"ގްރޯ ވިތް އުރީދޫ" ހަރަކާތުގެ ބައިވެރިން.
28 ނޮވެމްބަރ 2024 - 11:44
އުރީދޫ މޯލްޑިވްސްއިން، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ "ގްރޯ ވިތު އުރީދޫ" ގެ ސެޝަނެއް އައްޑޫގެ ފޭދޫގައި ބާއްވައިފި އެވެ.
މި ސެޝަނުގައި، ގޭގައި ގަސް އިންދައި ހެއްދުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތުތައް ހިއްސާކޮށް، ގަސް އިންދުމާ ގުޅޭ އަމަލީ ބައެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އުރީދޫން މި ސެޝަން ކުރިއަށް ގެންދިޔައީ ސ. ފޭދޫ އަވަށު އޮފީހާ ގުޅިގެންނެވެ.
"ގްރޯ ވިތު އުރީދޫ" ގެ ސެޝަންތައް ނަގައިދިނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ރަމްޒީ ހުސައިނެވެ. މި ހަރަކާތުގައި އޭނާ ވަނީ ގޭގައި ގަސް އިންދާނެ ގޮތުގެ މައުލޫމާތާއި އެކަން ކުރުމުގައި ގެންގުޅެންވީ ސަސްޓެއިނަބަލް ގޮތްތަކާއި ގުޅޭ މައުލޫމާތުތައް ދީފަ އެވެ. މި ސެޝަން ފަރުމާކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ގޮތަށެވެ. ގަސް އިންދުމުން ލިބޭނެ ނަފްސާނީ އަދި ޖިސްމާނީ ފައިދާތައް ބައިވެރިންނާ ހިއްސާކުރި އެވެ.
މިއީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިންކްލޫސިވް އިވެންޓްތައް ބޭއްވުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޖުތަމައުގައި ހަރަކާތްތެރި ފަރާތްތަކުގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
"ގްރޯ ވިތު އުރީދޫ" ސިލްސިލާގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ދެމެހެއްޓެނިވި އުސޫލުތައް ކުރިއަރުވައި ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގިނަ ހަރަކާތްތަކެއް އެ ކުންފުނިން ވަނީ ރާވައިފަ އެވެ. އެ ސިލްސިލާގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫން އަންނަނީ އެންމެންގެ ބައިވެރިވުން ހިމެނޭ މުޖުތަމައުއެއް ބިނާ ކުރުމުގެ ގޮތުން އުމުރުންދުވަސްވީ މީހުން ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މި ފަދަ އެކި ޕްރޮގުރާމުތައް ހިންގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy