11 ޑިސެމްބަރ 2024 - 06:22
(އާދިއްތަ ދުވަހާ ގުޅޭ)
"ބޯލާ!" އަހަރެން ބުނީމެވެ.
އިރުކޮޅެއް ވަންދެން ޒަލަފް ބަލަހައްޓައިގެން އިނެވެ. އޭނަގެ ހިތަށް އަރާނީ ކީކޭކަން އަހަންނަށް ލަފާކުރެވުނެވެ. ނުލާހިކު ފަރުވާތެރިކަމާއި، ބުރަ މަސައްކަތުން ރޭވިރޭވުން ބޭޒާރުވި ކަމަކަށް ޒަލަފަކަށް ގަބޫލެއެއް ނުކުރެވޭނެއެވެ. އެހެނަސް ޝައްކުވާނެއެވެ. ކުއްލިއަކަށް ވަކި ތަށްޓެއް ނަގައިފައި ބޯލާށޭ އަހަރެން ބުނީ ކީއްވެގެން ހެއްޔެވެ؟ އެ ޝައްކު ޔަގީނަށް ބަދަލުކުރަން ވެސް ޒަލަފް ބޭނުންވާނެއެވެ. މޭޒުމަތީގައި އޮތް އަހަރެންގެ ފޯނަށް ބަލައިލާފައި، އަނެއްކާ ވެސް ޒަލަފަށް ބަލައިލީމެވެ. ފޯނު އޮތީ ގުޅިފައިކަން އަހަރެން ޔަގީން ކުރަންޖެހެއެވެ.
"ބޯލާ!" އަހަރެން ތަކުރާރުކޮށް ބުނީމެވެ. "ކޯޗެއް ތި ވިސްނަނީ؟"
"އައްދެ! ދެ މީހުން އެއް ތަށިން ޖޫސް ބުއީމަތަ ލޯބިވާ ކަމަށް ވަނީ؟" ޒަލަފް ބުންޏެވެ.
އަހަރެން އެ ތަށީގައި ހުރި ޖޫސްތައް މޭޒުމައްޗަށް އޮއްސައިލީމެވެ. ބޮޑު ބައި އެޅުނީ ޒަލަފްގެ އުނގަށެވެ. ޒަލަފް ފުންމައިގެން ތެދުވިއެވެ.
"ކީއް ތި ކުރީ؟" ޒަލަފް ބުންޏެވެ.
އަހަރެން މޭޒުމަތީގައި ތަށި ބެހެއްޓި ގޮތަކުން، ތަށި އެނބުރެމުން ގޮސް ތަޅުންގަނޑު މައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. އޭރު އެޕާޓުމަންޓަށް ވަންނަ ދޮރު ކުޑަކޮށް ހުޅުވިފައި ހުރި ތަން އަހަންނަށް ފެނެއެވެ. ޒަލަފްއަކަށް ނުފެންނާނެއެވެ.
"އޭތް!" ޒަލަފް ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ.
"ކަލޭ މޮޔަވީތަ؟"
"އަދި ކިރިޔާއެއްނު މި ރަނގަޅުވީ!" ތެދުވަމުން އަހަރެން ބުނީމެވެ. "މިޔޮއް ހުރިހާ ދުވަހު އަހަރެން އުޅުނީ ޒަލަފާ ހެދި މޮޔަވެގެން. ކޮންމެ ކަމެއް ޒަލަފް ކުރިޔަސް ކެތްކޮށްލައިގެން ހުރީ. އެހެނެއް ނޫންތަ ވީ؟"
"ދީމާ ތި އުޅެނީ މަގޭ އަތުން މަރުވާން،" އަހަރެން ގެނައި ފޯމު ވީދައި ކުދިކޮށްލަމުން ޒަލަފް ބުންޏެވެ.
"ހުންނާނެ ފޯމު ލެވިފަ. ނިކަން ރީތިކޮށް މި ކަން ގެންދެވޭތޯ އަހަރެން އުޅުނީ. ހަޑިކޮށްތަ ގެންދަން ބޭނުމީ؟ ކިހާ ހަޑިއެއް ކޮށްލަންވީ؟ އެއް ފަހަރުން މި ކަން ނިންމައި ވެސް ލެވިދާނެ."
ޒަލަފް ގުދުވެފައި ފުޅިތޮށިގަނޑެއް ނެގިއެވެ. އަހަރެން ހުރި ފިޔަވަޅު މަތީގައި ސާބިތުވެ ހުރީމެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލާފައި ކޯޗު ވަނެވެ. ޒަލަފްގެ އަތުގައި ހިފެހެއްޓިއެވެ. ޒަލަފް ދިޔައީ ސިއްސައިގެންނެވެ. ކޯޗުގެ އަތްދަށުން ސަލާމަތްވާން ޒަލަފް ތެޅިގަތް ވަގުތު ކޯޗުގެ މޫނުގައި ފުޅިތޮށިގަނޑު އަޅައިގަތެވެ. އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. ޒަލަފަށް ވުރެ ކޯޗު މާ ވަރުގަދައެވެ. ފުޅިތޮށިގަނޑު ދަމައިގެންފައި ސޯފާއާ ދިމާއަށް ޒަލަފް ކޮއްޕައިލުމުން އޭނަ ގޮސް ސޯފާއަށް ވެއްޓުނެވެ. އަލުން ތެދުވިއެވެ. ހަމަ ތެދުވާ އިރަށް ޒަލަފްގެ ކޮނޑުގައި ކޯޗު އަތްއަޅައިފައި ސޯފާގައި ބޭންދިއެވެ. ދެ ފަހަރަކު އެހެން ހެދުމުން ދެން ޒަލަފް މައިތިރި ވެއްޖެއެވެ. ކޯޗުގެ މޫނު މާ ފުންކޮށެއް ޒަހަމެއް ނުވެއެވެ. އެހެނަސް، ލޭހިލިފައި ހުއްޓެވެ.
"ދިމް! ހިނގާ ދަމާ!" ކޯޗު ބުންޏެވެ.
އަހަރެން ނުކުންނަން ހިނގައިގަތީމެވެ.
"އޭ! ކަލެއަކަށް މަގޭ އަންހެނުންނެއް ނުގެންދެވޭނެ." އަމުރުވެރި ރާގަކަށް ޒަލަފް ބުންޏެވެ.
އަހަރެން ހުއްޓުނީމެވެ. ކޯޗު އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ގޮވައިގެން ހިނގައިގަތެވެ. ވަރަށް އުފާވިއެވެ. އަހަރެން އަބަދުވެސް ބޭނުންވީ އެ ކަހަލަ ފިރިއެއްގެ ހިމާޔަތެކެވެ. ޒަލަފް ތެދުވިއެވެ.
"އޭތް!" ކޯޗު ވަރަށް މަޑުމައިތިރިކަމާއި، އިހުތިރާމާ އެކުގައި ބުންޏެވެ. "ދީމްގެ ފިރިމީހާއަށް އަނިޔާކުރާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު އަނިޔާވާން ބޭނުމިއްޔާ، އިތުރަށް އެންމެ ފިޔަވަޅެއް ކުރިޔަށް ޖެހިލާ! ހަމަ އެންމެ ފިޔަވަޅެއް."
ގުޑައިލާކަށް ޒަލަފަކަށް ނުކެރުނެވެ.
"މަ އެބަ އުޅޭތަ އޭނަ ގައިގަ އަތްލަން؟" ޒަލަފް ބުންޏެވެ. "އެއީ ބާވެގެން އެހެލާފަ ހުރި ދޯނިގަނޑެއް. ކަލެއަކަށް އެ ނޫން އަންހެނަކު ވެސް ނުވިއެއްނު!"
ކޯޗުގެ ރުޅިގަނޑު ހީވީ މުލުން ލުހުނުހެންނެވެ. އެ ވަގުތު ކޯޗުގެ އަތުގައި އަހަރެން ނުހިފި ނަމަ، ޒަލަފް ހޮސްޕިޓަލަށް ގެންދަންޖެހުނީހީ ވެސް އަހަންނަށެވެ.
"އަޅާލާނެކަމެއް ނެތް،" އަހަރެން މަޑުމަޑުން ބުނީމެވެ.
"އޭނަ އެ އުޅެނީ ރުޅި އަރުވަން ވެގެން. އަހަރެން ބޭނުމެއް ނޫން މި ގެއަށް ޕޮލިހުން އައިސް، ހިސާބުގަނޑަށް މީހުން އެއްވާކަށް. ހިނގާ ދަމާ!"
އަހަރުމެން އެކުގައި ހިނގައިގަތުމުން ޒަލަފް ކޮންމެވެސް އެއްޗެހިތަކެއް ކިއެވެ. ރާގުން ހީވަނީ އިންޒާރެއް ދިން ހެންނެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަރެންގެ ވިސްނުން ހުރީ، އޭރު ވެސް ކޯޗަށް ގުޅިފައިވާ ފޯނު ކަނޑައިލުމަށެވެ. ދެން ގުޅީ ސަމީރާއަށެވެ. ޒަލަފްގެ ދައްތައަށެވެ.
"ގެއިން ނުކުމެގެން ދަމުން ވެސް ހިތަށް އެރީ ދައްތައަށް އަދިވެސް އެއް ފަހަރު ތެންކްސް ބުނެލާނަމޭ!" އަހަރެން ބުނީމެވެ. "ނޫން! ޕޮލިހަށް ގުޅާނެކަމެއް ނެތް. އެ މީހަކު ކުރި ކަމެއް އެ މީހަކަށް. ޒަލަފްއަކީ ހައިފާގެ ބައްޕަ. އަހަރެން އެ ވަރު ދަންނާނަން."
ފޯނު ބާއްވައިފައި އަހަރެން ކޯޗަށް ބަލައިލީމެވެ.
"އޭނަ އުޅުނީ ދިމް މަރާލާށޭ ދޯ؟" ކޯޗު ބުނެލިއެވެ. "ކީކޭ ދެން ބުނާނީ؟"
"އެއީ ވެސް ލޯބީގެ ވައްތަރެއް،" އަހަރެން ބުނީމެވެ. "އޭނައަށް ނުލިބުނިއްޔާ އެހެން މީހަކަށް ލިބޭކަށް ވެސް ނުކެރޭނެ. ބިރުވެރި ދޯ؟"
"އަހަރެން އޭރު ވެސް ބުނީމެއްނު،" ކޯޗު ބުންޏެވެ. "އެއީ ހަމަ އެ ކަހަލަ މީހުންގެ ވައްތަރު. އީގޯ ވަރަށް ބޮޑުވާނެ."
ބޭރަށް ނުކުމެފައި ކޯޗުގެ މޫނު ފުހެލަދޭން އަހަރެން ވަރަށް ބޭނުންވިއެވެ. ނުކެރުނީއެވެ. އެލަވަރު ތެރޭގައި އޭނަ ހައްޔަރުކޮށްލައިގެން އެތައް އިރަކު ހުންނަން ވެސް ހިތްއެދުނެވެ. ހަމަ ނުކެރުނީއެވެ. ކެރުނީ އެންމެ ކަމެއް ކުރާށެވެ. އެއީ، އަހަރެން ސަލާމަތް ކުރަން ހަދައިގެން އޭނައަށް ތަހައްމަލުކުރަން ޖެހުނު އަނިޔާއަށް ޓަކައި މާފަށް އެދުމެވެ.
"ސޮރީ!" އަހަރެން ބުނީމެވެ.
"ތި ގޯސްވީ!" ކޯޗު ބުންޏެވެ. "އަނެއްކާ ވެސް ކޮފީއަކުން ތި ކަން ސާބިތުވާނީ. ހިނގާހިނގާ!"
"މޫނުގަ ބޭސް އަޅަންވީނު؟" އަހަރެން އެދުނީމެވެ. "ތަދުވޭތަ؟"
"ވަރަށް ތަދުވޭ! ކޮފީއަކީ ޕެއިން ކިލަރއެކޭ!" ކޯޗު ބުންޏެވެ. "އެނގޭތަ އެ ކަން؟"
އަހަރެން ހައިރާންވުމުން ކޯޗު ހޭން ފެށިއެވެ. ސަމާސާއެއްކަން އެނގުނީ އެ ހިސާބުންނެވެ. އެ ދަނޑިވަޅަކީ ކޯޗާ އެކުގައި ކޮފީ ބޯން ދާން އަހަންނަށް އެންމެ ފަސޭހަ ދަނޑިވަޅެއް ނޫނެވެ. އެހެނަސް، ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ؟
"ކޮންމެވެސް އެއްޗެއް ތިތާ ޖަހަން ވާނެ." އަހަރެން ބުނީމެވެ.
އަހަރުމެން ދިޔައީ ކޯޗުގެ ގެއަށެވެ. ދެ މީހުންނަށް ވެސް ކަމުދިޔައީ އެ ގޮތެވެ.
"މި ތަން އަދި ހަމައަކަށް ނުވެސް އެޅުވޭ!" އެޕާޓުމަންޓަށް ވަދެފައި ކޯޗު ބުންޏެވެ. "ވައިފްގެ ގޭގަ ކުރިން އުޅުނީ. ޓަސްލާފަ ޗޭންޖު ވާން ޖެހުނީ."
ތަން ހަޑިއެއް ނޫނެވެ. ވަރަށް ސާފުތާހިރެވެ. އެހެނަސް ތަރުތީބު ގެއްލިފައިވާކަން ފާހަގަކުރެވުނެވެ.
"ތަނެއް ގެއަކަށް ޖެހޭނީ ހަދަން،" ސޯފާގައި އިށީނދެވޭ ވަރު ކޮށްދެމުން ކޯޗު ބުންޏެވެ. "އެ ކަން ކޮށްލަދީބަލަ! ގެ ވަރަށް އުފާވާނެ."
ކޯޗު އެ ބުނަނީ ކީކޭކަން އަހަންނަށް އެނގެއެވެ. އެހެނަސް، މުޅި ހަޔާތުގައި ވެސް އަހަރެން އިތުބާރު ކުރި ހަމަ އެކަނި މީހާއަށް ކުރި އިތުބާރު ގެއްލުނުތާ ގަޑިއެއްގެ އިރު ނުވަނީސް، އެހެން މީހަކަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟
"ފުރަތަމަ އަހަރެން ޖެހޭނީ ވަރިވާން،" އިސްޖަހައިލަމުން އަހަރެން ބުނީމެވެ. "އެއީ ފަސޭހަ ކަމެއް ނޫން. އޭގެ ފަހުން އިއްދަ ވެސް އޮންނާނެ. އޭގެ ފަހުން ހިޔާލު ބަދަލުނުވެ ހުރިއްޔާ، އެނގޭނެ އަހަރެން ހޯދާނެ ގޮތް. ނަންބަރު ވެސް އެބަ އޮތެއްނު."
އެ ވަގުތު އަހަންނަށް ޒަލަފް ގުޅިއެވެ. އަހަރެން ކޯޗަށް ފޯނު ދައްކައިލީމެވެ.
"ނަގާނެ ކަމެއް ނެތް." ކޯޗު ބުންޏެވެ.
އަހަރެން އިސްޕީކަރަށް ލީމެވެ. ޒަލަފް ފެށީ ބޮޑު ފޮތުގެ ނިމޭ ކޮޅުން، ތިރިން މައްޗަށެވެ. ވަރަށް ހުތުރު، އަހަރެން ދުވަހަކު ވެސް އަޑުނާހާ އެއްޗެހި ކިއެވެ. އޭނަ ދޭން ބޭނުންވި މެސެޖު ވަރަށް ކުރުވެފައި ސާދާއެވެ. އެއީ، ދުވަހަކު ވެސް އަހަރެން ވަރި ނުކުރާނެ ކަމެވެ. ތަކުރާރުކޮށް އެހެން ކިޔަން ފެށުމުން ކޯޗު ފޯނު ކަނޑައިލިއެވެ.
"އަހަރެން ބުނީމެއްނު!" އިސްޖަހާލައިގެން އިނދެ އަހަރެން ބުނީމެވެ. "އޭނަ ބަދަލު ހިފާނެ. އޭނަ އުނދަގޫ ވެސް ކުރާނެ. އޭނަ ބޭނުންވާނެ..."
"އޭނަ ހަނދާން ނައްތާލާ!" ކޯޗު ބުންޏެވެ. "އަހަރެން ބޭނުން ވަނީ ދިމްގެ ޖަވާބު. އަހަރެން އިންތިޒާރު ކުރަންވީތަ ނޫންތަ؟ ތީ އަދި ވެސް މީހެއްގެ ވައިފެއް. އެހެންވީމަ އިންނާށެކޭ ނުބުނެވޭނެ. އެނގޭ ދޯ މި ބުނާ އެއްޗެއް؟ ދިމް އަހަންނަށް ކޮންމެވެސް ކަހަލަ ހޯޕެއް ދީ! އަހަރެން ނޫޅެމޭ ދިމް ޖަހައިގަނެގެން ގެންދާކަށް. ދިމްގެ އިތުބާރު ހޯދުމަކީ އަހަރެންގެ ކަމެއް. ހޯދާނަމޭ! އެކަމަކު ހިންޓެއް ދީ. އަހަރެން ދެކެ ލޯބިވޭތަ؟"
"ތީ ކޮން ނަމެއް ކިޔާ މީހެއް؟" ފުރަތަމަ ފަހަރަށް އަހަރެން އެހީމެވެ.
"އައްދޯތް!" ހިތުގައި އަތްއަޅާފައި ކޯޗު ބުންޏެވެ. "ތި ސުވާލަށް އަހަރެން އިންތިޒާރު ކުރާތާ މިއަދަށް އެއް ހާސް އަހަރު ވެފަ، އިތުރަށް އެއް ސިކުންތު އެ ހިނގީ! ހީވީ ހަމަ ނިޔަފަތި ނުޖެހޭ ގޮތަށް ހިތުގަ ވިކައިލިހެން. ނިކަމެތި އަޅާގެ ނަމަކީ ރަޒާން!"
"ހާދަ ރީތި ނަމެކޭ!" އަހަރެން ބުނީމެވެ. "ރަޒާން އަހަންނަށް އިންތިޒާރު ކުރައްޗޭ!"
އަހަރެން ވަރި ނުކުރަން ޒަލަފް ވަރަށް މަސައްކަތް ކުރިއެވެ. ކޯޓުގައި ވަރަށް ގިނަ އުޒުރުތައް ދައްކައި، އަހަރެން ފަލީހަތް ކުރަން ކުރެވުނު ހުރިހައި ކަމެއް ކުރިއެވެ. އެހެނަސް، ޒަލަފް ރިކޯޑުކުރި ކަމަށް ބުނި އެއްޗެއް ނީއްވުނެވެ. އެއީ ނުވެސް ނެތް އެއްޗެކެވެ. އޮތް ނަމަ އިއްވީހެވެ. އެންމެ ފަހުން ވަރުބަލިވެގެން އަހަރެން ވަރިކުރީއެވެ.
މިއަދު އަހަންނަކީ، އަހަރެންގެ ލޯބިވާ ފިރިމީހާ ރަޒާންގެ ނަސީބު ގަދަ އަނބިމީހާއެވެ. އަހަރެންގެ ދަރިފުޅަށް ވެސް ރަޒާން ދިނީ ބައްޕައެއްގެ ލޯތްބެވެ. މިއީ، މާތައް ދުވަހަކު މިލައި މޯޅިނުވާނެ ލޯބީގެ ބަގީޗާއެކެވެ. ލޯތްބަކީ ކޮބައި ކަމާއި ހެޔޮ ފިރިއަކީ ކޮބައި ކަމާއި އިހުތިރާމާއި އަޅައިލުމަކީ ކޮބައިކަން ވެސް އަހަންނަށް މިހާރު ވިސްނިއްޖެއެވެ.
ތިމާ އަށް ތިމާ ގެއްލެނީ ތިމާ އަމިއްލައަށް ގެއްލުވައިލީމައެވެ. ތިމާއަކީ އެއްވެސް މީހެއް ނޫން ކަމަށް ތިމާ ހީކުރީމައެވެ. އަމިއްލައަށް ނިކަމެތިވީމައެވެ. އެއީ ފިރިމީހާ ކުރާ ކަމެއް ނޫނެވެ. ލޯބިވެރިޔާ ކުރާ ކަމެއް ވެސް ނޫނެވެ. އަހަންނަށް އަހަރެން ގެއްލުވައިލީ އަހަރެންނެވެ. އެހެން ކޮންމެހެން ވާކަށް ނުޖެހެއެވެ. އަހަރެން ހޯދީ ވެސް އަހަރެން އަމިއްލައަށެވެ. (ނިމުނީ)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާ
11 December 2024
ދަރީގެ މަންމަ މަރާލަން އުޅުނީމާ ޕޮލިހަށް ނޭންގީ ދަރިއަށްޓަކަޔޯ ދެން އަސްލު ދީމާ މަރުވީނަމަ ދަރިވެސް ބުނާނީ އޭ ބައްޕައޭ ޕޮލިހަށް ނާންގާނަމޭތަ، ނުބުނާނެ! މިކަހަލަ ކަންކަމަކީ ވަކިމީހަކަށްޓަކައޭކިޔާ ދޫކޮށްލެވޭވަރުގެ ކަންތައްތަކެއްނޫން! މަދެން ކިތަންމެ ދެރަނިކަމެއްޗަކަސް މަ ވާހަކަލިޔާމީހަކަށްނުވިޔަސް ވާހަކަކިޔާމީހެއްގެ ހައިސިއްޔަތުން ބުނެލީ. އެހެޔޮ މީހަކު ރުޅިއަޔަސް
ވާންވީ
11 December 2024
އެކަމު މަހިތަށް މިއަރަނީ ކޯޗު އެހާ ފަސޭހައިން ކުރީގެ އަނބިމީހާއާ ދަރިން އަނބުރާ ހޯދަން ނޫޅެ ދިމްގެ ފަހަތުން މިއުޅެނީ ކީއްވެގެން ބާއޭ.
އަލަ ޑަބިޔާ
11 December 2024
ކޯޗްގޭތެރެއަށްވަދެގެން ދިޔައިރު ގައިގާބޮޑީކެމެރާހަރުކޮއްފަ ހުރިކަން ބިންމާބެނޫން ހުރިހާއެންމެންނަށް އެގެއެވެ ދިމާގޮވާގެންކޯޗުދިޔައީ ފުރުަތަމަޕޮލިހަށްށެވެ ޕޮލިހަށްގޮސްވީޑިއޯހަވާލުކުރިއެވެ ވަގުތުންޕޮލިސްކާރު ސައިރަންއަޅާފަގޮސް ޒަލަފްމެންގެއަށް ޕޮލިހުންވަދެ ފޮރެންސިކް ތަހުލީލްފަށާ ޒަލަފްހައްޔަރުކޮށްގެންދިޔައެވެ ޒަލަފްގެމަށްޗަސް ކުއްސާބިތުވެ 15 އަހަރުގެޖަލުހުކުމެއް އިއްވިއެވެ އޭގެދެދުވަސް ފަހުންހަބަރު ލިބުނީޖަލަުގަ ޒަލަފްއަމިއްލައަށް މަރުވިވާހަކައެވެ
އަހަރެން
11 December 2024
މީހަކު މަރާލަން އުޅުމަކީ ބޮޑު ފާފައެއް، އަދަބު ކަނޑައެޅޭ ކުށެއް! ކޯޓުގައި އެވާހަކަ ނައީ ކީއްވެ؟ ވެއްޓުނު ޖޫސްތަށީގައި ހުރި ޖޫސް ބިންމަތީގައި ހުރިއިރު އެވެސް ސާމްޕަލްނަގައިގެން އަޅާފައިހުރި އެއްޗެއް ޓެސްޓު ކުރެވޭނެ! މިވަރު ބޮޑުކަންތައްތައް ކަމަކަށް ނުހަދާ ވާހަކަ މިއޮތީ ނިންމާލާފާ! އަދިވެސް ހަމަނުޖެހޭ އެތައްކަމެއް ފާހަގަކުރެވޭ!
ހ7ޔވހބ7
11 December 2024
މަނިކުފާނު ދާންވީނު ވާހަކަ ލިޔަން
ވާންވީ
11 December 2024
ދީމާ ބުންޏެންނު ސަމީރާ ކައިރީ ޕޮލިހަށް އަންގަން ބޭނުން ނުވީ އެއީ ދަރީގެ ބައްޕަ ވީމައޭ
އަމްމްމްމް
11 December 2024
ވާހަކަތަ ކީ ނޫނީ އިންވެސްޓިގޭޓްތަ ކުރީ؟
ޖުމާ
11 December 2024
އަހަރެންގެ ކޮމެންޓު ވަރަށް ރަނގަޅު ބިނާކުރަނިވި ފާޑުކިޔުމެއް، އެކަން ބަލައިގަނެވޭނީ މަދު ބަޔަކަށް!
ހަފޫ
11 December 2024
ވަރަށް ރީތި
އެކަނިވެރިޔާ
11 December 2024
ރަޒާން ކަހަލަ ލޯބި ފިރިހެނުން ހަމައުޅޭނެތަ؟ ގަބޫލެއް ނުކުރެވެ
ދެރަ
11 December 2024
ވާހަކައެއްގަ ވީމަ އުޅެފާނެ، ފިލްމުގަވެސް... އަސްލުގަ ވަރަށް މަދުވާނެ
ތެފައާސާ.
11 December 2024
ނޫނޭ ރަޒާން ކަހަލަ ލޯބި ފިރިހެނުން ހަމަ އަސްލަށްވެސް އުޅޭ. އަހަރެމެން ތެފައާސާ ގުރޫޕުގައިވެސް އުޅޭ 6 މީހުންގެ ތެރެއިން 4 މީހުންނަކީ ހަމަ ސީދާ ރަޒާން. މީ ހަމަ ސީރިއަސް ވާހަކައެއް.
ސަމީރާ
11 December 2024
ޒަލަފް މަރުވި ނަމަ ވަރަށް ސަޅި ވީސް، އެވެސް ހިތް ހުއްޓިގެން. ނޫނީ ވާވެ ބަލި އެނދުގަ އޮންނަން ޖެހުނުނަމަ
ހައްޖަ.
11 December 2024
ނިމުނުގޮތް ވަރަށް ރީތި.ޝުކުރަން.
ޢައިސް
11 December 2024
ސަޅިކޮށް މިއޮތީ ނިންމާލާފަ..ވަރަށް ޒަމާންކޮއްފަ ނޫހުގައި ހުންނަ މިކަހަލަ ވާހަކައެއްމިކިއީ...އަސްލުވެސް ވ އިންތިޒާރުވެސްކުރެވުނު ދެންވާނެގޮތެއް ބަލަން..ޝުކުރިއްޔާ ބިންމާ..
ދެން ސޭބޯން ބަހީ
11 December 2024
ޗަކޮއި ގެއްލުވޭލީ ޗަކޮއެއްނޫން.. ޗަކޮއި ގެއްލުވޭލީ ބިންމާ.. އެނގިއްޖެތަ? ދެން ފަހަރަކުން ވެސް ވިސްނޭގެން އުޅޭތި..