"ޕުޝްޕާ 2"ގެ ޕޯސްޓަރެއްގައި އައްލޫ އަރްޖުން.
05 ޑިސެމްބަރ 2024 - 06:13
މިއަދު ޕްރިމިއާކުރާ ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ 2" އަށް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް (11.8 މިލިއަން ޑޮލަރު) ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު ރިލީޒްކުރުމުގެ ކުރިން ބޮކްސް އޮފީހަށް މި އަދަދު ހަމަކުރީ އެޑްވާންސް ބުކިން އަށް ހުޅުވާލައިގެން ވިއްކި ޓިކެޓުތަކުންނެވެ. އިންޑިއާއިން އެކަނި މި ފިލްމަށް މިހާތަނަށް 70 ކްރޯޑް ރުޕީސް (8.2 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވަނީ 30 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދައިފަ އެވެ.
އެއާ އެކު، މި ފިލްމަކީ މި އަހަރު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ޕުޝްޕާ 2"ގެ ތިއޭޓްރިކަލް ރައިޓްސް ނުވަތަ ސިނަމާތަކުގައި ފިލްމު ދެއްކުމަށް ޑިސްޓްރިބިއުޝަން ރައިޓްސްގެ ގޮތުގައި ވެސް އެ ފިލްމަށް މިހާތަނަށް ވަނީ 600 ކްރޯޑް ރުޕީސް (71.4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބޭ ގޮތަށް ހަމަޖެހިފަ އެވެ. އެ ފިލްމުގެ ޑިޖިޓަލް ސްޓްރީމިން ރައިޓްސް ވެސް ވަނީ 275 ކްރޯޑް ރުޕީސް (32.7 މިލިއަން ޑޮލަރު) އަށް ވިއްކާލައިފަ އެވެ.
ފިލްމުގެ ސެޓްލައިޓް ރައިޓްސް ނުވަތަ ޓީވީން ފިލްމު ދެއްކުމަށް ވަނީ 85 ކްރޯޑް ރުޕީސް (10.1 މިލިއަން ޑޮލަރު) އަށް ވިއްކާލައިފަ އެވެ. އަދި މި ފިލްމުގެ މިއުޒިކް ރައިޓްސް ވެސް 65 ކްރޯޑް ރުޕީސް (7.7 މިލިއަން ޑޮލަރު) އަށް ވިއްކާލާފައިވާ ކަމަށް ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
އެހެންވެ، މި ފިލްމު ސިނަމާތަކުގައި ދެއްކުމުގެ ކުރިން ވަނީ 1،000 ކްރޯޑް ރުޕީސް (118.9 މިލިއަން ޑޮލަރު)ގެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.
"ޕުޝްޕާ 2" ހެދީ 500 ކްރޯޑް ރުޕީސް (59.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.
"ޕުޝްޕާ"ގައި ލީޑު ރޯލު ކުޅެނީ ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު އައްލޫ އަރްޖުނެވެ.
ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ގެނެސްދިން ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ފުރަތަމަ ފިލްމުގައި ވެސް އުޅުނު ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.
"ޕުޝްޕާ"ގެ ތިންވަނަ ފިލްމެއް ވެސް ގެނެސްދޭނެކަން މި އަހަރު ކުރީކޮޅުގައި ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
05 December 2024
މީހަމަ ތިބުނާހާ ރީތި ފިލްމެއްތަ.....ބޮއިހަލަކި