08 ޑިސެމްބަރ 2024 - 06:36
(ބުދަ ދުވަހާ ގުޅޭ)
އަހަރެންގެ ފައި ދަށުން ބިންގަނޑު ދަމައިގަތެވެ. ސަމީރާ ދެއްކި ވާހަކަ އަހަންނަށް ނުވިސްނުނީ އެކަންޏެއް ނޫނެވެ. ދެން ހަދަންވީ ގޮތެއް ވެސް ނުވިސްނުނެވެ. ހިތަށް އެރިއެވެ. އަހަރެން ދެކެ ޒަލަފް އެހައި ލޯބިވެދާނެ ހެއްޔެވެ؟ އިރުކޮޅަކުން ދަރިފުޅު އައެވެ. ވަރި ފޯމު ހިފައިގެންނެވެ. ފޯމު ފުރުމުގެ މަސައްކަތް ވަގުތުން ފެށުނެވެ. އޭރު ވެސް އަހަރެން އިނީ ދެ ހިޔާލެއްގައެވެ. ވަރިވާން ބޭނުމެވެ. އެ ނިންމުން ބަދަލެއް ވެސް ނުކުރާނަމެވެ. އެހެނަސް، ފޯމު ލާން ބޭނުންވަނީ އަދި ތަންކޮޅެއް ފަހުންނެވެ. އެހެން ދުވަހަކުންނެވެ.
"ތާރީހު ޖަހާނެ ކަމެއް ނެތް،" އަހަރެން ބުނީމެވެ. "ފޯމު އިހަށް މަންމަ އަތުގަ ބާއްވާ!"
ދަރިފުޅު ހިތްހަމަނުޖެހިފައި އަހަންނާ ދިމާއަށް ބަލައިލިއެވެ. ހީވާ ކަހަލައެވެ. އަހަރެން އެ ފޯމެއް ނުލާނެއެވެ.
"މަންމާ!" އެކައްޗެއް އެތައް ފަހަރަކު ކިޔާކިޔައި ވަރުބަލި ވެގެން ބުނާ ކަހަލަ ރާގެއްގައި ދަރިފުޅު ބުންޏެވެ.
"މިހާރު ދެން ވިސްނަން ޓައިމް ލިބިއްޖެއްނު! ބައްޕަ ޗޭންޖެއް ނުވާނެ. އަހަރެން ދާނީ ފޯމު ހިފައިގެން. މާދަމާ ކޯޓަށް ފޯމު ލާނަން. އަހަންނަށް އެނގޭ މަންމަ ބިރުން ތި އުޅެނީ ކީއްވެގެންކަން. ކޯޓުގަ މަންމަގެ ރިކޯޑިން ޕްލޭ ކޮށްފާނެތީއެއްނު ތި އުޅެނީ. ދެން ހިނގާ އެ ކަމާ ފޭސް ކުރަމާ!"
"ކުރާނަމޭ!" އަހަރެން ބުނީމެވެ. "ބައްޕަ ބުނެފި މާދަމާ ރޭ އައިސްބަލާށޭ! މި ފޯމު ހިފައިގެން އަންނާށޭ ބުނީ. އެހެންވެ މި ބުނީ އިހަށް ބާއްވާށޭ! ބައްޕައަށް ދައްކާލާފަ ލާން ވެގެން."
"އެއީ ކީއްކުރަން؟" ދަރިފުޅު ސުވާލު ކުރިއެވެ. "ބައްޕަ ނުޖެހޭނެ މި ޗެކްކޮށް މީގަ ސޮއިކުރާކަށް."
"އެނގެޔޭ!" ފޯމު ފަތްޖަހައިލަމުން އަހަރެން ބުނީމެވެ. "ފޯމު ފުރިކަން ޔަގީން ކުރަން ބައްޕަ ބޭނުންވަނީކަން ނޭނގެ. ވެދާނެ ފޯމުގެ ފޮޓޯއެއް ނަގަން ކަމަށް ވެސް. ބައްޕަ ވަރަށް އެ ކަހަލަ ކަންތައް ކުރެއެއްނު. އަހަރެން ބޭނުން މާދަމާ ރޭ މި ފޯމު ހިފައިގެން ދާން. ދެން ވާއެއްޗެއް އެނގިދާނެއްނު."
ދަރިފުޅު އެއްބަސްވިއެވެ. ފޯމު ބާއްވާފައި ދިޔައެވެ. މުޅި ދުވަހު އަހަރެން ވިސްނީމެވެ. ޒަލަފްއާ ބައްދަލުކުރަން އަހަރެން ދާކަށް ނުޖެހެއެވެ. އެ ގެއަށް ވަންނާކަށް ވެސް ނުޖެހެއެވެ. އެކަމަކު ސަމީރާގެ ފޯނުކޯލުގެ ސަބަބުން، ޒަލަފް ދެކިލުން އަހަރެންގެ ހިތް އަހަންނަށް މަޖުބޫރުކޮށްފިއެވެ. ސަމީރާއަކީ އަހަންނަށް ހެޔޮއެދޭ މީހެކެވެ. އޭނަ އަހަންނަކަށް ދޮގެއް ނަހަދާނެއެވެ. ސުވާލަކީ، އަހަރެން ދާނީ އެކަނި ހެއްޔެވެ؟ އެކުގައި ގެންދާނެ މީހަކު އެބަ ހުރިހެއްޔެވެ؟ ހުރީ އެންމެ މީހެކެވެ.
"ހެލޯ!" އެ ވަގުތު ކޯޗުގެ މެސެޖެއް އައެވެ.
މެސެޖު ފެނުމުން، އެ ނުތަނަވަސް ދަނޑިވަޅުގައި ވެސް އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. ހިތަށް އެރިއެވެ. ޖަވާބުގައި މެސެޖެއް ނުލިޔާނަމެވެ.
"ކިހިނެއްވީ؟" އަހަރެން ގުޅާފައި ސުވާލުކުރީމެވެ.
"ހަމަ ހަނދާން ވެގެން ގޮވައިލީ!" ކޯޗު ބުންޏެވެ. "އަހަރެން ދަންނަ ގޮތުގަ، މީހެއް މަތިން އަހަރެން ހަނދާން ވާނީ އެ މީހާ ވެސް އަހަރެން ހަނދާން ކުރާތީ. މޮޔަ ވާހަކައެއްތަ މި ދެއްކުނީ؟"
"މޮޔަ އެކަންޏެއް ވެސް ނޫން،" ހީނގެންފައި އަހަރެން ބުނީމެވެ. "ތާކުންތާކު ނުޖެހޭ، ބޭކާރު ވާހަކައެއް. އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީފާނަންތަ؟"
"ކަމަކު ނުކިޔައިގެން މި ހުންނަނީ،" ކޯޗު ބުންޏެވެ. "ކޮބާ ދެ ކުދިން މިހާރު ޕީސް ޓޯކް ހެދީތަ؟
ހަސްބަންޑް ބަލާ އައިސް، ގޮވައިގެން ގެއަށް ދިޔައިމަ މިހެން މި އަހާލީ. މާ ޕާސަނަލް ވާހަކައެއް ވިއްޔާ އޯކޭ ކިޔައި ނުދިނަސް."
"ގެއަށް ގެންގޮސް ދޭން އައީ. މާފަށް ވެސް އެދުނިން،" އަހަރެން ބުނީމެވެ. "އެހީވާން ވެސް އުޅުނިން. ނިމުނު އިރު އަނެއްކާ ވެސް އަހަންނަށް ގޯހެއް ހެދުނީ. އޭނަ އަމިއްލަ އަށް ޓެކްސީއަކަށް އަރައިގެން ގެއަށް ދިޔައީ. މިހާރު ކުރިޔަށް ވުރެ މާ ބޮޑުތަން ރަނގަޅު ވެސް ވެއްޖެ ދޯ؟ ތެންކިޔޫ!"
"ވައުދު ފުއްދިއްޖެ ކަމަށް ނިންމައިފިން،" ކޯޗު ބުންޏެވެ. "ނުބެހޭ ކަމަކާ ވެސް ބެހިލާނަން. އޭނަގެ މިޒާޖު އަހަންނަށް ވެސް ކޮންމެވެސް ވަރަކަށް މިހާރު އެނގޭ! އަބަދު ވެސް ކުށްކުރާނީ އޭނަ. މާފަށް އެދެން ޖެހޭނީ ދިމް. އެ ކަހަލަ މީހުންނަށް ކިޔާ ނަމެއް ވެސް އޮންނާނެ. މި ވަގުތު ނެތް ހަނދާނެއް. ޔަގީނުން ވެސް އެ ފާޑު މީހުން ސަހަލެއް ނުވާނެ. ބަދަލެއް ވެސް ނުވާނެ. ބުނުމުގެ އެއްވެސް ހައްގެއް ނެތް އެއްޗެއް މި ބުނެވުނީ. އެހެންވީމަ ދެން މިހެން ވެސް ނުބުނާނެ ކަމެއް ނެތް. އޭނަ އަށް ވުރެ އަހަރެން ހާސްބައި ރަނގަޅުވާނެ އިނގޭ!"
އަހަރެން ނިކަން ބާރަށް ހީނގަތީމެވެ. ކޯޗު އެ ވާހަކަތައް ބުނެލިލެއް ލޯބިކަމުންނެވެ.
"އަމިއްލައަށް އިސްތިހާރު ކުރިޔަސް ތީ ބޮޑުވަރު." ސަމާސަ ރާގެއްގައި އަހަރެން ބުނީމެވެ.
"އާނ ދެން ދިމްއަކަށް ނޭނގުނު ވިއްޔަ!" ކޯޗު ބުންޏެވެ. "އެހެންވެ ނޫހުގަ ވެސް ޖަހާލީ! މަޖީދީ މަގުގަ ބިލްބޯޑެއް ވެސް ބަހައްޓާނަން. ގޮނޑި ހުސްވުމުގެ ކުރިން ކުރިމަތިލީމަ އެނގިދާނެތާ ވާ އެއްޗެއް. ކޮން ކަމެކޭ އަހަރެން ކޮށްދޭންވީ؟ ފޯމުލައިދޭންވީ؟ ލެވިދާނެ. އިންތިޒާރު ވެސް ކުރެވިދާނެ. ފަހުން ހެކިވެރިން ވެސް ފޮނުވިދާނެ."
ވަރަށް ތަފުސީލުކޮށް ހުރިހައި ކަމެއް ކޯޗަށް ކިޔައިދިނީމެވެ. ނިދަން އޮށޯވެގެން އޮތް އިރު ވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ކުއްލިއަކަށް އެހެން ހަނދާނެއް ވެސް ވިއެވެ. ޒަލަފް ބުނި ގޮތުގައި، އެ ގެއަށް އަހަރެން ގެންދަނީ މުނާސަބަތެއް ފާހަގަކުރަން ވެގެންނެވެ. އެއީ ޒަލަފަށް އެންމެ ފުރަތަމަ އަހަރެން ފެނުނު ދުވަހެވެ. އެހެނަސް އެެއީ ތެދެއް ނޫނެވެ. ޒަލަފަށް އަހަރެން ފުރަތަމަ ފެނުނީ ޖުލައި ސައްބީސް ނުވަތަ ނޮވެންބަރު އެގާރައެއް ގައެވެ. އެ ކަހަލަ ކޮންމެވެސް މުނާސަބަތެއް ފާހަގަކުރާ ދުވަހެއްގައެވެ. އަހަރެން ފޯނު ބަލައިލީމެވެ. އެ ފަދަ ދުވަހެއް ކައިރި ހިސާބެއްގައި ވެސް ނެތެވެ.
ދުވާލު އަހަންނަށް މައިދައިތަ ފޯނުކުރިއެވެ. އެ އިން ދުވަހަކު ވެސް ނުގުޅައި ހުރެފައި ކުއްލިއަކަށް ގުޅުމުން އަހަރެން ހީކުރީ ވަރަށް މުހިންމު ކަމެއް ދިމާވީ ކަމަށެވެ. އެ ކަހަލަ އެއްވެސް ކަމެއް ނެތެވެ. މައިދައިތަ ދެއްކީ ޒަލަފްގެ ރަނގަޅުކަމުގެ ވާހަކައެވެ. ކުޑައިރުގެ ވާހަކައެވެ. ހިތްހެޔޮކަމުގެ ވާހަކަ އާއި، ކުޑައިރު ޒަލަފަށް ދިމާވި ގޮންޖެހުންތަކުގެ ވާހަކައެވެ. ކީއްކުރަން ހެއްޔެވެ؟
ހަވީރު ޒަލަފްގެ ވަރަށް ދިގު މެސެޖެއް ލިބުނެވެ. އުމުރުގެ ކޮޅުން ވެސް ޒަލަފަށް ކުށެއް ކުރެވިފައި އޮތް ނަމަ މާފަށް އެދިފައި އޮތެވެ. އެއީ ޒަލަފްގެ މިޒާޖެއް ނޫނެވެ. އެއްވެސް ވަރަކަށް އޭނަޔާ ގުޅޭ ކަމެއް ނޫނެވެ. މެސެޖުގައި ހުރި ބަހުރުވައަކީ ވެސް، ޒަލަފް ދުވަހަކު ވާހަކަ ދެއްކި ބަހުރުވައެއް ވެސް ނޫނެވެ. އޭނަ ދުވަހަކު ވެސް ބޭނުން ނުކުރާ ދިވެއްސާއި އިނގިރޭސި ބަސްތައް ބޭނުންކޮށްފައި ހުއްޓެވެ. އަހަރެންގެ ވިސްނުމާއި، ނިންމުން ބަދަލުކުރުމަށް ބޭނުންވާނެ ހުރިހައި އުކުޅެއް އޭގައި ބޭނުންކޮށްފައި ހުއްޓެވެ. ހީވަނީ، އެހެން މީހަކަށް އަހަރެން ވަރަށް ރަނގަޅަށް ކިޔައިދީގެން ލިޔުއްވާފައި އޮތް އެއްޗެއް ހެންނެވެ.
ރޭގަނޑު ވަރުގެކޮޅަށް ނަލަ ހެދިގެން، ނަބާހާގެ ސައިކަލުގައި އަހަރެން ނުކުތީމެވެ. އަހަރެން އިނީ ފިނިވެފައެވެ.
ޒަލަފްގެ ގޭ ދޮރުމައްޗަށް ސައިކަލު ހުއްޓިއެވެ.
"އަދި ވެސް އެއް ފަހަރު ވިސްނާލާ!" އަހަރެން ފެއިބުމުން ނަބާހާ ބުންޏެވެ.
"ވިސްނައިފައޭ މި އައީ،" އަހަރެން ބުނީމެވެ. "އެބަ ޖެހޭ މި ކަން ކުރަން."
އަހަރެން ގެއަށް ވަނީމެވެ. ފޯނު ދަބަހަކަށް ނުލަމެވެ. ޒަލަފްގެ އެޕާޓުމަންޓަށް ދިޔަ އިރު އޭނަ ހުރީ ދޮރު ހުޅުވައިގެން އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ހީކުރީ އޭނަ ހުންނާނީ ވަރުގެ ކޮޅަށް ނަލަ ހެދިގެން ކަމަށެވެ. އެހެން ނުވުމުން އަހަންނަށް ޝޮކެއް ލިބުނެވެ. އަހަރެން ހުރީ ވަރަށް ރީތިވެގެންނެވެ. ގެއަށް ވަން އިރު، އެއްވެސް ކަމެއް، އަހަރެން އުންމީދުކުރި ވަރަކަށް ތައްޔާރު ކޮށްފައެއް ނެތެވެ. އަހަރެން ވަނީ ޒަލަފްގެ ފަހަތުންނެވެ. ދޮރު ލެއްޕީ ވެސް އަހަންނެވެ. ވަރަށް މުހިންމު ބޭނުމެއް އޮތީމައެވެ. އަހަރެންގެ ހިތުވިންދު ދިޔައީ އަވަސްވަމުން، ބާރުވަމުންނެވެ.
"ޑެކަރޭޓް ކުރަން ހަދައިގެން ރެޑީވާނެ ވަގުތު ވެސް ނުލިބުނު." ޒަލަފް ބުންޏެވެ.
ބުނަން ހިތަށް އެރި އެވެ. ތި ދައްކަނީ ކިހައި ހަމަނުޖެހޭ ވާހަކައެއް ހެއްޔެވެ؟ އަހަރެންގެ ދެލޯ ސަލާމަތުން އެބަ ހުއްޓެވެ. އެކަމަކު އެހެނެއް ނުބުނަމެވެ. މައިދައިތަ ފެންނަ ހިސާބަކު ނެތެވެ. އަހަރުމެން ދިޔަ ގޮތަށް ދިޔައީ ކާމޭޒު ކައިރިޔަށެވެ. ކާން ތައްޔާރު ކޮށްފައި ހުއްޓެވެ. މާ ހާއްސަ ކެއުމެއް ނޫނެވެ. ވަރަށް އާދައިގެ ކޭކެއް ހުއްޓެވެ. އަހަރެން ގޮނޑީގައި އިށީންނަން އުޅެނިކޮށް، ޒަލަފް އެ ގޮނޑި ކައިރިއަށް ޖެހިލާފައި އަހަންނަށް އަނެއް ގޮނޑި ދެއްކިއެވެ.
"ކޭކު ހުރި ދިމާލުގައެއްނު ދީމާ އިށީންނަން ވާނީ." ޒަލަފް ބުންޏެވެ.
ކޭކު ހުރީ ވަކި ދިމާއެއްގައެއް ނޫނެވެ. ކޮންމެ ކޮޅެއްގައި އަހަރެން އިން ނަމަވެސް، ފަސޭހައިން ކޭކަށް އަތް ފޯރީހެވެ. އެއް ކަމެއް ފާހަގަކުރެވުނެވެ. ދެ ދިމާގައި ހުރީ ދެ ކުލައެއްގެ ޖޫހެވެ. އަހަރެންގެ ލޯ ޖޫސްތަށީގައި ތަތްކޮށްލައިގެން ގޮނޑީގައި ހަމަޖެހިލީމެވެ.
"މަންމަ ކޮބާ؟" އަހަރެން އެހީމެވެ.
"ހިނގައްޖެ ތިރީ ފްލޯއަށް،" ޒަލަފް ބުންޏެވެ. "ދީމާ ތިހާ ރީތިވެގެން އައި އިރު އަހަންނަށް މިހެން ހުރެވުނީމަ ވަރަށް ދެރަވެއްޖެ!"
ޒަލަފް ބުނީ ދެރަވި ވާހަކައެވެ. އެހެނަސް އޭނަ އިނީ ހިނި އައިސްފައެވެ. ހިތަށް އެރިއެވެ. މަންޒަރު ބަދަލުކޮށްލާނަމެވެ. އަހަރެން ދަބަސް ތެރެއިން ފޯމު ނަގާފައި، ނިއުޅުވާލާފައި މޭޒުމަތީގައި ބޭއްވީމެވެ.
"ފޯމު ފުރައި ވެސް ނިމުނީ؟" ވަރަށް ހައިރާން ވެފައި ޒަލަފް އެހިއެވެ.
"ތި ހީކުރީ އަހަންނަށް ނުކެރޭނެ ކަމަށްތަ؟" އަހަރެން އެހީމެވެ. "ޒަލަފަށް އެއް ހާސް ދޮގު ހެދެންޏާ އަހަންނަށް ކީއްވެ އެންމެ ތެދެއް ނުބުނެވެންވީ؟ ވަރިވާން ބޭނުންވާތީ ފޯމު ފުރާފަ މި އޮތީ."
ޒަލަފް އަހަންނަށް ބަލަހައްޓައިގެން އިނީ، ދުވަހަކު ނުދެކޭ މީހަކަށް ބަލާ ކަހަލަ ނަޒަރަކުންނެވެ. އަހަރެން ވެސް ކަޅި ޖަހައި ނުލާ ބަލަން އިނީމެވެ.
"ސެލެބްރޭޓް ކުރާށޯ!" މަލާމާތުގެ ރާގަކަށް އަހަރެން ބުނީމެވެ. "ލޯބި ނުވާ މީހަކު ކޮން ސެލެބްރޭޓެއް ކުރާނީ؟"
"ދީމާ ހާދަ ބަދަލުވެއްޖޭ!" ދެލޯ ބޮޑުކޮށްލާފައި ޒަލަފް ބުންޏެވެ. "ހާދަ ބަދަލުވެއްޖޭ!"
"ޒަލަފް ވެސް ބަދަލުވާންވީނު!" އަހަރެން އެދުނީމެވެ. "ލޯބިވާކަން އަހަންނަށް ޔަގީންކޮށްދީބަލަ!"
"ތީތާ ނުވެގެން މި އުޅޭ ކަމަކީ،" ޒަލަފް ބުންޏެވެ. "ކީއްކުރީމަތަ ދީމާއަށް ޔަގީންވާނީ؟"
އަހަރެން ވަގުތުން ޖޫސްތަށި ދިއްކޮށްލީމެވެ.
"ބޯލާ!" އަހަރެން ބުނީމެވެ. (ނުނިމޭ)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަބާޙާ
08 December 2024
ދެން ބިންމާ ކައިރިއަށް މަ ދާނީ.. މި ދީމާއަށް ވިސްނައިދޭނެ ގޮތެއް ބިންމާއަށް ބުނެދޭން..
ބިންމާ.
08 December 2024
އެބަ ބޭނުންވޭ އެހެން މީހެއްގެ އެހީ ތިކަމުގައި.
ސަން.
08 December 2024
ހޭނައްތުވާލާ ބޭހެއް އަޅާފައި ޖޫސްތައްޓަށް ހުރީ.. ޒަލަފް އަކަަށް އެ ބޯކަށްވެސް ނުކެރޭނެ..
ދިމް
08 December 2024
ކުއްލިޔަކަށް ޒަލަފް ޖޫސްތަށި ނަގާ ހޫރާލިއެވެ އަދި މޭޒުމަތީ ކޭކް ފަޅަން ބާއްވާފަ އޮތްވަޅި ނަގާ އަހަރެންގެ ކަރު ބުރި ކޮއްލިއެވެ. އަހަންނައް ބާރައް ހަލޭލަވައިގަނެވުނެވެ އަދި ފުމްމާއިގެން ތެދުވެވުނެވެ. ތެދުވުމުން ޒަލަފް ކިހިނެއްތޯވީ އަހާލި އެވެ އަހަންނަށް މިފެނުނީ ހުވަފެނެއްކަން ރޭކާލީދެނެވެ..... ނިމުނީ................
ހައްޖަ.
08 December 2024
ފޫހި މިހާރު ދެންމިވާހަކަ.ފިރިހެނަކާހެދި މިވަރު ވާކަށް ނުވާނެ.
ތެފައާސާ.
08 December 2024
މި ބައި ކިޔައި ނިމުނުއިރުވެސް ފައިދަށުން ބިންގަނޑު ދަމައިގަންނަން ސަމީރާ ދެއްކި ވާހަކައެއް ރޭކާލާވަރެއް ނުވި؟ ގެޓުވި ކުއްޖަކު ހުރިނަމަ ތިލަކޮށްލަދީބަލަ؟ ޕްލީޒް.
ބިންމާފޭން
08 December 2024
އެއީ ޒަލަފް ޒަހަރެއް ހޯދި ވާހަކަ.. ދީމާއަށް އެނގިހުރެ ދީމާ ދިޔައީ.. ތި ހީކުރާވަރަށްވުރެ ދީމާ މިހާރު ދެލޯ ހުޅުވިއްޖޭ ދަރިންނޭ. ބިންމާގެ ވާހަކަތައް ދިރާސާ ކުރާ މީހެއްގެ ހައިސިއްޔަތުން މިބުނީ އެއީ ކަން ޔަގީން މިވީގޮތް. ދީމާގެ ސިފަކުރުންތައް އެހުރީ އެކަން އެނގިގެން ދިޔަ މީހެއްގެ ގޮތަށް
ގާރލް7
08 December 2024
ކޮންމެވެސް ގޮތަކުން ޒަލަފު ނުބައެއް ހަދަން އުޅޭކަން ސަމީރާއަށް އެނގިގެން މަޖާޒީ ގޮތަކަށް އެކަން ދީމާއަށް އެ އަންގާލީ... 2 ޖޫސްތަށި 2 ކުލައިގަ ހުރީމަ ދީމާއަށް ސަމީރާގެ ވާހަކަ ގެޓުވީ ކަންނޭނގެ. ކުރީ ބައިގަ އޮތެއްނުން ކުރިން ނުވެސް ދަންނަ ޒާތެއްގެ މިޒަމާނު ސޮރެއްގެ ސައިކަލު ފަހަތުގަ ޒަލަފު އައި ވާހަކަ. ރަނގަޅަށް ވިއްޔާ އެވާނީ ޖޫހަށް އަޅާނެ "ފެންވަރުގެ ޝަރުބަތު" ޒަލަފަށް ވިއްކި ސޮރަށް.
ޒަލަފްގެ 2ވަނަ އަނބި
08 December 2024
ދެން ތިހާ ހާސަރުބޮޑި ނުދަމާ ދީމާ ވަރިކޮށްލަބަލަ. ކޯޗާ ނީނަސް ހެވޭ. އުމުރު އެކަނި ހުސްކޮށްލަންޖެހުނަސް މިކަހަލަ ނާގަބާޑި ކުޅިގަނޑެއް ދެން ނުކުޅޭތި ދީމާ. މި ފަހަރު މިދިނީ ނަސޭހަތެއް ނޫން އިންޒާރެއް.
ގަބުޅި ކަތީބް
08 December 2024
ޢަހަރެން ޖޫސްތަށި ދިއްކޮއްލުމާއެކް ޒަލަފް ޖޫސްތަށި ޖަހާގާތެއެވެ އަހަރެން ނަށް ތަންމިނަށް އަނގަ ހުޅުވުނުވަގުތު ޒަލަފް އަހަރެން އަނގަޔަށް ޖޫސްތަށި އަޅާލިޔެ ހަމަވަގުތުން އަހަރެން ފޯމްވީދާލީމެވެ އަހަރެން ހުރީ މޮޔަވެފައެވެ އެމޮޔަކަން ބިންމާބެ ކީއްކުރަން ސޯދުބެގެ ގަލަމުން ވެސް ނުލިޔެވޭނެއެވެ އަހަރެން ގެއްލުވާލީ އަހަންނާ ޒަލަފާ ދެމީހުންނެ މިކަމުގަ އެހީވީ ބިއްމާބެއެވެ ނިމުނީ
ސަސި
08 December 2024
މިހާ ގިނަ ހާސަރު ނުދެމިޔަސް އަހަރުން ދެނަ ހުރިން ދިމާ އަމިއްލައަށްކަން ދީމާ ގެއްލުވާލީ.