ވާހިތުން އުމުރު ނަގާލީމާ އެތައް ބަޔަކު ބޭކާރުވޭ. ކޮންމެ މީހަކު ވެސް އެމީހެއްގެ ހަގީގީ ޝައުގު ކުރިއެރުވީމާ ވަރަށް ކުރިއަށް ދެވިދާނެ. މޫދާ ގުޅުންހުރި ކޮންމެ ކަމަކީ ރާއްޖެއާ ވަރަށް ގުޅުންހުރި ކަންކަން. އަހަރެން އެންމެ ޝައުގުހުރީ ގަސްގަހަށް. އެކަމަކު އިންނަން މިޖެހެނީ ޑެސްކެއް ފަހަތުގަ ކަރުގަ ވާޖަހައިގެން. މިކަން ބަދަލުކުރާނެ ހިތްވަރެއްވެސް ނެތް.
ހިއްވަރު
20 May 2022
ރިޕްލައި ކުރާނެކަމަށް އަދި އެ ކިޔާލަން މަޒީދު މިޕޭޖު ކިޔާެނެކަމަށް އުންމީދުކުރަން. ހިއްވަރުގަދަކޮށް ތިޔަ ޑެސްކުން ތެދުވެ ގަސްއިންދަން ފަށަންވީ އަވަހަށް ތިމާއަށް ލިބެންއޮތް ފައިސާވެރިކަމަކީ އެއީ ނޫންކަން އިގޭނީ އަކަން ކުރީމަ.
ރާއްޖޭގެ
20 May 2022
ފާއިސާއަށް ނުގަނެވޭނެ ދެ އުފަލެއް މިރާއްޖޭގައި ވާތީ އުފާކުރަމެވެ. އެއީ ރާޅާއެޅުމާއި ކަޑުއަޑީގެ މަންޒަރުތައް ބަލާލަން ފީނުމެވެ. އެއީ މިދުނިޔެ މަތީން ލިބޭނެ މަދު އެހާމެ ފުރިހަމަ ތަޖުތިބާއެކެވެ. ގަބޫލުނުކުރެވޭނަމަ އެއްފަހަރުނަމަވެސް ތަޖުރިބާކޮށްލުން ކީއްތޯ
ރާޅޭ
20 May 2022
އަލްހަމްދުﷲ ... ދުނިޔޭގަ ކޮންމެ ކަމެއްގަވެސް ކުރިއަރާދެވޭނީ ބުރަ މަސައްކަތްކޮށްގެން ތިމާ އަމިއްލަ ނަފްސަށް އިތުބާރު ކުރެވުނީމަ. އަންމަޑޭ މިއަދު ތިއޮތީ އޭގެ ރީތި ނަމޫނާއެއް އެންމެނަށް ދައްކައިދީފަ. ހެޔޮގޮތުގައި ފައިސާހޯދަން ކުރާނެ ވަކިކަމެއް ނޯންނާނެ. ޙަލާލު ކޮންމެ ކަމަކީ ރަގަޅު ކަންކަން. އިންޝާﷲ، އަދިވެސް މިކަހަލަ އުފާވެރި ދުވަސް ތައްތަކުރާރު ވާނެ ކަމަށް އުއްމީދު ކުރަން.
ޗޯޓޭ
20 May 2022
މިލިޔުން ކިޔާލީ ރާޅުތެރެއަށް ފުރަތަމަ ނޭވާލިގޮތް ހޯދަން، އެކަމު ސާފުވާގިތެއް ނުވި
އިއްސެ ޔޯ
20 May 2022
ފުޓުބޯޅަ އާއި ފުޓުސަލުން އެންމެ ގިނަ ކުޅުންތެރިން އުފައްދަމުން ދަނީ ތިމަރަފުށިން.. ކޮން އޭދަފުއްޓެއް. ޗިލް ބުރޯ
ދިއްދޫމީހާ
20 May 2022
ތިމަރަފުށިން އުފެދުނު އެއްމެ މޮޅު ކުޅުން ތެރިއަކީ މުސްތޮފާބެ..
ރިޕްސް
20 May 2022
ކެކެކކެ … ފުޓްސަލް ތިމަރަފުށިން… ފުޓުބޯޅައިންވާނީ އަދި ދުވަސްކޮޅެއްފަހުން
ސީޒަން ޖެކުހަން
20 May 2022
ގަދައޭ އިނގޭ. ބޮޑެތި ރާޅުދަށުގާ އޮންނައިރުވެސް އެހެރަ ފޮޓޯއަށް ފޯސްކޮށްލަނީ.